މިހާރު ރާއްޖޭގެ މިސްރާބު ހުރީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމާއި ދިމާލަށް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ ސެޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭގައި އޮތީ ވަން އައިލެން ވަން ރިސޯޓް ކޮންސެޕްޓް ކަމަށާއި ނަމަވެސް މިހާރު ލޯކަލް އައިލެންޑް ޓޫރިޒަމް އާއި ގެސްޓް ހައުސް ޓޫރިޒަމް ރާއްޖެއަށް ތައާރަފް ވެފައިވާ ކަމަށެވެ.
އެގޮތުން މި އަހަރު ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ތައާރަފް ކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ޔުމްނާ ވިދާޅުވީ މިހާރު ރާއްޖޭގެ މިސްރާބު ހުރީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމާއި ދިމާލަށް ކަމަށެވެ. އަދި އެއީ ރާއްޖޭގެ އިގްތިސޯދަށް ވަރަށް މުހިއްމު ފައިދާއެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ފުޅާ ކުރެވިއްޖެ ނަމަ އެކަމުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފައިދާ ވާނެ ކަމަށާއި ސަގާފަތާއި ތަރިކައިގެ ރައްކާތެރިކުރުމަށް ކޮމިއުނިޓީ ބޭސްޓް ޓުރިޒަމް މުހިއްމު ދައުރެއް އަދާ ކުރާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.
ހަމައެއާއެކު އަދުގެ ދުނިޔޭގައި ގިނަ ފަތުރުވެރިންނަކީ ގައުމުތަކުގެ ސަގާފަތާއި އެފަދަ މައުލޫމާތުތައް އެނގެން ބޭނުންވާ ބައެއްކަން ފާހަގަ ކުރައްވަމުން މި ކަމުން ރާއްޖެއަށް ވެސް އެތައް ފައިދާއެއް ކުރާނެ ކަމެއް ކަމަށާއި ރާއްޖެ ސީބީޓީއަށް މިސްރާބު ޖެހުމަކީ ރަނގަޅު ކަމެއް ކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.
ޝައްކެއް ނެތެވެ. ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމުން ސަގާފަތާ ތަރިކަ ރައްކާކުރެވޭނެއެވެ. ރާއްޖެއަށް ބޭނުންވަނީ ތިޔަކަހަލަ ދުރުވިސްނަވާ ލީޑަރުންނެވެ. ކަމަނާއަކީ ހަގީގަތުގަވެސް ލީޑަރެއް ކަމަށް ގަބޫލުކުރަމެވެ. ނަމަވެސް ކަމަނާ އެކަމާ ނޫޅުއްވަނީ ކަމަނާއަށް ކަމަނާގެ މައިންބަފައިން (ހިޒް އެކްސެލެންސީ މައުމޫން ޢަބްދުލްޤައްޔޫމް) ދެއްވި މާތް އަޚުލާގުގެ ސަބަބުން ނެވެ. ސިޔާސީ ޕޯޑިއަމް ތަކުގައި ކަމަނާއަކީ އެއްވެސް ބަޔަކަށް ރައްދުދެއްވައި އަދި ސިޔާސީ ކަންކަމުގައި ހުތުރުބަސް ވިދާޅުވާ ބޭކަނބަލެއް ނޫނެވެ. ކަމަނާ އާއި ކަމަނާގެ ޢާއިލާގެ ރީތި އަޚްލާގު އެއީ ދިވެހި މުޖުތަމަޢު އަބަދުވެސް ބަލައިގަންނަ ސިފަ ތަކެކެވެ.