(4 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ހަމަޖެހިލުމަށްޓަކައި ކުޑަ ހިނދުކޮޅަކު މަޑުކޮށްލިއެވެ. ތެޅެމެންދާ ހިތް މައިތިރި ކުރެވޭތޯ މަސައްކަތް ކޮށްލިއެވެ. އެޔަށް ފަހު ވަރަށް މަޑުމަޑުން ތަޅުގެ އަތްގަނޑުގައި ހިފައިލިއެވެ. ވަރަށް ފަރުވާތެރިކަމާއެކު އަނބުރައިލިއެވެ. އީމާން އެނބުރި ބަލައެއް ނުލިއެވެ. ގޮނޑި ހުރީ ހުހަށެވެ. ކޮޓަރީގެ އެއް ކަނުގައި ނަމާދުކުރަން އީމާން ހުއްޓެވެ. އުއްމީދު އިރުކޮޅަކު ގާވެފައި ކަހަލަ ގޮތަކަށް ހުއްޓެވެ. "އޭނާ ނަމާދުކުރަނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަކީ..." އޭނާގެ ހިތުގައި އޮތް ބިރުވެރިކަން ކުރިއަށްވުރެ ބޮޑު ވެއްޖެއެވެ.
އޭނާ ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އޮފީހުން ބުނި ގޮތުގައި އެއީ އީމާން ޢަލީއެއް ނޫނެވެ. ޑެނިއަލް އެޑްގަރޭ ބުނެލުމާއެކު ހުރިހައި މައުލޫމާތެއް އޮފީހުން ދިނެވެ. އެކަމަކު އީމާން އޭނާ ގާތު ބުނެފައި އޮތީ އޮފީހަށްވެސް އޭނާގެ އައު ނަން އެނގޭ ކަމަށެވެ. އެމެރިކާގެ ވިސާ އޭނާ ޖެއްސީ ދީނީ ކަމެއްގައި ބައިވެރިވާން އެމެރިކާއަށް ދާށެވެ. އެއީ ކޮން ކަހަލަ ދީނީ ކަމެއް ބާވައެވެ؟ އީމާންގެ ބޮޑުބޭބެވެސް ބުނީ އޭނާ ދީން ބަދަލު ނުކުރާ ކަމަށެވެ. އަދި އުއްމީދާ އިނީ ދެމީހުން ވާހަކަ ދައްކައިގެން އެމީހެއްގެ ދީނުގައި އެމީހަކު އުޅޭ ގޮތަށް އެއްބަސްވެގެން ކަމަށްވެސް ބުންޏެވެ. ދެން ވީ ކިހިނެއް ހެއްޔެވެ؟ ދަރިއަކު ލިބޭން ކައިރިވެފައި ވަނިކޮށް އޮފީހުން ކެނޑުނީއެވެ. ބޭންކުގައި ހުރި ފައިސާ ނެގުމަށް ފަހު އެކައުންޓުވެސް ބަންދުކުރީއެވެ. އޭނާގެ ލިޔުންތައް ގެޔަކު ނެތެވެ. އޭނާގެ މައިންބަފައިން ކުއްލިއަކަށް ގެއްލިއްޖެއެވެ. ގެ ވިއްކައިލައިފިއެވެ. އީމާން ދެކޮޅު ހަދާނީ މިއިން ކޮން ހެއްކަކާ ހެއްޔެވެ؟ އޭނާޔާ ނުގުޅައިވެސް އީމާން މަހެއްހައި ދުވަސް ހޭދަކޮށްފިއެވެ. މި ހުރިހައި ކަމަކަށް ބަލައިފައި އީމާން އޭނާ ދޫކޮށްލައިފައި ދިޔައީ ކަމަށް ގަބޫލުކުރުން ނޫން އެހެން ގޮތެއް އޭނާއަކަށް ނެތެވެ.
މި ހުރިހައި ހެކިތަކެއް މިހެން ހުއްޓައިވެސް އީމާން އެނބުރި އައި އައުން އޭނާއަކަށް ރަނގަޅަކަށް ވިސްނައެއް ނުގަނެވުނެވެ. ހުރިހައި ކަމެއް ބޭނުންވާ ގޮތަށް ކޮށް ނިންމާފައި ދިޔަ މީހަކު އެނބުރި އައީ ކީއްކުރަން ހެއްޔެވެ؟ އޭނާއަށް އެނބުރި އަންނާން މަޖުބޫރުވީ ކީއްވެގެން ހެއްޔެވެ؟ ކޮން ކަމެއް ނުކުރެވި އޮވެގެން ހެއްޔެވެ؟
މި ފަހަރު ލަސްކޮށްގެން ވާކަށް ނޯންނާނެއެވެ. އަނެއްކާވެސް ފިލައިގެން ދިއުމުގެ ކުިރިން މިރޭ ހުރިހައި ކަމެއް ނިންމައިލާން ވާނެއެވެ. މިހާރު އެހެރީ ނަމާދު ކުރާށެވެ. ކީއްކުރަން ބާވައެވެ؟ އެ ވަގުތު އޭނާގެ ހިތަށް ބާވަތެއްގެ ޚިޔާލެއް ވަދެއްޖެއެވެ.
"އަހަރެން އަންނާނެކަން އެނގިގެން އަހަންނަށް ދައްކާން ވެގެން ނަމާދުކުރަނީ ބާވައެވެ؟" އޭނާ ހަރަކާތެއް ނެތިފައި ހުރެއްޖެއެވެ. "އެކަމަކު އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން އަންނާނެކަން އޭނާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ފިޔަވަޅުގެ އަޑު އިވުނީ ހެއްޔެވެ؟ އެނގުނު ކަމުގައި ވިޔަސް ނަމާދުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް އޭނާޔާ ބެހޭ ހުރިހައި ކަމެއް ރަނގަޅަށް އެނގިއްޖެކަން އެނގުނީކީއެއް ނޫން ބާވައެވެ؟ މީގެ ކުޑަ އިރުކޮޅެއް ކުރިން އޭނާޔާ ދިމާއަށް މަކަރުވެރިއެކޭ ދޮގުވެރިއެކޭ ބުނީމާ ވިސްނައިގަތީ ހެއްޔެވެ؟ ފިސްތޯލަ ގެއްލުނީމާ މާ ބޮޑަށް ފަރުވާތެރިވީ ހެއްޔެވެ؟ ފިސްތޯލައިން ހަމަލައެއް ދީފާނެ ކަމަށް ހީކުރެވުނީ ބާވައެވެ؟ ދިރާސީކޮޓަރީގައި މަޑުކުރަން ނިންމީ އެހެން ވެގެން ކަމުގައި ވެދާނެއެވެ. އަހަރެން އަންނާނޭކަން އެނގުނީއެވެ. އެހެންވީމާ އަނެއްކާވެސް އޭނާއަށް އޮޅުވައިލާން މަސައްކަތް ކުރަނީއެވެ."
އީމާން ނަމާދުކުރާ ތަން ބަލަހައްޓާއިގެން ހުރި އިރު އޭނާ ގެންދިޔައީ އެއް ކަމެއް އަނެއް ކަމާ ގުޅުވަމުން ނަތީޖާ ނެރެމުންނެވެ. "އޭނާއަށް ހުރިހައި ކަމެއް އެނގުނީއެވެ. މިހާރު ދެމީހުން އެކަކު އަނެކަކާއެކު ފީކޯތް ކުޅެނީއެވެ. ހެނދުނު އަހަރެން އޭނާއަށް މަކަރު ހެދީއެވެ. މިހާރު އޭނާ އަހަންނަށް މަކަރު ހަދަނީއެވެ."
އޭނާގެ ތުންފަތްމައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. ދޮރު ލައްޕައިލުމަށް ފަހު އޭނާ ވަގު ފިޔަޅުތަކެއް އަޅަމުން ފޮތް ހަރުގަނޑާ ދިމާއަށް ހިނގައިގެންފިއެވެ. ކައިރިއަށް ދިއުމަށް ފަހު ފޮތްތައް ދުރުކުރަން ފެށުމުގެ ކުރިން އެނބުރި ބަލައިލިއެވެ. އީމާން އޭރު އޮތީ ރުކޫޢުގައެވެ. އޭނާ ފަރުވާތެރިކަމާއެކު ފޮތްތައް ކުޑަކޮށް ދުރުކޮށްލުމަށް ފަހު ފިސްތޯލަ އޮތްތޯ ބަލައިފިއެވެ. އޭނާ ގަނޑުވީ ކަހަލައެވެ. ބޭއްވި ތަނަކު ފިސްތޯލައެއް ނެތެވެ. އޭނާގެ އަތް ތުރުތުރުއަޅާން ފަށައިފިއެވެ. އީމާނަށްޓަކައި ފަތުރައިލީ ދަލުގައި ޚުދު އޭނާ ޖެހުނީ ބާވައެވެ؟ އެނބުރި ބަލައިލާކަށްވެސް ނުކެރުނެވެ. މިހާރު އީމާން ހުންނާނީ ނަމާދުކުރުން ހުއްޓައިލާފައި އޭނާޔާ ދިމާއަށް ބަލަހައްޓައިގެންނެވެ. މިހާރު މަލާމާތުގެ ފާޑަކަށް ހިނިތުންވާނެކަން ގައިމެވެ. އޭނާ ތުރުތުރުއަޅާ އަތަކުން ފޮތްތައް ހުރި ތަނުގައި ބަހައްޓައިފިއެވެ. އެނބުރި ބަލައިލުމަކީ ބަލި ގަބޫލުކުރުމެވެ. އެކަމަކު ބަލައިނުލައެއްވެސް ނުވާނެއެވެ. ބަރު ގޮތަކަށް އޭނާ އެނބުރިލިއެވެ. އީމާން މިހާރު އޮތީ ސަޖިދައިގައެވެ.
"އަހަންނަށް އޮޅުވައިލާން އެ އުޅެނީ ކިހައި ވަރަކަށް ހެއްޔެވެ؟ އަދިވެސް ނުފުދެނީ ހެއްޔެވެ؟ ހުރިހައި ކަމެއް ރަނގަޅަށް އެނގި، އަހަރެން މި އުޅެނީ ތިމަން މަރައިލާންކަން އެނގޭއިރުވެސް މަކަރު ހަދަނީއެވެ. ހައިރާނެއް ނުވާނެ ހެއްޔެވެ؟"
އެ ވަގުތު އޭނާގެ ނަޒަރު ހުއްޓުނީ އީމާންގެ މޭޒު މައްޗަށެވެ. މޭޒުމަތީގައި ފެންނާން އެ އޮތީ ފިސްތޯލައެވެ. އިތުރު ވިސްނުމަކާ ނުލައި އޭނާ އެ ދިޔަ ގޮތަށް ގޮސް ފިސްތޯލަ ނަގައިފިއެވެ. ކުއްލިއަކަށް އޭނާގެ ގައިގައި ވަރު ޖެހުނު ކަހަލައެވެ. އާދަޔާ ޚިލާފު ހިތްވަރެއް ލިބިއްޖެއެވެ. އޭނާ ފިސްތޯލަ ހިފައިގެން ގޮސް އީމާންގެ ފުރަގަހުގައި ހުއްޓިއްޖެއެވެ. ނަމާދުކުރަން ހުއްޓަސް ކޮޓަރިތެެރޭގައި ހިނގާ ކަންތައްތައް އީމާނަށް އެނގޭނޭކަން އޭނާއަށް ޔަގީނެވެ. އޭނާ ސީދާ އީމާންގެ ބުރަކަށްޓަށް އަމާޒު ކުރުމަށް ފަހު ލޯ މަރައިލާފައި ޓްރިގަރަށް ފިތައިލާން އުޅުނެވެ. އެކަމަކު ބަޑި ޖަހާކަށް ނުކެރުނެވެ. އޭނާ ލޯ ހުޅުވައިލިއެވެ.
"މި ކަލޭގެ އަހަންނަށް މަކަރު ހަދަނީއެވެ. ނަމާދުކުރަނީވެސް އަހަންނަށް އޮޅުވައިލާން ވެގެންނެވެ. އެކަމަކު މުސައްލަމަތީގައި އިންދައި މަރައިލާކަށް ނުވާނެއެވެ. ފަތިހު ކުރަން އޮތް ކަމެއް ކުރަން އަދި އިރުކޮޅަކު އިންތިޒާރުވެސް ކުރެވިދާނެތާއެވެ. ދެން މާ ގިނަ އިރެއް ނެތެވެ."
އޭނާ އެނބުރި ގޮސް ފޮތް ހަރުގަނޑު ކައިރީގައި ހުއްޓިއްޖެއެވެ. ހަރުގަނޑަށް ފުރަގަސް ދީގެން އީމާން ރަނގަޅަށް ފެންނަ ގޮތަށެވެ. މިހާރު އީމާން ސަލާން ދެނީއެވެ. އުއްމީދު އަވަސްއަވަހަށް ފިސްތޯލަ ފުރަގަހަށް ލައިފިއެވެ. ސަލާން ދިނުމަށް ފަހު އެ އިންގޮތަށް އިނދެފައި އޭނާ އެނބުރި ބަލައިލިއެވެ.
"އުއްމީދު. ކަމަކުތަ؟"
"އާނ. މި އައީ ވާހަކައެއް ދައިކައިލާން ވެގެން."
އީމާން އިރުކޮޅަކު ބަލަހައްޓައިގެން އިނދެފައި އަނެއްކާވެސް ގިބުލައާ ދިމާއަށް އެނބުރިލިއެވެ. "ނަމާދުކޮށްގެން ވާހަކަދައްކަމާ ހިނގާ."
"ނޫން. ފުރަތަމަ ވާހަކަދައްކާނީ. ނަމާދުކުރުން ހުއްޓައިލާފައި އަހަރެން ދައްކާ ވާހަކަ އަޑުއަހާ."
"ދެން އޮތީ އެންމެ ދެ ރަކުޢަތް. އަހަރެމެންގެ ވާހަކަ ވަރަށް ދިގުދެމިގެން ދާނެކަން އުއްމީދަށްވެސް އެނގޭނެ. އެހެންވީމާ ނަމާދު ނުކޮށް ހުންނާކަށް ބޭނުމެއް ނޫން."
މި ވަގުތު އޭނާ ހިތާހިތުން އީމާނާ ދިމާއަށް އެ ގޮވި ހުތުރު އެއްޗިއްސަކީ އޭނާ ދުވަހަކުވެސް މީހަކާ ދިމާއަށް ގޮވައިފާނަމޭވެސް ހިތަށް އެރި ކަހަލަ އެއްޗިސެއް ނޫނެވެ. "ތިޔަ ނަމާދުކުރަނީ އަހަންނަށް ކޮން ކަމެއް ދައްކަން ވެގެން ކަމަށް ހެއްޔެވެ؟ އަދި ނުކުރެވި ކަމެއް އޮތީ ހެއްޔެވެ؟ ދާން ތިޔަ އުޅެނީ ކޮން ކަހަލަ ސުވަރުގެއަކަށް ހެއްޔެވެ؟" އޭނާ ދަތްކުނޑި ވިކައިލިއެވެ.
އިތުރު ދެ ރަކުޢަތް ކޮށް ނިންމުމަށް ފަހު އީމާން ދުޢާކުރަން އަތް އުފުލައިލިއެވެ. ދުޢާކޮށް ނިންމުމަށް ފަހު މުސައްލަ ނަގައި ދުރުގައި ބޭއްވުމަށް ފަހު ކޮޅަށް ތެދުވެ އެނބުރިލިއެވެ. އެ ވަގުތު އޭނާގެ ފިޔަވަޅު ހުރިތާނގައި ތަތްލިއެވެ. އުއްމީދު ހުރީ އޭނާޔާ ދިމާއަށް ފިސްތޯލަ ދިއްކޮށްގެންނެވެ. ފެންނަ މަންޒަރަކީ ހަގީގަތެއް ކަމަކަށް އީމާނަކަށް ގަބޫލެއްވެސް ނުކުރެވުނެވެ.
އީމާން ޓްރިގަރަށް ފިތައިލިއެވެ. އެއް ފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. ކޮޓަރި ތެރެއަށް ބަޑީގެ އަޑު އަރައިގެންނެއް ނުދިޔައެވެ. އީމާންގެ ގަޔަކަށް އުންޑައެއްވެސް ނޭރިއެވެ. ފިސްތޯލަ އޮތީ ހުހާއެވެ. އޭނާ ހައިރާންވިއެވެ. ފިސްތޯލަ ފޮރުވުމުގެ ކުރިން އޭނާ އުންޑަ ހުރިތޯ ބެއްޔެވެ. އޭރު ހުއްޓެވެ. އީމާން އުންޑަ ނެގީބާވައެވެ؟
"ކިހިނެއްވީ؟ އުއްމީދު ތިޔަ އުޅެނީ އަހަރެން މަރައިލާން ވެގެންތަ؟" އީމާންގެ ސުވާލުގެ އަޑު އިވުމާއެކު އޭނާ ހަމައިން ނައްޓައިލައިފިއެވެ.
"އާނ. އަހަރެން މި އުލެނީ ކަލޭ މަރައިލާން. ކަލެއަށް ހައްގު އަދަބަކީ އެއީ." އޭނާ އަޑުގައި ނެތް ތަނަށް ހަޅޭއް ލަވައިގަތެވެ.
"ކީއްވެގެން؟ އަހަރެން މަރައިލާން ބޭނުން ވަނީ ކީއްވެގެން؟" މިހެން އޭނާ ހަޅޭއް ލަވަނިކޮށް އީމާން ދުވަހަކުވެސް ނުދެކެއެވެ.
"ކަލެޔާ ބެހޭ ހުރިހައި ކަމެއް އަހަންނަށް އެނގިއްޖެ. ހުރިހައި ކަމެއް."
"އަހަރެން މަރައިލާން ޖެހޭ ވަރުގެ އެއްވެސް ކަމެއް އަހަރެން ނުކުރަން. މަރު ހައްގުވާ ވަރުގެ ކަމެއް ސިއްރެއްވެސް ނުކުރަން."
"ދޮގު ނުހަދާ. ތިޔަ ވަރަށް ދޮގު ނުހަދާ. އަހަންނަށް ހުރިހައި ކަމެއް އެނގިއްޖެއޭ ބުނީމާ ދޮގު ހެދުން ހުއްޓައިލާން ވެއްޖެއެއްނު؟" އަދިވެސް އުއްމީދުގެ އަޑު މަޑެއް ނުވެއެވެ.
"އެނގުނީ ކޮން ކަމެއް؟" އީމާން އަދިވެސް ހުރީ ލިބުނު ސިހުމުން އަރައިނުގަނެވިއެވެ.
"ކަލޭ ތިޔައީ ޑެނިއަލް އެޑްގަރ. ބޮޑު މުނާފިގެއް. މަކަރުވެރިއެއް. ދޮގުވެރިއެއް. ހަޔާތްކުޑަ މީހެއް. މަކަރާއި ހީލަތުގައި ދެވަނައެއް ނެތްވަރުގެ މީހެއް." އުއްމީދު ހީވަނީ ކަރަންޓުގައި ޖެހިފައި ހުރި މީހެއް ހެންނެވެ.
"ޑެނިއަލް އެޑްގަރ؟" ޔަގީންކަމެއް ނެތް ކަހަލަ ރާގަކަށް އީމާން އެ ނަން ކިޔައިލިއެވެ.
"ކަލޭ އަހަންނާ ދޭތެރޭ ކަންތައް ކުރި ގޮތަކީ ކަލޭގެ ލޭގައި ހިފާފައި ހުރި އާދައެއް. ކަލެއަކީ ޔަހޫދީއެއްނު؟ ޔަހޫދީންނަކީ މަކަރުވެރި ބައެއް. ކަލޭ ހީކުރީ ކީކޭ ކަމަށްތަ؟ އަހަންނާއެކު ފާފަވެރި ދިރިއުޅުމެއް އުޅުނީމާވެސް އަހަންނަށް އެއްވެސް ކަމެއް ނޭނގޭނެ ކަމަށްތަ؟ އެނގުނީމާވެސް އަހަރެން ހިމޭނުން ދެ އަތް އުރާލައިގެން ހުންނާނީ ކަމަށްތަ؟ ސުލްހަވެރި ވާނީ ކަމަށްތަ؟ ޑެނިއަލް އެޑްގަރ. މި ވަގުތު އަހަންނަށް ކަލޭ ފެންނަނީ ނަޖިހެއްގެ ސިފައިގައި. އަހަރެން ފަކުރު ގަންނަނީ ކިހައި ވަރަކަށް ކަމެއް ލަފާ ކޮށްލާކަށްވެސް ކަލެއަކަށް ނޭނގޭނެ."
"އަހަރެންގެ ނަމަކީ އީމާން ޢަލީ. އަހަންނަށް ޑެނިއަލް އެޑްގަރޭ ނުކިޔާ." އީމާން ރުޅިވެރި ރާގަކަށް ބުނެލިއެވެ.
"ނަން ބަދަލު ކުރިޔަސް ކަލޭގެ ޚަސީލަތަކަށް ބަދަލެއް ނާންނާނެ. ނަން ބަދަލުކުރީ ކާކަށް އޮޅުވައިލާނަމޭ ހިތައިތަ؟"
"އަހަންނަކީ ޔަހޫދީއަކީމެއް ނޫން. އަހަރެންގެ ނަމަކީ ޑެނިއަލް އެޑްގަރެއްވެސް ނޫން. މީގެ ފަހުން އަހަންނަށް އެނަން ކިޔައިފިއްޔާ އަނގަމަތީގައި އެތިފަހަރެއް ޖަހާނަން." އީމާންގެ ލޮލަށް ރަތްކުލަ ވެރިވެއްޖެއެވެ.
އުއްމީދު ކައިރިއަށް ޖެހިލާފައި އަތުގައި އޮތް ފިސްތޯލައިން އީމާންގެ ބޮލަށް އެތިފަހަރެއް ބާލައިފިއެވެ. އީމާން ރެކިގަންނާން އުޅުނު ނަމަވެސް ބޮލުގައި ޖެހިއްޖެއެވެ. ވީ ތަދެއްގެ ބޮޑުކަމުން އޭނާއަށް ކުކުރައިލެވުނެވެ.
"ކަލެއަކީ ޑެނިއަލް. އީމާން ޢަލީއެއް ނޫން."
އީމާން ރުޅިވެރިކަމާއެކު ކުރިއަށް ޖެހިލިއެވެ. "ދެން ނިކަން އެހެން ކިޔާބަލަ." އީމާން މި ފަހަރު ތަންކޮޅެއް ބާރަށް ބުނެލިއެވެ.
"އެ ނޫން ނަމެއް އަހަރެން ނުކިޔާނަން. އެއީ ކަލޭގެ ނަން. ޑެނިއަލް."
ކަންކަށި މައްޗަށް އެރި އެތިފަހަރުގެ ބާރުކަމުން އުއްމީދު އަރިއަޅާލައިގެން ވެއްޓިއްޖެއެވެ.
"ތިޔަ އުޅެނީ އަހަންނަށް ކޮން ކަމެއް ދައްކާނަމޭ ހިތައިތަ؟ މާ ރަނގަޅު އިސްލާމަކަށް ހެދެން ނޫޅޭ. ބުނެފީމެއްނު ކަލެޔާ ބެހޭ ހުރިހައި ކަމެއް އަހަންނަށް އެނގިއްޖެއޭ. އަހަރެންގެ ކަންކަށިމަތީގައި ޖެހުމުގެ ކުރިން އޮފީހަށް ގޮސް އޮފީހު މީހުންގެ ގައިގައި ތަޅައިގަނޭ. އެމީހުންވެސް ކަލެއަށް ކިޔަނީ ޑެނިއަލޭ. އެކަކުވެސް އީމާން ޢަލީއެއް ނުދަނޭ. އެންބަސީ މީހުންވެސް ކަލެއަށް ކިޔަނީ ޑެނިއަލް. އެމީހުންގެ ގައިގައި ތަޅައިގަންނާން ދޭ."
އޭނާ ކޮޅަށް ތެދުވެއްޖެއެވެ. އީމާން ކުއްލިއަކަށް ފަހަތަށް ޖެހިލައިފިއެވެ.
"ހުރިހައި ލިޔުމެއްގައިވެސް ކަލޭގެ ނަމަކަށް އޮތީ ޑެނިއަލް އެޑްގަރ. އަހަރެންގެ ކުރިމަތީގައި އީމާން ޢަލީއަށް ހެދިގެން އުޅުނީ ކީއްކުރަން؟ މުޑުދާރު ގޮނޑަކަށް އަހަރެން އެއްލައިލީ ކީއްވެގެން؟ އިސްލާމަކީމޭ ކިޔައިގެން އޮޅުވައިލީ ކީއްވެގެން؟ މިހާރު ތިޔަ އުޅެނީ އަހަރެންގެ ފުށުން ސަލާމަތް ވެގެން ދާންތަ؟"
އީމާން އަނގައިންވެސް ނުބުނެ ބަލަހައްޓައިގެން ހުރީއެވެ.
(ނުނިމޭ)
Vvvv.eeethi aabayakah inthizaaru kuranee