ފެނަކައިން އެމްޕީއެލް ބަލިކޮށް، ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ކްލަބް މޯލްޑިވްސް ކަޕް 2022 ގެ ޗެމްޕިއަން ފެނަކަ އަށް، ރައީސް ސާލިހު ތަށި ހަވާލުކޮށްދެއްވަނީ - ފޮޓޯ: ރައީސް އޮފީސް

ފެނަކައިން އެމްޕީއެލް ބަލިކޮށް، ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އެ ޓީމުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ފަހަތުން އަރައި 2 ލަނޑު އެއް ލަނޑުން ބަލިކޮށްގެން ނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ކުރީކޮޅުގައި އެމްޕީއެލުން ޖަހާފަ އެވެ. ނަމަވެސް ފެނަކައިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ދެޓީމުގެ ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން މުޅި ދަނޑާއި މާހައުލު ގުގުމާލާފައިވާއިރު، ފެނަކައަށް ތަށި ކަށަވަރުކޮށްދިން ލަނޑު ޖަހައި، ސަޕޯޓަރުން ހެއްވާލީ މެޗު ނިމެން މަދުސިކުންތު ކޮޅަކަށް ވެފައިވަނިކޮށެވެ.

ފައިނަލް މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ ވަޑައިގެންފަ އެވެ.

ކްލަބް މޯލްޑިވްސް ކަޕް 2022ގެ ފައިނަލް މެޗް ބައްލަވާލައްވާ، މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެމަނިކުފާނެވެ.

މި މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ކުރިއަށްގޮސްފައިވަނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގަ އެވެ.

މި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 'ކިންގް އޮފް ފްޓްސަލް' އެވޯޑް ހަވާލުކޮށްދެއްވައި، ކްލަބް މޯލްޑިވްސް ކަޕް 2022 ގެ ޗެމްޕިއަން ޓީމަށް މެޑަލް އަދި ޓްރޮފީ ހަވާލުކޮށްދެއްވާފަ އެވެ.

ރާއްޖޭގައި ބާއްވާ އެންމެބޮޑު އެއް ފުޓްސަލް މުބާރާތުގައި މިއަހަރު 31 ޓީމުންވަނީ ބައިވެރިވެފަ އެވެ. އަދި މި މުބާރާތުގެ ތެރޭގައި ހިމެނޭ 'އެއިޓީން ތަރޓީ 2022' ގައި ވަނީ 5 ޓީމަކުން ބައިވެރިވެފަ އެވެ. މިއީ އަންހެން ޓީމުތަކަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

އެއިޓީން ތާރޓީ ފުޓްސަލް ފިއެސްޓާ ގެ ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފް އިން ނެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ އެމްޕީއެލް އާ ވާދަކޮށް 10 ލަނޑު 2 ލަނޑުގެ ތަފާތު ނަތީޖާއަކުން ނެވެ. ނޮވެމްބަރ 3 ވަނަ ދުވަހުގެ ރޭ ކުޅުނު މި ފައިނަލު މެޗު އެމްއެންޑީއެފް އިން ކާމިޔާބުކުރުމުން ޖެހިޖެހިގެން ތިން އަހަރު އެޓީމުން ވަނީ މި ތަށި އުފުލާލާފަ އެވެ.

ކްލަބް މޯލްޑިވްސް ކަޕް ފެށުނީއްސުރެ ކްލަބް މޯލްޑިވްސް އިން އަންނަނީ އިޖުތިމާޢީ މައްސަލަތަކަށް އަހުލުވެރިކޮށް، ރައްޔިތުން ހޭލުންތެރިކުރުވުމަށް އަމިއްލަ ފަރުދުންނާއި މުއައްސަސާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

އެހެންކަމުން މިއަހަރުގެ މުބާރާތުގައި ކްލަބް މޯލްޑިވްސްއިން ޕްރޮމޯޓްކުރަނީ ބްލައިންޑް އެސޯސިއޭޝަނެވެ.

މީގެ އިތުރުން މި އަހަރުގެ މުބާރާތުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންގެ މައުލޫމާތު ހިމަނައިގެން މުޅިން އަލަށް 'އެކޮއި' ޓެބެއްވަނީ ކްލަބް މޯލްޑިވްސް ވެބްސައިޓް ގައި ހިމަނާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.