ދިވެހި ސިފައިންގެ 126 ވަނަ އަހަރީ ދުވާހުގެ މުނާސަބަތުގައި ބާއްވާ "126 ރަން" ގައި ބައިވެރިވުމުގެ މުއްދަތު އިއްޔެއަށް ހަމަވެއްޖެއެވެ.
މުއްދަތު ހަމަވިޔަސް ބައިވެރިވާން ބޭނުންވާ މީހުންނަށް އަދިވެސް ބައިވެރިވެވޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެފުރުސަތު ދޭން ނިންމާފައިވަނީ ވީހާވެސް ގިނަ މީހުންނަށް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ މަގުސަގައެވެ.
ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ފޯމް ލިބޭނީ ހިތަދޫ ފަޔަރ ސްޓޭޝަނުންނާއި ސ.ގަމުގެ ކޯޒްވޭ ސަރަޙައްދުގައި ހުންނަ ކޯސްޓްގާޑު ޕޯސްޓުންނެވެ. އަދި ފޯމު ފުރުމަށްފަހު ހުށަހަޅަންވެސް ޖެހޭނީ އެތަނަށެވެ.
އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި މިމުބާރާތުގައި ޖުމްލަ 3 ކެޓެގަރީއެއްގައި ދުވާނެއެވެ. އެއީ 10 ކިލޯމީޓަރާއި، 5 ކިލޯ މީޓަރގެ ޓީމް އިވެންޓާއި، 5 ކިލޯ މީޓަރުގެ އިންޑިވިޖުއަލް އިވެންޓެވެ. މިއިން ކޮންމެ ކެޓެގަރީއެއްގައި ދެ ޖިންސުގެ މީހުންނަށް ބައިވެރިވެވޭނެއެވެ.
މިއިން ކޮންމެ އިވެންޓެއްގައި ދުވާ މީހުންގެ ތެރެއިން އަންހެން ފިރިހެން ވަކިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވައި އިނާމް ދޭގޮތަށްވަނީ ހަމަޖެހިފައެވެ. 10 ކިލޯމީޓަރގެ އެއްވަނަ އަށް ހުށަހަޅައިފައިވަނީ 5000 ރުފިޔާއާއި ލަންކާގެ ދެކޮޅު ޓިކެވެ. ދެވަނައަށް 3000 ރުފިޔާއެވެ. ތިންވަނައަށް އެއްހާސް ރުފިޔާއެވެ.
ފަސްކިލޯ މީޓަރު އިވެންޓުން އެއްވަނަ ހޯދާ އަންހެން އަދި ފިރިހެނުންނަށްވެސް ވަކިވަކިން އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެ އިވެންޓުން އެއްވަނައަށް ހުށަހަޅައިފައިވަނީ 1000 ރުފިޔާއެވެ. ދެވަނައަށް 800 ރުފިޔާއެވެ. ތިންވަނައަށް 600 ރުފިޔާއެވެ.
ޓީމްއިވެންޓުން އެއްވަނަ ޓީމަށް ހުށަހަޅައިފައިވަނީ 3000 ރުފިޔާއެވެ. ދެވަނައަށް 2000 ރުފިޔާއެވެ. ތިންވަނައަށް 1000 ރުފިޔާއެވެ. ކޮންމެ ޓީމެއްގައި 5 ދުވުންތެރިން ހިމަނަންޖެހެއެވެ.
މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 21 ވަނަ ދުވަހު ހަވީރު 4:00 ގައެވެ. މި ދުވުމުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަކީ އެމްއެންޑީއެފް ސަދަން އޭރިއާއިން ވަރަށް ބޮޑަށް އެދޭ ކަމެކެވެ. ދުވުން ފަށާނީ "މަރަދޫ ގޯދިއްޔާ ދަނޑު" އިން ނެވެ.