އުއްމީދު - 4

(2 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ކަމުނުދަނީ ކީއްވެގެން؟ އޭނާޔާ އުއްމީދު އިންނަން ނިންމާފައި އޮންނަތާ މިހާރު ނުވަ އަހަރު ވެއްޖެ. އެންގޭޖުވީ އުއްމީދުގެ ރުހުމާއެކު. ބައްޕައަށް ކިޔަމަންތެރިވާ ކުއްޖާފުޅާ. ނިކަން ރަނގަޅަށް ބުނެބަލަ. ޖަހާންޒޭބާއެކު ބޭރަށް ދިއުމުގައި އޮތް ނުބަޔަކީ ކޮބައިތަ؟ އޭނާ އުއްމީދު ކައެއް ނުލާނެ. އޭނާއަށް ފޯނު ކުރެވޭ. ސިޓީ ފޮނުވޭ. ދަނާލުގައި ބައްދަލު ކުރެވޭ. ދެން އޭނާޔާއެކު ބޭރަށް ދިއުން ރަނގަޅު ނުވާންވީ ކީއްވެގެން؟ ދެފުށްކެހެރި ވާކަށް ނުވާނެ."

ޢަޤީލާ އޭނާގެ ބޮލަށް ވައްދައިދޭން އެ އުޅެނީ ކޮން ވާހަކައެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އެހެންވީމާ އެ ވާހަކަތަކަށް ޖަވާބެއް ދިނުމުގެ ބަދަލުގައި މަޑުމަޑުން ކޮޓަރިން ނުކުމެއްޖެއެވެ. އޭނާ ގޯތި ތެރޭގައި ކުރުކާލި ކަނޑަނީއެވެ. ސިކުނޑިއަށް ވަނީ ހާސްކަން ވެރިވެފައެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ޢަޤީލާ އޭނާޔާ ދިމާއަށް އަންނަ ތަނެވެ.

"އަހަރެން އުއްމީދު ނުފެނިގެން ހޯދާތާ ކޮންއިރެއް. މިތަނަށް އަންނަ ވާހަކަ ބުނެލިނަމަ. ޖަހާންޒޭބް އުއްމީދަށް ނުގުޅިގެން އަހަރެންގެ ފޯނަށް ގުޅައިފި. އިރުކޮޅެއް ފަހުން އަނެއްކާވެސް ގުޅާނެ."

ޢަޤީލާގެ ވާހަކަ އިވުމާއެކު ބޭއިޚްތިޔާރުގައި އުފާވެވިއްޖެއެވެ. ވެފައި ހުރި ދެރަ ފުކެއް ކުޑަވެގެން ހިނގައްޖެއެވެ. ޖަހާންޒޭބްގެ އާދަ ހުންނަ ގޮތް އޭނާ ދަނެއެވެ. އެހެންވީމާ އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ފަނަރަ ވަރަކަށް މިނިޓު ފަހުން ޖަހާންޒޭބް ގުޅައިފިއެވެ. އޭރު ޖަހާންޒޭބްގެ ރުޅި ހުރީ މަޑުވެފައެވެ. ހަރުކަށިކޮށް ވާހަކަ ދެއްކުނީތީ މައާފަށްވެސް އެދިފިއެވެ. އުއްމީދު ސާފު ހިތަކާއެކު އޭނާއަށް މައާފު ކޮށްފިއެވެ.

"ކުރިއަށް އޮތް ހަފުތާބަންދުގައި ރާވަލްޕިންޑީއަށް ދެވިދާނެތަ؟" ޖަހާންޒޭބް އަހައިލިއެވެ.

"ކިހިނެއްވީ؟"

"އަހަރެންގެ ގޭ މީހުން އުއްމީދުގެ ގެއަށް ދާން ބޭނުންވޭ. މަންމަމެނާއެކު އަހަރެންވެސް އަންނާނަން. މި ރަށުގައި ބައްދަލު ނުވިއްޔާ ރާވަލްޕިންޑީގައި ވެދާނެނު؟"

"އެންމެ ރަނގަޅު. އަހަރެން ރާވަލްޕިންޑީއަށް ދާނަން." އޭނާ އުފަލާއެކު އެއްބަސް ވެއްޖެއެވެ.

ފޯނު ބޭއްވުމާއެކު ޢަޤީލާ ބުންޏެވެ. "ޖަހާންޒޭބް ކަހަލަ މީހަކު ލިބުމަކީ އުއްމީދުގެ ނަސީބު ގަދަކަން. އެހެން މީހަކު ނަމަ... އޭނާ އުއްމީދު ދެކެ ލޯބިވަނީކަން ޔަގީން."

އުއްމީދު ފަޚުރުވެރިކަމާއެކު ހިނިތުންވެލިއެވެ. "އާނ. އޭނާ އަހަރެން ދެކެ ލޯބިވާކަން ކަށަވަރު." އޭނާ ކާން ދާން ތެދުވެއްޖެއެވެ.

* * *

ހަފުތާބަންދު ފެށުމާއެކު އޭނާ ރާވަލްޕިންޑީއަށް އަތުވެއްޖެއެވެ. އެ ރޭ ޖަހާންޒޭބް އޭނާގެ މައިންބަފައިންނާއެކު އެ ގެއަށް އަތުވެއްޖެއެވެ. އާދައިގެ މަތީން އެ ރޭވެސް އޭނާ ހުރީ އޭނާގެ ސަކަ އަދި އުފާވެރި މިޒާޖުގައެވެ.

"މަންމަ އައީ ކާވެނީގެ ތާރީޚު ހަމަޖައްސަން ވެގެން." އޭނާ ކޮޓަރިއަށް ވަދެފައި ބުނެލިއެވެ.

"ކީކޭ؟" އޭނާއަށް ތަންކޮޅެއް ބާރަށް ބުނެލެވުނެވެ. "މިހައި އަވަހަށް؟"

"އަވަސްތަ؟ އަހަރެމެންގެ އެންގޭޖުމަންޓަށްވެސް މިހާރު ނުވަ އަހަރު ވަނީ. މި ފަހަރު އަހަރެން އެނބުރި މި އައީވެސް އުއްމީދާ އިނދެގެން ދިރިއުޅުމެއް ފައްޓަން ވެގެން. މިހާރު ވަޒީފާއެއްވެސް ހޯދައިފިން. ދެން އޮތީ ކާވެނި ކުރުން."

"ޖަހާންޒޭބް. އަހަރެންގެ ބޮލުގައި ވަރަށް ބޮޑެތި ޒިންމާތަކެއް އެޅިފައި އެބަހުރި. އަހަރެންގެ ކޮއްކޮމެން އަދި..."

"އުއްމީދު. އާއިލާޔާ މެދު ފިކުރު ނުކުރޭ. އެމީހުން ބެލެހެއްޓުމަކީ އަހަންނަކަށް އުނދަގޫ ކަމެއް ނޫން. އަހަންނަށް ވަރަށް ރަނގަޅު މުސާރައެއް ލިބޭ. އުއްމީދު އެހެން ރަށެއްގައި މަސައްކަތް ކޮށްގެން ތިޔަ ހޯދާ އާމްދަނީއާ އެއްވަރުގެ އަދަދަކަށް ފައިސާ ދިނުމަކީ ދަތި ކަމަކަށް ނުވާނެ. އެހެންވީމާ އާއިލާގެ އެއްވެސް ކަމަކާ ފިކުރު ކުރާނެ ކަމެއް ނެތް." ޖަހާންޒޭބް ބުންޏެވެ.

"ޖަހާންޒޭބް އަހަރެންގެ އާއިލާ ބެލެހެއްޓުމަކީ އަހަރެން ރުހޭ ކަމެއް ނޫން. އެއީ އަހަރެންގެ ކަމެއް. އެހެންވީމާ އެ ޒިންމާ އުފުލާނީވެސް އަހަރެން. އަހަރެންގެ އާއިލާއަކީ ޖަހާންޒޭބް ނޫނީ އެހެން މީހަކުވެސް އުފުލަން ޖެހޭ ބުރައަަކަށް ހަދާކަށް އަހަރެން ބޭނުމެއް ނޫން." އޭނާ ސީރިއަސް ރާގަކަށް ބުނެލިއެވެ.

"އެއީ އަހަންނަކަށް ބުރައަކަށް ނުވާނެ. އުއްމީދުގެ އާއިލާޔާ އަހަރެމެންނާ އޮންނަ ގުޅުމަކީ ދަންނަ ކަމެއްނު؟ ކިޔަވައި ނިމިގެން އަމިއްލަ ފައިމައްޗަށް ތެދުވެވުނީމާ ފިރިހެން ދެބެއިންނަށް އަހަރެމެންގެ އެހީތެރިކަމެއް ބޭނުމެއް ނުވާނެ. ދެތިން އަހަރަކުން އެ ދެ ކުދިން ކިޔަވައި ނިމޭނެ."

"ދެތިން އަހަރަކަށް ވިޔަސް އެ ޒިންމާ އުފުލަން ބޭނުމީ އަހަރެން އަމިއްލައަށް. ޖަހާންޒޭބްގެ އިހުސާންތެރިކަމުގެ ތެރެއަށް އެކުދިން ވައްދާކަށް އަހަރެން ބޭނުމެއް ނޫން. މިހާރުވެސް ޖަހާާންޒޭބް އަހަންނަށް ކޮށްދިން ކަންތައްތަކެއް މަދެެއް ނޫން." އޭނާ ގޮތް ދޫނުކުރާ ކަހަލަ ރާގަކަށް ބުނެލިއެވެ.

"އުއްމީދު. އަހަރެން އުއްމީދަކަށް އިހުސާންތެރިއެއް ނުވަން. ތިޔަ ކަހަލަ ޚިޔާލުތައް ސިކުނޑިން ނެރެލާ. އަހަރެން އުއްމީދު ދެކެ ލޯބިވޭ. އެހެންވީމާ ކުރިކަމެއް ކުރީ އަހަރެންގެ ވާޖިބެއް ކަމަށް ދެކިގެން."

"އެކަމަކުވެސް އަހަރެންގެ އާއިލާގެ ޒިންމާ އެހެން މީހަކު އުފުލާ ގޮތް ހެދުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން."

"އެންމެ ރަނގަޅު. އެހެންވެއްޖެއްޔާ ކާވެނީގެ ފަހުންވެސް އުއްމީދު ވަޒީފާ އަދާކޮށްގެން އާއިލާ ބަލަހައްޓާނީ. މި ގޮތް އެންމެ ރަނގަޅުތަ؟" އެ ބަހުސު ނިންމައިލުމުގެ ގޮތުން ޖަހާންޒޭބް ލަފައެއް ދިނެވެ.

"އަހަރެން ވަޒީފާއެއް އަދާކުރަން ހުއްދަ ދޭނަންތަ؟" އޭނާ ކުޑަކޮށް ވިސްނައިލުމަށް ފަހު އަހައިލިއެވެ.

"އާނ. އާއިލާ ބަލަހައްޓަން ޖެހޭހައި ދުވަހަކު ވަޒީފާ އަދާކުރިޔަސް ހެޔޮ." ޖަހާންޒޭބް މިހެން ބުނެފައި އިތުރު ވާހަކައެއް ނުދައްކައެވެ.

އެ ދުވަހު ދެ އާއިލާގެ ދެމެދުގައި ވާހަކަ ދެކެވި ހަމަ ޖެހުނީ ދޮޅު މަސް ދުވަސް ފަހުން ކާވެނިކުރާ ގޮތަށެވެ. ހަފުތާބަންދު ނިމުމާއެކު އޭނާ އެނބުރި ލާހޯރަށް އަތުވެއްޖެއެވެ. އޭނާ ހުރީ ވަރަށް އުފާވެފައެވެ. ހިތް ހަމަޖެހިފައެވެ. އޭނާގެ ދިރިއުޅުމުގެ ފޮތުގެ އައު ބާބެއް ފެށެން ގާތްވީއެވެ. އަންނަ މަހު ދަނާލު ދޫކޮށްލާ ވާހަކަ އޭނާ ދަނާލުގެ ބެލެހެއްޓުންތެރިން ގާތު ބުނެފިއެވެ. އެޔާއެކު އޭނާ މީހަކާ އިންނަން އުޅެނީކަން ހުރިހައި ކުދިންނަށް އެނގިއްޖެއެވެ. ޖަހާންޒޭބް ގަވައިދުން ފޯނު ކުރެއެވެ. އަބަދުވެސް ދައްކަނީ ލޯބީގެ ވާހަކައެވެ. ކާވެނީގެ ފަހުން ކަންތައްތައް ކުރާނޭ ގޮތުގެ ވާހަކައެވެ. ކުރިން ދެކެވުނު ހަރުކަށި ވާހަކަ ހަނދާނުން ފޮހެވިގެން ހިނގައްޖެއެވެ. އުއްމީދު ހީކޮށްގެން ހުރީ ބޭރަށް ދާ ވާހަކަ ޖަހާންޒޭބް ދެން ނުދައްކާނޭ ކަމުގައެވެ. އެކަމަކު ކަންތައް ވެގެން ދިޔައީ އެހެންނެއް ނޫނެވެ.

* * *

އެއްދުވަހަކު ޖަހާންޒޭބް އަނެއްކާވެސް ދަނާލަށް އަތުވެއްޖެއެވެ. އަދި އޭނާޔާ އެކު ބޭރަށް ދާން އުއްމީދަށް މަޖުބޫރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ދެމީހުން ތިބީ ދަނާލުގެ ގޯތި ތެރޭގައި ދޮރާށްޓާ ވަރަށް ކައިރީގައި ހުރި ދިގު ސިމެންތި ގޮނޑިއެއްގައި އިށީނދެގެންނެވެ.

"ޖަހާންޒޭބް. އަހަރެން އޮންނާނީ ކުރިންވެސް ބުނެފައި. ތިޔަ ބުނާހެން ދެމީހުން އެކީގައި ބޭރަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން."

"އެއީ ކީއްވެގެން؟ މިހާރު އޮތް މައްސަލައަކީ ކޮބާ؟ ދުވަސްކޮޅަކުން މި ދަނާލުގައި އުޅޭކަށްވެސް ނުޖެހޭނެއެއްނު؟ ދެމީހުންގެ ކާވެނިވެސް ވަރަށް އަވަހަށް ކުރެވިދާނެ."

"އެކީގައި ދާން ބޭނުން ނުވަނީ ތިޔަހެން ވެގެންނޭ."

"އަހަންނަށް އިތުބާރު ނުކުރަނީތަ؟"

"އަހަރެން ޖަހާންޒޭބަށް ވަރަށް ބޮޑަށް އިތުބާރުކުރަން. އެކަމަކު ތިޔަހެން ބޭރަށް ދިއުމަކީ ރަނގަޅު ކަމެއް ކަމަށް އަހަންނަށް ނުފެންނަނީ."

ޖަހާންޒޭބް އިރުކޮޅެއް ވާންދެން އަނގައިން ނުބުނެ އޭނާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އެޔަށް ފަހު ކުއްލިއަކަށް އޭނާގެ އަތުގައި ހިފައިލިއެވެ. އޭނާއަށް އިހުސާސްވީ ކުއްލިއަކަށް ކަރަންޓުގައި ޖެހެވުނު ހެންނެވެ. މިހައިތަނަށް ދުވަހަކުވެސް ޖަހާންޒޭބް އެކަހަލަ ކަމެއް ނުކުރެއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި އަތް ދަމައިގަނެވިއްޖެއެވެ.

"ޖަހާންޒޭބް. ކީއް ތިޔަ ކުރަނީ؟"

"ތިޔަ ކުރަނީ ކީއްހޭ؟ އުއްމީދުގެ އަތުގައި ހިފީއެއްނު؟ ދެން ބުނޭ މިއީވެސް ރަނގަޅު ކަމެއް ނޫނޭ." ޖަހާންޒޭބްގެ އަޑުގައި ހުރީ ހިތް ހަމަނުޖެހުމާއި މަލާމާތުގެ އަސަރެވެ.

"އަހަރެން މިއީ އެކަހަލަ ކުއްޖަކީމެއް ނޫން."

"ދެން އަމިއްލަ އިއްފަތްތެރިކަމުގެ މައްޗަށް ދިގު ތަގުރީރެއް ނުކުރާތި. މި ދަނާލުގައި އުއްމީދު އުޅޭތާ މިހާރު ފަސް އަހަރު ވެއްޖެ. ރެޔާއި ދުވާލު މަސައްކަތް ކުރަނީ ފިރިހެނުންގެ ތެރޭގައި. އަހަރެން އަތުގައި ހިފައިލީމާ ތިޔަ އަތް ދަމައިގަތީނު. މަސައްކަތްކުރާ ތާނގައި އަތުގައި ހިފީ ކިތައް ފިރިހެނުން ކަމެއް ނުވެސް އެނގޭ."

އުއްމީދު ޔަގީން ނުކުރެވޭ ކަހަލަ ގޮތަކަށް ޖަހާންޒޭބްގެ މޫނަށް ބަލައިލިއެވެ. "އެ ވާހަކަ ދައްކަނީ އަހަރެން އެ މީހަކު ދެކެ ލޯބިވީ ޖަހާންޒޭބް ހެއްޔެވެ؟" އޭނާގެ ހިތަށް އެރިއެވެ. އޭނާގެ މޫނުމައްޗަށް ވެރިވީ އުފާވެރިކަމުގެ ކުލަވަރު އޮއްސިއްޖެއެވެ.

"އަހަރެންގެ އަތުގައި ދުވަހަކުވެސް އެއްވެސް ފިރިހެނަކު ނުހިފާ. އަހަރެން ފިރިހެނުން އުޅޭ ތަނެއްގައި މަސައްކަތް ކުރަނީ މަޖުބޫރު ވެގެން. އެކަމަކު އަހަންނަކީ ތިޔަ ހީކުރާ ކަހަލަ ވިޔާނުދާ އަންހެނަކީމެއް ނޫން."

"ތިޔަހެން އިއްފަތްތެރިކަމުގެ ތަގުރީރު ނުކުރާށޭ އަހަރެން ބުނެފީމެއްނު؟ ފިރިހެނުންނާ އެކީ މަސައްކަތްކުރާ އެއްވެސް އަންހެން ކުއްޖަކު ސަތޭކައިން ސަތޭކައަށް ތާހިރު ވާނޭ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އަހަރެން މި އައީ އުއްމީދުގެ އަބުރުވެރިކަމާއި ރަނގަޅުކަމުގެ ހެކި ހޯދާކަށެއް ނޫން. މީގެ ކުރިން އުއްމީދު ކުރި އެއްވެސް ކަމެއް ބެލުމުގެ ޝައުގުވެރިކަމެއް އަހަރެންގެއެއް ނެތް. އަހަރެން ބޭނުން ވަނީ އެންމެ ކަމެއް. އަހަރެން އުއްމީދުގެ އަތުގައި ހިފީމާ އަތް ދަމައިނުގަތުން. އަހަރެން އެދުނީމާ އަހަންނާ އެކު އަހަރެން ބުނާ ތަނަކަށް ދިއުން. އުއްމީދާ އިންނަން އުޅޭ މީހާއަށް ވާތީ މިވަރުގެ ހައްގެއް އަހަންނަށް އޮންނާނެ. އެހެންވީމާ އަހަރެން ބުނާ ގޮތަށް ހަދާ. މަސައްކަތް ކުރާ ތާނގައި އުޅޭ ފިރިހެނުންނާ އެކީ ކުރާ ކަމެއް އަހަންނާ އެކީ ނުކުރެވެންވީ ކީއްވެގެން؟"

ޖަހާންޒޭބް ސީދާ އޭނާގެ ލޮލަށް ބަލަހައްޓައިގެން އިނދެ ބިރުގެ ކަންފުޅެއްވެސް ނެތި ވާހަކަދައްކަމުން ދިޔައެވެ. އުއްމީދު ހައިރާންވެފައި ބަލަހައްޓައިގެން އިނެވެ.

"ޖަހާންޒޭބް. އަހަރެން މިއީ ކޮން އާއިލާއެއްގެ ކާކުކަން ޖަހާންޒޭބް ވަރަށް ރަނގަޅަށް ދަންނާނެ. ބައްޕަ އަހަރެން ތަރުބިއްޔަތު ކޮށްފައި ވަނީ ކިހިނެއްކަންވެސް ވަރަށް ރަނގަޅަށް އެނގޭނެ. އެކަމަކުވެސް އަހަރެން އުޅެނީ ތިޔަ ބުނާ ކަހަލަ ވިޔާނުދާ ގޮތަކަށް ކަމަށް ގަބޫލުކުރަނީތަ؟" އޭނާ ހިތްދަތިކަމާއެކު އަހައިލިއެވެ.

"އާއިލާއަކުން... ތަރުބިއްޔަތު ކުރެވޭ ގޮތަކުން ވާނެ ކަމެއް ނެތް. މިނިވަންކަމަކީ އިންސާނާ ލައްވައި ވަރަށް ގިނަ ކަންތައްތައް ކުރުވާ ކަމެއް. އަހަރެންވެސް މިއީ މާ އަބުރުވެރި މީހަކީމެއް ނޫން. އަހަރެން ވިލާތުގައި އެތައް އަހަރެއް ހޭދަކޮށްފިން. އެ ހުރިހައި ދުވަހެއް ހޭދަކުރީ އަހަރެން ބޭނުންވާ ގޮތަށް. މިނިވަންކަމާ އެކީ. ބޭނުން ކޮންމެ ކަމެއް ބޭނުންވާ ގޮތަކަށް ކުރިން."

"ޖަހާންޒޭބް ބޭނުންހައި ގޮތަށް އުޅުނު ކަމަށް ވިޔަސް އަހަރެން ތިޔަ ކަހަލަ އެއްވެސް ކަމެއް ނުކުރަން. އަހަރެން މިއީ މުސްލިމެއް. ﷲ ގެ ޙަޟުރަތުގައި އަހަންނާއި އަހަރެންގެ މައިންބަފައިން ލަދު ގަންނަން ޖެހޭ ކަހަލަ އެއްވެސް ކަމެއް އަހަރެން ނުކުރާނަން. އަހަރެންގެ ދީނުގައި ފާފައެއް ކަމަށް ބުނާ ކޮންމެ ކަމެއް އަހަރެން ގަބޫލުކުރާނީ ފާފައެއް ކަމުގައި. އަހަރެން އުޅޭނީ އެފަދަ ކޮންމެ ކަމަކުން ސަލާމަތް ވެގެން."

"ދީނަކީ ބޯދާ އެއްޗެއް. ދީނުގެ ނިވަލުގައި ދިރިއުޅޭނީ މުނާފިގުން."

ހައިރާންވީ ވަރުން އުއްމީދުގެ އަނގަ ހުޅުވިއްޖެއެވެ.

"އުއްމީދުގެ ކިބައިގައި ތިޔަ ހުންނަނީ ވަރަށް ބޯދާ ވިސްނުމެއް. ތިޔަ ކަހަލަ ވިސްނުމެއްގައި މި ކަހަލަ ޒަމާނީ ދުނިޔެއަކު ނޫޅެވޭނެ. އުއްމީދު ތިޔަ ހިފަހައްޓާ ދީނީ އަޚުލާގީ މިންގަނޑުތައް ނިމި ހުލިވެގެން ދިޔަތާ ކިތަންމެ އަހަރެއް. ދިރިއުޅުމުގައި އެންމެ މުހިއްމު އެއްޗަކީ އުފާވެރިކަން. އުފާވެރިކަން ލިބިގަތުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަކީ ލާޒިމު ކަމެއް. ތިމާގެ ވަށައިގެން ދީނުގެ އުސް ފާރުތައް ލައިގެން އުޅުމަކީ މޮޔަ ކަމެއް. ޒަމާނީ ހުރިހައި ސިފައެއް އަހަރެންގެ އަނބިމީހާގެ ކިބައިގައި ހުންނަތަން ދުށުމަކީ އަހަރެންގެ އެދުމެއް. އަހަރެން މިއީ ހުޅުވިފައިވާ ސިކުނޑިއެއްގެ ވެރިއެއް. އަހަރެން އުޅެން ބޭނުން ވަނީވެސް އެކަހަލަ މީހުންނާ އެކީގައި. އަހަރެންގެ އަނބިމީހާވެސް ވާން ޖެހޭނީ އެކަހަލަ މީހަކަށް. އުއްމީދުގެ ތިޔަހަރަ އަބުރުވެރިކަމަކީ އަހަންނަކަށް މާކަ ބޮޑު ބޭނުމެއް ހިފޭނޭ ކަމެއް ނޫން. އުއްމީދަކަށް ފައިދާއެއް ކުރާނޭ ކަމެއްވެސް ނޫން. އަހަރެން މި ދެއްކި ވާހަކަޔާ މެދު މިއަދު ވިސްނައިލާ. އަހަރެން މާދަމާ ހަމަ މި ގަޑީގައި އުއްމީދު ބަލައި އަންނާނަން." މި ވިހަ ގަދަ ވާހަކަތަކަށް ފަހު އިރުކޮޅަކުވެސް މަޑުނުކޮށް ޖަހާންޒޭބް ނުކުމެގެން ހިނގައްޖެއެވެ.

* * *

"އުއްމީދު ތިޔައީ ބޮޑު މޮޔައެއް. އޭނާޔާ އެކު ދިޔަނަމަ. އަވަހަށް ދޭ. ދިޔައީމާ އޭނާގެ ރުޅިގަނޑު މަޑުވުމަކީވެސް އެކަށީގެންވާ ކަމެއް. އުއްމީދުގެ މައްސަލަތަކަށް އޮތް ހައްލަކީވެސް އެއީ." އެރޭ އޭނާގެ ހުރިހައި ވާހަކައެއް އަޑު އެހުމަށް ފަހު ޢަޤީލާ ބުންޏެވެ.

"ސަލާމަތް ވާން އުޅުނު ވަރަކަށް އޭނާގެ ރުޅި ދާނީ ގަދަވަމުން. އޭނާ އުއްމީދު ދެކެ ނުލާހިކު ބޮޑަށް ލޯބިވޭ. އެހެން ރަށެއްގައި ހުރެފައި މި ރަށަށް އެ އައީ އުއްމީދަށްޓަކައި. އެ ހުރިހައި ކަމެއް ކުރީމާވެސް އުއްމީދު ނުދިޔަ. އެހެންވީމާ ރުޅިވެސް އަންނާނެއެއްނު؟"

އުއްމީދު ކުރާނޭ ކަމެއް ނެތޭ ބުނާ ކަހަލަ ގޮތަކަށް ބޮލުގައި ހިފަހައްޓައިލިއެވެ.

"އުއްމީދު. ލޯބި އޮންނަ ތާކު ތިޔަ ކަހަލަ ފައިދާއެއް ނެތް ގޮތްދޫނުކުރުން އޮވެގެން ނުވާނެ. އޭނާ ބޭނުން ވަނީ އުއްމީދު ގޮވައިގެން ބޭރަށް، ތަނަކަށް ދާން ކަމަށް ވަންޏާ އެ ކަމުގައި އޮތް ނުބަޔަކީ ކޮބާ؟ އިންނަން އުޅޭ ކުއްޖާ ގޮވައިގެން ބޭރަށް ވައިޖައްސާލަން ދިއުމަކީ ކޮންމެ ފިރިހެނެއްގެ ހިތުގައިވެސް އޮންނަ އެދުމެއް. އުއްމީދުގެ ތިޔަ ގޮތް ދޫނުކުރުމުގެ ސަބަބުން ކުރިމަގަށް ހިޔަނި އެޅި ގެއްލުމެއްގެ ތެރެއަށް ވަންނަން ޖެހިދާނެ. އަންނަ ރުޅީގައި އުއްމީދާ އިންނަން ދެކޮޅު ހަދައިފިއްޔާ ހަދާނީ ކިހިނެއް؟"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.