މިވާހަކަޔަކީ، ޕާކިސްތާން ޓީވީ ސީރީޒެއްކަމުގައިވާ އުރުދޫ ޑްރާމާ " ޒިންދަގީ ގުލްޒާރުހޭ " އަޞްލަކަށް ބަލައިގެން ދިވެހިބަހަށް ބަދަލުކޮށްފައިވާ ވާހަކައެކެވެ. ވާހަކައިގެ އަޞްލު، ދިވެހިބަހުން ސިފަކޮށްދިނުމަށްޓަކައި، ވާހަކައިގެ ނަމަކަށް އިޚުތިޔާރު ކޮށްފައި އެވަނީ، ޑްރާމާގެ އުރުދޫ ނަމުގެ ލަފުޒީ މާނަ ނުވަތަ ތަރުޖަމާއެއްނޫނެވެ. " ދެކަފި " މިނަން ވާހަކަޔަށްދީފައި އެވަނީ، މިވާހަކަޔަކީ، ފަޤީރު ޢާއިލާއެއްގެ ނިކަމެތި ދިރިއުޅުމަކާއި މުއްސަނދި ޢާއިލާއެއްގެ ފުދުންތެރި ދިރިއުޅުމަކާއެކު، މިދެޢާއިލާ ގުޅުމުން ދެން އުފެދިގެންދާ ދަރަޖައިގެ ތަފާތުން އުފެދޭ ނުހިންމު ފިލާވަޅުތަކެއް، ވާހަކައިގާ ހިމެނިފައިވާތީއެވެ. އަދި ދެމީހެއްގެ ޙަޔާތުގައި ދެލޯތްބެއްގެ ދެފުށް ފެނިގެންދާނެ އަސަރުގަދަ ޙާދިސާތައްވެސް ހިމެނިގެން، ލޯތްބާއި ދިރިއުޅުމުގެ ދުރު ރާސްތާގެ ދެކަފި ފެންނަ އަދި، އެކަންކަން ދެގޮތަށް ތަޞައްވުރު ކޮށްދިނުމުގެ މައްޗަށް ވާހަކަ ބިނާވެފައިވާތީއެވެ. ކަފި ނުވަތަ ކަތްޕަކީ، އެއްތައްގަނޑަކަށް ހުންނަ އެއްޗެއްގެ ކުރިވާ ދެކަފި ނުވަތަ މަގެއްގެ ކޮޅު ދެއަތަށްވާ ދެބައެވެ. ލޯތްބާއި ދިރިއުޅުމުގެ " ދެކަފި " ނުވަތަ ދެގޮތް ދައްކުވައިދޭ، ޢިބްރަތުން ފުރިގެންވާ އަސަރުގަދަ ފިލާވަޅުތަކެއް މިވާހަކައިގާ ތަމްސީލު ކޮށްދެއެވެ. މިއީ، ޕާކިސްތާނުގެ މަޝްހޫރު، ވާހަކަ ލިޔުންތެރިއެއްކަމުގައިވާ ޢުމޭރާ އަޙްމަދު، އުރުދޫ ބަހުން ލިޔުއްވާފައިވާ ރީތި ވާހަކައެކެވެ.
މިވާހަކަޔަކީ، "ޒިންދަގީ ގުލްޒާރުހޭ" ޑްރާމާގެ ލަފުޒީ ތަރުޖަމާއެއްނޫނެވެ. އެ ޑްރާމާ އަޞްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. ދިވެހިބަހުގެ ރިވެތިކަމާއި މުއްސަނދިކަމުން "ރަހަ" ހެޔޮވަރުކޮށްލުމަށްޓަކައި ކޮންމެވެސް ވަރަކަށް "ކަރަންފޫ، ކާފޫރުތޮޅި" އަޅާފައި ހުންނާނެއެވެ. އެއީ ލިޔުންތެރިންގެ އާދަޔަކަށް ވެފައި އޮންނަ ކަމެއް ނޫންތޯއެވެ ؟ އުރުދޫ ބަހަކީ، ހިންދީ ބަހާ ތަފާތުކޮށް، ވަރަށް މާނަފުން އަދި މާނަ މާ ރީތި ބަހެކެވެ. މާނަފުން ވެސް ބަހެކެވެ. ލިޔެފައިވާ ވާހަކަޔަކުން ޑްރާމާ ސިލްސިލާއަކަށް ޑައިލޮގް ލިޔުމާއި އުފައްދާފައިވާ ޑްރާމާ ސިލްސިލާޔަކުން ވާހަކައެއް ލިޔުމަކީ ވަރަށް ތަފާތު ދެކަމެކެވެ. އަދި އަމްދުން، ވަކި ބަހަކުން ލިޔެފައިވާ ވާހަކަޔަކަށް އުފައްދާފައިވާ ޑްރާމާ ސިލްސިލާއެއް، އެހެން ބަހަކުން ތަރުޖަމާކޮށް ވާހަކަޔެއްގެ ސިފައިގާ ލިޔުމަކީ، އަދި އެއަށްވުރެވެސް ތަފާތު ބޮޑު މަސައްކަތެކެވެ. އެހެންނަމަވެސް، "ޒިންދަގީ ގުލްޒާރުހޭ" ގެ އުރުދޫ ޑްރާމާ ސިލްސިލާއިން އަޅުގަނޑަށް ދޭހަވާ މާނަ، އޭގެ އަސްލުން ބޭރުނުވާގޮތަށް، ހިފެހެއްޓުމަށް މަސައްކަތްކޮށްފައި ވާނެއެވެ.
ޑްރާމާޔަކުން ވާހަކައެއް ލިޔުމުގައި އުނިވެދާނެކަމަށް އަޅުގަނޑަށް ފެންނަ އެއްކަމަކީ، ބައްދަލުވުމެއްގެ ނުވަތަ ޙަރަކާތެއްގެ މަންޒަރު ނުވަތަ އެޕިސޯޑް ބަދަލުވާއިރު، ދެބައި ގުޅުވާލަން ކިޔުންތެރިންނަށް އުނދަގޫ ވުމެވެ. އެހެންކަމުން މިކަމަށް ސަމާލުކަން ދީފައިވާނެއެވެ. އެކަމުގައި ކިޔުންތެރިންނަށް ތަކުލީފެއް އުފުއްލަވަން ޖެހިވަޑައިގެންފިނަމަ، އެއީ ވަރަށް ދެރަ ކަމެކެވެ. އެކަމަށް މާފުކުރެއްވުން އެދެމެވެ. ވާހަކަޔައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ!
(1)
ދިރިއުޅުމަކީ، ބޮޑެތި އަދި ވަރަށްގިނަ ތަފާތު މައްސަލަތަކުންފުރިގެންވާ ދިގު ދަތުރެކެވެ. ކޮޅާ ކޮޅު ފެންނަން ނެތް ރާސްތާ ދިގުވެފައި ދާންވީ މަންޒިލް އޮޅި ކަފިކަފިވެފައި، އަމާޒުހިފަން އެހާ އުނދަގުލެވެ. ދެމީހަކު ހިތްކިޔައި ލޯތްބަކާ ހިސާބަށްދާއިރު، ބިންނަންވީ ކޮން މަލެއްކަން ނޭނގޭ ވަރަށް ބަގީޗާގައި ފޮޅިފައިވާ މާތައް ގިނައެވެ. އެމާމަލުން ވަކިގޮތެއް ނުބަލައި ދެއިރު ދެދަޅަޔަށް ފޮނިބޯ މާބުރުތައްވެސް އެހައި ގިނައީއެވެ. ހުސްވާންވީ ނުވަތަ ފޮނިބޯން ޖައްސަންވީ ކޮންމަލަކަށްކަން މާބުރަށް އޮޅޭވަރަށް މުޅި މާޙައުލު އޮންނަނީ ތަޣައްޔަރު ވެފައެވެ. ވަކިގޮތެއް ނުބަލައި، މާމަލުން ފޮނިބޮމުންދާ މާބުރަށް އެއްޖިންސުން މާޖޯޑު ކުރެވޭއިރުވެސް ރޭކާ ނުލާހިސާބަށް ދުނިޔެވަނީ ޚަރާބުވެފައެވެ. ނިކަން ލޯބިން މާފޮޅުވި ދުވަސްވަރު، ކޮކާ ހަނދުވަރުގައި، އެކަކު އަނެކަކަށް ވެފައިވާ، ލޯބީގެ ފޮނި ޢަހުދާއި ވަޢުދު ފުއްދައި ތަންފީޒުކުރަންޖެހޭ ހިސާބަށްދާއިރު، އެވީ ވަޢުދާއި ޢަހްދުގެ ކަށަވަރުކަން އޮންނަނީ ހަނދާނުން ފިލައިގޮސްފައެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު ކުރެވޭ، ކައިވެނީގެ ރަސްމިއްޔާތުން، ފަނޑިޔާރުގެއިން ނުކުމެގެން ގެޔާހިސާބަށް ދެވޭއިރު، އޮންނަނީ ވަރިފަށަށް އަރާފައެވެ. އީގޯގައި ހިފައި، ދެމީހުންކުރެ އެކަކުވެސް ގޮތްދޫނުމެކޮށް، އާނދޮގޭއޭ ކިޔާފަ ފަށާ ދިރިއުޅުން މައްސަލަޔަކަށްފަހު މައްސަލަޔަކުން ބަނަވެ، ނުކުންނާނެ އަލިމަގެއް ނުފެންނަވަރަށް އަނދިރިވެގެންގޮސް ކަށްވަޅަކަށް ބަދަލު ވެއެވެ. ހުރިހާކަމެއްގެ ނިމުން އެއަންނަނީ ނުމެ ޢީދަކު ނުމެ ރޯދަޔަކު އެވެ.
ދިރިއުޅުމުގައި ދިމާވަމުންދާ މައްސަލަތައް، އެއްކަމަކަށްފަހު އަނެއްކަމެއް ޙައްލުކުރަމުންގޮސް އިންސާނާގެ ޢުމުރު ހަމަނުވަނިސް އަޖަލު ޖެހެއެވެ. އެވަރުންވެސް، ގިނަކަންތައްތައް އޮންނަނީ ޙައްލުނުކުރެވިއެވެ. ޚާއްޞަކޮށް އަހަރެމެންކަހަލަ ނިކަމެތިންނަށް ދިރިއުޅުމުގެ ޙައްލުތައް ހޯދުމަކީ، ކަށިކުނބުރު އިންދާފައި މޭބިސްކަދުރު ބިންނަން އުޅުންފަދަ ކަމެކެވެ. ﷲ މިދުނިޔެ އުފައްދަވާފައިވަނީ ކޮން މަޤްޞަދެއް ޙާޞިލްކުރައްވަންބާވައޭ ހިތަށް އަރާވަރު ވެއެވެ. ކަޝަފް، އޭނާގެ ޑައިރީގައި އެހިނދަށް ލިޔަންވާ ހިސާބަށް ލިޔެ ނިންމައިލިއެވެ. ކިޔެވުމާއި ގޭތެރޭގެ އެކިކަންކަން ކޮށްލުމަށްފަހު، ސިކުނޑިއަށް އަރާމެއް ލިބި ހަމަޖެހިލަންލިބޭ ހުސްވަގުތުގައި، ހިތުގައި އުފެދޭ އުދާސްތައް އޭނާގެ ޑައިރީގައި ލިޔުމަކީ ކަޝަފްގެ އާދައެކެވެ.
ކަޝަފްގެ ތިންބެއިން ބަލައި ބޮޑުކުރަމުންގެންދަނީ އެކަނިވެރި މަންމައެކެވެ. އެޢާއިލާ ދިރިއުޅެމުންގެންދަނީ ފަޤީރު އަވަށްގަނޑެއްގައެވެ. އިޖްތިމާޢީ ހަމަތަކުން ނަސްލާއި ނަޞަބު އަދި ދިރިއުޅުމުގެ ފެންވަރުން އުފެދޭ ދަރަޖަ ތަފާތުކުރުންތަކުން، ކަޝަފްގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރަމުން ގެންދެއެވެ. ޔުނިވަރސިޓީގައި ކިޔަވަން ލިބުނު ފުރުޞަތު ތަނަވަސްވުމާގުޅިގެން، ދިރިއުޅުމުގެ ދަރަޖައިގެ ތަފާތު، އަދިމާބޮޑަށް ކަޝަފަށް ފެންނަމުން ދިޔައެވެ. އެދުވަސް، އައުމަށްވުރެ ނައިނަމަ ރަނގަޅުވީހޭ ހިތަށް އަރާވަރު ވެއެވެ. އެކަންކަމުގެ ހިތި ތަޖުރިބާއަކީ، އޭނާގެ ޑައިރީ ކިޔައިލިކޮންމެ މީހަކަށްވެސް ފިލާވަޅުތަކެއް ލިބިގެންދާނެ އަގުބޮޑު ޚަޒާނާއެކެވެ. ކަޝަފްގެ ކިޔެވުން، ޔުނިވަރސިޓީއަށް ބަދަލުވުމުން ދެންކުރިމަތިލާން ޖެހުނު އާ ތަޖުރިބާތަކަކީ، ޅަފުރައިގެ ފިރިހެންކުދިންނާއެކު މަސްހުނިވެ އުޅެންޖެހުމުން، އަލަށް ކުރިމަތިވަމުންދިޔަ ޤަބޫލުކުރަން އުނދަގޫވި ޙާލަތްތަކެކެވެ. ބޭއަދަބީ ސަމާސާ ކުރުންތަކާއި، ވާންނުޖެހޭ ބައްދަލުވުންތަކުން ހިތުގެ އުދާސް އިތުރުވުން ނޫންކަމެއް ނުވެއެވެ. ޚާއްޞަކޮށް، ޒުވާން ޒަރޫންއާ ބައްދަލުވުމުން ކަޝަފްގެ ދިރިއުޅުމަށް އައި ބަދަލަކީ، އޭނާގެ ޑައިރީގެ މުހިންމު ބަހާއެކެވެ. ހިތް އޮބަހައްޓައިގެން އުޅޭއިރުވެސް، ކިޔަމަންނުވެ އަތްދަށުން ދޫވާހިސާބަށް ކަޝަފްގެ ޒުވާންކަންވެސް ވަނީ ދަތުރުކޮށްފައެވެ. ޔުނީގައި އޮންނަ އެއްފުރައިގެ ދެޖިންސުގެ މަސްހުނިކަމާއި ވާދަވެރިކަމުގައި ކަޝަފް އަކީ ފާހަގަކޮށްލެވޭ ޝަޚުޞެކެވެ. ކަޝަފަށްވުރެ، ޒަމާނަށްފެތޭ ރީތި އެތައް ކުދިންނެއްގެ ތެރޭގައިވެސް ކަޝަފަކީ އެންމެންގެ ލޯހުއްޓޭ މަލެވެ. އޭނާ ބަލައި ބޮޑުކުރުމުގައި މަންމަގެ ފަރާތުން ލިބިފައިވާ މަތިވެރި އަޚުލާޤާއި އިރުޝާދަކީ ކަޝަފްގެ އެންމެ އަގުބޮޑު އެއް ރައުސްމާލެވެ. އަދި، އޭނާ އަމިއްލަޔަށް ނިޔާކަނޑައަޅާ އޭނާގެ އަމިއްލަގޮތްތަކަކީވެސް އެހެންކުދިން ކަޝަފްގެ ގައިގާ އަޅައިގަންނަ މުހިންމު ސިފައެކެވެ. ޖެހިލުން ކުޑަވެފައި، ރަނގަޅާއި ނުބައި ވަކިކުރުމުގައި ކަޝަފަކީ ޔުނިވަރސިޓީން ފެންނަ މިސާލެކެވެ. އޭނާއާ ދިމާލަށް ކޮންމެ ކޮންމެ ކުއްޖަކަށް ޚާއްޞަކޮށް ފިރިހެންކުދިންނަކަށް އޮށްގަލެއް ނުއުކޭނެއެވެ. ނަފުސާއި ތަޞައްވުރުގެ ދިފާޢުގައި އޭނާ ކެރިގެން ކުރިމަތި ލައެވެ.
ޒަރޫނަކީ، މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ ރީތި ޒުވާނެކެވެ. ޔުނިވަރސިޓީގައި ކިޔަވަމުންދިޔަނަމަވެސް، ދިރިއުޅުމުގެ ވަށްޓަފާޅީގެ އެއްވެސް ވަހެއް، ކުލައެއް ޒަރޫންގެ މުއްސަނދި، އާވާރާ ދިރިއުޅުމުގައި ޖެހިފައެއް ނުވެއެވެ. ޢާއިލީ މުއްސަނދިކަމުގައި ކޮންމެވެސް ވަރަކަށް މަގުއޮޅިފައިވާ ޒަރޫނަށް ދުނިޔޭގެ އާޖްފާޖްގެ ކަންފުޅެއްވެސް ދަސްވެފައެއް ނުވެއެވެ. ދިރިއުޅުމުގެ އެއްވެސް ފިކުރެއް، ވިސްނުމެއް ޚިޔާލެއް އޭނާގެ ހިތަކަށް ނުވަދެއެވެ. އޭނާއަށް އިޚުތިޔާރު ކުރެވެނީ އޭނާއަށް ރަނގަޅުކަމަށް ފެންނަ އޭނާގެ އަމިއްލަ ގޮތްތަކެވެ. އޭނާގެ މައިންބަފައިންގެ ފަރާތުން، ރަނގަޅާއި ނުބައި ވަކިކުރަން ދަސްކޮށްދެވިފައެއް ނުވެއެވެ. ޚާއްޞަކޮށް އޭނާގެ ކޮއްކޮ ސާރާއަށް މަގުއޮޅިފައިވަނީ އެމަގުން އަރައި ނުގަނެވޭ ވަރަށެވެ.
ޒަރޫނަކީ މިއުޒިކަށް ލޯބިކުރާ ޒުވާނެކެވެ. ލިބޭ ހުސްވަގުތުގައި ގިޓާޖަހައިލާ އުޅުމަކީ ޒަރޫންގެ އާދައެކެވެ. ޒަރޫންގެ ކުރިމަތީގައި، ދިރިއުޅުމަކީ މާމެލާމެލީގެ ރީތި ވަސްމީރު ބަގީޗާއެކެވެ. އަޑިގުޑަންތަކާއި ކާމިޔާބީއާއި ނާކާމިޔާބީ އަދި ހިތާމައާއި އުފާވެރިކަން، ހާޞިލް ކުރެވޭ ކަންކަމާއި ޙާޞިލް ނުކުރެވޭ ކަންކަން އެއީ އެބަގީޗާއިން ޒަރޫނަށް ތަޞައްވުރުކުރެވޭ ކަންކަމެވެ. ދިރިއުޅުމުގެ ޕެކެޖަކީ، ވަރަށް ފުރިހަމަޔަށް ﷲ ތައްޔާރުކުރައްވާފައިވާ ޕެކެޖެކެވެ. އެހެންނަމަވެސް އެޕެކެޖްގައި ހިމެނޭ އެކައްޗަކީ ޒަރޫން ވިސްނާގޮތުގައި ވަރަށް އާދަޔާޚިލާފު އެއްޗެކެވެ. އެއީ އަންހެނުންނެވެ. އަމިއްލައެދުންބޮޑު، މޮޔަބަޔެކެވެ. ގޮތް ދުލެއް ނުކުރާނެ އެވެ. ޙައްދެއްނެތި އަމިއްލަ މިނިވަންކަމަށް ބޭނުންވާނެއެވެ. ރަނގަޅުގޮތް އެއީ އެމީހުންނަށް އެކަނި އެނގޭ އެއްޗެކެވެ. އެމީހުންގެ މައްޗަށް އެހެންމީހުންގެ ބަސް ވިކޭކަށް ބޭނުމެއް ނުވާނެއެވެ. އެހެންނަމަވެސް އެއީ، އެއާނުލާ ނޫޅެވޭފަދަ ބަޔެކެވެ. މިހުރިހާ ޚިޔާލުތަކެއް ޒަރޫންގެ ސިކުނޑީގައި އެނބުރެމުންދިޔައިރު، އޭނާގެ ޑައިރީގައިވެސް އޮތީ އެހުރިހާ ވާހަކަތަކެއް ލިޔެވިފައެވެ.
------------------------
ކަޝަފް އޭނާގެ ޑައިރީ ކައިރިކޮށްލާފައި ލިޔަންފެށިއެވެ. އެއްކަމެއް ޙައްލު ނުކުރެވެނިސް އަނެއް ހަކަންތައް ލައިގަންނާނެއެވެ. ދުނިޔެ ދައްކަމުންމިދާ ޙަޤީޤަތަކީ، ދުނިޔެއަށް ނުފޮނުއްވިނަމަ، މާ ރަނގަޅޭ ހިތަށް އަރުވަން މަޖުބޫރުވާފަދަ އުނދަގޫ ޙާލަތެކެވެ. އެކަމަކު، ދުނިޔެއަށް ފޮނުއްވީތީ، ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލައިގެން ދިރިއުޅެންވެސް މަޖުބޫރެވެ.
"ޓޭންކުން ފެންހުސްވެއްޖެ އެވެ. ތަންކޮޅެއް ބޮޑަށް ވިސްނައިގެން މަށަށްވެސް ކުޑައެތިކޮޅެއް ބަހައްޓާލާނަމަ ވާނީ ކީއް ހެއްޔެވެ. އެންމެ ދެރަވެގެން ބާލިދީއަށް ފެންފޮދެއް އަޅާލަދިންނަމަ ކީއް ހެއްޔެވެ؟" ކަޝަފްގެ ކޮއްކޮ ޝެހްނީލާ އައިސް އޭނާގެ އަނެއްކޮއްކޮ ޞިދްރާގާތު ޝަކުވާކޮށް ގަތެވެ. ޝެހްނީލާއަކީ ތިންބެއިންކުރެ އެންމެ ހަގު ކުއްޖާއެވެ.
"އަހަރެން ފެންނަގަންވީ ކީއްކުރަން ހެއެޔެވެ؟ އަހަރެންކަމެއްނުކޮށް ހުސްކޮށެއް އެންމެ ހިނދުކޮޅަކަށްވެސް ނުހުންނަމެވެ. މިއަދު މިއައީ، މަންމަޔާއެކު ބާޒާރުމަތީ ހަތަރު ފަސްގަޑިއިރު ހިނގާފައެވެ. އެއީ އަގުހެޔޮކޮށް ވިއްކާ ހެދުން ހޯދާށެވެ. އެއްބާޒާރުން އަނެއް ބާޒާރަށް ދުވެދުވެ ދުވަސް އެއްކޮށް ގެއްލިއްޖެއެވެ. އަގުހެޔޮކޮށް ހެދުން ލިބެނީ ކޮން ބާޒާރަކުންކަން މަންމަވެސް ހަނދާނެއް ނެތެވެ. އަހަރެމެންނަށް ލިބޭމިންވަރުން ދެވެން ނެތިއްޔާ ނުދޭންވީ ނޫންހެއްޔެވެ؟ އަވަށްޓެރިންނަށްވެސް އެއްޗެއް ދެވޭނީ ދެވެން އޮތިއްޔާ ނޫން ހެއްޔެވެ ؟ އެވެސް މަހުގެ އެންމެ ފަހުދުވަހުއެވެ." ޞިދްރާ އޭނާގެ ހިތުގެ އުދާސްތައް ބަންޑުން ކޮށްލިއެވެ.
"އެކަމަކު، ފެންހުސްކޮށްލާފަ އަހަރެންނަށް ތިޖެއްސީ ކިހާބޮޑު އުނދަގުލެއް ހެއްޔެވެ؟ އަހަރެން ދެން ހަދަންވީ ކޮންގޮތެއް ހެއްޔެވެ؟" ޝެހްނީލާ ޝަކުވާ ކުރަމުން އެތަނުން ނުކުމެގެން ދިޔައެވެ. އެވަގުތު، އެހުރިހާ އަޑެއްއަހަން، ހަމަހިމޭންކަމާއެކު ކަޝަފް އިނެވެ. އެއީ އެމީހުންގެ ދިރިއުޅުމުގެ ޙާލަތު ހުރިގޮތެވެ. އެހެންވީމާ، ބުނާނީވެސް ކީކޭ ހެއްޔެވެ؟ ކުރާނީވެސް ކީއް ހެއްޔެވެ؟ ކަޝަފް ކުޑައިރުކޮޅަކު އެކިކަންކަމާ ވިސްނައިލާން އިނެވެ. އެއަށްފަހު އޭނާގެ ޑައިރީ ލިޔަންފެށިއެވެ.
------------------------
"ޒަރޫނެވެ! ނިކަން ވިސްނާލަ ބަލާށެވެ! އަހަރެން ކަލޭ ނުފެނިގެން އެތަން މިތަން ހޯދަމުން ދާއިރު، ތިއިނީ މިތާ ހެއްޔެވެ؟" ޒަރޫންގެ ކޮއްކޮ ސާރާ އޭނާގެ ބޭބެހޯދަމުން އައިސް ބުންޏެވެ. އެހެންނަމަވެސް ޒަރޫން، ކޮއްކޮއަކަށް ޖަވާބެއް ނުދެއެވެ. އޭނާއިނީ އޭނާގެ އަމިއްލަ ދުނިޔޭގެ ތެރެޔަށް ގެއްލިފައެވެ. މީހަކު، އޭނާއާ ވާހަކަ ދައްކާހެންވެސް ހިއެއް ނުވެއެވެ. ކަހާތަން ހިރުވާވެސް ނުލައި އިނެވެ.
"ކާން އަންނާށެވެ! ކައިގެން އަހަރެން ޑްރޮޕް ކޮށްލަދޭށެވެ!" ސާރާ ޒަރޫންގެ ކިބައިން އެދުނެވެ.
"އަހަރެންމީ ކަލޭގެ ޑްރައިވަރު ހެއްޔެވެ؟ ތިކަން ކޮށްކޮށް އަހަރެން ބަލިވެއްޖެއެވެ. ކޮންމެވެސް އެހެންގޮތެއް ހޯދާށެވެ!" ޒަރޫން އޭނާގެ ކޮއްކޮ ސާރާއާ ދިމާއަށް ބުންޏެވެ.
"އަހަރެންނަށް ޒަހަރެއްފަދައިން ޒަރޫން ތިޖަވާބުދެނީ ކީއްވެ ހެއްޔެވެ؟ ތިގޮތަށް ވާހަކަ ދައްކަން ހެޔޮވާނެ ހެއްޔެވެ؟" ސާރާ ދެރަވެފާ އެތަނުން ދުރަށްދާން ހިނގައިގަތެވެ. އޭރުވެސް ޒަރޫން ފޫހިވެފައި ސާރާއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.
"މަށާ ތިވާހަކަ ދައްކަނީ ކޮންގޮތަކަށް ހެއްޔެވެ؟" ޒަރޫން ގާތަށްވެސް ރުޅިއަންނަ ގޮތް ވިއެވެ.
"ކާނަން ހެއްޔެވެ؟ ނޫނީ ނުކާނަން ހެއްޔެވެ؟ ނުކަންޏާ ތިތާ އިންނާށެވެ؟" ސާރާ ފޫހިވެފައިހުރެ ޒަރޫނާދިމާއަށް ބުނެލިއެވެ.
"ތިއިނީ ނުކާން ހެއްޔެވެ؟ ކަންޏާ ކާން އަންނާށެވެ! އަހަރެންނަށް އެބަ ލަސްވެއެވެ." ސާރާ ދޮރުމައްޗަށް އަރާ އަނެއްކާވެސް ޒަރޫނާ ސުއާލުކުރިއެވެ.
"ހާދަ ދެރަ ކަމެކެވެ. މިދަނީއެވެ!" ޒަރޫން މޫނު ކުނިކޮށްލާފަ، ފޫހި ރާގަކަށް ޖަވާބު ދިނެވެ.
------------------------
ކަޝަފްގެ ކޮއްކޮ ޝެހްނީލާ އޭނާގެ ކޮއްކޮ ޞިދްރާއާ ދިމާއަށް އެތިވަރުގޮވައިގެންފައި ދިޔަ ހިސާބުން، ކަޝަފް އޭނާގެ ޑައިރީ ލިޔަން ފެށިއެވެ. ދިރިއުޅުމުގައި ދިމާވާކަންކަން ކުރަން ޖެހޭނީ އަމިއްލަޔަށެވެ. އެހެން މީހުންނަށް ބަރޯސާވަންޏާ އެކަމެއް އޮންނާނީ ނުކުރެވިއެވެ. ބަހާރު މޫސުމް އައިސް ގޮސްވަނީ، އެ މޫސުމުގެ ހުރިހާ ކަމެއްވެސް އޭގެ އަމިއްލަ ޒާތުގައި ތަރުތީބުވެފައި އޮންނަ ގޮތެއްގެ މަތިންނެވެ. ބިޔަ ކަނޑުތަކުގެ ޙަރަކާތްތައްވެސް އޮންނަނީ އޭގެ އަމިއްލަ ޒާތަށް ދޫކޮށްލެވިފައެވެ. ދިރިއުޅުމުގެ ހުރިހާކަމެއް ކުރަންޖެހޭކަމަށް ވަންޏާ، ފިރިހެނެއްގެ ގޮތުގައި އަހަރެން، ﷲ ނުއުފެއްދެވީ ކީއްވެ ހެއްޔެވެ؟
(ނުނިމޭ)