އުއްމީދު - 20

(1 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަންނަކަށް ނޭނގޭ." ފަރުވާކުޑަކަން ދައްކާން މަސައްކަތް ކުރި ނަމަވެސް އޭނާގެ ހިތުގެ ހިނގުން އެ ވަގުތު ހުރީ އާދަޔާ ޚިލާފަށް އަވަސް ވެފައެވެ.

"ކީކޭ؟ ފިސްތޯލަ ވީ ތަނެއް އުއްމީދަކަށް ނޭނގެއޭ؟" އީމާންގެ އަޑުގައި ނުރުހުގެ އަސަރު ހުއްޓެވެ.

"މި ގޭގައި ހުންނަ އެއްޗެހި ހުންނަ ތަންތަން ވަކިވަކިން ފާހަގަކޮށް ބެލެހެއްޓުމަކީ އަހަރެން ކުރަން ޖެހޭ ކަމެއް ނޫން. އީމާން ކޮންމެވެސް ތަނަކަށް ލީ ކަމަށްވެސް ވެދާނެއެއްނު؟" މި ފަހަރު ގަސްތުގައި އޭނާ އަޑަށް ނުރުހުމުގެ އަސަރު ވެރިކުރުވިއެވެ.

"އަހަރެން އެ ބާއްވާފައި އޮންނަނީ މި ވަތްގަނޑުގައިކަން އުއްމީދަށް އެނގެއެއްނު؟ މިހާރަކު ނެތް." އީމާން ކަންބޮޑުވެފައި ބުނެލިއެވެ. "އެހެން ތަނެއްގައި ބޭއްވީތަ؟"

"އަހަރެން ކީއްކުރަން އެހެން ތަނަކަށް ލާންވީ؟ މިހާރަކު ހަނދާނެއް ނެތް. އެހެން ތަނަކަށް ލެވުނީ ކަމަށްވެސް ވެދާނެ." ފުރަތަމަ އިންކާރު ކުރުމަށް ފަހު އޭނާ ވާހަކަ ބަދަލު ކޮށްލިއެވެ. އީމާން ގޭގެ ނޯކަރުން އެއްކޮށްގެން ބޮޑު ތަހުގީގެއް ފަށައިފާނެތީ އޭނާ ބިރުގަތީއެވެ.

"އުއްމީދުގެ ފަޅީގެ ވަތްގަނޑު ބަލައިލަބަލަ." އީމާން ބުނެލިއެވެ.

އެއީ އެހައި ބޮޑު ކަމެއް ނޫނެވެ. އޭނާ ވަތްގަނޑުތައް ބަލައިލުމަށް ފަހު ބުނެލިއެވެ. "މިތާކު ނެތް."

އީމާން ކޮޓަރިއާ ގުޅިފައި ހުންނަ މަތިހަދާ ކޮޓަރިއަށް ވަދެއްޖެއެވެ. އެތާނގެ އަލަމާރިތައް ހުޅުވާ އަޑު އުއްމީދަށް އިވެއެވެ. އޭނާގެ ކުޑަކުޑަ ކަތި ފިޔަވަޅެއްގެ ސަބަބުން ހުރިހައި ކަމެއް ނުބައިން ނުބަޔަށް ބަދަލުވަނީއެވެ. ފިސްތޯލަ އޮތް ތަނުން ނަގައި އެހެން ތަނަކަށް ލާންވީ ކީއްކުރަން ހެއްޔެވެ؟ އޮތް ތާނގައި ބޭއްވިޔަސް ވާނޭ ގެއްލުމެއް ނެތެވެ. މިތަނުން ނަގައިގެން ދިރާސީ ކޮޓަރިއަށް ދެވިދާނެއެއް ނޫން ހެއްޔެވެ؟ އެތަނަށް ވަންނަ ވަގުތު އީމާން ބަލައިލިޔަސް ނުފެންނަ ގޮތަށް ފުރަގަހަށް ލައިގެންވެސް ހުރެވިދާނެއެވެ. މި ނޫން އެހެން ގޮތްގޮތްވެސް ހުންނާނެއެވެ. ކޮންމެ ގޮތެއް ވިޔަސް ވަގުތު ނުޖެހެނީސް ފިސްތޯލަ އޮތް ތަނުން ނަގައި އެހެން ތަނަކަށް ލުމަކީ ކުރެވުނު ރަނގަޅު ކަމެއް ނޫނެވެ.

މިހާރު އޭނާ އަމިއްލަ ނަފުސަށް އެއްޗެހި ކިޔަނީއެވެ. އީމާން ޢަލީއަކީ ވަރަށް ތަރުތީބުން ކަންތައްތައް ކުރާ ފަރުވާތެރި މީހެކެވެ. ފިސްތޯލަ ނުފެނުނީމާ ކަންތައް ކުރާނޭ ގޮތް އޭނާއަށް އެނގެއެވެ. އީމާނަކީ ބިދޭސީއެކެވެ. ބީރައްޓެހި ގައުމެއްގައި ދިރިއުޅޭ ބިދޭސީންނަށް ކުރިމަތިވާ ދަތިތައް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންވީމާ އެއްގަމު މަގުން ދިގު ދަތުރަކު ނުކުތަސް އީމާން އަބަދުވެސް ފިސްތޯލަ އަތުގައި ބާއްވައެވެ. އެއީ މިހާރު އޭނާގެ ހަށިގަނޑުގެ ބަޔަކަށް ވެއްޖެ ކަހަލައެވެ.

ގޭގައި ގެންގުޅޭ ހަތިޔާރެއް ވީއެއްނުވީއެއް ނޭނގި ގެއްލުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

އީމާން ނުކުމެގެން އަތުވެއްޖެއެވެ. ހަތިޔާރު ބަހައްޓައިފީމޭ ބުނާ ކަހަލަ ގޮތަކަށް ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އުއްމީދު އަނގަޔަކުން ނުބުނެއެވެ. އީމާން ސީދާ އުއްމީދާ ދިމާއަކަށް ނުބަލައެވެ. އެކަމަކުވެސް ސަމާލުކަން ހުރީ އޭނާގެ މައްޗަށް ހުއްޓިފައެވެ. އެހެން އިރުކޮޅަކު ހުރުމަށް ފަހު ފުން ނޭވައެއް ލުމަށް ފަހު އުއްމީދާ ދިމާއަށް ބަލައިލިއެވެ.

"އުއްމީދު ފިސްތޯލަ ވަތްގަނޑުން ނެގިއްޔާ ބޭއްވިދާނެހެން ހީވާ ތަނެއް ބުނެބަލަ."

"ހަނދާނެއް ނެތޭ އަހަރެން ބުނެފީމެއްނު؟ އެހެން ނޫނަސް މިދިޔަ ތިން ހަތަރު ހަފުތާގައި އަހަރެން އުޅުނީ ކުޑަކޮށް ބަލިވެ. އެއްޗެހި ބެހެއްޓޭ ތަނެއް ހަނދާނެއް ނުހުރޭ." އޭނާ ތުންފަތުގައި ދޫ ކާއްތައިލުމަށް ފަހު ހަމަޖެހިލައިގެން އިނދެ ވާހަކަދެއްކިއެވެ.

"އަހަރެން ރަށުގައި ނެތި ދިޔަ ދުވަސްކޮޅު ކޮންމެ ރެއަކު ފިސްތޯލަ ބެލިންތަ؟"

"ނުބަލަން."

"ކޮންމެ ރެއަކުވެސް ބަލާށޭ އަހަރެން ބުނީމެއްނު؟ އެކަމަކުވެސް... ފިސްތޯލަ ނެތީސް ކަމެއް ދިމާވީނަމަ ހަދާނީ ކިހިނެއް؟ އަހަރެން ނޫޅޭއިރު ގޭގައި އިންނަނީ އެކަންޏެއްނު؟ އުއްމީދު... އުއްމީދު ތިޔަހައި ފަރުވާ ކުޑަވީ ކީއްވެގެން؟ އަހަރެން މި ދައްކާ ވާހަކަ ނުވިސްނެނީ ކީއްވެގެން؟" އީމާންގެ އަޑުގައި ހުރީ ކަންބޮޑު ވުމާއި ރުޅީގެ އަސަރެވެ.

އުއްމީދު އިސް އުފުލައި ބަލައިލިއެވެ. "ކަމެއް ނުވެއެއްނު؟" އޭނާގެ އަޑަކު ކުޑަކޮށްވެސް ޖެހިލުންވުމެއް ނެތެވެ. އެކަމާ ޚުދު އޭނާވެސް ހައިރާންވިއެވެ.

"ކަމެއް ދިމާވީނަމަޔޯ؟"

"ދިމާވިއްޔާ ދިމާވީނު؟" އުއްމީދުގެ އަޑުގައި އަދިވެސް ހުރީ ދެކޮޅުވެރިކަމުގެ އަސަރެވެ.

"ރާވަލްޕިންޑީއަށް ދިއުމުގެ ކުރިން ފިސްތޯލަ އޮތްތޯ ބެލިންތަ؟ އޭރު ވަތްގަނޑުގައި އޮތްތަ؟"

"ހަނދާނެއް ނެތް." މި ފަހަރު އޭނާގެ އަޑުގައި ހުރީ ފަރުވާކުޑަ ކަމުގެ އަސަރެވެ.

"އެހެންވެއްޖެއްޔާ ހަނދާންކުރޭ." އީމާން ލަފުޒުތަކަށް ބާރުލަމުން ބުނެލިއެވެ.

"އީމާން ތިޔަ ހީކުރަނީ ފިސްތޯލަ އަހަރެން ތަނަކަށް ލައި ފޮރުވީ ކަމަށްތަ؟" ކުއްލިއަކަށް އުއްމީދުގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެއެވެ.

"އަހަރެން އެހެންނެއް ނުބުނަން."

"ތިޔަ ދައްކާ ވާހަކައިން ހީވަނީ އެހެން ބުނާހެން."

"އަހަރެން ދައްކާ ވާހަކައިގެ މާނަ ފަހުމުވާ ވަރަށް އުއްމީދުގެ ވިސްނުން ފުޅާވެފައި ހުރިހެންނެއް މިހާރަކު ހިއެއް ނުވޭ."

"އަހަންނަށް އެނގޭ ކަންތައްތަކާއި އެނގުނު ކަންތައްތަކަކީ ކޮބައިކަން އީމާނަކަށް ނޭނގޭނެ." މަލާމާތުގެ ރާގަކަށް އޭނާ ބުނެލިއެވެ.

އީމާން ހަރަކާތެއް ނުކޮށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށް ފަހު މަޑުމަޑުން އަހައިލިއެވެ. "އަހަރެން ނުދެނަހުރި ކަމަކަށް އުއްމީދަށް އެނގިގެން އުޅެނީ ކޮން ކަމެއް؟" މި ފަހަރުވެސް ވަކިވަކި ލަފުޒުތަކަށް ބާރުލަމުން އީމާން އަހައިލިއެވެ.

"ވަގުތު ޖެހުނީމާ ބުނާނަން."

"އަހަންނަށް ހީވަނީ ވަގުތު ޖެހިއްޖެހެން." އީމާންގެ އަޑަށް ބަދަލު އަންނާން ފަށައިފިއެވެ.

"އީމާން ތިޔަ އުޅެނީ ކީއްކުރާނަމޭ ހިތައިތަ؟ ކުޑަކުޑަ ކަމެއް ބަހަނާއަކަށް ހަދައިގެން އަހަންނާ އަރައިރުންވާން ބޭނުން ވަނީތަ؟"

އީމާން އޭނާއާ ދިމާއަށް ކަޅި އަޅައިލިއެވެ. "އަހަރެން އަރައިރުންވާން ބޭނުންވަނީއޭ؟"

"އާނ. މާ ކަންތައްގަނޑު ބޮޑުކޮށްގެން ތިޔަ އުޅެނީ އެހެން ވެގެން. ބޭނުން ވަނީ އަހަރެންގެ ފުށުން ސަލާމަތް ވާކަށެއްނު؟ އީމާން ބޭނުމިއްޔާ އަހަރެން މި ގެއިން ނުކުމެގެން ހިނގައިދާނަން..." އުއްމީދަކަށް ރުޅީގެ މައްޗަކަށް ބާރެއް ނުފޯރުވުނެވެ.

"އަހަރެން އުއްމީދުގެ ފުށުން ސަލާމަތްވެގަންނަން އުޅެންވީ ކީއްވެގެން؟" އީމާން އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ.

"އެއީ އީމާންގެ ދޮގުވެރިކަން އަހަންނަށް ފޮރުވަން ވެގެން. އީމާންގެ ފާފަތަކާއި ކުށުގެ ޚަބަރު އަހަންނަށް ވެދާނެތީ ބިރުގަންނަނީ." އޭނާގެ ރުޅި ދިޔައީ ގަދަވަމުންނެވެ. ސިއްރެއްގެ ގޮތުގައި ހިތުގައި ފޮރުވައިފައި ބާއްވަން ބޭނުންވީ ވާހަކަތައް ދުލަށް އަންނާން ފަށައިފިއެވެ.

އީމާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން އޭނާއަށް ވަރަށް ރީތިކޮށް ފެނުނެވެ. އެސްފިޔަވެސް ޖަހައިނުލައި އޭނާ ބަލަހައްޓައިގެން ހުރީ އުއްމީދާ ދިމާއަށެވެ.

އެހެން އިރުކޮޅަކު ހުރެފައި ބުނެފިއެވެ. "އުއްމީދަށް ތިޔަ އެނގިގެން އުޅޭ ކުށަކާއި ފާފައަކާއި މަކަރަކީ ކޮބައިކަން އަހަރެން ގާތު ނިކަން ބުނެބަލަ."

މިހާރު އުއްމީދުވެސް ކުޑަކޮށް ހަމައަކަށް އެޅިއްޖެއެވެ.

"ޒުވާބު ކުރާކަށް އަހަރެން ބޭނުމެއް ނޫން."

"ޒުވާބު ނުކުރިޔަސް ބުނެވިދާނެއެއްނު؟"

"ތިޔަ ވާހަކަ ދެން ހުއްޓައިލާ. ކުޑަކުޑަ ފިސްތޯލައަކާ ހުރެ ތިޔަހައި ވަރު އަރުވައިނުލާ. އީމާން ދެކޭ ގޮތުގައި ފިސްތޯލަ ގެއްލުނީ އަހަރެންގެ ފަރުވާކުޑަ ކަމުން. އެގޮތްވެސް އެންމެ ރަނގަޅު. އަހަރެން އޭގެ އަގު ދީފާނަން."

މި ފަހަރު ރުޅި އައީ އީމާން ގާތަށެވެ. "ތިޔައީ ކޮން ކަހަލަ ވިޔާނުދާ ވާހަކައެއް؟ އަގު ދީފާނަމޭ؟ އަގު ދޭށޭ އުއްމީދު ގާތު ބުނީ ކާކު؟"

"އެހެން ވެއްޖެއްޔާ ދެން މިއީ ކޮންފަދަ އަރައިރުމެއް؟" އުއްމީދުވެސް ވަރަށް ބާރަށް ބުނެލިއެވެ.

"އަހަރެންގެ ފަރާތުން މިހާރު ކިތައް ކަމުގެ އަގު އަތުލައިފިން ހެއްޔެވެ؟ އަހަރެންގެ އީމާންކަމާއި ދިރިއުޅުމުގެ އަގުވެސް އޭގެ ތެރޭގައި ހިމެނެއެވެ." އުއްމީދު މިހެން ބުނަން ބޭނުންވީ ނަމަވެސް ސިކުނޑީގައި ފޮރުވައިފައި ބާއްވައިލީއެވެ.

"މިހެން ފިސްތޯލަ... ނުރައްކާތެރި ހަތިޔާރެއް ގެއްލުނީމާ އެވަނީ ކީއްކަން އުއްމީދަށް އެނގޭތަ؟ މިގެއިން މީހަކު ފިސްތޯލަ ވަގަށް ނަގައިގެން ގޮސް އޭގެ ބޭނުން ކޮށްގެން ނުރައްކާތެރި ކުށެއް ކޮށްފިއްޔާ ފުލުހުން ސީދާ އަންނާނީ މިގެއަށް. ސުވާލުކުރާނީ އަހަންނާ. ހައްޔާރުކުރާނީ އަހަރެން. އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ވެދާނެ. އެ ފިސްތޯލަ ނުފެނި އޮންނަ ކޮންމެ ވަގުތުކޮޅަކީ ނުރައްކާތެރި ވަގުތުކޮޅެއް. އަހަރެމެން ނިދާކޮޓަރިއަށް ވަދެ ވައްކަމެއް ކުރާނީ ކާކު؟ އެފަދަ ކަމެއް ކުރެވޭ މީހަކަށް އެހެން އެތައް ކަމެއް ކުރެވިދާނެ. މި ވައްކަމެއް ކުރީ މި ގޭގައި ގެންގުޅޭ ނޯކަރުންގެ ތެރެއިން މީހަކު ކަމަށް ވަންޏާ އަހަރެމެން މިތިބީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި. ދޮރުވާނުވެސް ކުއްލި ކަމެއް ދިމާވީމާ ފޮނުވައިލީއެއްނު. މިއީ ވަރަށް ބޮޑު ރޭވުމަކަށްވެސް ވެދާނެ. ދޮރުވާނުން ބައިތިއްބާ ކުންފުންޏަކަށް ގުޅާފައި ގޭގެ ސަލާމަތީ ކަންތައްތައް މިހާރަށްވުރެ ރަނގަޅު ކުރަން އެބަޖެހޭ. ފިސްތޯލަ ފެނޭތޯ ހެނދުނު އަލުން ބަލާނި. ނުފެނިއްޖެއްޔާ ފުލުހަށް ރިޕޯޓުކުރާނީ."

އީމާން މިހެން ބުނެފައި ކޮންމެވެސް ކުންފުންޏަކަށް ފޯނުކޮށްފައި ވާހަކަވެސް ދައްކައިފިއެވެ. އުއްމީދު ކުރާނެ ކަމެއް ނޭނގިފައި ބަލަހައްޓައިގެން އިނީއެވެ. އޭނާގެ ކުޑަކުޑަ ކަތި ފިޔަވަޅެއްގެ ސަބަބުން ކުރިމަތިލާން މި ޖެހުނީ ހާދަހާ ބޮޑު ކަމަކާއެވެ.

އީމާން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޅި ގެ ބަލައި ފާސް ކުރާނޭކަން އުއްމީދަށް އެނގެއެވެ. ހުރިހައި ނޯކަރުންނާ ސުވާލު ކުރާނޭކަންވެސް އެނގެއެވެ.

ކަންތައް ވީވެސް އެހެންނެވެ. ކޮޓަރިއަށް ވަދެފައި އީމާން ފޯނުން ހުރިހާ ނޯކަރުން ގޭތެރެއަށް އަންނާން އަންގައިފައި އަނެއްކާވެސް ނުކުމެއްޖެއެވެ.

ދިހަވަރަކަށް މިނިޓު ފަހުން އެނބުރިއައިސް ކޮޓަރިއަށް ވަދެއްޖެއެވެ. "ފިސްތޯލައަށް ވީ ގޮތެއް ޞާބިރަކަށްވެސް ނޭނގޭ. އޭނާ މިހެން ބުނީ އުއްމީދަށް އަޑު އިއްވަން ކަމުގައި ވިޔަސް އުއްމީދާ ދިމާއަކަށް ނުއެއް ބަލައެވެ. މިހެން ބުނެފައި އަނެއްކާވެސް ކޮޓަރިން ނުކުމެގެން ދިޔައީއެވެ.

އޭގެ އިރުކޮޅެއް ފަހުން ބޭރު ދޮރާށީގެ ރަނގަބީލުގެ އަޑު އިވިއްޖެއެވެ. އެހެންވީމާ އީމާން ގުޅި ކުންފުނިން ދޮރުވާނަކު ފޮނުވީކަން އުއްމީދަށް އެނގިއްޖެއެވެ.

"އެއީ މާ ބޮޑު ކަމެއް ނޫނެވެ. ދޮރުވާނު ހުންނާނީ ދޮރާށީގެ ބޭރުގައެވެ. އޭނާއަކަށް އެތެރެއަށް ވަދެ ކުރެވޭނޭ އެއްވެސް ކަމެއް ނޯންނާނެއެވެ." އެތެރޭގައި ހުރި ދޮރުވާނު ފޮނުވައިލަން އޭނާ ނިންމީ ކީއްވެގެން ހެއްޔެވެ؟ އޭނާ އެންމެން ގެއިން ބޭރަށް ފޮނުވައިލީ އޭނާ ކުރަން އުޅޭ ކަމަށް ހުރަސް އަޅާނޭ އެއްވެސް މީހަކު ގޭތެރޭގައި ނުހުންނާނޭ ގޮތް ހަދަން ވެގެންނެވެ. އެކަމަކު މިހާރު މި އޮތީ ހާލަތު މުޅީން ބަދަލު ވެފައެވެ. މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހުރަހެއް މިހާރު އެޅިއްޖެއެވެ.

ފަނަރަވަރަކަށް މިނިޓު ފަހުން މުޅި ގޭތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ. ނޯކަރުން އެމީހުން ނިދާ ތަނަށް ހިނގައްޖެއެވެ. އީމާން ނިދާ ކޮޓަރިއަކަށް ނުވަނެވެ. އޭގެ މާނައަކީ އޭނާ ދިރާސީ ކޮޓަރިއަށް ދިޔައީއެވެ. ފަނަރަވަރަކަށް މިނިޓަށް ބެލުމަށް ފަހު އުއްމީދު ތެދުވެއްޖެއެވެ. މަޑުމަޑުން ހިނގައިފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ބޮޑު ކޮޓަރީގެ ބޮކި ހުރީ ނިންވައިލާފައެވެ. އޭނާ މަޑުމަޑުން ދިރާސީ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. އެ ކޮޓަރީގެ ބޮކީގެ އަލި ދޮރު ދަށުން ނުކުމެފައި ހުއްޓެވެ. އޭނާގެ ހިތުގެ ހިނގުން އަވަސް ވެއްޖެއެވެ. އޭނާ ގުދުވެފައި ތަޅުވަޅުން ކޮޓަރީގެ އެތެރެ ބަލައިލިއެވެ. ފެންނަނީ މޭޒުގެ އެއް ކަނެވެ. މޭޒުދޮށުގައި ހުރި ގޮނޑި ނުއެއް ފެނެއެވެ. އެތެރެއިން އެއްވެސް އަޑެއް ނީވެއެވެ. އޭނާ ހިންދެމިލިއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.