ޖީލަށް ކަމުދާ މަންޒިލަކަށް ދިވެހިރާއްޖެ ބަދަލުކޮށްލެވިއްޖެނަމަ ނަފާ ވަރަށްބޮޑަށް އިތުރު ކުރެވިދާނެ- އެމްއެމްޕީއާރުސީ

ޖީލަށް ކަމުދާ މަންޒިލަކަށް ދިވެހި ރާއްޖެ ބަދަލުކޮށްލެވިއްޖެނަމަ ފަތުރުވެރިކަމުގެ ނަފާ ވަރަށް ބޮޑު ތަނުން އިތުރު ކުރެވިދާނެކަމަށް މޯލްޑިވްސް މާކެޓީންގ އެންޑް ޕީއާރު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓްރ ޠައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ އެންމެ ފަހު ޙަރަކާތެއްގެ ގޮތުން ކްރޮސް ރޯޑްގައި ބޭއްވި ގާލާ ނައިޓްގައި ވާހަކަދައްކަވަމުން އެމްއެމްޕީ އާރުސީގެ އެމްޑީ ޠައްޔިބު ވިދާޅުވީ މީގެ 10 ވަރަކަށް އަހަރުކުރިން ފަތުރުވެރިން ޤައުމުތަކަށް ޒިޔާރަތްކުރުމަށް ދަތުރު ރޭވިގޮތާއި ބޭނުމާއި ހިތްހަތްހަމަޖެހުންހޯދި ވަޞީލަތްތައް މިހާރު ވަނީ މުޅިން ބަދަލު ވެފައިކަމުގައެވެ.  ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން މިހާރު ފެންނަމުންދާ މަންޒަރަކީ ޚިދުމަތުގެ އިންޑަސްރީއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވާންފަށައިވާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ޤައުމުތަކަށް ބަލާއިރު އެޤައުމު ތަކުގެ ޚިދުމަތުގެ އިންޑަސްޓްރީއާ އެއްވަރަށް ތާރީޚާއި އާދަކާދަ އާއި ޘަގާފަތާއި ތަރިކައިގެ މަޤްބޫލުކަން ފަތުރުވެރިންގެ މެދުގައި އިތުރުވެފައިވާކަން ފާހަގަ ކުރެއްވިއެވެ. އެފަދަ ކަންކަން ތަޖްރިބާ ކުރުމަށް ފަތުރުވެރިން ޒިޔާރަތް ކުރުމަކީ އެކްސްޕީރިއެންޝަލް ޓޫރިޒަމް ނުވަތަ ތަޖުރިބާކުރުމުގެ ފަތުރުވެރިކަމެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ރިސާރޗްތައް ދައްކާގޮތުން ޒުވާން ފަތުރުވެރިން ނުވަތަ މިލޭނިއަމް ޓްރެވެލާރސްގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ މީހުން ޤައުމެއްގެ ޘަޤާފަތް ތަޖުރިބާ ކޮށްލަން ބޭނުންވާކަމަށް އެމްޑީ ޠައްޔިބު ވިދާޅުވިއެވެ. އެމީހުންގެ ޚަރަދުކުރުން ހުރީ 200 ބިލިއަން ޑޮލަރުގައި ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޚިދުމަތުގެ އިންޑަސްޓްރީއަކީ ދުނިޔޭގެ މަދުތަނެއްގައި ނޫނީ އެފެންވަރުގެ ޚިދުމަތެއް ނުލިބޭނެވަރުގެ އިންޑަސްޓްރީއެއްކަމަށް އެމްއެމްޕީއާރުސީގެ އެމްޑީ ވިދާޅުވިއެވެ. އިންޑަސްޓްރީގެ އިނޮވޭޝަން ނުވަތަ އުފެއްދުންތެރިކަން ވެސް ހުރީ އެފެންވަރުގައިކަން ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް ރާއްޖެއިން ލިބެންހުރި ތަޖުރިބާތައް އިތުރުކޮށް އެކަންކަން ވަކިވަކި ތަޖްރިބާ ތަކެއްގެ ގޮތުގައި އިޝްތިހާރުކޮށްފިނަމަ ވަރަށް ފަސޭހަ ކަމާއެކު ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރެވިދާނެކަމަށް އެމްޑީ ޠައްޔިބު ވިދާޅުވިއެވެ.

ރާއްޖޭގެ ސަޤާފަތާއި ތަރިކައަކީ މީގެ ތެރެއިން އެއްދާއިރާކަން ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ ތާރިޚީ ތަންތަން ހިމާޔަތް ކޮށް ފަތުރުވެރިންނަށް ހުޅުވާލައި، އެތަންތަނަށް ޒިޔާރަތްކޮށްލުމަކީ ފަޚުރުވެރުކަމެއްގެ ގޮތުގައި އިޞްތިހާރު ކުރަންޖެހޭކަމަށް އެނާ ވިދާޅުވިއެވެ.

"އަޖައިބުވާފަދަ ރީތި، ޤުދުރަތީ ތަންތަން ރާއްޖޭގައި އެބަހުރި. މިދައްކަނީ ދޮންވެލި ތުނޑިތަކާ، ނޫ ވިލުތަކުގެ ވާހަކަ އެކަންޏެއްނޫން، އާއްމު ލޯމަތިން ފަރުދާވެފައިވާ ޤުދުރަތީ މާހައުލުތައް ރާއްޖޭގައި އެބަހުރި، ކަނޑޫފާތަކާއި އެކަހެރި ރަށްތަކާއި މުޅިން އެހެން ދުނިޔެއެއްހެން އިޙްސާސްވާކަހަލަ ކަނޑުއަޑީގެ މާހައުލުތައް އެބަހުރި. މިތަންތަނަކީ ވަކިވަކި މަންޒިލްތަކެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ކޮޅުމަތި އަޅުގަނޑުމެންނަށް އެބަފެނޭ. މި ތަންތަން މިހާރަށްވުރެ ފުޅާދާއިރާގައި ތަރައްޤީކޮށް އިޝްތިހާރު ކުރުމަކީ ރާއްޖެއަށް ފުތުވެރިން އަންނަންޖެހޭ ސަބަބުތައް، އިތުރުވެގެން ދާނެކަމެއް." ޠައްޔިބު ވިދާޅުވިއެވެ.

ސްޕޯރޓްސް އެންޑް މައިސް ޓޫރިޒަމް ނުވަތަ ކުޅިވަރު ޙަރަކާތްތަކާއި ބައްދަލުވުންތަކާއި އެގްޒިބިޝަންފަދަ ޙަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ވެސް ރާއްޖެ އިޝްތިހާރު ކުރެވިދާނެކަން ފާހަގަ ކުރެއްވިއެވެ. މިކަމަކީ ފަތުރުވެރިކަމާ ބެހޭ ވަޒީރުވެސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއްކަމަށް އެމްޑީ ޠައްޔިބު ފާހަގަކުރެއްވިއެވެ. ނަމަވެސް އެއީ އެމްއެމްޕީއާރުސީން ކުރިން މާބޮޑުއިސްކަމެއް ދެވިފައި ނުވާ ދާއިރާއެއްކަމަށް ވިދާޅުވިއެވ.

"ދިވެހިރާއްޖެއަކީ ލަގްޒަރީ އަދި ޑްރީމް ޑެސްޓިނޭޝަނެއްގެ ގޮތުގައި އޮތްއޮތުން ދެމެހެއްޓުމާއެކު ހުރިހާ ބާވަތެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްލެވިދާނެ މަންޒިލަކަށް ހެދިދާނެކަމުގެ ހުވަފެން ހަޤީޤަތަކަށް ހެދިދާނެކަމަށް އަޅުގަޑުމެން ބުނެދޭން އެބަޖެހޭ" ޠައްޔިބު ވިދާޅުވިއެވެ.

ތަޖުރިބާކުރުމުގެ ފަތުރުވެރިކަމާއި ކުޅިވަރު އަދި އިވެންޓްތައް ބާއްވާ ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލުމަކީ ފަތުރުވެރިކަމުގައި އިތުރުވަމުންދާ އެނދުތައް ފުރާލެވިދާނެ އެއް މަގުކަމަށް އެމްއެމްޕީއާރުސީގެ އެމްޑީ ވިދާޅުވިއެވެ. 2020 ފެށިގެން އެފަދަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތުހާރު ކުރުމަށް މަސައްކަތް ކުރައްވަމުންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިފަދަ ފަތުރުވެރިކަމުގައި ކުރިއަރައިފައިވާ ޤައުމުތަކުން އެކަން ކުރަމުންދާ ގޮތާއި ރާއްޖެއަށް ހުރި ފުރުޞަތުތަކާއި ގޮންޖެހުންތައް ދެނެގަތުމަށް މަސައްކަތްކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ.

"މިއަދު ރާއްޖޭގެ ފަތުވެރިކަން އިތުރުހަރުފަތަކަށް ގެނެވިދާނެކަމަށްޤަބޫލުކުރާ ޖީލެއް އެބަ އޮތް. އެކަން ކުރެވެން އޮތީ އެކްސްޕީރިއެންޝަލް ޓޫރިޒަމުން، ކަލްޗަރަލް ޓޫރިޒަމުން، ސްޕޯރޓްސް ޓޫރިޒަމުން އަދި މައިސް ޓޫރިޒަމަށް އިތުރަށް މިސްރާބު ހިފައިގެން" ޠައްޔިބު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.