ޔޯގާ ހަރަކާތުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާ ހުރިހައި މައުލޫމާތެއް ފުލުހުންނަށް ދިނިން: މަހްލޫފް

ޔޯގާ ހަރަކާތުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާ ހުރިހައި މައުލޫމާތެއް ފުލުހުންނަށް ދީފައިވާނެ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރު ޝިޔާމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިނިސްޓްރީގެ އެއްވެސް ހަރަކާތެއްގެ ސެކިއުރިޓީއަށް އެދޭނަމަ، ވަކިން ބްރީފިންގ ބައްދަލުވުމެއް ބާއްވައި ހުރިހާ ވާހަކައެއް ދައްކާނެ ކަމަށެވެ.

ޔޯގާ ދުވަހަކީ 2014 ވަނަ އަހަރުން ފެށިގެން ޕީޕީއެމްއާއި އެމްޑީޕީއާ ހުރިހާ އެންމެން ވެސް ރާއްޖޭގައި ފާހަގަކުރަމުން އައި ދުވަހަކަށްވާއިރު، މިއަދު އެކަން މައްސަލައަކަށް ބަޔަކު ހަދައިގެން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށް ވެސް މިނިސްޓަރ މަހްލޫފު ވަނީ ވިދާޅުވެފައެވެ.

ޔޫތް މިނިސްޓަރ ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި އޮޅުވާލައިގެން ގެއްލުންދޭ އުސޫލުން ބަޔަކު ރާވަމުން އަންނަ ކަމެއް ކަމަށެވެ.

" އަޅުގަނޑު ވަރަށް ސާފުކޮށް ބުނަން ބޭނުންވަނީ ޔޯގާއާއި މިއުޒިކާއި ދެން އޮތް ކަމަކާއި ދެން އޮތް ކަމަކާ، މި ހުރިހާ ކަމެއްގައި ހަރާންތޯ ހަރާން ނޫންތޯ ސާފުކޮށް އަޅުގަނޑުމެން ކައިރީގަ ބުނީމަ އަޅުގަނޑުމެން އެ ހިސާބުން އެކަމަކާ ނޫޅޭނަން." މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރ މަހްލޫފް އިތުރަށް ވިދާޅުވީ މި ކުރާކަމަކީ މި ވިސްނުމުގެ ތެރެއިން ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން، އެންޑް ރިޒަލްޓުގައި ވެރިކަމަށް އައުން ކަމަށެވެ.

ބައިނަލްއަގުވާމީ ޔޯގާ ޑޭގެ ހަރަކާތަށް ހުރަސްއެޅުމަށް މަސައްކަތްކުރި މީހުން ގަލޮޅު ދަނޑަށް ވަދެގަނެފައި ވަނީ އެތަނުގެ ސެކިއުރިޓީ ފޫއަޅުވާލުމަށްފަހުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.