ޓިއުނީޝިޔާގެ އާ ގާނޫނު އަސާސީގެ ދެލިކޮޕީ އާއްމުކޮށްފި

ޓިއުނީޝިޔާގެ ރައީސު ޤައިސު ސުޢައްޔިދު (ކ) އާ ގާނޫނު އަސާސީގެ ދެލިކޮޕީއާ ހަވާލުވެވަޑައިގަންނަވަނީ

އުުތުރު އެފްރިކާގެ އަރަބި ގައުމެއް ކަަމަށްވާ ޓިއުނީޝިޔާ (ތޫނިސް) ގައި އެކުލަވާލީ އާ ގާނޫނު އަސާސިގެ ދެލިކޮޕީ އާއްމު ކުރުމުގެ ގަރާރުގައި ރައީސު ޤައިސް ސުޢައްޔިދް ރޭ ސޮއިކުރައްވައިފިއެވެ. ވެރިކަން ހިންގުމުގައި ގާނޫނުހަދާ މަޖިލީހުގެ ދައުރު ހަނިކޮށް، ރައީސަށް ފުޅާ ދާއިރާއެއްގައި ބާރުތައް ލިބިދޭ މި ގާނޫނު އަސާސީއާމެދު ރައްޔިިތުން ޚިޔާލު ހޯދުމަށް މި ޖުުލައި މަހުގެ 25 ވަނަ ދުވަހު ވޯޓުލުމަށް ވަނީ ހަމަޖެހިފައެވެ. ސިޔާސީ ގިނަ ޕާޓީތަކުން ވަނީ އާ ގާނޫނު އަސާސީ ގަބޫލުނުކުރާ ކަމަަށް ބުނެފައެވެ.

ޓިއުނީޝިޔާގެ ރަސްމީ ގެޒެޓްގައި މިހާރު ޝާއިއުކޮށްފަައިވާ ގާނޫނު އަސާސީގެ ދެލިކޮޕީގައި 142 މާއްދާ ހިމެނެއެވެ. 2014 ވަނަ އަހަރުއްސުރެ އެ ގައުމުގަައި އަމަލުކުރަމުން އަންނަ ގާނޫނު އަސާސީގައި ބަރުލަމާނީ ނިޒާމާ ވައްތަރު ނިޒާމެއް އެކަށައަޅާއިވާއިރު، އާ ގާނޫނު އަސާސީ ގައި ވަނީވެރިކަން ހިންގުމުގެ ތަންފީޒީ ބާރު ރައީސަށް ދީ، ރިޔާސީ ނިޒާމަކަށް މަގުފަހިކޮށްފައެވެ.

އެހެންކަމުން، ބޮޑުވަޒީރަކު އައްޔަންކުރުމާ، ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގެ ބާރުވެސް ވަނީ ރައީސަށް ދީފައެވެ. އަދި އާއްމުކުރި ދެލިކޮޕީގައި ވާގޮތުން، އަންނަ ޑިސެންބަރު މަހު ބާއްވާނެކަމަށް ބެލެވޭ އާއްމު އިންތިޚާބަށް ފަހު އާ ގާނޫނުހަދާ މަޖިލީހެއް އެކުލަވާލެވެންދެން، ރިޔާސީ ގަރާރުތަކުން ވެރިކަން ހިންގެވުމުގެ ބާރު ރައީސު ސުޢައްދިޔަށް ލިބިވަޑައިގަންނަވައެވެ.

މީގެ އިތުރަށް، ގާނޫނުތައް އެކުލަވާލުމާއި، އެހެން ގައުމުތަކާއެކު އެއްބަސްވުންތައް އެކުލަވާލުމާއި، ދައުލަތު ބަޖެޓު އެކަށަައެޅުމުގެ ބާރުވެސް އާ ގާނޫނު އަސާސީގައި ލިބެނީ ރައީސަށެވެ.

'އަރަބި ރަބީއަށް' ފަހު 2014 ވަނަ އަހަރު ޓިިއުނީޝިޔާގައި އަމަލުކުރަމުން އައި ގާނޫނު އަސާސީގެ ދަށުން ބޮޑެތި ބާރުތަކެއް ލިބިފައި އޮތް ގާނޫނުހަދާ މަޖިލިސް ފާއިިތުވި އަހަރުގެ ޖުލައި މަހު އުވާލެއްވުމަށް ފަހު ރައީސު ސުޢައްޔިދު ވަނީ ވެރިކަމުގެ ހުރިހާ ބާރުތަކެއް އޭނާގެ އަތްޕުޅަށް ނަންގަވާފައެވެ. އަދި އޭނާ ގެންދަވަނީ ރިޔާސީ ގަރާރުން ވެރިކަން ހިންގަވަމުންނެވެ. އޭނާގެ އެ ގޮތަށް އަމަލުކުރެއްވީ ގައުމު ސަލާމަތްކުރެއްވުމަށް ކަމަށް ރައީސު ސުޢައްޔިދު ވިދާޅުވަމުން ގެންދެވި ނަަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި އޭނާވަނީ ޑިމޮކްރަސީއަށް ހުރަސްއަޅައި، 2011 ވަނަ އަހަރު ފެށި އިސްލާހު ދަތުރު މަގުން ކައްސާލުމަަށް މަގުފަހިކުރައްވާފައެވެ.

އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ އަދި ކުރިން ސިޔާސީ ދާއިރާގައި އުޅުއްވާފައިނުވާ، ގާނޫނޫ ދާއިރާގައި ފުންނާބު އުސް ބޭފުޅެއް ކަމަށްވާ، އުމުރުފުޅުން 64 އަހަރުފުޅުގެ ޤައިސު ސުޢައްޔިދު ރައީސުކަަމަށް އިންތިޚާބުވެވަޑައިގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގަތީއްސުރު އޭނާއާ ސިޔާސިީ ޕާޓީތަކާ ދެމެދު އައީ މައްސަލަ ޖެހެމުންނެވެ. ޓިއުނީޝިޔާގެ ހުރިޔާ ސިޔާސީ ޕާޓީއެއްހެން އޭނާއާ ދެކޮޅު ނަމަވެސް، އާއްމުންގެ މެދުގައި އޭނާގެ މަގުބޫލުކަން ބޮޑެވެ. އޭނާ ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅުތަކާ، އޭނާގެ އިސްލާހުތަކަށް އާއްމުންގެ ތާއީދު ބޮޑުކަން އޭނާއަށް ތާއީދުކޮށް މަގުމައްޗަށް ނުކުންނަ މީހުންގެ އަދަދުން އެނގެއެވެ. އެހެންކަމުން، ރައީސު ސުޢައްޔިދު އެކުލަވާލެއްވި ގާނޫނު އަސާސީގެ ދެލިކޮޕީއަށް ރައްޔިތުން އާނއެކޭ ބުނުމަކީ ދުރުކަމެއް ނޫނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.