ވ. އަތޮޅު އާރަށް ކުއްޔަން ދިން މައްސަލައިގާ އެއްބަސްވުމުގައި ސޮއި ކުރުން ރައީސް ޔާމީން ވަރަށް އުފާވާނެ ކަމަށާއި އެމަނިކުފާނަށް އެއްމިލިޔަން ޑޮލަރު ދެއްވިކަމަށް ޔޫސުފް ނައީމް އޭނާގާތުގައި ދެންނެވިކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.
އެ މައްސަލައިގާ މިއަދު ކުރިއަށްގެންދިޔަ ޝަރީއަތުގައި ހެކިބަސް ދެއްވަމުން ޒިޔަތު ވިދާޅުވީ މި މުޢާމަލާތް ކުރިއަށް ގެންދިއުމަށް އޭނާއަށް އެންގެވީ އޭރުގެ ޓުޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބް މެދުވެރިކޮށްކަމަށެވެ.
އޭނާ ވިދާޅުވީ ޔޫސުފް ނައީމްގެ ޖޫޓީ ޕްރައިވެޓް ލިމިޑެޓާއެކު އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 2015ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ކަމަށާއި ސޮއި ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ މީޓިން ރޫމްގައި އަދީބާއި، ޔޫސުފް ނަޢީމާއި، އިޓަލީގެ ވިޔަފާރިވެރިޔާގެ އިތުރުން ހެކިވެރިއެއްގެ ހާޒިރުގައި ކަމަށެވެ.
ޒިޔަތު އިތުރަށް ވިދާޅުވީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް، ވ.އާރަށް ކުއްޔަށްދިނީ ކުރީގެ ރައީސް ޔާމީން އަންގަވައިގެންކަމަށެވެ.
އާރަށް ކުއްޔަށް ދިނުމަށް ފުރަތަމަ ކުރެވުނު މަޝްވަރާތަކުގައި ނިންމީ ފަސް މިލިޔަން ޑޮރަލަށް ދޭށް ކަމަށާއި އެހެންނަމަވެސް އެއަގު ބޮޑުވުމުން ސީދާ ރައީސް ޔާމީން އަންގަވައިގެން އެއަގު ތިން މިލިޔަން ޑޮލަރަށް ކުޑަކުރިކަމަށް ވެސް ޒިޔަތު ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް އެއްބަސްވުން ސޮއިކޮށްފައިވަނީ އެއަށްވުރެވެސް ކުޑަކޮށް ދެ މިލިޔަން ޑޮލަރަށް ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.