ޓިއުނީޝިޔާގެ އާ ރައީސު މަގާމުގެ ހުވައިކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގެންފި

ޓިއުނީޝިޔާގެ އާ ރައީސު ޤައިސް ސުޢައްޔިދު މިއަދު މަގާމުގެ ހުވައިކުރައްވަނީ

ޓިއުނީޝިޔާ (ތޫނިސް) ގައި މި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި ޤައިސު ސުޢައްޔިދު މިއަދު މަގާމުގެ ހުވައިކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގެންފިއެވެ.

މިއަދު ޓިއުނީޝިޔާގެ ގާނޫނުހަދާ މަޖިލިސް، އެސެންބްލީ އޮފް ދަ ރެޕްރެޒެންޓެޓިވްސް އޮފް ޕީޕަލް އޮފް ޓިއުނީޝިޔާ ގައި މިއަދު ހުވައިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސު ސުޢައްޔިދު ވިދާޅުވި ގޮތުގައި ގާނޫނަށް އިހުތިރާމުކުރުމާއެކު، ގާނޫނީ އިމުގެ ތެރެއިން އިންގިލާބެއް ގެނެސް ދުނިޔެ ހައިރާންކޮށްލާފައެވެ.

ކުރިން ސިޔާސީ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައި ނެތް، މެދުމިނުގެ އުސޫލުތަކަށް ތާއީދުކުރައްވާ ގާނޫނީ ތަޖުރިބާކާރު، ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ އަމިއްލަފުޅު ގޮތުން ވާދަކުރައްވައިގެންނެވެ. ސުޢައްޔިދުއަށް ރައީސުކަން ލިބިވަޑައިގަތުމާއެކު ގިނަ އަދަދެއްގެ ސިޔާސީ ހަރަކާތްތެރިން ދަނީ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ދަންނަވަމުނެވެ. އެއީ އޭނާވަށައިގެން ތިބި އޭނާއަށް ތާއީދުކުރާ މީހުން އެކުގައި ބޭތިއްބުމަށާއި، ގައުމު ސިޔާސީ ގޮތުން ހަލަބޮލިވިޔަ ނުދިނުމަށް ކަމުގައި އެމީހުން ބުނެއެވެ.

ޤައިސު ސުޢައްޔިދުއަކީ ސިޔާސީ ޕާޓީތަކާ ދެކޮޅު ބޭފުޅެކެވެ. އެހެންކަމުން މިހާރު ގިނަ ބަޔަކު އުފައްދާ ސުވާލަކި އޭނާ ގިނިކަންޏާ ހުންނަވައިގެން އޭނާގެ ސިޔާސީ އެޖެންޑާ ކުރިއަށް ގެންދަން ބޭނުންވާ ގާނޫނުތައް ގާނޫނުހަދާ މަޖިލީހުން ފާސްކުރާނީ ކިހިނެއް ހެއްޔެވެ.

މިވާހަކަތަކަށް ރައީސު ސުޢައްޔިދު އަދި އެއްވެސް ޖަވާބެއް ދެއްވާފައި ނުވެއެވެ.

މިއަދު ރައީސުކަމުގެ ހުވައިކުރެއްވުމަށް ފަހު ރައީސު ސުޢައްޔިދު ވަނީ ރިޔާސީ ގަނޑުވަރު، ޤިރްޠާޖް ޕެލެސްއަށް ވަޑައިގެން ވަގުތީ ރައީސުކަމުގެ ރަސްމީ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ.

22 ފެބުރުވަރީ 1958 ގައި ޓިއުނީޝިޔާގެ ވެރިރަށް ޓިއުނިސްއަށް އުފަންވެވަޑައިގަތް ޤައިސް ބިން އަލްމުންޞިފް ބިން މުޙައްމަދު ސުޢައްޔިދަކީ ޓިއުނީޝިޔާގެ 7 ވަނަ ރައީސެވެ. އަދި 'ޔާސިމީން އިންގިލާބަ'ށް ފަހު ޓިއުނީޝިޔާގައި ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިވަޑައިގަތް ދެވަނަ ރައީސެވެ.

އޭނާ މިހާތަނަށް މަސައްކަތްކުރައްވާފައި ވަނީ ގާނޫނު ކިޔަވައިދެއްވުމަށެވެ. އޭނާގެ އަނބިކަނބަލުން އިޝްރާފު ޝަބީލްއަކީވެސް ގާނޫނީ ބޭފުޅެކެވެ. އޭނާއަކީ ޓިއުނީޝިޔާގެ އިސްތިއުނާފު ކޯޓުގެ މުސްތަޝާރެކެވެ. އެ ދެބޭފުޅުންނަށް ދަރިކަލަކާ، ދެ ދަރިކަނބަލުން ލިބިވަޑައިގެންފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.