އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފާރަތަކަށް ލިބިފައިވޭ: ފުލުހުން

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސަސް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ 267 ފާރަތަކަށް ލިބިފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ. ކުރިން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިހިޔާނާތުގެ ފައސާ ލިބިފައިވަނީ 177 ފަރާތަކަށެވެ.

ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރެއް ހިމެނޭކަމަށް ރިޔާޒް ވިދާޅުވިއެވެ. މިނިވަން މުޢައްސާސާތަކުގެ 5 މެމްބަރުންނާއި ކުރީސަރުކާރުގެ އިސްމަޤާމުގެ ތަކުގައި ތިއްބެވި 23 ފަރާތަކާއި މިހާރުގެ ސަރުކާރުގެ ހަތް ފަރާތެއް ވެސް ހިމެނެއެވެ. ކުރިއާއި މިހާރުގެ ހަ ފަނޑިޔާރަކާއި ސަލާމަތީ ބާރުތަކުގެ 7 އޮފިސަރެއް ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެތެރޭގައި ޕޮލިސްކޮމިޝަރަކާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރަކު ގިނަ ޢަދަދެއްގެ ފައިސާ ނަގައިފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ މުޙައްމަދު ރިޔާޒު ވިދާޅުވިއެވެ.

އެމް އެމްއެމްޕީއާރުސީ ގެ ޚިޔާނާތާ ގުޅޭ މިމަޢުލޫމާތުތައް ހާމަކުރައްވައިފައި ވަނީ ފުލުހުންނާއި، އޭސީސީގެ އިތުރުން ޚިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައެވެ. ޚިޔާނާތުގެ ފައިދާ ލިބުނު އެކިއެކި މުޢައްސާސާތަކަށް ނިސްބަތްވާ މީހުންގެ ޢަދަދު ހާމަކުރެއްވި ނަމަވެސް އެއްވެސް ފަރާތެއްގެ ނަމެއް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވައިފައެއް ނުވެއެވެ.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ މުހައްމަދު ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާތައް ދައުރުކުރަން ފަށާފައިވަނީ 2014 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ކަމަށެވެ.

މިޚިޔާނާތުގެ މަންފާ ލިބިފައިވާ ފަނޑިޔާރުންނާ ބެހޭ މަޢުލޫމާތު ޖޭއެސްސީއާ ޙިއްޞާ ކޮށްފައިވާކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި މަޖިލީސް މެމްބަރުނާ ބެހޭ މަޢުލޫމާތު ވެސް މަޖިލީހާ ޙިއްސާ ކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އެއްވެސް ބޭންކެއްގެ ބައިވެރިވުން ނުވަތަ އިޙްމާލެއް ނެތްނަމަވެސް ބޭންކް އޮފިޝަލުންގެ އިޙްމާލު އެބަ އޮތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދައިފައިވާ ކޮރަޕްޝަން އެންޑް ސްޓޭޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދު ވިދާޅުވިއެވެ. އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގެ ފައިސާގެ މަންފާ ލިބިފައިވާ ފަރާތްތައް ތިން ހަތަރު ފަސަލައަށް އަރައިފައިވާކަމަށް އަސްޢަދު ވިދާޅުވިއެއެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި ނޫސް މަޖައްލާތައްވެސް ހިމެނޭކަމަށް އަސްޢަދު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެއްވެސް ފަރާތެއްގެ ނަމެއް ހާމައެއް ނުކުރައްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.