(27 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)
އެއީ ރަނގަޅު ވާހަކަ އެކެވެ. ޅަ އަންހެންކުދިންތަކެއް ބަންދުކޮށްގެން އެތަނުން ގަނޑުވަރެއްގައި ގެންގުޅޭ ވާހަކަ މަހާ ބުނިނަމަވެސް، އަޅުގަނޑުމެން އެކަން މިތިބީ ހަނދާން ނައްތައިލައިގެންނެވެ. ކޮށްޓަށްލައި ބަންދުކޮށްފައިތިބޭ ދޫނިތަކަކަށްވުރެ، ތަނެއްގައި ބަންދުކޮށްފައިތިބޭ އިންސާނުންތަކެއް މުހިންމު ވާން ޖެހޭނެއެވެ. މަހާއެއްކަމަކު އެބުނަނީ ރަނގަޅު ވާހަކައެކެވެ. މަހާ ކަންބޮޑުވެފައި އެހުރި ކަންކަމަށް ޖަވާބުދާރީވާން ޖެހޭނެއެވެ.
"ދަރިފުޅާއެވެ! މިކަންތައް އިހަށް މައިތިރިކޮށްލުމަށް މަންމައާ ބައްޕައަށް ކުޑަވަގުތުކޮޅެއްދީ އެހީތެރިވެދޭށެވެ. މަންމަ ވަޢުދު ވަމެވެ. އެކުދިންނާ ބެހޭގޮތުން ކަންކަން އެހިނގަނީ ކިހިނެއްކަން މަންމަ ބަލައިދޭނަމެވެ." މަހާ މޫނުކުނިކޮށްލާފައި، އޭނާގެ ކޮއްކޮ އަމާނީއަށް މަލާމާތްކުރަން ފެށިއެވެ. އަޅުގަނޑަކަށް، މަހާގެ މިސަކަރާތް ކަމަކު ނުދިޔައެވެ.
"މަހާއެވެ! ތީ ކޮންކަމެއް ހެއްޔެވެ؟ ދޫނިސޫފާ ސޫތްޕާމެދު އަމާނީ ކަނބޮޑުވާ މިންވަރު، މަހާއަށްވެސް އެނގޭނެއެވެ. ކޮއްކޮ ކަންބޮޑުވެގެން އަމިއްލަޔަށް ދޫބުރިކޮށްލައިފިއްޔާ ނޫނީ އަމިއްލަޔަށް މަރުވެއްޖިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެކަމާ އެންމެ ދެރަވާނީ ހަމަ ދަރިފުޅެވެ."
"އެކަން އެހެން ވެއްޖެނަމަ، އަހަރެން ބޮޑުޕާރޓީއެއް ބާއްވާނަމެވެ. އަދި ރޯދަ ވީއްލުމެއް ބާއްވައި ގިނަބަޔަކަށް ކާންދޭނަމެވެ." މަހާ ހަރުކަށިކަމާއެކު ޖަވާބު ދިނެވެ.
މަހާގެ މޫނުމަތީ އަޅުގަނޑަށް ދެފަހަރަށް ޖެހުނެވެ. މަހާއަށް އެކުރެވުނީ ކުށެއްކަން ވިސްނައިގަންނަން އުނދަގޫވާވަރަށް އޭނާހުރީ ފާލުން ނެއްޓިފައެވެ. ދަރިއެއްކަމަކު، ވީފޫހީން އަޅުގަނޑު ދެން ދިޔައީ އަމާނީގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަތްއިރު، އަޅުގަނޑުގެ ލޮބުވެތި ފިރިމީހާ، ކަރީމް މަސައްކަތްކުރަމުން އެގެންދަނީ ދޫންޏަށް ކާންދޭ ތަކެއްޗާއި އެހެނިހެން ތަކެތީގެ ލިސްޓެއް އަމާނީއާއެކު، ތައްޔާރު ކުރުމަށެވެ. އަޅުގަނޑަށްވެސް އަދި ކަރީމަށްވެސް އަމާނީގެ ޙާލަތު ވަރަށް ސާފުކޮށް އެނގެއެވެ. އަމާނީއަކީ، ނާރުތަކުގެ މައްސަލަ ހުންނަ ކުއްޖެކެވެ. ނޭނގިހުއްޓައި ފިޓްޖެހިގެން ވެއްޓިދާނެއެވެ. ކަރީމް އަޅުގަނޑާދިމާއަށް އެނބުރުނެވެ.
"ސުލްޠާނާ އެވެ! ދޫނިލާ ބޮޑެތި ވިއްސަކަށް ކޮށި ގަންނަން ޑްރައިވަރަކު ފޮނުވައިދޭށެވެ. ދޫންޏަށް ކާންދޭ އެއްޗިއްސާ އަދި ބައެއް އެހެން އެއްޗެހިވެސް ގަންނަން ޖެހެއެވެ. ލިސްޓްގައި ހުރިހައި އެއްޗެއް ލިޔެފައި ވެއްޖެއެވެ." އަޅުގަނޑު އާނއެކޭ ބުނަމުން އެލިސްޓްގައި ހިފީމެވެ. އަދި އެއްކޮޅުން އަނެއްކޮޅަށް ކިޔައިލާ، ދެ ޑްރައިވަރުން އެކަމަށް ޚާއްޞަ ކުރީމެވެ.
ގަޑިއެއްހައި އިރުގެ ތެރޭގައި، ލިސްޓްގައިހުރި ތަކެތި ހިފައިގެން ޑްރައިވަރުން އަތުވެއްޖެއެވެ. ނަޞީބަކުން ހުރިހައި އެއްޗެސްވެސް ލިބިއްޖެއެވެ. ދޫނިކޮށިތައްވެސް ފުދޭވަރަކަށް ބޮޑެއްޗެވެ. ދޫނިތަކަށް ބޭނުންވާނެހައި ހުރިހައި އެއްޗެއް ގެޔަށް ޖަމާކުރެވުނެވެ. އަދި ދެންކުރަންޖެހޭ ކަންކަމާ ކަރީމް ޙަވާލުވިއެވެ. ދޫންޏާ ބެހޭގޮތުން ކުރިމަތިވެފައިމިވާ ކާރިސާގެ މަސައްކަތަށް 6 ނޯކަރުން ހަމަޖެއްސުނެވެ. އެމީހުން އާދައިގާ ކުރަންޖެހޭ އެހެންހުރިހައި މަސައްކަތެއް ދޫކޮށްލާފައި، ޚާއްޞަވާންވީ ދޫނި އެއްކޮށިން އަނެއްކޮށްޓަށް ބަދަލުކުރުމާ އަދި ކޮށި ޒީނަތްތެރި ކުރުމަށެވެ. ކާންއެޅުމާއި ފެން އެޅުމަށެވެ. ހުރިހައިކަމެއް ނިމުމުން، އަމާނީ ވަށައިގެން ކޮންމެ ކޮށްޓެއްގެ ކައިރިޔަށްގޮސް، ހުރިހައިކަމެއް ރަނގަޅުތޯ ބަލައި ނިންމައިލައިފިއެވެ. އެކަން ނުކޮށް ނިދަން އޮށޯންނާކަށް އަމާނީ އެއްބަހެއް ނުވިއެވެ. މިހައިވަރުން އަމާނީއަށް ނިދޭނެ ބާވައެވެ. އަޅުގަނޑު އަދިވެސް ހުރީ ޝައްކެއްގެ މަތީގައެވެ. އަމާނީ ހިތްހަމަ ނުޖެހިއްޖިއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހެންކަމުން، އެމަންޖެ ނިދާފަ އޮންނައިރު ހަށިފާރަޔަށް ހަ ނޯކަރުންތިބޭގޮތަށް ހަމަޖެއްސީމެވެ.
މަހާ އަދިވެސް ހުރީ، މިއަދު އެ ހިނގައިދިޔަ ކަންކަމާ ހިތްހަމަނުޖެހިފައެވެ. ރޭގަނޑު ކާކަށްވެސް ކޮޓަރިއަކުން ނުނިކުމެއެވެ. އަޅުގަނޑުވެސް އަދި ކަރީމްވެސް ތިބީ ސިކުނޑި ސުމަކަށްގޮހެވެ. އެހައިބޮޑަށް ކިޔައިގެން ހައްލައިގެން ގެނެސް އެމީހުންނަށް ކާންދޭން އުޅޭހާ ހިތްވަރެއް، ދެމީހުންކުރެ އެކަކަގެވެސް ނެތެވެ. އެކަމަކު އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ކޭމެވެ. ބަތާ އަދި ޗިކަން ކަބާބެވެ. އަޅުގަނޑުމެން ކާންތިއްބައި ފަޟްލު ތިންފަހަރަށް ކަރީމަށް ގުޅިއެވެ. އެކަމަކު، ކަރީމް ފޯނުނަގާކަށް ބޭނުމެއް ނުވިއެވެ. ކައިނިމިގެން، ކަރީމް ފަޟްލަށް ފޯނުކުރިއެވެ. އަދި އަނެއްދުވަހު ހެނދުނު، ފަޟްލާ ބައްދަލުކުރާނެވާހަކަ ކަރީމް ބުންޏެވެ. ކައި ނިމިގެން ކޮފީއެއް ބޯލުމަކީ އަޅުގަނޑުމެންގެ އާދައެކެވެ. ކަރީމް ކައްކާއަށް ގޮވައިލިއެވެ. އަދި އަޅުގަނޑުމެން ކޮފީ ބޯނީ، އަންހެނުންގެ ބަގީޗާ ތެރޭން ނުކުމެ ކަމަށާ އަދި ހިނގާލަމުން ބަގީޗާއިން ބޭރަށް ނުކުމެ ގަހެއްގެ ދޮށުގައި ޖައްސައިލައިގެން ތިބެކަމުގައިވެސް ބުންޏެވެ.
އަނދިރިވާން ކައިރިވެފައި އޮތުމާއެކު، އެކީއެކައްޗަކަށް އެތާ އޮތީ ދޫނިގޮވާ އަޑެވެ. އެއަޑުނާހަން އުޅުނަސް ސަލާމަތެއް ނުވާނެއެވެ. ދޫނިތައް ނިދަން ތައްޔާރުވާ ގަޑިއަކީ، އެސޮރުމެންގެ އަޑު ވަރަށް ގަދަ ވާ ވަގުތެކެވެ. މިއަދު މިއޮތީ އިތުރު ދޫނިތަކެއް ގެޔަށް ގެނެވިފައެވެ. އެހުރިހައި ދޫންޏެއްގެ އަޑުފަށްގަޑާއެކު، ގަސްތަކުގައި ބީހިލަމުންދާ ވައިރޯޅިން އެއުފައްދާ މާޙައުލަކީ، ސުވަރުގެޔެއްފަދަ އިޙުސާސެކެވެ. ކަރީމް އިނީ ވަރަށްބޮޑަށް ހާސްވެ ކަނބޮޑުވެފައެވެ. އަޅުގަނޑަކަށް އެތަން ބަލާކަށް ނީނދެވުނެވެ. ގޮނޑިން ތެދުވެގެންގޮސް، ކަރީމްގެ އުނގުގައި އިށީނީމެވެ. ކަރީމްވެސް ހަމަ އެވިސްނަނީ، އަޅުގަނޑުގެ ސިކުނޑީގައިވެސް އެނބުރެމުންދާ ޚިޔާލާއި އިޙްސާސްތައްކަން އަޅުގަނޑަށް އެނެގެއެވެ.
އެދޫނިތައް އަނބުރާ ފަޟްލަށް ފޮނުވައިލައިފިނަމަ، އަމާނީ އޭނާގެ ނަފުސަށް ކޮންމެފަދަ ގެއްލުމެއްވެސް ދީފާނެއެވެ. އެހައިބޮޑަށް ބެލެހެއްޓޭވަރަށްވުރެ ކުދިން އެތިބީ މިހާރު ބޮޑެތި ވެފައެވެ. އަޅުގަނޑުމެންގެ ކޮޓަރިއަށް ކުދިން ވައްދައިގެން ނިދުމަކީ އަޅުގަނޑުމެން ކުރާކަމެއްނޫނެވެ. އެއީ އަޅުގަނޑުމެން ދެމަފިރިންގެ އަމިއްލަ ވަގުތުގެ އުފާ ލިބިގަތުމަށްޓަކައެވެ. ކުދިން ބޮޑެތިވެފައި ތިބީމަ، އަޅުގަނޑުމެންގެ ލުއި އަދި ހަމަ ކޮނމެ ޙަރަކާތަކީވެސް އެކުދިން އަޅައިގަންނާނެ އެއްޗެކެވެ.
މިކަމުގައި ހެޔޮ އެއްވެސްގޮތެއް ނެތެވެ. އަމާނީ އެގެނައި ދޫނިތަކުގެ ބަދަލުގައި ފަޟްލަށް، ދޫންޏަކަށް ދޫންޏެއް ގަނެދީފައި ފޮނުވިކަން އެނގުނަސް އަމާނީ ރުޅިއަންނާނެއެވެ. އެއީ، އަމާނީގެ މައްސަލައަކީ، ދޫންޏަށް އަޅައިނުލާ މައްސަލައެވެ. ދޫނިގެންގުޅުން އެއީ މައްސަލައެއް ނޫނެވެ. ގޭގައިވެސް ދޫނިގެންގުޅެނީ ކޮށްޓަށް ލައިގެންނެވެ. އެކަމަކުވެސް، އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް، ފަޟުލާއެކު މިކަމުގައި އެއްބަސްވުމަކަށް އައިގޮތް އަމާނީ ހޯދާނެއެވެ. އެއްވެސް ކަމެއް އޭނާއަށް ސިއްރުކޮށްފައެއް ނުބޭއްވޭނެއެވެ. އަނެއްކޮޅުން ފަޟުލަކީވެސް އެހާ ކަންތައްގަނޑު ބޮޑުމީހެކެވެ. ވަރަށް ގޮތް ދޫނުކުރާނެއެވެ. އޭނާ ހަމަޔަކަށް އަޅުވަން އަހަރެމެން ހަދާނީ ކިހިނެއް ހެއްޔެވެ؟
އެއްވެސް ކަހަލަ ޕްލޭނެއް އެބައޮތް ހެއްޔެވެ؟ ކަރީމް ކުރެން އަޅުގަނޑު އަހައިލީމެވެ. ކަރީމް އަނގައިންވެސް ނުބުނެ އިރުގަނޑެއްވަންދެން ހިމޭނުން އިނެވެ. އެންމެފަހުން، ކަރީމްގެ ޚިޔާލު ފައުޅުކުރިއެވެ.
"ކަރީމަކީ ވަރަށް ދަހި މީހެކެވެ. އެންމެ ރުފިޔާއަކާހުރެވެސް އެތައް އަނގައެއް ތަޅާފާނެއެވެ. ރިޔާޛުގައިހުރި އަހަރެންގެ ބިމުން އެއްބައި ފަޟްލަށްދޭން އަހަރެން ނިންމައިފީމެވެ. އޭރަށް ބަދަލުގައި، އެދޫނިތަކުގެ ވާހަކަ ދެއްކުން ބަންދުވެދާނެއެވެ. އޭރަށް އަމާނީވެސް އުފާވާނެއެވެ." އަޅުގަނޑަކަށް އެކަމާ އެއްބަހެއް ނުވެވުނެވެ.
"އެއީ ނުލާހިކު ބިމުގެ އަގުބޮޑު ސަރަޙައްދެކެވެ. ބަގީޗާގައި ގެންގުޅޭ ދޫނިތަކެއްގެ ބަދަލުގައި، އެބިމުން ބައެއްދޭކަށް އަހަރެންނަކަށް ނުފެނެއެވެ. އަހަރެމެންގެ އަމިއްލަ ވިޔަފާރީގެ ސިއްރުތައް އެހެން މީހުންނަށް އެނގޭކަށް ނުޖެހެއެވެ." އަޅުގަނޑު ބުނީމެވެ.
އަޅުގަނޑުމެން ކޮފީބޯން ގަހެއްގެ ދަށުގައި އިށީނދެލީމެވެ. އެއާއެކު، ވަށައިގެންވާ ދޫނީތަކުގެ ގޮވުމުގެ އަޑު އަހަން އަޅުގަނޑާއި ކަރީމް ހަމަހިމޭންވެލީމެވެ. ކޮފީ ބުއިމަށްފަހު، ކޮޓަރިއަށްގޮސް އަރާމުކޮށްލަން ނިންމީމެވެ. އެކަމަކު މިއަދު މިދިމާވި ކަންކަމުން ސިކުނޑިޔަށް ލިބުނު ހާސްކަން އަދިވެސް ފިލައެއް ނުދެއެވެ. އެހެނަސް، އެކަންވެސް ކޮންމެވެސް ގޮތަކަށް އެއޮތީ ނިމިފައެވެ. އިރާދަކުރެއްވިއްޔާ، މާދަމާ ހެނދުނު އަޅުގަނޑުމެންނަށް އުފާވެރިކަން ގެނެސްދޭނެއެވެ.
(ނުނިމޭ)