އިންޓަރސެޕްޓަރ ކްރާފްޓްގެ ތިން އުޅަނދު ރާއްޖެ ގެނެސްފި

ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުގައި ބޭނުންކުރުމަށް ބަނދެފައިވާ ފަސް އިންޓަރސެޕްޓަރ ކްރާފްޓުގެ ތިން އުޅަނދު މިރޭ ރާއްޖެ ގެނެސްފިއެވެ.

ސްރީލަންކާ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ބަނދެފައިވާ މި ތިން އުޅަނދު މިރޭ ރާއްޖެ ގެނައުމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް އުމަރާއި ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި ކޯސްޓްގާޑުގެ އިސް އޮފިސަރުން ވަނީ މި ތިން އުޅަނދަށް ޒިޔާރަތްކުރައްވައި އުޅަނދުތައް ބައްލަވާލައްވާފައެވެ.

މި އުޅަނދުތައް ބަނުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި ސްރީލަންކާގެ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑް ސޮއިކުރައްވާފައިވަނީ މިއަހަރު ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން ބަނދެފައިވާ 5 އުޅަނދުގެ ތެރެއިން 2 އަޅުދަނދެއް ވަނީ މިދިޔަ މަހު 12 ވަނަ ދުވަހު ރާއްޖެ ގެނެސްފައެވެ. އަދި މިރޭ ގެނެވުނު ތިން އުޅަނދާއި އެކު ޖުމްލަ ފަސް އުޅަނދު މިހާރު ވަނީ ރާއްޖެ ގެނެވިފައެވެ.

މި އުޅަނދުތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ކަނޑުމަތީގެ ޚާއްޞަ އޮޕަރޭޝަންތަކާއި ރެސްކިއު އޮޕަރޭޝަންތަކުގައިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.