ރައްޔިތުންގެ ރުހުން ހޯދަން ބޭނުންނަމަ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ސައްހަ ލިސްޓު ޢާންމު ކުރޭ: އާދަމް ޝަރީފް

ރައްޔިތުންގެ ރުހުން ހޯދަން ބޭނުންނަމަ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ސައްހަ ލިސްޓު ޢާންމު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ގޮވާލައްވައިފިއެވެ.

އޭނާ މިފަދައިން ގޮވާލެއްވީ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި އާދަމް ޝަރީފް ވިދާޅުވީ އެމްއެމްޕީއާރްސީ ގެ ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ސައްހަ ލިސްޓް އާންމުނުކުރަނީސް ރައްޔިތުންގެ އިތުބާރެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށާއި އެމްޑީޕީ އަށް ވެސް ނުލިބޭނެ ކަމަށެވެ.

"ދާދި ފަހުން ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ތެރޭގައި އާންމުކުރަން ބުނި ލިސްޓް އަވަހަށް ހާމަކުރަން ޖެހޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މަންފާ ލިބުނު މީހުންގެ ސައްހަ ލިސްޓް އާންމުނުކޮށްގެން އުޅެނީ މިހާރު ދެ ފެކްޝަނަކަށް އޮތް އެމްޑީޕީގެ ބަޔަކު އެ ލިސްޓްގައި ހިމެނޭތީތޯ ވެސް އާދަން ޝަރީފް ވަނީ ސުވާލު ކުރައްވާފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތަކީ އާދަމް ޝަރީފް ނިސްބަތްވާ ޕީޕީއެމާއި ޕީއެންސީގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ހިންގާފައިވާ ޖަރީމާއެކެވެ. އެ ޚިޔާނާތުގެ މަންފާ މަޖިލީހުގެ މިހާރާއި އެހާރުގެ ގިނަ މެމްބަރުންގެ އިތުރުން ގިނަ ވަޒީރުންތަކަކަށް ލިބިފައިވާ ކަމަށް ކުރިން އާންމުވި ލިސްޓަކުން ހާމަވެފައިވެ އެވެ.

އެ ލިސްޓުގައި 280 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ.

މި އަހަރުގެ ކުރީކޮޅު އެންޓި ކޮރަޕްޝަން ކޮމިޝަނަަށް އައްޔަންކުރި ކޮމިޝަންގެ އާ މެމްބަރުން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ފައިސާ އެތަނުން ހޯދާނެ ކަމަށެެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.