އަމީރާ ސުލްޠާނާގެ ނާރެސް - 32

(2 މެއި 2022 ގެ ބަޔާ ގުޅޭ)


(މި ވާހަކަ ދެން ޝާއިއުކުރާނީ ކޮންމެ އާދީއްތަ ދުވަހަކާއި ބުދަ ދުވަހަކުއެވެ.)


"އަހަރެމެން މިއައީ ހަމައެކަނި މިތާއެތިބަ ޅަ އަންހެނކުދިންކޮޅާ ވާހަކަ ދައްކާލާށެވެ." އެކުދިންތިބި ޢިމާރާތަށް އިޝާރާތްކުރަމުން އަޅުގަނޑު ބުނީމެވެ.

"އަހަރެމެން އެހައި ގިނައިރެއްނުކުރާނަމެވެ. ޔަޤީން ކުރާށެވެ." އަޅުގަނޑު މިހެންބުނުމާއެކު, ޢުމަރު އޭނާގެ ބޯ ގުދުކޮށްލާފައި, އަޅުގަނޑުގެ ބަހަށް އާނއެކޭ ބުނުމަށް ގުދުވެ އިޙްތިރާމް އަދާކުރިއެވެ. އޭނާގެ މިޢަމަލާގުޅިގެން, މަހާއާ ދިމާއަށް އަޅުގަނޑު ހީލީމެވެ. އަދި އެއްކަލަ ޢުމަރާބެހޭގޮތުން ކުރިން ކުރެވުނު ހީތަކާ ދުރަށް ޖެހިލީމެވެ.

ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުންހިފައި, އެންމެ ސިކުންތެއްވެސް ފަސްނުކޮށް, އަޅުގަނޑުމެން ދެމައިން އަވަސް ފިޔަވަޅުތަކެއް އަޅައި, އެކުދިންތިބި ޢިމާރާތަށް ވަނީމެވެ. އެތަނަށް ވަދެވުނުތަނާ, އެތައްބައިވަރު ޅަ އަންހެންކުދިންތަކެއް އަޅުގަނޑުމެން ވަށައިލިއެވެ. ގިނަކުދިންނަކީ އޭސިއާގެ ޤައުމުތަކަށް ނިސްބަތްވާ ކުދިންނެވެ. އެކުދިން, އާދަޔާ ޚިލާފު ގޮތަކަށް މަހާ އަށް ސަމާލުކަން ދިނެވެ. ބޮސްދިނުމާއި ބައްދައިލުމުންނެވެ. އަދި އުފައުވެރިކަމާއެކު އެކިއެކި ބަސްތައް މަހާއަށް ރައްދުވިއެވެ.

"މަހާ, މަހާގެ ވަޢުދު ފުއްދައިފިއެވެ. އަހަރެމެން މާލަހެއްނުވެ މިނިވަންވެ ސަލާމަތް ވެދާނެއެވެ." އެކުދިން އުފަލާއެކު ބުނަމުން ގެންދިޔައެވެ. އެއްބައިކުދިންނަށް ލިބުނު އުފާވެރިކަމުގައި އަޑުގަދަވާގޮތްވެސް ވިއެވެ.

"އަޑު މަޑުކުރާށެވެ! އެހެންނޫނީ ކަލޭމެން ތިއެދޭ އެއްވެސްކަމެއް ނުވާނެއެވެ." އަޅުގަނޑު ބުނީމެވެ.

އެއުފާވެރި މާޙައުލުން އިވެމުންދިޔަ އަޑުތައް މަޑުވެލިއެވެ. އެހެންނަމަވެސް އެކުދިންގެ އުއްމީދުންފުރިގެންވީ އުފާވެރިކަމާގުޅިފައިވާ ފޮނު ބަސްތަކެއް ނުހުއްޓެއެވެ. މަހާގެ ވަށައިގެން އެކުދިންތައް ތިބެ, ތަފާތު ސުއާލުތައް ކުރަމުންގެންދިޔައިރު, އަޅުގަނޑު އެތަން ހިތުގައި ކުރަހައިލީމެވެ. ހެދޭނެގޮތަކާމެދު, ސިކުނޑީގެ އެއްކަނުން ވިސްނަމުންނެވެ.

ފަޟްލުގެ ވަށައިގެންވާ ހުރިހައި އެއްޗެއް އެހާ ރީތިކޮށް އަދި ފުރިހަމަކުރުމަށް އަވަދިނެތިއުޅޭ އިރު, އެކުދިން ބައިތިއްބާފަތިބި ކޮޓަރިއަކީވެސް ރީތި ތަނެކެވެ. އަގުބޮޑު ފަރުނީޗަރު ހުއްޓެވެ.  ވީޑިއޯ ޓޭޕްތަކެއްވެސް ކޮޓަރިތެރޭ ބެހެއްޓިފައި ހުއްޓެވެ. ޤަބޫލުކުރެވޭގޮތުގައި އެއީ, އެކުދިންގާތަށް އަންނަ ފިރިހެނުން ތައްޔާރުވުމަށްޓަކައި ބަލަން ބެހެއްޓިފައި ހުންނަ އެއްޗެކެވެ. ގިނަޢަދަދެއްގެ އަޅުކެނޑިވެސް އެތަން މިތާ ބެހެއްޓިފައި ހުއްޓެވެ. އަދި ސިނގިރޭޓުގެ ފފިލްޓަރުތައްވެސް ކޮޓާރިތެރޭ އެތަންމިތާ އެނބުރެއެވެ.

އުފަލުން ކޮޅުކޮޅުމައްޗަށް ދުވަމުންދިޔަ އަންހެންކުދިންގެ މައްޗަށް އަޅުގަނޑު ކަޅި ހިންގައިލީމެވެ. އެހުރިހާކުދިންވެސް އެހައި ރީތިވެފައި ނަލައެވެ. އެހެންނަމަވެސް, އެކުދިންގެ ފަޤީރުކަމާއި ނިކަމެތިކަން, އެކުދިންގެ ރީތިކަމުގެ މައްޗަށް ވަނީ ހިޔަނިއެޅިފައެވެ. ބައެއްކުދިންތިބީ ޓޮޕާއެކު ޖީންސްލައިގެންނެވެ. އަނެއްބައިކުދިން ތިބީ ހަމައެކަނި ނިދާހެދުންލައިގެންނެވެ. އެކުދިންގެނައި މީހެއްގެ ފަރާތުން ނުވަތަ އެ ގަނޑުވަރުން އެކުދިންނަށް އެއްވެސް ވަރަކަށް ފޭރާންދީފައެއް ނުވެއެވެ. އެހުރިހާ ކުދިންނަކީވެސް ވަރަށް ޅަ ޒުވާންކުދިންނެވެ. ދެރަވާވަރު ވެއެވެ. އެތިބެނީ, ބަކަރިތަކެއް ކޮށްޓަށްލާފައިތިބޭ ގޮތަށް އެކޮޓަރިތެރޭ ބަންދު ކުރެވިފައެވެ. އެތަނަށް އަންނަ މެހެމާނުންގެ މުނިފޫހި ފިލުވައިދިނުމަށްޓަކައެވެ. އިންސާނިއްޔަތާ ޚިލާފު, ކޮންފަދަ ނުބައި ޢަމަލެއްތޯއެވެ؟

ޖުމްލަގޮތެއްގައި އެތާނގައިތިބީ އޭޝިއާއިން ގެނެވިފައިތިބި ކުދިންނެވެ. އަދި ޢަރަތްބެއކަމަށް ޤަބޫލުކުރެވޭ އެއްކުއްޖަކުވެސް އަޅުގަނޑު ދުށީމެވެ. ގިނަކުދިން, އޭރުވެސް ސިނގިރެޓް ބޮމުން ގެންދެއެވެ. އަދި ލުއިބުއިންވެސް ބޮމުން ގެންދެއެވެ. ޤަބޫލުކުރެވޭގޮތުގައި މިކުދިން ގާތަށް, މިތަނަށް ވަންނަ މީހުންނަކީ ވަރަށް އަނިޔާވެރި އަދި ވަޙުޝީބަޔެއްކަމުގައި ނޫނީ ނުވާނެއެވެ. މިކުދިންނާއި މިމާޙައުލަށް, ފަޟުލުގެ ސިކުނޑިން އަޅުގަނޑު ވިސްނައިލީމެވެ. ޤަބޫލުކުރެވޭގޮތުގައި މިއީ ކީރިތި ޤުރުއާނުގައި އައިސްފައިވާ ޖާރިޔާ އިންގެ ބަޔެއްގެ ގޮތުގައި ސިފަކުރެވިގެން, އަޅުންގެ ވިސްނުމުގައި, ފިރިހެނުން އެބައިމީހުންގެ ޝަހުވަތްތެރިކަން ފުއްދަމުންގެންދަނީއެވެ. ޤާނޫނީ ގޮތުން މަނާނަމަވެސް, ދީނީގޮތުން މާނާނޫންކަމަކަށް ހަދައިގެން, ދުނިޔެ ހަލާކުކުރަމުން ގެންދަނީއެވެ.

އަޅުގަނޑުމެންގެ ޝާހީޢާއިލާގައި މަޝްހޫރުވެ އޮންނަގޮތުގައި ފަޟްލުގެ ގަނޑުވަރަކީ އެއާ އެއްފަދަ އެހެން ތަނެއްނުވާފަދަ ފުރިހަމަ ސުވަރުގެއެއްފަދަ ތަނެކެވެ. އެހެންކަމުން އެތަން އަޅުގަނޑުމެންގެ ތެރޭގައި މަށްހޫރުވެފައިއޮންނަނީ, ސުވަރުގޭގެ ގަނޑުވަރު ގެ ގޮތުގައެވެ. ރަނގަޅެވެ. ބަލާބެލުމަށް ނުވަތަ ފެންނަ ފެނުމަށް މިއީ ނުހަނު ފުރިހަމަ ޤުދްރަތީ ރީތި އެތައްކަމެއް އެއްކޮށްގެން ދުނިޔެމަތީގައި ފުރިހަމަކޮށްފައިވާ ގަނޑުވަރެކެވެ. އެހެންނަމަވެސް, އަޅުގަނޑުމެންގެ ކުރިމަތީގައި މިހާރު ފެންނަންމިތިބަ އަންހެންކުދިންނަށް އެއީ, ދުނިޔެމަތީގެ ނަރަކަ ނޫން ކޮންތަނެއްތޯއެވެ؟

"ހުރިހާ މީހުން އިށީނދޭ! ލަސްނުކޮށް އިށީނދޭ!" އަޅުގަނޑު އަމުރުވެރި ރާގަކަށް ގޮބައިލީމެވެ. އަދި އަޅުގަނޑު ގެންގުޅޭ ބޮޑޫ އަތްދަބަހުން, ގަލަމަކާއި ނޯޓުފޮތެއް ނެގީމެވެ.

"އަހަރެމެންނަށް ވަގުތެއް ނެތެވެ." ދޮރާ ދިމާއަށް ބަލައިލަމުން އަޅުގަނޑު ބުނީމެވެ. އަޅުގަނޑާ މަހާއާ ދެމައިންގެ ފަހަތުން ޢުމަރު އައެވެ. ރަނގަޅަށްވިއްޔާ އޭނާ ބޭރުގައި ހުންނާނެއެވެ.

"އަހަރެން މިނޯޓުފޮތާއި ގަލަން ކަލޭމެންނަށް ދޭނަމެވެ. ކޮންމެ ކުއްޖަކުވެސް, އެެކުއްޖެއްގެ ތިމާގެ މީހުންކުރެ, އަހަރެން ގުޅާނެމީހެއްގެ  ނަމާ އެޑްރެހާ ފޯނުނަންބަރު ލިޔެދޭށެވެ." އަޅުގަނޑު މިހެން ބުނުމާއެކު ކޮޓަރިތެރެޔަށް ހަމަހިމޭންކަން ވެރިވިއެވެ. އަދި, ޢުމުރުން ތަންކޮޅެއް ދޮށިކަމަށް ބެލެވޭ ކުއްޖަކު އަޅުގަނޑާ މުޚާޠަބު ކުރިއެވެ.

"އޭގެ މާނަޔަކީ, ސާހިބު ކަމަނާއާއެކު, އަޅުގަނޑުމެންނަށް މިއަދަކު މިތާނަކުން ނުދެވޭނެ ވާހަކަ ތޯއެވެ؟" ހިތާމައާއެކު އަޅުގަނޑަށް ބުނަން ޖެހުނީ, އެއީ ކުރެވިދާނެ ކަމެއްނޫންކަމުގައެވެ.

"ނިކަން ބަލައިލަ ބަލާށެވެ! ކަލޭމެންގެ އެތައްކުދިންނެއް އެބަތިއްބެވެ. ކަލޭމެންގެ ޕާސްޕޯރޓް އަހަރެން ހޯދާނީ ކޮންތާކުން ހެއްޔެވެ؟ ބޭރަށް ނުކުމެވުނަސް ރޭވަންވާއިރަށް ކަލޭމެން އެނބުރިއަންނަން ޖެހޭނެއެވެ. އަޅުގަނޑު, ވާހަކަދައްކަމުންދިޔައިރު, އެކުދިންގެ ޢަދަދު ގުނާލެވޭތޯ މަސައްކަތް ކުރީމެވެ. އަޅުގަނޑަށް ދެވުނީ 25 އާ ހިސާބަށެވެ. އެހިސާބަށްދިޔައިރު, ކޮޓަރިތެރޭގައި ތުކިތުކިލައްވައި އެއްއަޑަކަށް އޮތީ މާޔޫސްކަން ފެތުރިފައެވެ. އެކުދިންގެ އަޑުގެ މައޗަށް އަޅުގަނޑުގެ އަޑު އުފުލައިލީމެވެ.

"ތިޔަކުދިންގެ ޢާއިލާތަކުން, އެމްބަސީއަށް މައްސަލަ ހުށަހަޅަން ޖެހެއެވެ. ތިޔަކުދިން ސަލާމަތްވާންއޮތް ހަމައެކަނި ގޮތަކީ އެއީއެވެ." އެހިސާބުން, އަޅުގަނޑުގެ ހުށަހެޅުމަށް ދެކޮޅުހަދާ ކުދިންތަކެއްގެ އަޑު އުފުލުނެވެ.

"އަޅުގަނޑަކީ ތައިލޭންޑްގެ ކުއްޖަކީމެވެ. އަޅުގަނޑުގެ މައިންބަފައިން, މިމީހާއަށް އަޅުގަނޑުވަނީ ވިއްކައިލާފައެވެ. އެމީހުން އަޅުގަނޑަކަށް އެހީއެއް ނުވާނެއެވެ. އަޅުގަނޑަށް އެހީވެ ސަލާމަތްކުރަން އެމްބަސީއަކަށް ނުދާނެއެވެ." އެކުއްޖާގެ އަޑު ގިސްލުމަށް ބަދަލުވިއެވެ. ފަހަރަކު ކުއްޖަކު އެކުއްޖެއްގެ އަޑު އުފުލަމުން ގެންދިޔައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.