ހިތުގެ ބަލިތަކުގެ ބޮޑު ބައްދަލުވުމެއްގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވަނީ

ފޮޓޯ: އައިޖީއެމްއެޗް

ހިތުގެ ބަލިތަކުގެ މިފަދަ ބޮޑު ބައްދަލުވުމެއްގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވުމަށް ތައްޔާރުވެއްޖެއެވެ.

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން (އައިޖީއެމްއެޗް) ބުނީ އިންޑިއާގެ ކާޑިއޮލޮޖިކަލް ސޮސައިޓީ (ސީ.އެސް.އައި) އިން ބާއްވާ އެންމެ ބޮޑު އިންޓަވެންޝަނަލް ކާޑިއޮލޮޖީ ބައްދަލުވުން ކަމުގައިވާ ނޭޝަނަލް އިންޓަވެންޝަނަލް ކައުންސިލް (އެން.އައި.ސީ) މިޑްޓާމް މީޓިންގ ގައި ބައިވެރިވުމަށް ރާއްޖެއަށް ދަޢުވަތު ލިބިފައިވާ ކަމަށެވެ.

މި ޖޫންމަހުގެ 17 އިން 19 އަށް އިންޑިއާގެ އަހްމަދުއާބާދުގައި ކުރިއަށްދާ މި ބައްދަލުވުމުގައި އެކި ގައުމުތަކުން 500 އަށްވުރެ ގިނަ މާހިރުން ބައިވެރިވެވަޑައިގެން އެކި ކޭސްތައް ހުށަހަޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ބައްދަލުވުމުގައި ބައިވެރވުމަށް އައި.ޖީ.އެމް.އެޗްގެ ހިތުގެ ބަލިތަކަށް ޚާއްސަ ޤައުމީ މަރުކަޒުގެ ޑޮކްޓަރުންނަށް ވެސް ފުރުސަތު ލިބިފައިވާއިރު، މި އަހަރުގެ ބައްދަލުވުމުގައި ކޮރޯނަރީ އިންޓަވެންޝަން، ޕެރިފަރަލް އަދި އަޔޯޓިކް އިންޓަވެންޝަން، ކޮންޖެނިޓަލް އިންޓަވެންޝަން، ސްޓްރަކްޗަރަލް ހާރޓް ޑިޒީސް، އެލެކްޓްރޯފިޒިއޮލޮޖީ، ނިއުރޯ އިންޓަވެންޝަން އަދި އިނޮވޭޝަން އިން ކާޑިއޮލޮޖީ ފަދަ މަޢުޟޫއުތަކަށް އަލިއަޅުވާލެވޭނެއެވެ.

އައިޖީއެމްއެޗުން ބުނީ އެން.އައި.ސީ ގެ ފަރާތުން ލިބިފައިވާ ދައުވަތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެލައްވާނީ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު ޑރ. އަލީ ޝަފީގު އާއި އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗް އާއެކު ހެދިފައިވާ އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލުގެ ނެޝަނަލް ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރައްވަމުންދާ މެޑިޓްރީނާ ހޮސްޕޓަލުގެ ޑރ. އިމާދު ޝައިބާން ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެލައްވާ ދެ ޑޮކްޓަރުން ހުށަހަޅުއްވާ މަޢުލޫއުއަކީ  ކޮމްޕްލެކްސް މެއިން އިންޓަވެންޝަންއެވެ. މި ހުށަހެޅުއްވުން، ބައްދަލުވުމުގައި ބައިވެރިވެލެއްވާ ބޭފުޅުންނަށް ފެނިލައްވާނެ ގޮތަށް މެޑިޓްރީނާ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު ލައިން ޓެލެކާސްޓަކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.