އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި މުވައްޒަފުން ރީޖަނަލް ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރަނީ  

 

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޑޮކްޓަރުންނާއި މުވައްޒަފުން ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރުމަށް ނިންމާފައިވާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި މެއި މަހުން ފެށިގެން އަންނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.

މިޕްރޮގްރާމްގައި އައި.ޖީ.އެމް.އެޗްގެ ހިތުގެ ބަލިތަކަށް ޚާއްސަ، ކެންސަރު ބައްޔަށް ޚާއްސަ، ރޭޑިއޯލޮޖީ، ކަށީގެ ބަލިތަކަށް ޚާއްސަ، އެތެރެހަށީގެ ބަލިތަކަށް ޚާއްސަ އަދި ކުޑަކަމުދާ ނިޒާމާއި ބެހޭ ޑިޕާޓްމަންޓްގެ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ފޮނުވުމަށް ރޭވިފައިވާކަމަށް ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނީ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، އަދި ގަން ރީޖަނަލް ހޮސްޕިޓަލް ހިމެނޭހެން ހަ ރީޖަނަލް ހޮސްޕިޓަލަށް ކަމަށެވެ.

އެގޮތުން އައި.ޖީ.އެމް.އެޗްގެ އެކި ޑިޕާޓްމަންޓުތަކުގެ މުވައްޒަފުން މިއަހަރުގެ މެއިމަހު ޒިޔާރަތްކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި މިމުވައްޒަފުން ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާނެ ދުވަސްތަކަކީ:

 

ހޮސްޕިޓަލް ތާރީޚް ޑިޕާޓްމަންޓު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް 16،15،14 މެއި 2022 ހިތުގެ ބަލިތަކަށް ޚާއްސަ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް 21،20،19 މެއި 2022 ކެންސަރުގެ ބަލިތަކަށް ޚާއްސަ
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް 24،23،22 މެއި 2022 ރޭޑިއޯލޮޖީ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް 25،24،23 މެއި 2022 ކަށީގެ ބަލިތަކަށް ޚާއްސަ
އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް 30،29،28 މެއި 2022 އެތެރެހަށީގެ ބަލިތަކަށް ޚާއްސަ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.