ދެކަފި - 2

(7 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަންހެނެއްގެ ގޮތުގައި މިދުނިޔެއަށް ފޮނުއްވީ ކީއްވެ ހެއްޔެވެ؟ އެކަމަކު، ފިރިހެނެއްގެ ގޮތުގައި މިދުނިޔެއަށް އައިނަމަ، ދެންކުރިމަތިލާން ޖެހޭނީ ކޮންފަދަ މުޞީބާތަކާ ކަމެއްވެސް ނޭނގެއެވެ؟

"އަނެއްކާވެސް ކަރަންޓްބިލް ހާދަބޮޑުވެއްޖެ އެވެ. ބިލްހެދުމަށްވެސް ޙައްދެއް އޮންނަންވާނެ ނޫންހެއްޔެވެ؟ ބިލްދައްކާފަ ކަރަންޓްވެސް ކަނޑާލަންވީއެވެ. ސްވިޗްގައި އަތްޖައްސައިލިޔަސް މީޓަރު އެނބުރިގަންނަނީ ވަކިމިނެއްގައެއްނޫނެވެ. އަހަރެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ ދަރިފުޅާއެވެ! މިގޭގެ އަލިކަން އަހަރެން ގެންނާނީ ކޮންގޮތަކަށް ހެއްޔެވެ؟" ކަޝަފްގެ މަންމަ ބުންޏެވެ.

"ބިލް ބޮޑުވަނީ ޝެހްނީލާ އުޅޭގޮތުންނެވެ. ފާޚާނާއަށް ވަނަސް އިންނާނީ ހުރިހާ ބޮކިތަކެއް ދިއްލައިގެންނެވެ. ނުކުންނަމުން ނިއްވައެއް ނުލާނެއެވެ. އަދި، ފާޚާނާގައި އެހާ ގިނައިރުވާނެއެވެ." ޞިދްރާ އޭނާގެ މަންމަ ގާތު ޝަކުވާ ކޮށްގަތެވެ.

"ގޭގެ ހުރިހާ ބޮކިތަކެއް ނިއްވާލަމާ ހެއްޔެވެ ؟ އެކަމަކު އޭރުންވެސް ބިލް އަންނާނެދޯއެވެ." ކަޝަފްއަށް ނީނދެވިގެން ބުނެލިއެވެ.

"ހަދާނީ ކިހިނެއްކަމެއް ނޭނގެއެވެ. ފަތިހު ނަމާދުކޮށްލަން ބޮކިދިއްލާފަ ނިމިގެން އަހަރެން ބޮކި ނިއްވާލަމެވެ. ކޮންމެ ގޮތެއްވިޔަސް ބިލް ދައްކަން ޖެހޭނެ ނޫންހެއްޔެވެ؟" ރާފިޢާ ބުންޏެވެ. ކަޝަފް ފައިވަށްކޮށްލައިގެން އެނދުމަތީ އިށީނދެއިނެވެ. މިހުރިހާ ވާހަކަޔަކީވެސް، އޭނާގެ ޑައިރީގައި ލިޔަންލިބޭ ތަޖްރިބާއެވެ.

------------------------

"ދަރިފުޅާއެވެ! ޔުނިވަރސިޓީ އެޑްމިޝަންގެ ކަންތައްދަނީ ކިހިނެއް ހެއްޔެވެ؟" ޒަރޫންގެ ބައްޕަ ޖުނައިދު ސުއާލުކުރިއެވެ.

"އެޑްމިޝަން ކަންތައްދަނީ ރަނގަޅަށެވެ. ޔުނިވަރސިޓީގައި ކްލަބް ފަންކްޝަނެއްއޮވެގެން ނޫނީ އަހަރެން ޔުނިވަރސިޓީއަށް އެހާ ޝަޢުޤުވެރިކަމެއް ނެތެވެ." ޒަރޫން ޖަވާބު ދިނެވެ.

"މަށަށްހީވަނީ ތިޔަ ކްލަބަކާ އެހެން ހުރިހާކަމެއް އެއްފަރާތްކޮށްފައި ޒަރޫންގެ ކިޔެވުމަށް ސަމާލުކަން ދޭންޖެހޭ ހެންނެވެ. ކިޔެވުމަކީ ޒަރޫންގެ އެންމެ އިސްކަމަކަށް ވާން ޖެހޭނެއެވެ." ޒަރޫންގެ މަންމަ ޣަޒާލާ އަވަސް އަވަހަށް ބުނެލިއެވެ.

"މަންމާއެވެ! ތިވާހަކަ އަޑުއަހާއަހާ އަހަރެން ރާޑިވެއްޖެއެވެ. ކުޑައިރުއްސުރެ މަންމަގެ އަނގައިން އިވޭ އަޑަކީ ތިއީއެވެ. ތި ހާސަރުގަނޑު ހުއްޓާލާނީ ކޮން އިރަކުން ހެއްޔެވެ؟ އަހަރެން މިހާރު މިހުރީ ބޮޑުވެފައެވެ." ޒަރޫން މަންމައާ ދިމާއަށް ބުންޏެވެ.

"ޒަރޫން ބަދަލުވާށެވެ! އޭރަކަށް މިހާސަރުތަކުގެ އަޑެއް ނީވޭނެއެވެ." ޒަރޫންގެ މަންމަ ޣަޒާލާ ޖަވާބު ދިނެވެ.

"އަބަދުވެސް ކްލާހުން އަހަރެން އެއްވަނަ ހޯދަމެވެ. އެކަމަކުވެސް މަންމަގެ ތިބަހަނާއެއް ނުހުއްޓެއެވެ." ޒަރޫން ބުންޏެވެ.

"އެއީ އަހަރެންނާހުރެ ވާކަމެއް ނޫންހެއްޔެވެ؟ އަހަރެން އެހާ ބާރުނާޅާނަމަ، އެއްވަނަޔަށް އަންނާނެ ހެއްޔެވެ؟" ޣަޒާލާ ހީލަމުން ބުނެލިއެވެ.

ޣަޒާލާގެ ދެމަފިރިންނާއި ދެކުދިން ނާސްތާ ކުރަމުން ގެންދެއެވެ. ޒަރޫންގެ ކާމިޔާބީގެ އަޞްލަކީ އޭނާގެ މަންމަ ޣަޒާލާ ކަމަށްވީނަމަވެސް، ޣަޒާލާއަކީ، ދުވާލުދާ ހަތަރުދަމު މަސައްކަތުގައި ގެއިންބޭރުގައިއުޅޭ މަސައްކަތްތެރި އަންހެނެކެވެ. އޭނާގެ ފިރިމީހާ ޖުނައިދު އުޅެނީ ކިހިނެއްކަމެއް ނޭނގޭނެއެވެ. ދެމަފިރިން ދިމާވަނީ، ދުވާލު ހަތަރުދަމު މަސައްކަތުގައި އުޅެފައި އިރާކޮޅު ގެޔަށް އަންނަ ތަނުންނެވެ. ދެމަފިރިންނަށްވެސް ދިރިއުޅެވެނީ އެއީ އޮތްއެންމެ ރަނގަޅުގޮތްކަމަށް ދެކިގެންނެވެ.

"ތަންކޮޅެއް އަވަހަށް ކައިގެން އަހަރެން ޑްރޮޕް ކޮށްލަ ދީބަލާށެވެ!" ސާރާ ކަމުންކަމުން ބުނެލިއެވެ.

"ލަސްވާ ކަމަށް ވަންޏާ ތަށިބަރިޔަކަށް ކާއެއްޗެހި އަޅައިގެން ދާމަގުމަތީ ކާލާށެވެ!" ޒަރޫން އޭނާގެ ކޮއްކޮއަށް ޖަވާބުދިނެވެ.

"މަންމާއެވެ! ނިކަން ބަލައިލަ ބަލާށެވެ. ރައްޓެއްސެއްގެ ގެޔަށް ޑްރޮޕްކޮށްލަދޭށޭ ބުނީމަ ދައްކާ ބަހަނާ އެހެރީއެވެ." ސާރާ ރުޅިއައިސް އިނދެ ބުންޏެވެ.

"މިއީ ކަލޭގެ ރައްޓެއްސެއްގެ ގެޔަށް ޑްރޮޕްކުރުމުގެ މައްސަލައެއް ނޫނެވެ. ކޮންމެދުވަހަކު ޑްރޮޕްކުރަން ބުނާތީ ޖެހޭ މައްސަލައެކެވެ." ޒަރޫން ޝަކުވާކޮށްގަތެވެ.

"ތިއީ މައްސަލަޔަކަށްވާންޖެހޭ ކަމެއްނޫނެވެ. ދެތިންދުވަހަކުން ތިކަން ޙައްލު ވެދާނެއެވެ. ދެދުވަހެއްގެ ތެރޭގައި ޑްރައިވަރު އަންނާނެއެވެ." ޖުނައިދު އޭނާގެ ކުދިންނަށް ސާފުކޮށްދެވޭތޯ ބެލުމުގެގޮތުން ބުނެލިއެވެ.

"ބައްޕާއެވެ! ކާރުގައި އަމިއްލަޔަށްދާން އަހަރެންގެ މައްސަލައެއް ނެތެވެ. އަހަރެންނަށް ކާރުދުއްވަން އެނގެއެވެ. އެކަމަކު އަހަރެން ކާރުދުއްވާކަށް މަންމަ ޤަބޫލެއްނޫނެވެ." ސާރާ ސާފުކޮށްދިނެވެ.

ސާރާގެ ރައްޓެއްސެއްގެ ގެޔަށް ޑްރޮޕްކޮށްލަން ޖެހުމުން ޒަރޫންދެއްކި ބަހަނާތަކަށް ނިމުމެއް އައީ، ސާރާ ތެދުވެގެން އައިސް ޒަރޫން ކާންއިން ތަށިތައް ނަގާ ދުރުކޮށް، ދެން އަންނާށޭ ބުނެ އަތުގައިހިފާ ގޮނޑިން ނެގުމުންނެވެ.

------------------------

ކަޝަފްގެ މަންމަ ރާފިޢާއަކީ، ސަރުކާރުން ހިންގާ ސްކޫލެއްގެ ޕްރިންސިޕަލެކެވެ. ޢާއިލާގެ ހުރިހާ ޚަރަދުތަކެއް ހަމަޖައްސަމުން ގެންދަނީ ރާފިޢާއަށް ލިބޭ ކުޑަ ފައިސާކޮޅުންނެވެ. ކުދިންގެ އަމިއްލަ ކަންތައްތައް ހަމަޖައްސަމުން ގެންދަނީ ތިންކުދިން، ޓިއުޝަންދީގެން ހޯދާ ކުޑަ ލާރިކޮޅަކުންނެވެ. ތިންކުދިންދޫކޮށްލާފައި ރާފިޢާގެ ފިރިމީހާ ގޮސް، ދިރިއުޅެމުންގެންދަނީ އެހެން އަންހެނަކާ އިނދެގެންނެވެ. ބައްޕަގެ އެއްވެސް އެހީތެރިކަމެއް ކަޝަފްމެންނަކަށް ނުލިބެއެވެ. ބައްޕަގެ ލޯބިނުލިބޭތާނގައި އެމީހުންނަށް ލޯލާރިއެއްވެސް ދިއްކޮށްނުލައެވެ. ކަޝަފްމެންނަށް ބައްޕަ ފެންނަނީ، މަންމައާ ދިމާއަށް އެއްޗެތި ގޮވަން އެގެޔަށް އަންނަ މަދު ފަހަރަކުއެވެ.

ކަޝަފާއި އޭނާގެ ދެ ކޮއްކޮއާއި މަންމަ ކާމޭޒު ކައިރިޔަށް އެއްވެ ރޭގަނޑުގެ ނާސްތާ ކުރަމުން ގެންދެއެވެ. އެމީހުންގެ ނާސްތާއަކީ ވަރަށް އާދައިގެ ނާސްތާއެކެވެ. ކޮންމެ އެއްޗެއް ބަނޑަށް ލެވުނަސް ބަނޑުފުރުމުން ހައިކަން ފިލާނެތާއެވެ.

"މިއަދަކީ، މަންމަމެންގެ ސްކޫލްގައި އިންސްޕެކްޝަން ދުވަހެވެ. ހެނދުނުއްސުރެ ހަވީރުވީއިރުވެސް، އަރުތެރެއަށް ފެންފޮދެއް ލާނެ ވަގުތުވެސް ނުވިއެވެ. ބޯލަން ލިބުނީ ހަމައެކަނި ކަޅު ސައިތައްޓެކެވެ." ރާފިޢާ އޭނާގެ ކުދިންނަށް ސާފުކޮށްދިނެވެ.

"މަންމާއެވެ! މަންމަ ސްކޫލުގައި އެހާ ބުރަކޮށް މަސައްކަތްކުރާއިރު، އަމިއްލަ ނަފުސަށްވެސް ވިސްނާލައިގެން މަސައްކަތް ކޮށްބަލާށެވެ! ނުކައި ނުބޮއެ މަސައްކަތްކުރާނީ ކިހިނެއް ހެއްޔެވެ؟" ޞިދްރާ މަންމައަށް ވިސްނައި ދިނެވެ.

"ތިކަން މަންމަގެ ވިސްނުމުގައިވެސް ބަހައްޓަމެވެ. އެކަމަކު އިންސާނާ ކަމެއްކުރާއިރު، އެކަމެއް ކުރަންވާނީ ފުރިހަމައަށް ޒިންމާ އުފުއްލައިގެން އެކަމެއްގައި އޮންނަ އެންމެ ރަނގަޅަކަށެވެ. އެމީހެއްގެ ޤާބިލްކަން ހުންނަ މިންވަރަކުންނެވެ. ކަމެއްކުރަންޏާ އެކަމެއް ކުރަންވާނީ ރަނގަޅަށެވެ. އެހެން ނޫނީ އެކަމެއް ނުކުރާނީއެވެ." ރާފިޢާ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"ނޯކިރީއެއް ނުކުރަން އަހަރެން ނިންމައިފީމެވެ. ނޯކިރީއެއްކުރަމުން ދިރިއުޅުމުގެ މަޖާ ޙާޞިލްކުރެވޭނެގޮތެއް އޮވޭ ހެއްޔެވެ؟" ޝެހްނީލާ މަންމައާ ސުއާލުކުރިއެވެ.

"ނޯކިރީއެއްނުކޮށް މަޖާކުރެވޭނެ އޮންނަނީ ހަމަ އެންމެ ގޮތެކެވެ. އެއީ މީހަކާ އިނުމެވެ." ޞިދްރާ ޝެހްނީލާއަށް ނަޞޭޙަތް ދިނެވެ.

"މީހަކާ އިނީމަ، މަޖާކުރެވޭނެކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ކައިވެނީގެ ފަހުން އަންހެންކުއްޖާ އުޅެންޖެހޭނީ ފިރިމީހާގެ އަޅެއްގެ ގޮތުގައެވެ. އެއީ މުޖްތަމަޢުގައި އަހަރެމެން އަންހެނުންނަށް ޙައްޤު މިންވަރެވެ." ކަޝަފް ސުއާލުކުރިއެވެ.

"އެހެންނެއް ނޫނެވެ. ތިހެން ނުބުނާށެވެ." ރާފިޢާ އޭނާގެ ތިންކުދިންނަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް، ކަޝަފް ހިމޭނަކުން ނުއިނެވެ.

"މަންމާއެވެ! ޙަޤީޤަތަކީ އެއީއެވެ. ކައިވެންޏަށްފަހު، އަންހެންކުއްޖާ އުޅެންޖެހޭނީ ފިރިމީހާގެ އަޅެއްގެ ގޮތުގައެވެ. އެއްވެސް މިނިވަންކަމެއް ނޯންނާނެއެވެ. އަމިއްލަ އުފާ ޤުރުބާންކުރަންޖެހޭނީ ފިރިމީހާއާ އޭނާގެ ޢާއިލާއަށެވެ." ކަޝަފް ބުންޏެވެ.

ހަތަރުމައިންގެ މެދުގައި މިކަމުގެ ބަހުސް ކުރިޔަށް ދިޔައެވެ. އެކުދިން ކައިވެންޏާމެދު މާޔޫސް ނުކުރުމަށް ރާފިޢާ، ކަޝަފްގެ ކިބައިން އެދުނެވެ. އެހެންނަމަވެސް، ޙަޤީޤަތަކީ އެއީކަމުގައި ބުނެ ކަޝަފް އޭނާގެ ބަސް ގަދަ ކުރިއެވެ.

"ކަޝަފްގެ ވިސްނުމަށް ތިކަހަލަ އިދިކޮޅު ޚިޔާލު އަންނަނީ ކީއްވެ ހެއްޔެވެ؟ ތަންކޮޅެއް އުއްމީދީ ނަޒަރަކުން ކަންކަމުގައި ވިސްނަ ބަލާށެވެ." ރާފިޢާ އޭނާގެ ދޮށީ ދަރިފުޅު ކަޝަފަށް ނަޞޭޙަތް ދިނެވެ.

ކައިވެންޏާއި ދިރިއުޅުމާބެހޭ ބަޙުސް ހުއްޓުވާލީ ޞިދްރާ އެވެ.

"ކަޝަފްގެ ޔުނިވަރސިޓީ އެޑްމިޝަންގެ ކަންތައްތައް ދަނީ ކިހިނެއް ހެއްޔެވެ؟" ޞިދްރާ ސުއާލު ކުރިއެވެ.

"ގޯހެއްނޫނެވެ. ދާންވާގޮތަށް ކުރިޔަށް ދާނެ ނޫންހެއްޔެވެ." ކަޝަފްގެ ކުރު ޖަވާބާގުޅިގެން ރާފިޢާގެ ހިތަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ލިބުނެވެ.

"އަހަރެންގެ ޔުނިވަރސިޓީ އެޑްމިޝަންގެ ކަންތައް ނިމޭނީ ކިހިނެއްކަން އަހަރެންނަށް އެނގެއެވެ." ކަޝަފްގެ މިޖަވާބާގުޅިގެން ރާފިޢާ ކަންބޮޑުވިއެވެ. އަދި އެއީ ކިހިނެއްތޯ ކަޝަފާ ސުއާލުކުރިއެވެ.

"އެތަނަށް މުޅިންވެސް ދިޔައީ މުއްސަނދި މަހުޖަނުންނެވެ. މަހުޖަނުންގެ ކުދިން ގޮވައިގެންނެވެ. އަހަރެން ފޯމުތައްލީވެސް މަންމަ ކީވަރުންނެވެ. އެއީ އަހަރެމެންނާ އެކަށީގެންވާ ކަންކަމެއްނޫނެވެ." ކަޝަފްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"ދައްތާއެވެ! ތިހާ ބޮޑަށް އިދިކޮޅު ވިސްނުން ތިގެންގުޅެނީ ކީއްވެ ހެއްޔެވެ؟" ޞިދްރާ އޭނާގެ ދައްތައާ ސުއާލުކުރިއެވެ.

"އެއީ އިދިކޮޅު ވިސްނުމޭ ތިބުނަނީ ކީއްވެ ހެއްޔެވެ. އަހަރެން މިބުނަނީ ތެދަށް، ޙަޤީޤަތަށް، އެކަން އޮތްގޮތަށެވެ. މިދުނިޔޭގައި މުއްސަނދިންނަށް އޮންނަނީ މޮޅުގޮތެވެ. ފަޤީރުންނަށް ދެރަގޮތެވެ." ކަޝަފްގެ ޖަވާބު އަވަސްވެފައި ސާދާއެވެ.

"ދަރިފުޅާއެވެ! އިންސާނާގެ ހިތް ނާއުއްމީދުން ތަޣައްޔަރުކުރާކަށް ނުވާނެއެވެ. އަބަދުވެސް އުއްމީދުކުރަންވާނީ ރަނގަޅަށެވެ. ދުނިޔޭގައި އުޅެންޖެހޭނީ ދިރުންހުރި އުއްމީދެއްގައެވެ. އެހެން ނޫނަސް ތަޤްދީރުގައި ކަމެއް ލިޔުއްވާފައި އޮތްނަމަ އެގޮތަކަށް އެކަން ހިނގާނެއެވެ. އިންސާނާ އޭނާގެ ދިރިއުޅުން ބަދަލުކުރުމަށް ލައްކަ މަސައްކަތް ކުރާނެއެވެ. ކުރިމަތިވާ ޙާލަތާމެދު ސުއާލު އުފައްދާނެއެވެ. އެޑްމިޝަން ހަމަޖެހޭތޯ މަސައްކަތް ކުރުމަށް، ދަރިފުޅު ކުރި މަސައްކަތާއި އުއްމީދަކީ ރަނގަޅު ފާލެކެވެ. އެޑްމިޝަން ހަމަޖެހުނަސް އަދި ހަމަނުޖެހުނަސް އެއީ ﷲ ގެ މިންވަރުފުޅުގައި އޮތްގޮތްކަން ޤަބޫލުކުރަން ވާނެއެވެ. އިރާދަކުރެއްވިއްޔާ، ދަރިފުޅުގެ އެޑްމިޝަންގެ ކަންތައް ހަމަޖެހޭނެއެވެ." ރާފިޢާ އޭނާގެ ދަރިފުޅަށް ހިތްވަރު ދިނެވެ.

"ނާއުއްމީދުން ހިތް ނުތަނަވަސްވެގެން ދިރިއުޅެމުން ދާއިރު، ކަންކަން ރަނގަޅަށް ހަމަޖެހޭނެކަމަށް ބަލައިގެން ތިބުމުގައި އޮތް ފައިދާއަކީ ކޮބައި ހެއްޔެވެ؟ އަހަރެމެން ކަންކަމަށް އުއްމީދުކުރަންވާނީ އަހަރެމެންގެ ޙާލަތާ އެއްމިންގަނޑެއްގައި، އަހަރެމެންގެ ވަރުން ނޫންހެއްޔެވެ. އަހަރެމެންނާ އެކަށީގެންނުވާ ކަންކަމަށް އުއްމީދުކުރީމާ ހަލާކުވާނީ ހިތެވެ." ކަޝަފް އޭނާގެ މަންމައާ ސުއާލުކުރިއެވެ.

ކަޝަފްގެ ޔުނިވަރސިޓީ އެޑްމިޝަންގެ ކަންތަކާ ޢާއިލާގެ އެންމެންވެސް ތިބީ، ޙަޤީޤަތުގައި ކަންބޮޑުވެފައެވެ. އެހާ ނިކަމެތި ޢާއިލާއަކަށް އެފަދަކަމެއް ފުރިހަމަވެދާނެކަމުގެ ޝައްކުމަތީގައެވެ. ކަޝަފަކީ ތޫނުފިލި، ކިޔެވުމަށް މޮޅު ކުއްޖެކެވެ. މެރިޓަށް ނުވަތަ ޙާޞިލްކޮށްފައިވާ ނަތީޖާއަށް ބަލާނަމަ، ކަޝަފާ ވާދަކުރެވޭނެ، ތިބޭނީ މަދު ކުދިންކޮޅެކެވެ. އެހެންނަމަވެސް، މުޖުތަމަޢުގައި އަގުކުރެވެމުންދަނީ މުއްސަނދި މަހުޖަނުންގެ ބަހެވެ. ވިކެމުންދަނީ އެބައިމީހުންގެ ބަހަނާއެވެ. އަމިއްލަ ޔުނިވަރސިޓީތައް ހިނގަމުންދަނީ މުއްސަނދިންގެ ޖީބުން ހަދިޔާކުރެވޭ ޚައިރާތުންނެވެ. އޭގެނަތީޖާއަކަށް ވެގެންދަނީ، މުއްސަނދިންގެ ދަރިންނަށް ނުޙައްޤު ފުރުޞަތުތައް ތަޢުލީމީ ދާއިރާއިންވެސް ތަނަވަސްވެގެން ދިއުމެވެ. ހަރުދަނާ ބައެއް ސިކުނޑިން އެހެންގޮތަކަށް ދެކެ، ކަންކަން ބަދަލުކުރަން އުޅުނަސް، ޙަޤީޤަތްވާނީ ހަމަ ޙަޤީޤަތަށެވެ. ކަޝަފްމެންފަދަ ފަޤީރު ޢާއިލާއަކަށް ޙާޞިލްކުރަން އުނދަގޫ އެތައްކަންތައްތަކެއް މުޖުތަމަޢުގައި އެބަހުއްޓެވެ. ކަޝަފްގެ ޔުނިވަރސިޓީ އެޑްމިޝަންއަކީ އޭގެ ތެރެއިން އެއްކަމެވެ. ކަޝަފް، ކިތަންމެހައިވެސް މޮޅުވެފައި ތޫނުފިއްޔެވެ. އެކަމަކު އޭނާގެ ޢާއިލާ އެހާ ފަޤީރުވެފައި ނިކަމެއްޗެވެ. ދިރުމެއްނެތް އުއްމީދެއްނޫނީ އެޢާއިލާއަށް ދަރަޖަކުރެވިގެން، ޙައްޤުވެގެންނެއް ނުވެއެވެ.  އަންހެން ކުއްޖަކަށްވީތީވެސް ލިބުން ޙައްޤުނުވާ އެތައް މޮޅެއް މުޖްތަމަޢުގައި ހުންނާނެއެވެ. އެހެންނަމަވެސް، ތަޤްދީރަކީ އިންސާނާ ބޭނުންވާހާ ގޮތަކަށް ބަދަލުކުރެވޭނެ އެއްޗެއްނޫނެވެ. އެކަން ޤަބޫލުކުރެވޭ ވަރަށްވުރެ ކަޝަފްމެންގެ ދިރިއުޅުމުގެ ޙާލަތު ނިކަމެއްޗެވެ. ދިރިއުޅުމުގެ ތަޖުރިބާގެ ހިތިކަން އެހާ ބޮޑެވެ.

------------------------

އެންމެފަހުން، ސާރާ ގޮވައިގެން އޭނާގެ ރަޙުމަތްތެރިޔާގެ ގެޔަށް ޑްރޮޕް ކޮށްދޭން ދާންޖެހުނީ ޒަރޫނަށެވެ. ހަލަބޮލިމަގުމަތީ ބަރުގޮނުގެ އަޑުފަށްގަނޑު ނޫން އެހެން އަޑެއްނީވެއެވެ. ދެމީހުންކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. ދެމީހުންވެސް ތިބީ ހިތްހަމަ ނުޖެހިފައެވެ. ލިބިފައިއޮތް ހިމޭންކަން ކަނޑުވައިލީ ޒަރޫނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.