އަމީރާ ސުލްޠާނާގެ ނާރެސް - 48

(26 ޖޫން 2022 ގެ ބަޔާ ގުޅޭ)

ކޮންމެވެސް މީހަކާ ވާހަކަ ދައްކާލަން އަޅުގަނޑު ބޭނުންވިއެވެ. ދައްތަ ، ސާރާއާ ފޯނުން ގުޅައިލީމެވެ. އަދި ވާހަކަ ދައްކާލަން ބޭނުންވާހަކަ ބުނީމެވެ. އަޅުގަނޑުމެން ބައްދަލުކޮށްލަން ނިންމީ ގޭގެ ބަގީޗާ ތެރޭގައެވެ.

ދައްތަ ސާރާއާ ބައްދަލުވުމުން އެންމެ ފުރަތަމަވެސް އަޅުގަނޑު ކިޔައިދިނީ، ކަރީމާ އަޅުގަނޑާ ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އެހާ ހުޅުވިފައިވާ ގޮތަކަށް ދައްތަޔަށް އެވާހަކަތައް ކިޔައިދިނީތީ، ދައްތަހުރީ ވަރަށް އުފާވެފައެވެ. އަދި އަޅުގަނޑުގެ ހިތްވަރަށް ތަޢުރީފު ކުރިއެވެ.

"ސުލްޠާނާ އަށް ފުރަތަމަ ތިކަން ކުރެވުނު ހިސާބުންވެސް ކަރީމަށް ހުރިހާ ވާހަކައެއް ކިޔައިދިންނަމަ، ކަރީމުގެ ތަކުލީފު ކުޑަވީހެވެ. އެކަން ކޮށްލިނަމަ ވަރަށް ރަނގަޅުވީހެވެ. އެހެންނަމަ، ތިކަންކަން އެނގުމުން ކަރީމު ދެން އެޢަމަލުކުރިގޮތް ބަދަލުވީހެވެ." ވާހަކަ ކުރިޔަށް ނުގެންގޮސް ސާރާ މެދުކަނޑައިލިއެވެ.

"ސުލްޠާނާއެވެ! އިއްޔެ ހަވީރު ކަރީމާ ބައްދަލުކޮށްލިނަމަ ރަނގަޅުވީހެވެ. ސުލްޠާނާއަށް ކަރީމުގެ ބޭނުންޖެހުނު ހިނދު އެކަން ކަރީމަށް އެނގުމުން ޙާލަތު ބަދަލުވީހެވެ. ކަރީމަށް ތިކަންކަން އެނގުމުން އޭނާގެ ހިތުގައި ޖެހޭނެވަރާ އަދި ކުރާނެ އަސަރު ސުލްޠާނާ ވިސްނާލަފައެއް ނެތެވެ. އެއީ ވަރަށް ދެރަކޮށް ކުރެވުނު ކަމެކެވެ."

އަޅގަނޑާ ބެހޭގޮތުން، ދައްތަގާތު ކަރީމުދެއްކި ހުރިހާ ވާހަކައެއް ސާފުކުރުމަށް އަޅުގަނޑު ބޭނުންވިއެވެ. ޚާއްޞަކޮށް އަޅުގަނޑުމެންގެ ޒަވާޖީ ޙަޔާތާބެހޭގޮތުން ކަރީމުގެ ވިސްނުންހުރިގޮތް، ދައްތަގެ ފަރާތުން އެނގެން ވަރަށް ބޭނުންވިއެވެ. އެހެންނަމަވެސް، އަޅުގަނޑާ ބެހޭގޮތުން ކަރީމު ދައްތަގާތު ބުނި އެއްވެސް ވާހަކައެއް ބުނުމަށް ދައްތަ ދެކޮޅު ހެދިއެވެ. އެކަންވެސް ވާގޮތެއް ނުވިއެވެ. ކަރީމު ދެއްކި ވާހަކައެއް އެދެއްކީ ދައްތައާ ދެމީހުންގެ މެދުގައި އޮތް ސިއްރެއްގެ ގޮތުގައެވެ. ދައްތަވެސް، އެވާހަކަ އެއްވެސް މީހެއްގެގާތު ނުބުނާނެއެވެ.

"ސުލްޠާނާ އެވެ! އަހަރެމެން ދެބެންނަކީ ވަރަށް ނަޞީބުގަދަ ދެ އަންހެނުންނެވެ." ސާރާ ވަރަށް އޯގާތެރިކަމާއެކު، އަޅުގަނޑަށް ވިސްނައިދެވޭތޯ ބެލިއެވެ.

"އަހަރެމެން ދެބެންވެސް އިނދެގެން މިއުޅެނީ ވަރަށް ރަނގަޅު އަދި އޯގާތެރި ދެމީހުންނާއެވެ." އަނެއްކާވެސް ދައްތަގެ ވާހަކަ މެދުކަނޑައިލިއެވެ.

"އަހަރެމެން ދިރިއުޅޭ މިބިމުގައި، އަހަރެމެންގެ ފިރިންނަކީ އަގުބޮޑު ޖަވާހިރެއްފަދަ އަގުހުރި ބަޔެކެވެ. އެދެމީހުން ވަރުގެ މީހުން މިބިމުގައި ވަރަށް މަދުވާނެއެވެ." ސާރާގެ ބަސްތަކަށް އަޅުގަނޑު އިޙްތިރާމް ކުރީމެވެ. އުފާވެސް ވިއެވެ. ޔަޤީނުންވެސް އަސަދަކީ، އެހެން ފިރިހެނުންނާ ތަފާތު މީހެކެވެ. އަދި އަސަދަކީ ދައްތައަށް އިޙްތިރާމްކޮށް ހެޔޮކޮށްހިތާ ފިރިއެކެވެ. ކަރީމު ފަދަ ރަނގަޅު މީހެކެވެ. އަންހެނުން ހިތިމީހަކަށްވިޔަސް، އަސަދަށް ސާރާ ފެނުނު ހިނދުންފެށިގެން، އެހެން ހުރިހާ އަންހެނުންނަކީ އޭނާއަށް ނެތް ބަޔެކެވެ. އެއީ ވަފާތެރި ފިރިޔެކެވެ. ސާރާއަކީ، ވަރަށް ނަޞީބުގަދަ އަންހެނެކެވެ.

ކަރީމުގެ ހިތުގައި ޖެހޭނެ ކަންކަން އަޅުގަނޑަށް ކުރެވިފައިވަނީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ. ވަރަށް ކުރީއްސުރެއެވެ. އަދި ހަމައެއާއެކު، ކަރީމުވެސް ވަނީ އަޅުގަނޑުގެ ހިތުގައި ޖެހި ދެރަވާނެ އެތައްކަމެއް އެކިޙާލަތުގައި ކޮށްފައެވެ. ދުވަސްތަކާއި މަސްތައް އަދި އަހަރުތައް ފާއިތުވަމުންގޮސް، އަޅުގަނޑަށްވެސް މިއުޅެނީ އަޅުގަނޑުގެ ދިރިއުޅުން ހަމަޔަކަށް ނޭޅުވިގެންނެވެ. އެހެނެއްކަމަކު، ކަރީމުވަނީ ކޮންމެ ފަހަރަކުވެސް އަޅުގަނޑަށް މާފުކޮށްފައެވެ. އަދި އަޅުގަނޑަށް އަޅާލައި އޯގާތެރި ފިރިއެއްގެ ވާޖިބު، އޭނާވަނީ ވަރަށް ފުރިހަމަޔަށް އަދާކޮށްފައެވެ. އަޅުގަނޑަކީވެސް ހާދަ ނަޞީބުގަދަ މީހެކެވެ. އެކަމަށްޓަކައި އަޅުގަނޑު، ﷲ އަށް ޝުކުރުކޮށް ޙަމްދުކުރަން ޖެހެއެވެ. އަދި ކުރަންވެސް މެއެވެ.

ދައްތައާއި އަޅުގަނޑުގެ ބައްދަލުވުން ވަރަށް ކާމިޔާބެވެ. ދައްތަގާތު، އަޅުގަނޑާ ބެހޭގޮތުން ކަރީމް ދެއްކި ވާހަކަތައް އެނގުން ފިޔަވައި އެހެންހުރިހާކަމެއްވެސް ދިޔައީ ރަނގަޅަށެވެ. ދައްތައާ ސަލާމް ކޮށްލުމަށްފަހު އަޅުގަނޑު ދިޔައީ، އަޅުގަނޑުގެ ކޮޓަރިއަށެވެ. ކުޑައިރުކޮޅަކުން ކަރީމުވެސް އައިސް ކޮޓަރިޔަށް ވަނެވެ. އޭނާ ހުރީ ހިނިއައިސް އުފާވެރިގޮތަކަށެވެ. އަޅުގަނޑު ގަޔާވާނެ ކަމެއް އޭނާގެ ވިސްނުމަށް އައި ވާހަކަ ބުނެލީ ހިނިތުންވުމާއެކުގައެވެ. އަޅުގަނޑު، ދުވެގޮސް ކަރީމް އަޅުގަނޑާ ގާތްކޮށްލީމެވެ. އަޅުގަނޑަށް ވަރަށްބާރަށް އަޅުގަނޑުގެ ގަޔާލައި ކަރީމް ދަމައިގަނެވުނެވެ. އެއައި ބާރުމިނުގައި ކަރީމުވެސް، ދޫނުކޮށް އަޅުގަނޑާއެކު އެނދުމައްޗަށް ވެއްޓިގަތެވެ.

އެނދުމައްޗަށް ވެއްޓުމަށްފަހު، ކަރީމު އަޅުގަނޑާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެކަމަކު، އަޅުގަނޑަކަށް އެފުރުޞަތެއް ނުދެވުނެވެ. ކަރީމުގެ ލޮނާއި ނޭފަތް އަދި ތުންފަތުގައި ހުއްޓުމެއްނެތި ދޮންދޭން ފެށީމެވެ. އަޅުގަނޑަށް ދެވަނަ ޙަޔާތެއް ފެށުމުގެ ފުރުޞަތު ތަނަވަސްވެގެންދިޔަކަމުގެ އިޙުސާސުން އަޅުގަނޑުވަނީ މޮޔަވެފައެވެ. ވައްކަންކުރިމީހެއްގެ އަތްބުރިކޮށްލެވޭނެވާހަކަ ބުނުމުން އޭނާއަށް ކުރެވޭނެފަދަ އިޙުސާސެއް ކުރެވުނެވެ. އަދި އެމީހާގެ އަތްބުރިކޮށްލުމުގެ ކުރިން ޖައްލާދު މަރުވި ފަދައެވެ. އަދި އެ ވަށްކަންކުރިމީހާ އަތްބުރިކޮށްލުމުން ސަލާމަތްވިއެވެ. އަޅުގަނޑުވެސް މިކަމުން ސަލާމަތްމިވީ އެގޮތަށެވެ. މިފަދަ އިޙުސާސަކުން އަޅުގަނޑުގެ ހިތް އުފަލުން ފޮޅުނެވެ. ކަރީމު އެބުނަންއުޅޭ ވާހަކައެއް ހަނދާންނެތޭވަރަށް، ކަރީމަށް ދޮންދެމުން ގެންދިޔައީމެވެ.

ފަހުން، ދެމީހުންނަށްވެސް ހަމަނޭވާލެވުނު ހިނދު، ކަރީމު ސިނގިރޭޓެއް ރޯކޮށްލިއެވެ. އަދި ދެފަހަރަކު ދަމާލުމަށްފަހު އަޅުގަނޑަށް ދިނެވެ. އަދި ދެމީހުން ދެފަހަރު ސިނގިރޭޓް ބަދަލުކޮށް ބޮމުންގެންދިޔައީމެވެ.

"ސުލްޠާނާއެވެ! މީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟” ކަރީމުގެ ސުއާލަށް ޖަވާބުދޭން އަޅުގަނޑަށް މަޖުބޫރު ވިއެވެ.

"އަހަރެންގެ ހިތުގައި އަހަރެންގެ ފިރިމީހާގެ މައްޗަށް އޮތްލޯބި ހާމަކުރުމުގެ ހުއްދަ އަހަރެންނަށް ނެތީ ހެއްޔެވެ؟" އަޅުގަނޑުވެސް ސުއާލު ކުރީމެވެ.

"ނޫނެކެވެ. ތިހުރިހާ ޙައްޤެއްވެސް ކަލާއަށް އޮންނާނެއެވެ. އަހަރެންގެ މައްޗަށް ކަލާގެ ހިތުގައި އޮތްލޯބި، ކޮންމެ ވަގުތަކުވެސް ހާމަކުރެވެން ވާނެއެވެ. އަހަރެންނަށް އިސާރަތް ކޮށްލާށެވެ." ހިނިތުންވެލަމުން ކަރީމް ބުންޏެވެ.

"އަހަރެން އިސާރަތްކުރާނީ ދެން ކާކަށް ހެއްޔެވެ؟" ކަރީމުގެ ތަނަވަސް މޭމަތީ ބޯއަޅައިލަމުން އަޅުގަނޑު ބުނީމެވެ.

"އަހަރެންވެސް ކަލާދެކެ އިންތިހާއަށް ލޯބިވަމެވެ." އަތުގައި އޮތް ސިނގިރެޓް، މައްޗަށް އުފުލާލައި އަޅުގަނޑުގެ ބޮލުގައި ފިރުމާލަމުން ކަރީމް ބުންޏެވެ.

"ތިއުޅެނީ ކޮންކަމެއްކުރަން ކަރީމުގެ ހިތަށް އައިސްގެން ހެއްޔެވެ؟" ކަރީމުގެ އަތުގައި އޮތް ސިނގިރޭޓް ދަމާލަމުން އަޅުގަނޑު ބުނީމެވެ.

"އާނއެކެވެ! ޢާއިލީ ދަތުރެއްގައި އަހަރެމެން އެކުގައި ސަހަރާގެ ތަނަކަށް ޖައްސާނުލާތާ ހާދަ ދުވަހެއް ވެއްޖެއެވެ. އަހަރެންގެ ހިތަށް އަރައިގެން މިއުޅެނީ އެކަމެވެ." އަޅުގަނޑަށްވާގޮތެއް ބަލައިލުމަށް އަޅުގަނޑުގެ ލޮލަށް ބަލަހައްޓައިގެން އޮވެ ކަރީމް ބުންޏެވެ.

"ސަހަރާގެ ދަތުރަކުން އެލިބޭ ތަޖުރިބާއަކީ އަހަރެމެންގެ ޙަޔާތުގެ ވެދިޔަތާނގައި ފޮނި ތަޖުރިބާތަކެއް އަހަރެމެން އެންމެންނަށްވެސް ލިބިފައިވާކަމެއްކަމަށް އަހަރެންނަށް ޤަބޫލކުރެވެއެވެ." ކަރީމް އިތުރަށް ވާހަކަ ދެއްކިއެވެ. ހަމަ، އަޅުގަނޑުގެ ލޮލަށް ބަލަހައްޓައިގެން އޮވެއެވެ.

ކަރީމު އެބުނަނީ ރަނގަޅު ވާހަކައެކެވެ. ކަރީމާއި ޢަބްދުﷲ އާއި ދެބަފައިންނަށް، ޝާހީ ސަހަރާގެ ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބެއެވެ. އެފަދަ ދަތުރުތަކުގައި ސަހަރާއާއި ޖަންގަލީގައި ޝިކާރަ ކުރުމާއި އެނޫންވެސް މަޖާ ކަންތައްތައް އޮވެއެވެ. އަޅުގަނޑުގެ އަންހެން ދެކުދިންނާއި އަޅުގަނޑަކަށް އެފަދަ ދަތުރުތަކުގައި ބައިވެރިވުމަށް ފުރުޞަތެއް ނޯވެއެވެ. އެއީ މުޅިންވެސް ފިރިހެންވެރިންކުރާ ދަތުރެވެ. ބައިވެރިވާނީ ޝާހީ ޢާއިލާގެ މެންބަރުންނެވެ. އަޅުގަނޑުމެންގެ ޢާއިލާ އެއްކޮށް އެފަދަ ދަތުރެއްކުރިފަހުން ވަރަށް ގިނަދުވަސް ވެދާނެއެވެ. އެފަދަ ދަތުރަކީ ވަރަށް އާދައިގެ މަޖާ އަދި ހިތަށް ފިނިކަން ގެނެސްދޭ ދަތުރުތަކެކެވެ. ތާރީޚަކަށް ވަގުތަކަށް އަދި ގަޑިޔަކަށް ބެލުމެއް ނޯންނާނެއެވެ. ހަމައެކަނި އޮންނާނީ މަޖާކުރުމާއި އަރާމެވެ.

"އާނއެކެވެ! ސަހަރާ ދޯއެވެ! އަހަރެން ވަރަށް އުފާވާނެއެވެ." އަޅުގަނޑަށް ލިބުނު އުފާ ނުހިފެހެއްޓިގެން އޮވެ ބުނެލީމެވެ.

އަޅުގަނޑުމެން ޝާހީ ޢާއިލާގެ ދަތުރުތައް މުޅިންވެސް މި އޮންނަނީ ޒަމާނީ ތަރައްޤީގައި ކުރިއަރާފައިވާ މުއްސަނދި ޤައުމުތަކަށެވެ. ދިރިއުޅެމުން މިގެންދަނީ ބޮޑެތިހެން ހީވާ ގަނޑުވަރުތަކުގައެވެ. އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅުނީ، ސަހަރާގައި ޓެންޓްފަދަ ކުދިކުދި ޖިފުޓިތަކުގައެވެ. ޝިކާރަކޮށްގެން ކައިބޮއެ އުޅުނީ ސަހަރާގެ ދިރިއުޅުމުގައެވެ.  މިޒަމާނުގައި އެފަދަ ދިރިއުޅުމެއް ދައްކައިދޭ އާސާރީ ތަންތަނާއި ޖިފުޓިތައް މުޅި ޢަރަބި ކަރައިގާވެސް ވަރަށް މަދެވެ. މިވޭތުވެދިޔަ ވިއްސަކަށް، ތިރީހަކަށް އަހަރުދުވަހުގެ ތެރޭގައި، ސުޢޫދީ ސަރުކާރުން ބާރުއަޅަމުން އައީ، އިހުގެގޮތަށް ދިރިއުޅެމުން އައި ބަދަވީން، އެމީހުންގެ ޖިފުޓީގެ ދިރިއުޅުން ދޫކޮށް ތަހުޒީބުވެ ތަރައްޤީވެފައިވާ، ސުޢޫދީ އަވަށްތަކަށް ބަދަލުވުމަށެވެ. މިއަދު، ސުޢޫދީގެ ކޮންމެ މީހަކުވެސް، ކުރީގެ ދިރިއުޅުމުގެ މަތިން ހަނދާން ކުރެއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ޚާއްޞަކޮށް ބަދަވީންގެ ދިރިއުޅުމަށް ވަރަށްބޮޑެތި ބަދަލުތައް އައިސްފައި ވެއެވެ. ސަހަރާ ދޫކޮށް، ތަރައްޤީވެ އާބާދުވެފައިވާ ޒަމާނީ ދިރިއުޅުމަށް ރައްޔިތުން ބަދަލުކުރުމަށް ސުޢޫދީ ސަރުކާރުން ބާރުއެޅިނަމަވެސް، ސުޢޫދީގެ އެންމެންނަކީވެސް ސަހަރާދެކެ ލޯބިވާ އަދި ސަހަރާގެ ދިރިއުޅުމުގެ މަތިން ހަނދާންކުރާނެ ބަޔެކެވެ. އަޅުގަނޑުމެން ސުޢޫދީ ޝާހީ ޢާއިލާގެ މީހުންނަކީވެސް ޢާންމު ރައްޔިތުންނާ މިކަމުގައި ތަފާތު ބައެއްނޫނެވެ. އަޅުގަނޑުމެންގެ ލޭގައިވެސް އެ ރޫހާއި ލޯބި އުފެދިފައި އޮވެއެވެ. އެއީ އަޅުގަނޑުމެންގެ އުފެދުމުގެ އަޞްލެވެ.

މީލާދީ ސަނަތުން 1448 ވަނައަހަރުގެ ތެރޭގައި، އާލްސަޢުދު ޢާއިލާގެ ހުރިހާ މެންބަރުން، އޭރު ދިރިއުޅެމުންއައި ދިރިޔާ އެވެ ކިޔުނު ސަހަރާގެބިން ދޫކޮށްލިއެވެ. އަދި އެބިމުގައި ދަނޑުގޮވާން ކުރަންފެށިއެވެ. އަޅުގަނޑުމެންގެ ޢާއިލާގެ ފިރިހެނުން އެދުވަސްވަރުވެސް، ކާމިޔާބު ދަނޑުވެރިންތަކަކަށް އަދި ވިޔަފާރިވެރިންނަށްވިއެވެ. ދުވަސްގަނޑަކަށްފަހު އެއެންމެންވީ ޢަރަބީންގެ ތެރެއިން ތަހުޒީބީ ދިރިއުޅުމެއްހޯދި ބަޔަކަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޢާއިލާގެ އަޞްލު ސަހަރާގެ ބަދަވީންގެ ގޮތް އަޅުގަނޑުމެން ދުލެއް ނުކުރަމުއެވެ.

"އަހަރެމެން ޢާއިލާ ދަތުރެއް ރާވައިކުރިޔަށް ގެންދާނީއެވެ. އެންމެންނަށްވެސް އަހަރެމެން މިދަތުރަށް ދަޢުވަތުދޭނީއެވެ." އަޅުގަނޑު އެޚިޔާލުތަކުގެ ތެރެޔަށް ގެއްލިފައި އިންދާ، ކަރީމް އަޅުގަނޑު ހޭލައްވައިލިއެވެ.

"އަހަރެން އުއްމީދު ކުރަމެވެ. ޢަލީ ނުލައެވެ." ކަރީމު އެބުނި އެއްޗެއްގެ އަޞްލު މާނައެނގި އަޅުގަނޑު ކުއްލިޔަކަށް ބުނީމެވެ.

"ސުލްޠާނާއެވެ! ސުލްޠާނާ އާއި ސުލްޠާނާގެ ބޭބެގެ މެދުގައި އުފެދިފައި އޮތް ޚިލާފުތައް ދުރުކޮށް އެއްބައެއްވަންތަކަން އުފެއްދުމުގެ ވަގުތު އައިއްސިކަމަށް ނުބަލަން ހެއްޔެވެ ؟ ތިގެންގުޅެވޭ ގޯސް އާދައިގެ މަތިން ތިދެމީހުންކުރެ އެކަކަށްވެސް ލިބުނީ ކޮން ފައިދާއެއް ހެއްޔެވެ؟" ކަރީމް، ނުހަނު ލޯބިން އަޅުގަނޑުގެ މޫނުގައި އަތުން ފިރުމާލަމުން ބުންޏެވެ.

"ޢަލީ ކަހަލަ މީހަކާ އަހަރެންނަށް ގާތްގުޅުމެއް ބޭއްވޭނީ ކިހިނެއް ހެއްޔެވެ؟ ދުރުމީހަކަށްވިޔަސް އަދި ބޭބެޔަކަށް ވިޔަސް މެއެވެ. އެއީ އުޑޫބަޅުކުރި ހިސާބެއްގައި ވާޙަކަ ދައްކަން ހެޔޮވާވަރުގެ މީހެއްނޫނެވެ." ގަދަރުޅިޔާއެކު އަޅުގަނޑަށް ބުނެވުނެވެ.

"އެހެން ހެއްޔެވެ! އެކަމަކު އެއްވެސް މީހަކަށް ދަޢުވަތުދޭނަމަ އަހަރެމެން ޢަލީއަށް ދަޢުވަތުދޭން ވާނެއެވެ."

ކަރީމު އެބުނަނީ ރަނގަޅު ވާހަކައެއްކަމަށް އަޅުގަނޑުވެސް އެއްބަސްވަމެވެ. ޢާއިލާގެ އެންމެންނަށް ދެވޭ ދަޢުވަތެއްގައި ވަކިމީހަކު ބާކީކުރުމަކީ، އެއީ ޢަރަބި އާދަކާދަޔާ މުޅިން ޚިލާފުކަމެކެވެ. ކުރަން ހެޔޮވާވަރުގެ ކަމެއްނޫނެވެ. އެކަން އެގޮތަށް ހިނގައިފިނަމަ، އެވާނީ އަޅުގަނޑުމެންގެ ޝާހީ ޢާއިލާއާ ބެހޭގޮތުން މުޅި ރިޔާޟުގައި އެގޮތްމިގޮތަށް ވާހަކަދައްކަން ދެވޭ ފުރުޞަތަކަށެވެ.

"އެހެންވެއްޖިއްޔާ އޭނާއަށްވެސް ދަޢުވަތު ދޭށެވެ. އަހަރެމެން ޢަރަބީން އަހަރެމެންގެ އަންހެނުންގެ އިޙްސާސްތަކަށް އިޙްތިރާމް ނުކުރާތީ ވަރަށް ފޫހި ވެއެވެ. " ނުރުހުމުގެ ރާގެއްގައި އަޅުގަނޑަށް ބުނެވުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.