އުއްމީދު - 16

(18 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އީމާން އަހަންނަށް މިކަހަލަ ބޮނޑިއެއް ދީފާނެ ހެއްޔެވެ؟ ނުދޭނެއެވެ. އެއީ އެކަހަލަ މީހެއް ނޫނެވެ." އޭނާ އެތައް އިރެއް ވާންދެން ވިސްނާން އިނެވެ. އެހެން އިނދެފައި ކުއްލިއަކަށް ތެދުވެގެން ގޮސް އީމާންގެ އަލަމާރި ހުޅުވައިފިއެވެ. އީމާން ގެންގުޅޭ ހުރިހައި އެއްޗެއް ހަމައަށް އެބަހުއްޓެވެ. އޭނާ އަމިއްލަ ހިތް ހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ. އަލަމާރީގެ ވަތްގަނޑުގައި ޗެކު ފޮތެއް އޮތެވެ. އަދި އެހެން ގައުމެއްގެ ނޫޓުތަކެއްވެސް ހުއްޓެވެ.

އޭނާ ދެން ހުރި ވަތްގަނޑުތައްވެސް ހުޅުވައިގެން ރަނގަޅަށް ފާސްކޮށް ބަލާން ފަށައިފިއެވެ. އެންމެ ތިރީ ވަތްގަނޑު ހުޅުވައިލެވުމާއެކު އޭނާ ގަނޑުވީ ކަހަލައެވެ. އެ ވަތްގަނޑު ހުރީ ހުހަށެވެ. އީމާންގެ އޭނާގެ މުހިއްމު ހުރިހައި ލިޔުންތަކެއް ބަހައްޓާ ވަތްގަނޑަކީ އެއީއެވެ.

އުއްމީދު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދިރާސީ ކޮޓަރިއަށް ވަދެއްޖެއެވެ. އެތާނގައި ހުރި އީމާންގެ ލިޔުންތަކެއްވެސް މިހާރަކު ނެތެވެ. އޭނާ އެނބުރި ކޮޓަރިއަށް އައިސް ބޭންކަށް ގުޅައިފިއެވެ. އީމާންގެ އެކައުންޓު އޮތީ ބަންދުކޮށްފައެވެ. ދެން ފޯނުކުރީ އެމެރިކާ އެންބަސީއަށެވެ. އެތަނުން ބުނި ގޮތުގައި އީމާން ވަނީ ދީނީ ހަފުލާއަކަށް އެމެރިކާއަށް ދާން ވިސާ ހޯދައިފައެވެ.

މިއީ އުއްމީދުގެ ހަޔާތުގައި އައި އެންމެ އަނދިރި ދުވަހެވެ.

މި ފަހަރު އަގުވެއްޓުމާއި ލަނޑުގެ ސިލްސިލާ ފެށިފައި މި އޮތީ އޭނާގެ ގެއިންނެވެ. އޭނާ އީމާން ދަންނަހެން ހީވާ މީސްމީހުންނަށް ފޯނުކޮށްފައި މައުލޫމާތެއް ލިބޭތޯ މަސައްކަތް ކުރިއެވެ. އީމާން ދިޔަ ކަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ. ކަރާޗީގައި އީމާންގެ ދުރުތާ ބޮޑުބޭބެއެއް އުޅެއެވެ. އޭނާއަކަށްވެސް އީމާންގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތެވެ. ސަޢޫދު ނޫން މީހަކަށް އޭނާ ދީން ބަދަލުކުރި ކަމެއްވެސް އެނގިފައެއް ނެތެވެ. އެކަމަކު އީމާން ބުނެފައި އޮތީ އޭނާގެ ބޮޑުބޭބެ ގާތުވެސް އަދި އެހެން މީހުން ގާތުވެސް ހުރިހައި ވާހަކައެއް ބުނެފައިވާ ކަމަށެވެ. ބޮޑުބޭބެ ގާތު އުއްމީދު އެ ވާހަކަ ބުނީމާ ވަރަށް ބޮޑަށް ހައިރާންވެފައި އެކަހަލަ އެއްވެސް ކަމެއް އެނގިފައި ނެތް ކަމަށް ބުންޏެވެ.

"ޑެނިއަލް ބުނީ ދެމަފިރިންގެ މެދުގައި ވާހަކަ ދެކެވި ދީނާ ބެހޭ ގޮތުން ވަކި ގޮތަކަށް އެއްބަސްވެވިފައޭ އޮތީ. އެ މީހެއްގެ ދީނުގައި އެ މީހަކު އުޅޭ ގޮތަށް ހަމަޖެހިފައޭ އޮތީ."

އުއްމީދު ފޯނު ބާއްވައިފިއެވެ. މި ހިނގާ މަސް ނިމުނީމާ ގެ ދޫކޮށްލާނޭ ވާހަކަ މިހާރު ދިރިއުޅޭ ގޭގެ ވެރިމީހާ ގާތު އީމާން އޮތީ ބުނެފައެވެ. ގޯތި ތެރޭގައި އެ އޮތް ކާރަކީ ކުންފުނިން ދީފައި އޮތް ކާރެކެވެ. ގޭގައި ހުރި ހިފައި ގެންގުޅޭ ސާމާނަކީ ގޭގެ ވެރިމީހާގެ ތަކެއްޗެވެ. އެހެންވީމާ އޭނާގެ އަތުގައި މި އޮތީ ކޮން އެއްޗެއް ހެއްޔެވެ؟

"އީމާން މިފަދަ ގޮތަކަށް ކަންތައް ކުރީ ކީއްވެގެން ހެއްޔެވެ؟" އޭނާގެ ގަބުވާން ކައިރި ވެފައިވާ ސިކުނޑިއަށް ވެރިވަނީ ހަމައެކަނި މި ސުވާލެވެ. ރޭގަނޑު ހަތަރު ދަމު އޮތީ ހޭލައެވެ. "ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަޅާނޭ ފިޔަވަޅެއް އޭނާގެ ވިސްނުމަކަށް ނައެވެ. ރާވަލްޕިންޑީއަށް ގޮސް އޭނާގެ މަންމަމެން ގާތު މިވާހަކަ ދައްކާނީވެސް ކިހިނެއް ހެއްޔެވެ؟ އަނެއްކާވެސް ލަދާއި ގެއްލުމުގެ އަނދިރި ވަޅުގަނޑަކަށް ވެއްޓުނީއޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ މިހައިތަނަށް ދިރިއުޅެވުނީ މުސްލިމެއް ކަމަށް ހިތައ ޔަހޫދީއަކާ އެކުގައެވެ. މިހާރު މިއިނީ އޭނާގެ ދަރިއަކަށް ބަލިވެއެވެ. އަނގަވަތަށް އަހަރެން ވެއްޓޭނީ ކިތައް ފަހަރު ހެއްޔެވެ؟ އަދި ކިތައް ފަހަރު ހެއްޔެވެ؟ އަހަރެން ކޮންމެ ފަހަރަކުވެސް މަސައްކަތް ކުރީ ފާފައަކަށް އަރައި ނުގަނެ ސަލާމަތް ވެވޭތޯއެވެ. ދިރިއުޅުމުގައި މިހައިތަނަށް ކަންތައް ކުރި ގޮތަކީ އެއީއެވެ. އެކަމުގެ ބަދަލު އަހަންނަށް މި ލިބުނީ އީމާން ޢަލީގެ ސިފައިގައެވެ. އަހަންނަށް އެޅުނު ކަތި ފިޔަވަޅަކީ ކޮބައި ހެއްޔެވެ؟"

އެ ވަގުތު އޭނާގެ ހަނދާނަށް ކަމެއް އަތުވެއްޖެއެވެ. އެމެރިކާގައި އޮންނަ ޔަހޫދީންގެ އަހަރީ ބައްދަލުވުމެއްގެ ވާހަކަ އެއް ދުވަހަކު އީމާން ދެއްކިއެވެ. އެ ބައްދަލުވުމަށް އޭނާގެ ޕެޓްރިކް ދާން ބޭނުންވާ ކަމަށްވެސް ބުންޏެވެ. މިހާރު އެނގުނު ގޮތުގައި އީމާންވެސް ވީ އެތަނަށް ގޮހެވެ. އުއްމީދު ރާޥްލްޕިންޑީއަށް ފޮނުވައިލާންވެސް އީމާން އޮތީ ވަރަށް ބާރު އަޅައިފައެވެ. އެއީ ގެ ހުސް ކުރަން ވެގެން ކުރަން އުޅުނު ކަމެއް ކަމަށް ވެދާނެއެވެ. ފުރަން ނުކުތް ވަގުތު އީމާން ކަންތައް ކުރި ގޮތްވެސް ހަނދާން ވެއްޖެއެވެ. އޭނާ ދޫކޮށްލައިފައި ދަނީއޭ ބުނަން ބޭނުންވީ ކަމުގައިވެސް ވެދާނެއެވެ. އެކަމަކު މިކަހަލަ ގޮތަކަށް ފިލައިގެން ދާންވީ ކީއްވެގެން ހެއްޔެވެ؟ ތިމަން ކަލޭ ދޫކޮށްލާފައި ދަނީއޭ އުއްމީދު ގާތު ބުނެލި ނަމަ ވީހެއް ނޫން ހެއްޔެވެ؟ ދީން ބަދަލުކުރި ވާހަކައަކީ މަކަރެކޭވެސް ބުނެލަންވީއެވެ. އޭނާ ފިލައިގެން އެ ދިޔައީ މި ދަރިފުޅުގެ ސަބަބުން ބާވައެވެ؟ ދަރިފުޅު ގަބޫލު ކުރަން ބޭނުން ނުވަނީ ހެއްޔެވެ؟ މީސްމީހުނާ ބައްދަލު ނުކުރުމާއި ޕާޓީތަކަށް ނުދިއުމަކީވެސް އުއްމީދަށް ދައްކާން ވެގެން ކުރި ކަންތައްތަކެއް ބާވައެވެ؟ އީމާންގެ ހިޔަމިތުރު... އީމާންގެ އެއްވެސް މީހަކާ ރައްޓެހިވެގެން އުޅޭ ކަމެއް އޭނާއަކަށް މިހައިތަނަކަށް ފާހަގަ ކުރެވިފައެއް ނެތެވެ. ދެ މީހުންގެ ދެމެދަށް އެހެން އަންހެނަކު ވަނީ ހެއްޔެވެ؟ އެހެން އަންހެނެއްގެ ލޯބީގައި އެހައި އަވަހަށް އީމާން ޖެހިދާނެ ހެއްޔެވެ؟ އެކަހަލަ މަޅިއެއްގައި ޖެހިގެން ހުރިހައި ކަމެއް ދޫކޮށްލައިފައި ހިނގައިދާނެ ހެއްޔެވެ؟ އޭނާ އައީ އަހަންނަށްޓަކައި ހުރިހައި އެއްޗެއް ދޫކޮށްލައިފައެވެ. ދީންވެސް ބަދަލުކުރީއެވެ. އެހެންވީމާ އެހެން އަންހެނަކަށްޓަކައި އެފަދަ ކަމެއް ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟

"ދެން މިހާރު... އަހަރެން ކަންތައް ކުރަންވީ ކިހިނެއް ހެއްޔެވެ؟ ޖަރުމަނު އެންބަސީއާ ގުޅަންވީ ހެއްޔެވެ؟ އެތަނުން ކޮށް ދެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އެތަނުން މަސައްކަތް ކޮށްގެން އީމާން އަތުޖައްސައިފި ކަމަށް ބަލަމާ ހެއްޔެވެ؟ އެކަމަކު އަހަރެންގެ ދީން ގަބޫލު ނުކުރާ މީހަކާ އެކީ ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ މި ހުރިހައި ކަމެއް އެންބަސީ މެދުވެރި ވެގެން މީޑިއާއަށް ތިލަ ވެއްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަންނާއި އަހަރެންގެ އާއިލާ މުޖުތަމައާ ކުރިމަތި ލާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ދަރިފުޅު އުފަން ވާނީ ކޮން ހައިސިއްޔަތެއްގައި ހެއްޔެވެ؟ އަހަންނާ ބެހޭ ގޮތުން މީހުން ދައްކާނީ ކޮން ކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ ޑޮކްޓަރ ޚޫރްޝީދަށް ގުޅަންވީ ހެއްޔެވެ؟ ނޫނީ ސަޢޫދަށް ގުޅަންވީ ހެއްޔެވެ؟ އީމާން އިސްލާންވީ ވާހަކަ ބުނީ އޭނައެވެ. އުއްމީދާ އިނދެގެން ރަނގަޅު ދިރިއުޅުމެއް އުޅެވޭނޭ ކަމުގެ ޔަގީންކަން ދިނީވެސް އޭނައެވެ. އެކަމަކު އެމީހުން ކުރާނީ ވަކިން ކޮން ކަމެއް ހެއްޔެވެ؟ އެންމެ ބޮޑު ކަމަކަށް ކުރެވޭނޭ ކަމަކީ އީމާން ގެނެސް އަހަރެންގެ ކުރިމަތީގައި ބެހެއްޓުމެވެ. އެކަމަކު މިހާރު އަހަންނަށް އޭނާ ފިރިއެއްގެ ގޮތުގައި ބަލައިގަނެވިދާނެ ހެއްޔެވެ؟ މުރުތައްދު ވެފައިވާ މީހަކާ އެކީގައި ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ އެ މީހުންނަށް އީމާން ގެނެސް ނުދެވުނިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އީމާން ގާތު އާދޭސް ކުރާނީ ހެއްޔެވެ؟ އެއްޗެހި ކިޔާނީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެން އޭނާޔާ ގާތެއް ނުވާނަމެވެ. ފެންނަ ހިސާބަކަށްވެސް ނުދާނަމެވެ. އެހެން މީހަކުގެ ގާތަކަށްވެސް ނުދާނަމެވެ." އޭނާގެ ވަށައިގެން އެނބުރެނީ ސުވާލު ފުންޏެކެވެ.

އިރުއެރި އިރު އޭނާގެ ހާސްކަން ވަނީ އިހަށްވުރެވެސް ބޮޑު ވެފައެވެ. ޖަރުމަނަށް ދެވަނަ ފަހަރު ފޯނު ކުރީމާ އެނގުނު ގޮތުގައި އީމާންގެ މައިންބަފައިން އެމީހުން އުޅުނު ގެ ވިއްކައިލައިފިއެވެ. ކީއްވެގެން ކުރި ކަމެއް ކަމެއް ނޭނގެއެވެ. އީމާން އޭނާއަށް މަކަރު ހެދިކަން މައިންބަފައިންނަށްވެސް އެނގެނީ ބާވައެވެ؟

"އީމާން ދީން ބަދަލެއް ނުކުރެއޭ އަހަރެމެން ދެމީހުން އެ މީހުނަށް އެކަން ސިއްރުކޮށްގެން ތިބެ އިނީއޭ ބުނެފިއްޔާ އެ އެ މީހުން ހޭނނީކީއެއް ނޫން ހެއްޔެވެ؟ އެމީހުންނަށް އޮޅުވައިލާން އަހަރެން ދޮގު ހަދަނީއެކޭ ނުބުނާނެ ހެއްޔެވެ؟ އަހަރެންގެ ވާހަކަ ތެދަކަށް ވުމާވެސް އެކު އެ މީހުން ގަބޫލެއް ނުކުރާނެއެވެ. މިފަދަ ނުބައި ކަމެއްގެ ތެރެއަށް ވަންނާން ބޭނުން ނަމަ ޖަހާންޒޭބް ޚިޔާރު ނުކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާ ބުނި ގޮތަށް ހެދި ނަމަވެސް ނުބައި ކަމެއް ކުރުން ފިޔަވައި އެހެން ކަމެއް ނުވާނެއެއް ނޫން ހެއްޔެވެ؟ މިހާރުވެސް މި އޮތީ ނުބައި ކަމެއް ކުރެވިފައެވެ. އިންސާނާއަކަށް އޭނާގެ ތަގުދީރު ބަދަލެއް ނުކުރެވޭނެއެވެ. ޖަހާންޒޭބާ ދެކޮޅު ހެދިއިރު އަހަރެން ހީކުރީ އަނދަވަޅަކަށް ވެއްޓެންދާ ދިއުން ހުއްޓުވުނީ ކަމުގައެވެ. އެކަމަކު މިވީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ތަގުދީރުގައި ލިޔެވިފައި އޮތީ އަނދަވަޅެވެ."

އޭނާ ތެމިފައިވާ ދެ ލޮލަކާއެކު ވިސްނަމުން ގެންދިޔައެވެ.

"އަހަރެންގެ ކުރިމައްޗަކު އިތުރު މަގެއް ނެތެވެ. އަބުރުވެރި ދިރިއުޅުމެއް ބޭނުމިއްޔާ ގައިމުވެސް އެހެން މަގެއް ނެތެވެ. އަބުރުވެރިކަމާއެކު މަރުވާން އޮތް މަގަކީ މިއީއެވެ. ދެން ދަތުރު ކުރާންވީ އެ މަގުންނެވެ."

"އެންމެ ރަނގަޅު މަގަކީ އެއީއެވެ."

އޭނާއަށް ފިޔަވަޅެއް އެޅުމުގެ ކުރިން ބޭރު ދޮރުގައި ޓަކި ޖަހައިލީ އަޑު އިވިއްޖެއެވެ. ދޮރު ހުޅުވައިލީއިރު ކުރިމަތީގައި ހުރީ ޞާބިރެވެ. އޭނާ އައީ އުއްމީދުގެ ކޮއްކޮ އައި ވާހަކަ ބުނާށެވެ. މި ވަގުތު އޭނާ ދެކެން ބޭނުން ނުވަނީ ހަމައެކަނި އޭނާގެ އާއިލާގެ މީހަކުގެ މޫނެވެ.

ޞާބިރު ހިނގައްޖެއެވެ. މުޢީން ގޭތެރެއަށް ވަދެއްޖެއެވެ.

އުއްމީދު މަސައްކަތް ކުރީ ހަމަޖެހިލައިގެން ހުރެވޭތޯއެވެ. އެކަމަކު ކާމިޔާބެއް ނުވިއެވެ. މުޢީނަށް އޭނާ ފެނުމާއެކު ކޮންމެވެސް ކަމެއް ވެއްޖެކަން އެނގިއްޖެއެވެ.

"ދައްތާ. ކިހިނެއްވީ؟"

އުއްމީދު ހިނިތުންވެލެވޭތޯ އުޅުނެވެ. "ކަމެއް ނުވޭ." އޭނާ މުޢީން ގާތު ސޯފާގައި އިށީނދެއްޖެއެވެ.

"ކޮންމެވެސް ކަމެއް ވެއްޖެކަން ގައިމު. ދޮގު ނުހަދައި ބުނޭ."

"މާ ބޮޑު ކަމެއް ވީއެއް ނޫން. ކުޑަކޮށް ބަލިވެ އުޅޭތީ ހީވާ ގޮތެއް." އުއްމީދު ބަހަނާއެއް ދެއްކިއެވެ.

"އީމާންބެ މިހާރު އުޅޭނީ އޮފީހުގައި ދޯ؟" މުޢީން ގަބޫލު ކުރިކަމެއް ނުކުރާ ކަމެއް ނޭނގެއެވެ.

ބާރަށް ރޮއިގެންފައި ހުރިހައި ވާހަކައެއް ކިޔައި ދީފާނަމޭ އޭނާގެ ހިތަށް އެރިއެވެ. ހިތާމައާއި ތަކުލީފުގެ ވާހަކަ މީހަކު ގާތު ބުނެވޭ ގޮތް ނުވުމަކީ އަނގުރު އަލިފާނުގެ މަތީގައި ހުސްފަޔާ ހިނގުން ފަދަ ވޭންދެނިވި ކަމެކެވެ.

"އޭނާ... އޭނާ ވީ ކުޑަ ދުވަސްކޮޅަކަށް ޖަރުމަނަށް ގޮސް."

"އެހެންތަ؟ އެހެންވެއްޖެއްޔާ ދައްތަ އެކަނި ހުންނަނީ ކީއްކުރަން؟ ރާވަލްޕިންޑީއަށް އައިނަމަ."

"ނޫނޭ. އެކަނި ހުންނާކަށް އަހަންނަކަށް އުނދަގުލެއް ނޫން."

"ތިޔައީ ކޮން ކަހަލަ ވާހަކައެއް؟ ފުރަތަމަ ތިޔަ ބުނީ މި އުޅެނީ ބަލިވެއޭ. އަނެއްކޮޅުން ތިޔަ އުޅެނީ އެކަނި. ދައްތަ މިހާރު ވަރަށް ފަރުވާ ކުޑަ ވެއްޖެ. އަހަރެން ނައިނަމަ ދައްތަ އުޅޭނީ ކިހިނެއް. އޮފީހު ކަމެއްގައި މި ރަށަށް އަންނާން ޖެހުނުކަން ނަސީބު. އަވަހަށް ފޮށިވަށި ތައްޔާރު ކުރޭ. އަހަންނާ އެކީ ހިނގާ." މުޢީން ނުރުހިފައި ބުނެލިއެވެ.

"ނޫނޭ. އީމާން ބުނެފައި އޮތީ ގޭގައި އިންނާށޭ. އެހެންވީމާ ގެ ދޫކޮށްފައި ދިއުން ރަނގަޅެއް ނުވާނެ."

"ގެއަކަށް ކަމެއް ނުވާނެ. ނޯކަރުން ކޮބާ؟ ރާވަލްޕިންޑީއަށް ގޮސް އީމާންބެއަށް ފޯނު ކޮށްފައި އަހަންނާ އެކު އައި ވާހަކަ ބުނެލާނީ. ރުޅިއެއް ނާންނާނެ. އަހަންނާ އެކީގައި ހިނގާ."

"މުޢީން. އަހަރެން ކުރަން ވަރަށް ގިނަ މަސައްކަތް އެބަހުރި. ތިޔަހެން ކުއްލިއަކަށް ނުދެވޭނެ."

"ތިޔަ ބުނާ ކަމެއް އީމާންބެ އަންނަން ވާއިރަށް ކޮށްލާނީ. މިހާރު އަހަންނާ އެކީގައި ހިނގާ."

"މިހާރު ކޮއްކޮ ދޭ. ދައްތަ ދެތިން ދުވަސް ފަހުން އަންނާނަން."

"ދައްތަ ބަލިވެ އުޅޭއިރު ދޫކޮށްލާފައި ދިއުމަކީ އަހަރެން ކުރާނޭ ކަމެއް ނޫން. އަހަރެން ދާނީ ދައްތަ ގޮވައިގެން."

މުޢީން ދުލެއް ނުކުރިއެވެ. އުއްމީދަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

"އެންމެ ރަނގަޅެވެ. މިހާރު ދާނީއެވެ. ދެތިން ދުވަސް ކޮށްފައި އެނބުރި އަންނާނީއެވެ." އުއްްމީދު ހިތާހިތާ ކިޔައިލިއެވެ.

* * *

ހައެއް

އޭނާ ލޯ ހުޅުވައިލިއެވެ. ފިކުރުގައި އޮވެފައި ރޭގަނޑު ނިދުނީ ކިހައި އިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. ލޯ ހުޅުވައިލެވުމާއެކު އަނެއްކާވެސް އެ ފިކުރުގެ ތެރެއަށް ވަދެވިއްޖެއެވެ. ހުރިހައި ކަމެއް... ހުރިހައި ބަޔަކު އޭނާއަށް ފެންނަނީ މުޑުދާރު ސިފައެއްގައެވެ. ރޭގަނޑުގެ އަނދިރިކަން ފަދައިން ކަޅު ކުލައިގައެވެ. ޖަހާންޒޭބް... އީމާން ޢަލީ... ދިރިއުޅުން... ހުރިހައި ކަމެއް އެހެން ވެއްޖެ ނަމަ ލޯ ހުޅުވައިލެވޭއިރު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހިތަށް ލިބޭނެއެވެ. ނިމުނީ ކަމުގެ ޔަގީންކަން ލިބޭނެތާއެވެ.

އޭނާގެ ލޮލަށް ކަށިޖަހާ ކަހަލަ ގޮތެއް ވާން ފަށައިފިއެވެ. އޭނާ ލޯ މަރައިލުމަށް ފަހު ލޮލުގައި އިނގިލި ޖައްސައިލިއެވެ. ދުޅަވެފައިވާ ލޮލުން އޭނާއަށް އެނގުނު ކަމަކީ ރޭ ހަތަރުދަމު ރުއި ކަމެވެ. ދެން ހަނދާނަށް އައީ މިއަދު ކުރަން ރާވައިފައި އޮތް ކަމެވެ.

ފާރުގައި ހުރި ގަޑިން ނުވައެއް ޖަހައިފިއެވެ. ކޮޓަރި ތެރެއަށް ވަދެފައި ހުރި އަލި އޭނާއަށް އުނދަގޫ ކުރާން ފަށައިފިއެވެ. ދިރިއުޅުން ފަދައިންނެވެ. ހައެއްކަ މިނިޓު ވާންދެން އޭނާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާން ފަށައިފިއެވެ. ފާރާއި ކުޑަދޮރާއި ފަންގިފިލައާއި ތަޅުންގަނޑާއި މިހާރު މިހިރަ ގޮތަށް ހުންނާނެއެވެ. ނުހުންނާނީ އޭނާ އެކަންޏެވެ. ދެވަނަ ފަހަރަކު އެނބުރިއެއް ނުވެސް އަންނާނެއެވެ. އޭނާ ވިސްނަމުން ގެންދިޔައެވެ.

ބޭރުން މީހުން ވާހަކަދައްކާ އަޑު އެބަ އިވެއެވެ. އެއީ ކޮން ބައެއްގެ އަޑެއްކަން ދެނެގަނެވޭތޯ އޭނާ މަސައްކަތް ކޮށްލިއެވެ. ސަފީނާގެ ހުނުން ފާހަގަ ކުރާކަށް އުނދަގުލެކެއް ނުވިއެވެ. ހޭން ފެށްޓީމާ އޭނާ ވަކީން ބޮޑަށް ރީތި ވެއެވެ. ދެން އިވުނީ މުޢީނުގެ އަޑެވެ. އެ ރީތި ފިރިހެންވަންތަ އަޑެވެ. އޭގެ ފަހުން ސާބިގުގެ މިއުޒިކެއް ކަހަލަ އަޑެވެ. އެންމެ ފަހުން ފާހަގަ ކުރެވުނީ މަންމަގެ މަޑުމައިތިރި އަޑެވެ. މި އަޑުތަކުގެ ތެރެއިން ދެން އެ އިވުނު އަޑުގެ ސަބަބުން އޭނާގެ ހިތުގެ ހިނގުން އަވަސް ވެގެން ދިޔައެވެ. ހިއްސުތަކަށް އާދަޔާ ޚިލާފު އަސަރެއް ކޮށްފިއެވެ. އެ އަޑު އޭނާއަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވިއްޖެއެވެ. ހިނދުކޮޅަކަށް އޭނާގެ ހުރިހައި ހަރަކާތެއް ހުއްޓިއްޖެއެވެ.

"އެއީ އަހަންނަށް ހީވި ގޮތެއް ހެއްޔެވެ؟" އޭނާ އަދި އެއްފަހަރު އެ އަޑު އިވޭތޯ ތަންމިނަށް ކަންފަތް ހުޅުވައިލިއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.