އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ އަދަދު 300 އަށްވުރެ ގިނަ

މިހާރަށް ބަލާނަމަ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ އަދަދު 300 އަށްވުރެ ގިނަކަމަށް މިހާރު ފާހަގަ ކުރެވިފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްއަދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްޢަދު ވިދާޅުވީ މީހުންގެ އަދަދު ކުރިން 155 ކަމަށް އޮތް ނަމަވެސް އެ އަދަދު ގިނަ ވެގެން ދިޔައީ ކޮމިޝަނުން އަމަލު ކުރަން ފެށި ގޮތަކުން ކަމުގައެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަކި ހިސާބަކުހް ފައިސާ ނަގުދަށް ބަދަލުވީމާ ހޯދަން އުނދަގޫވެއެވެ. އެހައިތަނުން ކޮމިޝަނުން ތަހުގީގު ފުޅާ ކުރީއެވެ. އެމީހާގެ އާއިލާއާއި ގާތްތިމާގެ މީހުންނާއި ވިޔަފާރިތައްވެސް ބަލަން ފެށިއެވެ. އެހެންވީމާ މީހުންގެ އަދަދު ގިނަވީއެވެ.

އޭސީސީގެ ލިސްޓުގައި 155 މީހުންގެ ނަން އެބައޮތެވެ. އެސްއޯއެފްގެ ތެރެއިން ފައިސާ ބޭނުންކޮށްފައި ހުރީ ސިޔާސީ ފަރާތްތަކަށާއި ޕަބްލިކް އޮފިޝަލުންނަށާއި ޖުޑިޝަރީއަށާއި ވަކި ބަޔަކު އިސްތިސްނާ ނުވާ ގޮތަށް ނާޖާއިޒުކޮށް ފައިސާ ލިބިފައިވާ ވަރަށް ގިނަ މީހުން އެބަތިުއްބެވެ. ވަކި ސެކްޓަރެއް ވަކި ބަޔަކު އިސްތިސްނާ ކުރެވޭކަށް ނެތެވެ.

އަޅުގަނޑުމެންގެ މަސައްކަތުގެ މައްޗަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތެވެ. އަވަސް ކުރަންވެސް އަދި ވަކި މީހަކު ނުހިމަނާ ގޮތަކަށްވެސް އެއްވެސް ފަރާތަކުން ނާންގައެވެ.

އަސްޢަދު ވިދާޅުވި ގޮތުގައި މި ފައިސާ އަތަށް އަރާ ކޮންމެ މީހަކު ކުށްވއެރިއެއް ކަމަކަށް ކޮމިޝަނުން ނުބަލައެވެ. އެކަމަކު ޝައްކު ކުރެވޭ މީހަކަށް ކަނޑައަޅާއެވެ. އެޔަށްފަހު އެމީހެއްގެ މައްސަލަ ތަހުގީގު ކުރަނީއެވެ.

އަސްޢަދު ފާހަގަ ކުރެއްވި ގޮތުގައި މަސައްކަތް ފެށިއިރު މައުލޫމާތު ހޯދުމުގައި ދަތިތަކެއް މެދުވެރިވިއެވެ. ބޭންކް އޮފް މޯލްޑިވްސްއިން މައުލޫމާތު ލިބުމުގައި ކުރިން ދަތިތަކެއް ހުއްޓެވެ. އެކަމަކު ފަހުން ކޯޓު އަމުރަކާއެކީ މައުލޫމާތި ލިބެން ފެށިއެވެ.

ރޭވިގެން ހިނގާ ކުށްތަކުގެ މައުލޫމާތު ހޯދުމުގައި ހުނަރާއި ތަޖުރިބާގެ އުނިކަން އެބައޮތެވެ.

މި މައްސަލައިގައި އެންމެ އަޑީގައި އޮތީ ފަތުރުވެރިކަމުގެ ރަށްރަށެވެ.  ނުބައި ގޮތަކަށް ހޯދަން ޖެހުނަސް އެ ގޮތް ޚިޔާރުކުރުން އޮންނަނީ ފަރިތަ ކަމަކަށް ވެފައެވެ. 77 މިލިއަނަށްވުރެ ބޮޑަށް ފެންނަނީ ރާއްޖޭގެ އެންމެ ބޮޑު ރައުސުމާލު ކަމަށްވާ ރިސޯޓު ހަދަން ދޫކުރާ ރަށްރަށް ދޫކުރެވުނީ ހެޔޮކޮށްތޯ ބެލުމެވެ.

އައްޑުއަތޮޅުގައި ރިސޯޓެއް ހަދަން ރަށެއް ދޫކުރަން އުޅުނީމާ ހިފާނެ ބަޔަކު ނުވެގެން އިސްތިސްނާ ހާލަތެއް އުފެއްދީއެވެ. އެއީ ބިޑަކާ ނުލައި ރަށްރަށް ދޫކުރުމުމުގެ އުސޫލުގެ ފެށުމެވެ.

މި މައްސަލައިގައި އެކި ފެންވަރުގެ މީހުން ބައިވެރިވެއެވެ. މިއީ ރޭވިގެން ގިނަ ބަޔަކު ބައިވެރިވެގެން ކޮށްފައިވާ ކަމެކެވެ.

ބޭންކިން ސެކްޓަރުގައިވެސް މައްސަލަ އެބަހުއްޓެވެ. ޗެކްތަކެއް އެންޑޯޒް ކުރެވިގެން ހިނގައިދިޔަ ކަމެކެވެ. އެ ވާހަކަ އޮތީ ވަރަށް ގިނައިން ދެކެވިފައެވެ. ގާނޫނުތައް ބޭނުން ކުރީ ރަނގަޅަށްތޯ ގަވާއިދަށް އަމަލުކުރުންވެސް އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. އެމްއެމްއޭއިންވެސް ކަންތައް ކުރީ ރަނގަޅަކަށް ނޫނެވެ. އެހެނަވީމާ މިއީ މުޅި ނިޒާމުގެ ނާކާމިޔާބީއެކެވެ.

ސަރުކާރުގެ މަގާމެއްގައި ހުންނަ މީހާ ކޮރަޕްޝަނެއް ހިންގައިފިއްޔާ އެ މައްސަލަ ބެލެއެވެ. އެކަމަކު އެކަމުގެ އަނެއް ކޮޅުގައި ހުންނަ ވިޔަފާރިވެރިޔާ ކުރާ ކަމެއް އެފަދަ ގޮތަކަށް ނުނެބެލެއެވެ. އެމްޓީޑީސީންވެސް އެހެން ކުންފުނިތަކުންވެސް ކަންތައް ކުރީ އޭރަކު އޮތް ސަރުކާރަކުން ބޭނުންވާ ގޮތަކަށް ކުރާ ކަމެކެވެ.

ފައިސާ ވަނީ އެމްއެމްޕީއާރްސީގެ ތެރެއަށެވެ. އެ ފައިސާ ބޭނުން އެންޑޯޒްކޮށްގެން އަމިއްލަ ބައެއްގެ ބޭންކް އެކައުންޓަށް ވަންނަނީއެވެ. އެހިސާބުން ޓްރެކް ގެއްލެއެވެ. ނަގުދު ފައިސާއަށް ވާ ހިސާބުން ގެއްލެނީއެވެ. ހޯދަން އުނދަގޫވަނީއެވެ.

އަސްޢަދު ވިދާޅުވި ގޮތުގައި މިހާރު ފަސް މައްސަލައެއް ދަޢުވާ ކުރަން ފޮނުވޭ ވަރުވެސް ވެއްޖެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.