ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިއްޖެ

ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން އޮސްޓްރޭލިއާ ފަތުރުވެރިއަކު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިންނަށް އެ ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 06:54 ހާއިރުއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗުގައި ޑައިވަރުންނާ އެކު މިއަދު ހެނދުނު 08:02 ހާއިރު ވަނީ ކްރޮސްރޯޑަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ހިންގާފައެވެ. ކޯސްޓްގާޑުގެ ސިފައިން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ފަތުރުވެރިޔާގެ ހަށިގަނޑު، މިއަދު ހެނދުނު 09:36 ހާއިރު، ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި އޮއްވައި ފެންމަތިން ވަނީ ފެނިފައެވެ.

އެ މީހާގެ ހަށިގަނޑު، މިއަދު ހެނދުނު 09:47 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރ ކްރާފްޓަށް ނަގައި، މިހާރު ވަނީ ކްރޮސްރޯޑަށް ބާލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.