އައްޑޫސިޓީގައި އާކައިވްއަކާއި ލައިބްރަރީއެއް ހުރުން ވަރަށް މުހިންމު ކަމަށް ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
އައްޑުއަށް ކުރެއްވި 4 ދުވަހުގެ ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރީން މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ލައިބްރަރީއަކާއި އާކައިވްއެއް އައްޑޫގައި ހުރުމަކީ މުހިންމުކަމެއް ކަމަށާއި އެކަން ހަގީގަތަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. "ލައިބްރަރީއާއި އާކައިވްސް ދާއިރާއަކީ އަޅުގަނޑުމެންގެ މިނިސްޓްރީގެ ދަށުގައި އޮންނަ ދާއިރާތައް. އެހެންވީމާ އައްޑޫ ސިޓީގައި ލައިބްރަރީއެއް ހުރުން އާކަވައިވެއްވެސް ހުރުން އެއީ މުހިންމު ކަންކަން. މިނިސްޓްރީން މަސައްކަތް ކުރާނީ މިކަންކަން ހަގީގަތަކަށް ހެދޭތޯ،" މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ އައްޑުއަށް ކުރެއްވި މިޒިޔާރަތުގައި ވަރަށްގިނަ ތަންތަން ބެއްލެވި ކަމަށެވެ. އެތަންތަނުގެ ތެރޭގައި ރައްކާތެރިކުރަންޖެހޭ ތަންތަން ވަރަށްގިނަކަން ފާހަގަ ކުރެވުނުކަމަށެވެ. އައްޑޫ ސިޓީކައުންސިލާއި، އާންމުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ބައިވެރިކޮށްގެން އެކަންކަން ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީދޫ ކޯގަންނު ގަބުރުސްތާނަކީ މުޅިރާއްޖެއަށް ބަލާއިރު ވެސް އެންމެ ދުވަސްވީ އެއްތަން ކަމަށާއި އޭގެ އިތުރުން އިނގިރޭސީން ގަމުގައި އުޅުނު ދުވަސްވަރު ހަދާފައިވާ ބައެއް އިމާރާތްތަކަކީ ރައްކާތެރިކޮށް ބެލެހެއްޓިއްޖެ ކަމަށްވާނަމަ މިހާރަށްވުރެ މާގިނަ މީހުން ޒިޔާރަތްކުރާނެ ތަންތަނަށް އެތަންތަން ވެގެންދާނެ ކަމަށެވެ.
"އެތަންތަނަކީ ރައްކާތެރިކޮށް ބަލަހައްޓައި ތަރައްގީ ކުރެވިއްޖެއްޔާ މީހުން މިހާރަށްވުރެ ގިނައިން ޒިޔާރާތްކުރާނެ ތަންތަނަށްހެދިދާނެ ފަދަ ތަންތަން. އޭގެ އެންމެ ރަނގަޅު ގޮތުގައި (ސައިޓުތަކެއްގެ ގޮތުގައި) ތަރައްގީ ކުރެވިއްޖެއްޔާ ވަރަށް ރަނގަޅަށް މީހުން ޒިޔާރަތްކުރާނެ ތަންތަނުގެ ގޮތުގައި އެތަންތަންވެގެންދާނެ،" މިނިސްޓަރ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ އެތަންތަން ރައްޔިތުން އަމިއްލައަށް ކޮންމެވެސް ވަރަކަށް ބަލަހައްޓާފައިވާ ކަމަށެވެ. ސިޓީކައުންސިލް މެދުވެރިކޮށް ކޯގަންނު ގަބުރުސްތާނުގެ ސެކިއުރިޓީ ބެލެހެއްޓީ ވެސް ބަލަހައްޓާފައި ކަމަށާއި މީދު ރައްޔިތުން ނުކުމެ އެތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި މިހުރީ ލާމަރުކަޒީ އުސޫލުން މިތަންތަން ރައްކާތެރި ކުރުން އެއީ ސިޓީ ކައުންސިލްގެ ދައުރެއްވެސް އޮވެގެން ރަށުގެ ރައްޔިތުންގެ ވެސް ދައުރެއް އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ބައިވެރިކޮށްގެން މިތަންތަން ރައްކާތެރި ކުރެވޭނެ މެނޭޖުމެންޓް ޕްލޭނެއް އެކުލަވާލުން ބޭނުމަކީ،" މިނިސްޓަރ ވިދާޅުވިއެވެ.