ޓިއުނީޝިޔާގެ ގާނޫނު އަސާސީ އިސްލާހުކުރުމާމެދު ފެންނަ ނުފެެންނަ ވޯޓެއް 2022 ވަނަ އަހަރު ނަގަނީ

ޓިއުނީޝިޔާގެ ރައީސު ޤައިސް ސުޢައްޔިދް ގައުމާ މުޚާޠަބުކުރައްވަނީ

ޓިއުނީޝިޔާގެ ގާނޫނު އަސާސީ އިސްލާހުކުރުމާމެދު ފެންނަ ނުފެެންނަ ވޯޓެއް 2022 ވަނަ އަހަރު ނަގަނީ

އުތުރު އެފްރިކާގެ އަރަބި ގައުމެއް ކަމަށްވާ ޓިއުނީޝިޔާ (ތޫނިސް) ގައި ގާނޫނު އަސާސީ އިސްލާކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް 2022 ނެގުމަށާއި، އާއްމު އިންތިޚާބެއް ބޭއްވުމަށް އެ ގައުމުގެ ރައީސު ޤައިސް ސުޢައްޔިދް ނިންމަވައިފިއެވެ.

ހޯމަ ދުވަހުގެރޭ ގައުމާ މުޚާޠަބުކުރައްވަމުން ރައީސު ސުޢައްޔިދު ވަނީ އިންތިޚާބާ ގުޅޭ ގަރާރުތަކެއް ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ގާނޫނު އަސާސީ އިސްލާހުކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރުގެ ޖުލައި މަހުގެ 25 ގައި  ބޭއްވުމަށާއި، އެ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު އާއްމު އިންތިޚާބު ބޭއްވުމަށާއި، އެ ދުވަހާއި ހަމައަށް ގާނޫނުހަދާ މަޖިލިސްގެ މަސައްކަތް ހުއްޓުވާފައި ބޭއްވުމަށް ނިންމެވުން ހިމެނެއެވެ.

2022 ވަނަ އަހަރުގެ 25 ވަނަ ދުވަހަކީ ގާނޫނުހަދާ މަޖިލިސްގެ މަސައްކަތް ހުއްޓުވައި، އަމިއްލަފުޅަށް ވެރިކަމުގެ ޚާއްސަ ބާރުތަކެއް ނެންގެވުމަށް ރައީސު ސުޢައްޔިދު ނިންމެވި ނިންމެވުމަށް އެއް އަަހަރު ފުރޭ ދުވަހެެވެ. ޑިސެންބަރު މަހުގެ 17 ވަނަ ދުވަހަކީ 'އަރަބި ރަބީޢު'ގެ އިހުތިޖާޖުތައް ފެށުމަށް 22 އަހަރު ފުރޭ ދުވަހެވެ.

ރައީސު ސުޢައްޔިދު އިތުރަށް ވިދާޅުވި ގޮތުގައި ގައުމުގެ އާއްމު ހާލަތާއި މެދު ރައްޔިތުން ދެކޭގޮތް ދެނެގަތުމަށް 2022 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މާރިޗު މަހުގެ 17 ވަނަ ދުވަހާއި ހަމައަށް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްގެންނާއި، ރައްޔިތުންނާއި ބައްދަލުކޮށްގެން އެމީހުންެގެ ޚިޔާލު ހޯދުުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

ހޯމަ ދުވަހުގެ އޮތް ކެބިނެޓް ބައްދަލުވެއްގައި ވާހަަކަފުޅު ދައްކަވަމުން ރައީސު ސުޢައްޔިދު ވިދާާޅުވެފައި ވަނީ ގާނޫނު އަސާސީއަކީ "އަބަދަށް ދެމިގެންވާ އެއްޗެއް ނޫން" ކަމަށާއި ރައްޔިތުންނަށް އެމީހުން ހައްގު ބޭނުންކުރުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށެވެ.

"އެހެންކަމުން، ސިޔާދީ (ސޮވްރިން) ބާރުތައް ލިބިގެންވާ ރައްޔިތުންނަށް ވަކި ލިޔުމެއްގެ އޮނިގަނޑުގެ ތެރޭގައި އެމީހުން ހައްގުތަކުގެ ބޭނުންހިފުމުގެ ފުރުސަތު ނުލިބޭނަމަ އެލިޔުމުގެ ބަދަަލުގައި އާ ލިޔުމެއް (ގާނޫނު އަސާސީއެއް) ގެންނަން ޖެހޭ." ރައީސު ސުޢައްޔިދު ވިދާޅުވިއެވެ.

ރޭ ގައުމާ މުޚާޠަބުކުރައްވަމުން ޓިއުނީޝިޔާގެ ރައީސު ވިދާޅުވެފައި ވަނީ އަންނަ ޖޫން މަހާއި ހަަމައަށް އާ ގާނޫނު އަސާސީއެެއްގެ ޑްރާފްޓް އެކުލަވާލައި ނިންމުމުގެ މަސައްކަތްކުުރުމަށް ކަމާބެހޭ މާހިރުންގެ ކޮމިޓީއެއް އުފައްދަަވާނެކަމުގައެެވެ.

ޓިއުނީޝިޔާގައި 2014 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނު އަސާސީގެ ބައެެއް މާއްދާތަކަށް އަމަލުކުރުން ހުއްޓާލައި، ރިޔާސީ ގަރާރުން ވެރިކަންކުރައްވަން ފާއިތުވި ސެޕްޓެންބަރު މަހު ނިންމެވުމާއެކު އޭނާއަށް ޓިއުނީޝިޔާގެ ސީޔާސީ ޕާޓީތަކުގެ ފަރާތުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވިއެވެ. އޭނާގެ ނިންމެވުންތަކަކީ ޚުދުމުޚްތާރު ވެރިކަމެއްގެ ފެށުން ކަމުގައި ގިނަ ބަޔަކު ސިފަކުރިއެވެ. އެހެންނަމަވެސް، ސިޔާސީ ޕާޓީތަކާމެދު ފޫހިވެފައިވާ އާއްމުންގެ ގިނަ ބަޔަކު ވަނީ މަގުމައްޗަށް ނުކުމު ރައީސު ސުޢައްޔިދަށް އެމީހުންގެ ތާއީދު އޮތްކަން ހާމަކޮށްފައެވެ. ސިޔާސީ ދާއިރާގައި އެއްވެސް ވަރަކަށް ހަަރަކާތްތެރިވެވަޑައިގެންފައި ނުވާ، އަދި އެެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ސުޢައްޔިދުގެ ފަހަތްޕުޅުގައިވާ ބާރަކީ މިފަދަ އާއްމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.