ދިވެހިބަހުގެ މުއްސަނދި ކަމަކީ ލިބިފައިވާ ބަހުރުވަތައް: މިނިސްޓަރ ޔުމްނާ

ދިވެހިބަހުގެ ހަގީގީ މުއްސަނދި ކަމަކީ ބަހަށް ލިބިފައިވާ ބަހުރުވަތައް ކަމަށް ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިބަހުގެ އެކެޑަމީން އިންތިޒާމް ކުރައްވައިގެން އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ނާވިލު ލިޔަންދަސްކޮށްދޭ މަސައްކަތު ބައްދަލުވުން ނިންމަވައި ބައިވެރީންނަށް ހަނދާނީ ލިޔުން ދެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ "ދިވެހިބަހުގެ މުއްސަނދި ކަމަކީ ހަގީގަތުގައި ލިބިފައިވާ ބަހުރުވަތައް" ކަމަށެވެ. އެ ގޮތުން އައްޑޫ ބަހުރުވައަކީ ވެސް ދިވެހިބަހަށް ލިބިފައިވާ މުއްސަނދި ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި ބައްދަލު ކުރެއްވި ވަރަށްގިނަ މީހުން އައްޑޫ ބަހުރުވަ ނެތިގެން ހިނގައިދާނެ ކަމަށް ހީވެ އެކަކުމުގެ ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.

"ބަހުރުވަކީ ރައްކާ ކުރައްވަންޖެހޭ އެއްޗެއް. އެހެންވީމާ ތިޔަބޭފުޅުންގެ ތުއްތު ދަރިންނަށް ވެސް އައްޑޫ ބަހުރުވަ ދަސްކޮށްދެއްވާ. ދިވެހިބަސްވެސް ދަސްކޮށްދެއްވާ. އަދި އިނގިރޭސި ބަސްވެސް ދަސްކޮށްދެއްވާ. އެއީ އަޅުގަނޑުމެން ތައުލީމް ހާސިލް ކުރުމަށާއި މަސައްކަތު ދާއިރާއަށް ނުކުންނަށް ބޭނުންތެރި ބަހެއް އިނގިރޭސި ބަހަކީ. އެހެންނަމަވެސް އޭގެ ކުރިން އަޅުގަނޑުމެންގެ އަމިލަވަންތަކަމާއި ގައުމިއްޔަތު ރައްކާތެރި ކުރުމުގެ ގޮތުން ދިވެހިބަސް އަޅުގަނޑުމެންނަށް މުހިންމު،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބަހަކީ އެއްޖީލް އަނެއްޖީލް ގުޅުވައިދޭ އެއްޗެއް ކަމަށެވެ. ކުދިންނަށް އަމިއްލަ ބަސް ނޭނގުމުން ކާފައާއި މާމައާ ވާހަކަ ދައްކަން ނޭނގޭ ހިސާބަށްދާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އަދި ދިވެހި ބަހަކީ ރާއްޖޭގެ އެކިކަންކޮޅުތައް ގުޅުވައިދޭ އެއްޗެއް ކަމަށް ވެސް ވިދާޅުވިއެވެ.

ދިވެހިބަހަކީ ދިވެހީންގެ ތާރީޚާއި ސަގާފަތާ ގުޅުވައިދޭ އެއްޗެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. "މިހުރިހާ ކަމަކަށްޓަކައި އެންމެފުރަތަމަ ދިވެހިބަސް އެކުދިންނަށް ދަސްކޮށްދެއްވާށޭ. އެއަށްފަހު ދެވަނަ ބަހެއް ދަސްކޮށްދެއްވާށޭ. މިކަންކަން ކުރިއަރުވަން މަސައްކަތްކޮށްދެއްވާށޭ އަޅުގަނޑު ދަންނަވާލާނީ،" މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.