ފިޔާ ބަރުކޮށްގެން ރާއްޖެއަށް ދަތުރުކުރި ބޯޓެއް އަޑިއަށް ހިނގައްޖެ

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފިޔާ ބަރުކޮށްގެން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަޑިއަށް  ހިނގައްޖެއެވެ.

"އެމްއެސްވީ އާކް އޮފް ގޯޑް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓް އަޑިއަށް ދިއުމުން ކަނޑުވި މީހުން މިހާރުވަނީ އެހެން ބޯޓަކަށް ނަގައިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެބޯޓު އަޑިއަށްދިޔައިރު، އޭގައި 9 މީހުން ތިބިކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ. އެ މީހުން  ކަނޑުވެފައި ތިއްބައި، ނަގާފައިވަނީ މާލެއިން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ދަތުރުކުރަމުންދިޔަ ރާއްޖޭގެ ބޯޓެއް ކަމުގައިވާ "ވީބީ ޕްރޮގްރެސް" ނަމަކަށް ކިޔާ ބޯޓަކަށް ކަމަށް ޢާޒިމް ވިދާޅުވިއެވެ. ކަނޑުމަތިން ނެގި މީހުންނާއެކު އެބޯޓު މިހާރު ދަތުރުކުރަމުންދަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ވަނުމަށެވެ. އެ ބޯޓާއެކު، އިންޑިއާ ކޯސްޓްގާޑުގެ އުޅަނދެއް ޙަރަކާތްތެރިވަމުންދާ ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ އެ 9 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެމީހުންނާބެހޭ އިތުރު މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އެ ބޯޓު އަޑިއަށްދިޔަ ވަކި ސަރަޙައްދެއް ވެް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އަޑިއަށްދިޔަ ބޯޓަކީ، "މިޑް ސީ ޝިޕިންގ ޕްރައިވެޓް ލިމިޓެޑް" ގެ އެޖެންޓްކަމުގެ ދަށުން ދުއްވަމުން ދިޔަ ބޯޓެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު މެންދުރު 13:10 ހާއިރު ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.