ހަތަރު އަހަރަށް ފަހު އަދީބާއި ޔާމީން ބައްދަލުވުން، ކޯޓް ރޫމްތެރެއިން، ދެ ހަތުރުންގެ ގޮތުގައި

ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި: އަދީބު ހެކިބަސް ދެއްވަނީ

ނިމިދިޔަ، ރައީސް ޔާމީންގެ ވެރިކަން ފެށިގެން އައިއިރު އެސަރުކާރުގެ އެންމެ "ބާރުގަދަ" އަދި "ނުފޫޒުގަދަ" ބޭފުޅަކީ އެމަނިކުފާނު އެންމެ އަރިސް، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ސަރުކާރުގެ ތެރެއިންނާއި ރައީސް ޔާމީން އަދި އަދީބުވެސް އެޕާޓީއެއްގައި ހިމެނި ވަޑައިގެންނެވީ ޕީޕީއެމްގެ ވެސް ގިނަ މަސްޢޫލިއްޔަތު ތަކެއް އަދީބު ގެންދެވީ ފުރުއްވަމުންނެވެ. ޚާއްޞަ ގޮތެއްގައި ޕާޓީގެ ކެމްޕޭން ހަރާކާތްތައް މެނޭޖްކޮށް ހިންގަމުން ގެންދެވީ ވެސް އަދީބެވެ. ރައީސް ޔާމީން، އޭރު އެންމެ އިތުބާރު ކުރެއްވި ބޭފުޅަކީ ވެސް އަދީބޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެހާ ބޮޑެތި "ބާރުތަކާއި އިޚްތިޔާރުތަކެއް" އަދީބަށް ރައީސް ޔާމީން ދެއްވީ ވެސް އެސަބަބަށްޓަކައި ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުންވެސް ފާހަގަ ކުރެއްވުނެވެ.

ޕާޓީގެ ތެރެއިންނާއި އަދި ސަރުކާރުގެ ތެރެއިން އަދީބަށް އެހާ ގިނަ ބާރުތައް ދެއްވައިފައި އޮތުމުން ސަރުކާރުގެ ތެރެއިންނާއި ބޭރުންވެސް ގެންދެވީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ރައީސް ޔާމީންގެ ސަރުކާރަށް ފާޑު ކިޔުންތައް އެންމެ ފުރަތަމެސް އަމާޒުވާން ފެށީވެސް އަދީބުގެ ވާހަކަތަކާއި ޢަމަލުތައް ހުރި ގޮތުން ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނާއިބްރައީސް ޑރ މުޙައްމަދު ޖަމީލް އަޙްމްދު މަޤާމުން ވަކި ކުރުމުގެ ފަހަތުގައިވެސް ވަނީ އަދީބް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. ޖަމީލްވެސް އޭރު ފާޅުކުރައްވައިފައި ޚިޔާލުފުޅުތަކަށް ބަލާއިރު މިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ޖަމީލް މަޤާމުން ވަކިކުރުމާއި އެކު ނާއިބް ރައީސަކަށް އަދީބު ހަމަޖެއްސެވުމުން މިކަމަށް އިތުރު ޔަޤީންކަމެއް ލިބިގެން ދިޔައެވެ. ޖަމީލް މަޤާމުން ވަކިކޮށްފައި ވަނީ ވެސް އަދީބުގެ ބާރާއި ނުފޫޒު މަޖިލީސް މެމްބަރުންގެ މައްޗަށް ފޯރުވައިގެން ކަމަށް ބައެއް ފަރާތްތަކުން ތުޙުމަތު ކުރެއެވެ.

ނާއިބް ރައީސްކަން ލިބިވަޑައިގެންނެވުމުން، އަދީބުގެ ނުފޫޒާއި ބާރު ސަރުކާރުގެ ތެރޭގައާއި ބޭރުގައި ވެސް އިތުރަށް ވަރުގަދަ ވެގެން ދިޔައެވެ. ޚާއްޞަ ގޮތެއްގައި ސަލާމަތީ ބާރުތަކާއި އަދީބާ ދެމެދުގެ ގުޅުން ބަދަހި ވެގެން ދިޔަކަން ފާހަގަ ކުރެވިގެން ދިޔައެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ދެވަނަ، ޑިފެންސް މިނިސްޓަރ ކާނަލް އަޙުމަދު ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުމުގެ ކުށުގައި ނާޒިމް މަޤާމުން ވަކިކުރެވި ޖަލު ހުކުމެއް އައުމުގެ ފަހަތުގައި ވެސް ހުންނެވީ އަދީބު ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އޭރު ކާނަލް ނާޒިމާއި ބައެއް އެހެންފަރާތްތަކުން ވެސް ބުނަމުން ދިޔައީ، އެކަން ހިނގާ ދިޔައީ ކާނަލް ނާޒިމް "ފްރޭމް" ކޮށްގެން ކަމަށެވެ. އެކަން ކުރުމުގެ މޭސްތިރިއަކީ ވެސް އަދީބުކަމަށް އޭރު ބައެއް އިދިކޮޅު ފަރާތްތަކުންވެސް ގެންދިޔައީ ހާމަކުރައްވަމުންނެވެ. މިކަން އަދީބު ހިންގައި ފައިވަނީ ސަލާމަތީ ބާރުތަކާއި އެމަނިކުފާނާ ދެމެދު އޮތް "ގޮތް ނޭނގޭ ސިއްރު" ގުޅުމުގެ ތެރެއިން ކަމަށް ބައެއް ފަރާތް ތަކުން ތުޙުމަތު ކުރެއެވެ. އަދި އިދިކޮޅު ބައެއް ފަރާތްތަކުން ދިޔައީ އަދީބު ސަރުކާރުން ބޭރު ކުރުމަށްވެސް ގޮވާލައްވަމުންނެވެ. ނަމަވެސް ރައީސް ޔާމީން އަދީބަށް ކުރެއްވި "ވަރުގަދަ" ޢިތުބާރާއެކު އިތުރު ބާރުތައް ގެންދިޔައީ އަދީބަށް ދެއްވަމުންނެވެ. މި ބާރުތަކުގެ ބޭނުން ކުރައްވައިގެން "ނާޖާއިޒު" އެތައް ފައިދާއެއް އަދީބު ނަންގަވައިފައިވާ ކަމަށް ވަނީ ތުޙުމަތު ކުރެވިފައެވެ.

ރައީސް ޔާމީން އަދީބަށް ކުރެއްވީ "ވަރުގަދަ" އިތުބާރުގެ ނިމުން އައީ ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި ޙާދިސާއާ ގުޅިގެންނެވެ. މިޙާދިސާގެ ތުޙުމަތާ ގުޅިގެން އަދީބު މަޤާމުން ވަކިކޮށް ހައްޔަރު ކުރެވުނެވެ. ފިފެންމާ ލޯންޗްގެ ގޮވުމުގެ ހާދިސާއާ ގުޅިގެން ކުރެވުނު ތުޙުމަތާއިއެކު މައްސަލައިގައި ދަޢުވާ ކުރެއްވި ޖަލުޙުމެއް އަދީބުގެ މައްޗަށް އައެވެ. އަދި އޭނާވަނީ ވަކި މުއްދަތަކަށް ޖަލުޙުކުމް ތަންފީޒުވެސް ކުރައްވައިފއެވެ. ނަމަވެސް ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބުގެ ބަހުންނަނަމަ، އޭނާގެ މައްޗަށް އިއްވުނު "ނާ އިންސާފު" ޙުކުމްތައް ސްޕްރީމް ކޯޓުން ވަނީ ބާޠިލްކުރައްވައިފައެވެ. ނަމަވެސް އަދި ވެސް އަދީބަކަށް "ސަލާމަތެއް" ނެތެވެ. އެމަނިކުފާނަށް ރައީސް ޔާމީންދެއްވި "އާރާއި ބާރުގެ" ބޭނުން ކޮށްގެން ހިންގެވި ކަމަށް ތުޙުމަތު ކުރެވޭ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަ އިތުރަށް ދަނީ ތަޙްޤީޤް ކުރަމުންނެވެ.

އެމްއެމްޕީ އާރުސީގެ ކޮރަޕްޝަނާއި ވައްކަމުގެ ތެރެއިން ރައީސް ޔާމީންގެ މައްޗަށްވެސް ގެންދަވަނީ މަނީ ލޯންޑްރިންގެ ތުޙުމަތުތަކެއްގައި ދަޢުވާ ކުރައްވަމުންނެވެ. މިދަޢުވާ ސާބިތުކުރެއްވުމަށް ދައުލަތުން، ރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅި ގިނަ ހެކިންގެ ތެރެއިން އެންމެ މުހިންމު އެއް ހެއްކަކީ ރައީސް ޔާމީންގެ ސަރުކާރުގެ ނާއިބްރައީސްކަމާއި ޓޫރިޒަމް މިނިސްޓަރކަން ވެސް ކުރެއްވި އަހްމަދު އަދީބެވެ.

ރައީސް ޔާމީނާ ދެކޮޅަށް ހިންގޭ މަނީ ލޯންޑްރިންގެ ދައުވާގެ ހެކިބަސް ނެގުމަށް އެންމެ ފަހުން ބޭއްވި އަޑު އެހުމަށް އަދީބު ވެސް ވަނީ ޙާޒިރު ކުރެވިފައެވެ. ފިނިފެންމާ ލޯންޗްގެ ޙާދިސާއަށްފަހު ރައީސް ޔާމީނާއި އަދީބު ބައްދަލުވެފައި މިވަނީ ކޯޓް ރޫމްގެ ތެރެއިންނެވެ. ޓީވީ ތަކުން ލައިވް ކުރަމުން ދިޔަ މި ޝަރީއަތުގައި އަދީބު ފެނިގެން ގޮސްފައި ވަނީ އަބަދުވެސް އޭނާ ފެންނަ ގޮތަށް، ނުތަނަވަސް ކަމެއްނެތި ވަރަށް ހަމަޖެހިގެން ހުންނެވި ތަނެވެ. ނަމަވެސް ރައީސް ޔާމީންގެ މޫނުފުޅުމަތިން ފެންނަމުން ދިޔައީ ނުރުހުމާއި ނުތަނަވަސް ކަމާއި ހިތްހަމަ ނުޖެހުމެވެ.

ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ނެގުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ނާއިބް އަހަމްދު އަދީބާއި ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރައްވައިފައެވެ.

ރައީސް ޔާމީނާ ދެކޮޅަށް އަދީބުގެ ހެކިބަސް ނެގުމަށް ބޭއްވި އަޑު އެހުމުގައި، އަދީބާ ސުވާލުކުރެއްވުމަށް، ރައީސް ޔާމީނަށް ލިބިވަޑައިގެނެވި ފުރުޞަތުގައި، ރައީސް ޔާމީން ވިދާޅުވީ އަނިޔާވެރި ސަރުކާރަކުން ވަރަށްގިނަ އަނިޔާލިބިވަޑައިގެންނެވިކަމަށް ވިދާޅުވެފައި ވުމާގުޅިގެން، ހިތްބުރަމެއް ނުވަތަ ހިތް ނުތަނަވަސް ކަމެއް އެއްވެސް ފަރާތަކާ ދޭތެރޭގައި އެބަ އޮތްތޯ އަދީބާ ސުވާލުކުރައްވައިފައެވެ. އަދީބު ވިދާޅުވީ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަނީ އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް އަދި ހިތްބުރަ ކަމެއްވެސް، އެއްވެސް ފަރާތަކާ މެދު ނެތިކަމުގައެވެ. އޭނާއަށް އަނިޔާ ދެއްވީ ކޮންބައެއްކަމެއް އެނގިވަޑައި ނުގަނަވާ ކަމަށާއި ނަމަވެސް ހިތުގެ އަޑިން އެ އަނިޔާ ދެއްވި ހުރިހާ ފަރާތްތަކަށާއި ހުދު ރައީސް ޔާމީނަށްވެސް ހިތުގެ އަޑިން މަޢާފްކުރައްވައިފައިކަމަށް އަދީބު ވިދާޅުވިއެވެ. އެއް ވެސް ޒާތީ ކަމެއް ހަޞަދަވެރިކަމެއް އެއްވެސަ ފަރާތަކާމެދު ނެތްކަމަށާއި ހެކިބަސް ދެއްވަނީ ހިތް ސާފުކަމާއެކުކަމަށް ޝަރީޢަތުގެ މަޖިލީހުގައި އަދީބް ވިދާޅުވިއެވެ.

ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ އެމްޕީޕީ އާރުސީ ގެ ޚިޔާނާތާ ގުޅިގެން އެނގިހުރި ހުރިހާ މަޢުލޫމާތެއް ވިދާޅުވެދެއްވަން ބޭނުންފުޅުވާކަމުގައެވެ. "އަޅުގަނޑު ބޭނުންވޭ މިއަދު ދައުލަތަށް ކިޔައިދޭން، އަޅުގަނޑަށް އޯޑަރުދެއްވި ފަރާތާއި އެކަމުގެ މުގުލުގައި ހުރި ފަރާތާއި އެފައިސާ ބޭނުންކުރެވުނު ގޮތް" އަދީބު ވިދާޅުވިއެވެ.

ޝަރީޢަތުގައި ދެއްވާ ހެކި ބަހުގެ ސަބަބުން އިތުރު ދައުވާއެއް އައި ކަމުގައި ވިޔަސް ހަޤީގަތް ހާމަކޮށްދެއްވަން ބޭނުންފުޅު ކަމަށް އަދީބު ހެކިބަސް ދެއްވަމުން ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާގެ މުޢާމާލަތްތައް ކުރައްވަމުން ގެންދެވީ ރައީސް ޔާމީނަށް އެނގިވަޑައިގެން ރައީސް ޔާމީން އެންގެވި ގޮތަށް ކަމުގައެވެ. ނަމަވެސް އެވާހަކަ ތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެމްއެމްޕީއާރްސީގެ ބޯޑަށް މެމަބްރުން އައްޔަން ކޮށް އެފަދަ ކަންކަން ކުރުމަކީ އެމްއެމްޕީއާރުސީން ކުރާ ހުރިހާ މުޢާމަލާތެއް އެމަނިކުފާނަށް އެނގިވަޑައިގަންނަވަން ޖެހޭ ސަބަބެއް ނޫން ކަމުގައެވެ.

ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ އެސްއޯއެފްގައި ކެމްޕޭން ފައިސާ ނުހުންނާނެ ކަމަށާއި ޔާމީން ވާހަކަ ދައްކަވާ ގޮތުން އެމްއެމްޕީއާރްސީގެ ފައިސާއަކީ ކެމްޕޭން ފައިސާކަމަށް ސިފަ ކުރެއްވޭ ކަމުގައެވެ. އެމްއެމްޕީއާރްސީގެ ފައިސާ ހިފައިގެން ޔާމީންގެ ގެޔަށް އެސްއޯއެފްގެ އިސް މީހުން ދިޔަ، ޔަކަމަށްވެސް އަދީބު ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވީ އެއީ އަދީބް ހެއްދެވި އިތުރުފުޅެއްކަމުގައެވެ.

ގއ. ވޮޑެމުލާ އިކިއުޒިޝަން ކޮސްޓްގެ ފައިސާގެ ޗެކް އެމްއެމްޕީއަރުސީގެ މެނޭޖިން ޑިރެކްޓރ، އަދިބާ ހަވާލިކުރެއްވިތޯ، ރައީސް ޔާމީން އަދީބާ ސުވާލު ކުރެއްވުމުން އަބީދު ވިދާޅުވީ، ރައީސް ޔާމިންގެ ލަފާފުޅުގެ މަތިން އެފައިސާ ޖަމާކޮށްފައިވަނީ، އެމަނިކުފާނު، ރައީސް ޔާމީންގެ އެކައުންޓަށް ކަމުގައެވެ.

"އަޅުގަނޑަށް ރައީސް ޔާމީން ނޫންތޯ ލަފާ ދެއްވަނީ، އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯ އެފްގެ އެކައުންޓަށް ޖަމާކުރުމަށް" އަދީބު ވިދާޅުވިއެވެ.

ރައިސް ޔާމީން އަންގަވައިގެން ޤާނޫނާ ޚިލާފް ކަންތައްތަކެއް ކުރެއްވިކަމަށް އިޢުތިރާފްވެވަޑައިގަންނަވަނީތޯ، ރައީސް ޔާމީން އަދިބާ ތަކުރާރުކޮށް ސުވާލުކުރެއްވުމުން، އަދީބު ވަނީ ޝަރީޢާތުގެ މަޖިލީހުގައި އެކަމަށް އެއްބަސްވެ އިޢްތިރާފްވެވަޑައިގެންފައެވެ.

ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވައިފިނަމަ ވިހަދީ މަރާލާނެ ކަމުގެ އިންޒާރު އެމަނިކުފާނަށް ދެއްވައިފައިވާކަމުގައެވެ. އަދި އެކަން، ކަމާބެހޭ ފަރާތްތަކާ ޙިއްޞާކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑު މިދަންނަވަނީ އަޅުގަނޑަށް އެބަހުއްޓޭ ވަރަށް ބޮޑެތި ތްރެޓްތައް. ޚާއްޞަކޮށް މިއަދު މި ހެކިބަސް ދޭތީވެސް އަޅުގަނޑަށް އެބަހުރި ވަރަށް ބޮޑެތި ތްރެޓްތައް. އަޅުގަނޑު ޖަލުގައި މަރާލާނެކަމަށް ވިހަދާނެކަމަށްވެސް އެބަހުރި ތްރެޓްތައް" ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވިއެވެ.

ޝަރީޢަތުގެމަޖިލީހުން ރައީސް ޔާމީނާއި އަދީބް، އަޅުގަނޑުމެނަށް ފެނިގެން ދިޔައީ ކުރީގެ "ސިޔާސީ ދެ އެކުވެރިން" ދެ ހަތުރުންގެ ގޮތުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.