ކައުންސިލުތަކުން ވެސް އިސްނަގައިގެން ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ޒިންމާ އަދާކުރެއްވުމަށް މިނިސްޓަރ ޔުމްނާ އިލްތިމާސް ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ކައުންސިލުތަކުން ވެސް އިސްނަގައިގެން ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ޒިންމާ އަދާކުރައްވަމުން ގެންދެވުމަށް ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫން އިލްތިމާސް ކުރައްވައިފިއެވެ.

އެކަމަނާ މިފަދައިން އިލްތިމާސް ކުރެއްވީ ދުނިޔޭގެ ތަރިކައިގެ ދުވަހާއި ގުޅިގެން ފޮނުއްވި މެސެޖުގައެވެ.

އެ މެސެޖުގައި މިނިސްޓަރ ވަނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ސަގާފީ ތަރިކައަށް ގެއްލުން ނުލިބޭގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، މަޝްރޫޢުތަކުގައި ސަގާފީ ތަރިކަ ހިމަނައިގެން މަސައްކަތްތައް ރޭވުމަށް ވެސް ގޮވާލައްވާފައެވެ.

މީގެ އިތުރުން ސަގާފީ ތަރިކަ ދަފްތަރުކޮށް، ރައްކާތެރިކޮށް، އަދުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ސަގާފީ ތަރިކައަށް ހޭލުންތެރި ޖީލެއް ބިނާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމުގައި ހަދައި، އެންމެންގެ ބައިވެރިވުމާއެކީ ގުޅިގެން މިކަން ކުރުމަށް ވެސް މިނިސްޓަރ ގެ މެސެޖުގައި ގޮވާލައްވާފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ސަޤާފީ އެކިއެކި ބިނާތަކާއި ސަރަޙައްދުތަކަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުންވަމުންދާކަމަށެވެ. އަދި ވޭތުވެދިޔަ ޒަމާންތަކުގައި ދިވެހީންގެ މަސައްކަތްތެރިކަން ދައްކައިދޭ އާސާރީ ތަންތަނާއި ތަކެތި މި ޒަމާނާ ހަމައަށް ވާރުތަވެގެން އައިސްފައިވާކަމީ އަޅުގަނޑުމެން ޝުކުރުވެރިވާންޖެހޭ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އެކި އަތޮޅުތަކަށާއި ރަށްތަކަށް ބަލާއިރު ދިވެހީންގެ ސަގާފީ ތަރިކައިގެ މުއްސަނދިކަމާއި ތަފާތު. މޫސުމީ ބަދަލުތަކުގެ ސަބަބުން ސަގާފީ ތަރިކައަށް ގިނަގުނަ ގެއްލުންތަކެއް ލިބެމުންދޭ. އެގޮތުން ރާއްޖޭގެ އެކިއެކި ރަށްރަށާއި އަތޮޅުތުގައި ހުރި ހަވިއްތަތަކާއި މިސްކިތްތަކާއި އަދި އެހެނިހެން އާސާރީ ތަންތަންވެސް ނެތިދާނެކަމުގެ ބިރު އެބައޮތް." މިނިސްޓަރ ގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ ތަރިކަ ޙިމާޔަތް ކުރުމުގައި އެންމެންގެވެސް ޤާނޫނީ ޒިންމާ އޮންނަކަމަށާއި ދިވެހިންގެ މުއްސަނދި މާޒީތަކުން އައިސްފައިވާ ސަގާފީ ތަރިކަތައް ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއްކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.