މިފްކޯ އިން ހިންގަމުން އައި 13 އައިސްޕްލާންޓެއް ފެނަކައިން ހިންގަން ހަވާލުކޮށްފި

މިފްކޯ އިން ހިންގަމުން އައި 13 އައިސްޕްލާންޓެއް ފެނަކައިން ހިންގަން ހަވާލުކޮށްފި އެވެ.

މި އައިސްޕްލާންޓުތައް ހަވާލުކޮށްފައި ވަނީ ފެނަކަ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މިފްކޯގެ 70 އިންސައްތަ މަސައްކަތަކީ ތެލުން ހިންގާ އޮޕަރޭޝަން ކަމަށެވެ. އަދި އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމުން އެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި މަސްވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އެތަންތަނުގައި ހުރި މަރާމާތުގެ މަސައްކަތްތައް ނިންމައި، އެ ކުންފުނީގެ އިންޖީނުގެތަކާ އައިސްޕްލާންޓުތައް ގުޅައި، ސީދާ އެކުންފުނީގެ ދަށުން ޚަރަދު ހިނގާގޮތަށް އެތަންތަން ބަދަލުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެ ތަންތަނުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ނިންމާފަ އެވެ.

ފެނަކަ އާ ހަވާލުކޮށްފައިވާ އައިސްޕްލާންޓު ތަކަކީ ހއ. އިހަވަންދޫ، ނ. ޅޮހި، ރ.އަލިފުށި، ބ.ތުޅާދޫ އާއި ފ.ނިލަންދޫ އަދި ތ.ހިރިލަންދޫ އެވެ. އަދި ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ގެމަނަފުށި، ގއ.ކޮލަމާފުށި، ގދ.ފިޔޯރީ، ގދ.ފަރެސްމާތޮޑާ އަދި  ސ.ހިތަދޫ އެވެ.

މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން އާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ފައުޒީ އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދުއާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.