ޓިއުނީޝިޔާގެ ބޮޑުވަޒީރު މަގާމުން ދުރުކޮށް ގާނޫނުހަދާ މަޖިލިސް ސަސްޕެންޑުކޮށްފި

ޓިއުނީޝިޔާގެ ރައީސު ޤައިސް ސުޢައްޔިދު

ޓިއުނީޝިޔާ (ތޫނިސް) ގެ ރައީސު ޤައިސް ސުޢައްޔިދު އެގައުމުގެ ބޮޑުވަޒީރު ހިޝާމު އަލްމިޝީޝީ މަގާމުން ދުރުކުރައްވައި، ގާނޫނޫހަދާ މަޖިލިސް 30 ދުވަހަށް ސަސްޕެންޑުކުރައްވައިފިއެވެ. ރައީސު ސުޢައްޔިދު މިފިޔަވަޅުތައް އަޅުއްވާފައި ވަނީ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރަމުން އައި އިހުތިޖާޖު ފުޅާވެ، ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވެއްޓެމުން ދަނިކޮށެވެ.

"އަހަރެން އައްޔަންކުރާ ބޮޑުވަޒީރެއްގެ އެހީގައި ސަރުކާރު ހިންގުމުގެ ބާރާއި އަހަރެން ހަވާލުވާން ނިންމައިފިން." ރައީސު ސުޢައްޔިދުގެ ގަރާރު އިއްވަވަމުން ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޤިރްޠާޖް ރިޔާސީ ގަނޑުވަރުގައި ބޭއްވެވި ކުއްލަ ބައްދަލުވުމަކަށް ފަހު، ބޮޑުވަޒީރު މަގާމުން ދުރުކުރެއްވުމުގެ އިތުރަށް، ގާނޫނުހަދާ މަޖިލިސް 30 ދުވަހަށް ސަސްޕެންޑުކުރައްވައި، މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ގާނޫނީ ހިމާޔަތް ނަންގަވަން އޭނާ ނިންމެވީ ގާނޫނު އަސަސީގެ 80 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސު ސުޢައްޔިދު ދެކެވަަޑައިގަންނަވާ ގޮތުގައި އޭނާ މިފިޔަޅުތައް އެޅުއްވީ ގާނޫނު އަސާސީ ހިމާޔަތްކުރައްވައި، ރައްޔިތުންގެ މަސްލަަހަތު ރައްކާތެރިކުރެއްވުމަށެވެ.

ސިފައިން ނުކުމެ މުހިއްމު އިމާރާތްތަކުގެ ބޭރުގައި ފޯރިމަރަމުން ދާއިރު، ގާނޫނުހަދާ މަޖިލީހުގެ ރައީސު ރާޝިދު އަލްޣަނޫޝީއާއި، މެންބަރުން މަޖިލީހުގެ އިމާރާތަށް ވެދެވަޑައިގަންނަވަން އުޅުއްވުމުން އެކަމަށް ހުރަސްއަޅާފައެވެ.

ގާނޫނުހަދާ މަޖިލީހުގެ ރައީސު ރާޝިދު އަލްޣަނޫޝީ ވަނީ ރައީސު ސުޢައްޔިދު "ގާނޫނު އަސާސީއާއި ރައްޔިތުން ގެނައި އިންގިލާބާ ދެކޮޅަށް ބަޣާވާތްކުރައްވާފައި"ވާ ކަމަށް ތުހުމަތުކުރައްވާފައެެވެ.

އަލްޣަނޫޝީ ވިދާޅުވިގޮތުގައި ރައްޔިތުންގެ އެހީތެރިކަމާއެކު އޭނާގެ ޕާޓީ އައްނަހްޟާއިން ގާނޫނުއަސާސީ ދިފާއުކުރާނެ ކަމުގައެވެ.

ޓިއުނީޝިޔާގައި ހަރަކާތްތެރިވާ ބޭރުގެ ބައެެއް ނޫސްވެރިން ޚަަބަރުދޭގޮތުގައި، ރައީސު ސުޢައްޔިދުގެ ނިންމެވުމާއެކު، ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ އިހުތިޖާޖުތައް ވަނީ އުފާފާޅުކުރުމަށް ބަދަލުވެފައެެވެ. ސަރުކާރުން ގެންގުޅެމުން އައި އިގުތިސާދީ ސިޔާސަތާއި، ކޮވިޑް-19 ގެ ކޮންޓުރޯލުކުރަން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ސަރުކާރުދެކެ ރުޅިއައިސްފައި ތިބި ޒުވާނުން ވަނީ ރައީސު ސުޢައްޔިދުގެ ނިންމެވުމަށް މަރުހަބާ ކިޔާފައެވެ.

12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޓިއުނީޝިޔާގައި ކޮވިޑް-19 ކޮންޓުރޯލު ނުކުރެވި ބަލިމަޑުކަމުގެ ހާލަތު ގޯސްވަމުން ދާއިރު، ކޮވިޑް-19 ގައި އެގައުމުގެ 18 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.