(7 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ގޭގެ މައިހޯލް ތެރޭގައި ހުރި މޭޒެއް ކައިރީގައި އަޝޯކް އިނެވެ. އޭނާ އިނީ މޭޒުމަތީ ބައްތިއެއްގެ އެހީގައި ފިލާވަޅު ދަސްކުރާށެވެ. އަޝޯކް އަކީ ވަރަށް ރީތި އަދި ސާދާގޮތް ހުންނަ ޒުވާނެކެވެ. ރަޖްނީއަށް އޭނާ ފެނުމުން އޭނާއާމެދު ރަޖްނީގެ ހިތުގައި ރުހުމުގެ ޝުޢޫރުތަކެއް ވަރަށް ބޮޑަށް އުފެދިއްޖެއެވެ. މީގެ ކުރިން ދުވަހަކުވެސް ރަޖްނީ އަޝޯކެއް ނުދެކެއެވެ. ނަމަވެސް މިރޭގެ ފުރަތަމަ ފެނުމުންވެސް ރަޖްނީގެ ހިތުގައި އަޝޯކާމެދު ތަފާތު އިޙްސާސްތަކެއް ހިނގައިގެންފިއެވެ. އެހެންކަމުން ވަރަށް ފަރުވާތެރިކަމާއެކު ރަޖްނީ އޭނާއާ ދިމާއަށް ބަލަމުން ގެންދިޔައެވެ. ފިލާވަޅު ކިޔަން އިނދެފައި އަޝޯކް އިސްއުފުލާލާ ކޮންމެ ފަހަރު ރަޖްނީ ދޮރުކައިރިން ފަހަތަށް ޖެހި ނިވާވެލައެވެ. އަނެއްކާވެސް އަޝޯކް އިސްޖަހާލާފައި ފޮތް ބަލަން ފެށުމުން ރަޖްނީ އޭނާއާ ދިމާއަށް ބަލަން ފަށަނީއެވެ. ރަޖްނީ އަޝޯކްއާ ދިމާއަށް ބަލަހުރިއިރު އޭނާގެ ހަށިގަނޑުގައިވަނީ ތެމިފޯވެފައިވާ ސާޅީއެއްކަން އަދި އޭގެ ސަބަބުން ހަށިގަނޑަށް ލިބެމުންދާ ފިނިކަން ވެސް އޭނާއަށް އިޙްސާސް ކުރެވޭހެނެއް ހިޔެއްނުވެއެވެ. އަދި ކީއްތޯއެވެ. އޭގެ ބަދަލުގައި އޭނާއަށް އިހްސާސް ވަމުންދަނީ އޭނާގެ ހަށިގަނޑަށް އައު ބާވަތެއްގެ ޙަރާރަތެއްގެ އަސަރު ފޯރަމުންދާ ހެންނެވެ. ނަމަވެސް ޙަގީގަތަކީ އޭނާގެ ހަށިގަނޑަށް ފިނީގެ އަސަރު ކުރުމެވެ. ކުއްލިއަކަށް ބޭއިޚްތިޔާރުގައި ކިނބިއްސެއް އެޅޭގޮތް ވެއްޖެއެވެ. އަވަސްއަވަހަށް އޭނާ ފަހަތަށް ޖެހިލައި ނިވާވިއެވެ. ނަމަވެސް އަޝޯކަށް އެ ކިނބިހީގެ އަޑު އިވިއްޖެއެވެ. އޭނާ ސިއްސައިގެން ދިޔުމާއެކު ކުޑަދޮރާ ދިމާއަށް ބަލާލާފައި ބުންޏެވެ.
"ކާކު؟"
އެވަގުތު އަނެއްކާވެސް ރަޖްނީއަށް ކިނބިއްސެއް އެޅިއްޖެއެވެ. ޙައިރާންކަން އިތުރުވެގެން ދިޔުމާއެކު، މޭޒުކައިރިން ތެދުވަމުން ކުޑަދޮރު ކައިރިއަށް އަތުވެއްޖެއެވެ. އަދި ބޭރު ބަލާލިއިރު، އޭނާ ފެނުނީ ޒުވާން އަންހެންކުއްޖެކެވެ. މިފަދަ ވިއްސާރަ ރެއަކު، މިހާ ދަންވަރު ތެމިފޯވެގެން ޒުވާން އަންހެން ކުއްޖަކު މިގޮތަށް ގޭގެ ފާރު ކައިރީގައި ފިލާ ހުއްޓާ ފެނުމުން ހައިރާންވެގެން އަޝޯކް ސުވާލުކުރިއެވެ.
"ތިޔައީ ކޮންކުއްޖެއް؟"
"ރަޖްނީ..." ރަޖްނީ މަޑުމަޑުން ބުންޏެވެ.
"ކޮން ރަޖްނީއެއް.. މިހާ ދަންވަރު މިތާނގައި ތިޔަ ކުރަނީކީއް..؟"
"ފެނި ނުލައްވާތޯ؟ ވާރޭ ދަށުވެގެން އަޅުގަނޑު މިވަނީ ފޯވެފައި.. ދޮރު ހުޅުވާލަދެއްވަފާނުތޯ؟... އަޅުގަނޑު..." ރަޖްނީ ތުރުތުރު އަޅަމުން ނަމަވެސް ހިތްވަރުކޮށްލާފައި ބުންޏެވެ.
ވާރެޔާ ތެމިފޯވެފައިވާ އަދި ހީކަރުވާތީ ތުރުތުރު އަޅައަޅާ ހުރި މި އަންހެންކުއްޖާ ފެނިފައި އަޝޯކްގެ ހިތުގައި ހަމްދަރްދީ އުފެދިއްޖެއެވެ. އެހެންކަމުން އޭނާ ގޭގެ ދޮރު ހުޅުވާލާފައި ރަޖްނީ ކައިރީގައި ގެއަށް ވަންނަން ބުނެފިއެވެ. ރަޖްނީ ވެސް އަވަސް އަވަހަށް ގޭތެރެއަށް ވަދެއްޖެއެވެ. އަދި ވަނުމާއެކު އޭނާ އަމިއްލައަށް ގޭގެ ދޮރު ލައްޕާލާފައި ބުންޏެވެ.
"ހާދަ ބޯކޮށް ވާރޭ ވެހެއޭ. އަޅުގަނޑު މުޅިން ފޯވެއްޖެ. ދެން މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ފުރާނަ ސަލާމަތްވީ.."
ރަޖްނީ މިހާ ރައްޓެހި ގޮތަކަށް ވާހަކަދައްކާތީ އަޝޯކް ވަރަށް ބޮޑަށް ޙައިރާންވިއެވެ. އެހެންކަމުން އޭނާއަށް އެއްވެސް އެއްޗެއް އަދި ނުބުނެވިގެން އުޅެނިކޮށް އަނެއްކާވެސް ރަޖްނީ ސުވާލުކޮށްލިއެވެ.
"މިގޭގައި އެހެންމީހަކު ނޫޅެނީތޯ؟"
"ނޫޅޭ... އުޅެނީ އަހަރެން އެކަނި...." އަޝޯކް އަވަސް އަވަހަށް ޖަވާބުދިނެވެ.
"ހާދަ ރަނގަޅޭ މިއޮއްބޮޑުގޭގައި ހަމައެކަނި ވެރިއަކީ ކަލާ ދޮގެއްތޯ؟"
"ނޫނޭ...މިގެއަކީ އަހަރެންގެ ދައްތަ އިނދެގެން އުޅޭ މީހާގެ ގެއެއް. ދައްތަމެން ބޭރު ޤަވްމަކަށް ގޮސް"
"ތިޔަވީ އަދި މާރަނގަޅަކަށް ނޫންތޯ؟" ރަޖްނީ ހީނލިއެވެ.
"ކީކޭ ތިޔަބުނީ؟" އަޝޯކް ކަންބޮޑުވާގޮތްވިއެވެ.
"ކަންބޮޑުވެ ނުލައްވާ.. އަޅުގަނޑަކީ ވަގެއް ނުވަތަ ޑާކޫއެއް ނޫން. ވާރޭ ހުއްޓާލާއިރަށް އަޅުގަނޑު މި ގެއިން ދާނަން.." އަޝޯކް ކަންބޮޑުވެފައިވާކަން އިޙްސާސްކުރަމުން ހިސާބަކަށް ސީރިއަސްވެލާފައި ބުންޏެވެ. އެ ވަގުތު އޭނާގެ ނަޒަރު ހުއްޓުނީ މޭޒުމަތީގައި ބަހައްޓާފައި ހުރި ފޮޓޯއަކަށެވެ. އެފޮޓޯގައި ވަނީ އަޝޯކާއެކު ޖަޔަންތެވެ. އެފޮޓޯ ފެނުމާއެކު ރަޖްނީ އަޝޯކްގެ މޫނަށް ބަލާލާފައި އަނެއްކާވެސް ފޮޓޯއާ ދިމާއަށް ބަލާލިއެވެ. ވިސްނުންތެރިކަމާއެކު ދެތިން ހަތަރުފަހަރަކު އޭނާގެ ނަޒަރު މި ގޮތަށް ބަދަލުކޮށްލުމަށްފަހު އަޝޯކާ ދިމާއަށް ބަލަންހުރެ ރަޖްނީ އޭނާއާ މުޚާތަބް ކުރިއެވެ.
"ކަލާގެ ނަމަކީ އަޝޯކް ދޯ!؟"
"އާނ.." އަޝޯކް ކުޑަކޮށް އާގަނަގޮތްވިއެވެ.
"ކަލާ ކިޔަވަން އުޅުއްވަނީ ނެޝަނަލް ކޮލެޖްގައި ނޫންތޯ؟"
"ހޫން.."
"ބީ.އޭގައި ދޯ!"
"އާނ! އެކަމަކު އެ ހުރިހާ ކަމެއް ކަލެއަށް އެނގުނީ ކިހިނެއްތަ؟" އަޝޯކް ހައިރާންވެގެން ސުވާލުކުރިއެވެ.
"ކަލާގެ ރަޙްމަތްތެރިޔާގެ ފަރާތުން..." ރަޖްނީ އެ ފޮޓޯގައި ހުރި ޖަޔަންތަށް އިޝާރާތްކޮށްލާފައި ބުންޏެވެ. އަދި ކުޑަކޮށް މަޑުޖައްސާލާފައި ބުންޏެވެ. "އަޅުގަނޑު އޭނާ ދަންނަތާ ވަރަށް ދުވަސް ވެއްޖެ..."
"ހީވަނީ މިރޭ އެއްގޮތަކަށް ވެސް ވާރޭ ނުހުއްޓާނެހެން"
މިހެން ބުނަމުން ކުއްލިއަކަށް އަނެއް ފަރާތަށް އެނބުރިފައި އެތާނގައި ހުރި ދޮރެއް ދައްކާލާފައި އެއީ ބާތުރޫމްތޯ ސުވާލުކޮށްލިއެވެ.
"އާނ..." އަޝޯކް ޖަވާބުދިނެވެ.
"އަޅުގަނޑު އެތަނަށް ވަދެ ގައިގައި މިހިރަ އެއްޗެހި ބާލާއިގެން ފެލާލަންތޯ؟"
މިހެން ބުނެފައި އަޝޯކްއަށް ޖަވާބެއް ނުދެވި އުޅެނިކޮށް ރަޖްނީ ބާތުރޫމާ ދިމާއަށް ހިނގައިގެންފިއެވެ.
"އޭ... އިހަށް... އެކަ.. އެކަމަކު.." އަޝޯކް ކޮންމެވެސް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެނާ ބުނަން އުޅުނު އެއްޗެއް ނުބުނެވެނީސް ރަޖްނީ ބާތުރޫމްގެ ތެރެއަށް ވަދެއްޖެއެވެ. އަދި އެ ތާނގެ ދޮރުލައްޕާލާފައި އެތެރޭން ތަނޑުވެސް އަޅައިފިއެވެ. އަޝޯކް ކުރާނެ ކަމެއް ނެތިގެން އެހުރިތާނގައި ހުރީއެވެ.
ރަޖްނީ ބާތުރޫމަށް ވަދެފައި އޭނާލައިގެން ހުރި ހެދުން އެކުގައި ބާލައިލިއެވެ. އަދި އެ ހެދުން ފެލާލުމަށްފަހު އެތާނގައި ހުރި ތުވާލި އަޅުވާ ތަނެއްގައި އޭނާގެ ސާޅީއާއި ބްލަވްޒްއާއި އެހެނިހެން ތަކެތި އަޅުވާލިއެވެ. އެއަށްފަހު ރަޖްނީ އަމިއްލައަށް އޭނާގެ ހަށިގަނޑާމެދު ވިސްނާލިއެވެ. ދޮން ރީތި ހަށިގަނޑެކެވެ. ހުރިހާ ވަނާތައް ވަނީ އޭގެ އެންމެ ފުރިހަމަ މަރުޙަލާގައެވެ. އެއިން ކޮންމެ ދިމާއަކުން ޒުވާންކަމުގެ "ފޮނިކަމާއި ފަރިކަން" ފެންނަން އެބަހުއްޓެވެ. ހިމަހިމަ އުނަގަނޑާއި ޒުވާންކަން ފުރިހަމަވެފައިވާ މޭމަތި އަދި ކުޑަކަޅުވާއާއި އެނޫންވެސް ބައެއް ތަންތަނަށް ރަޖްނީގެ ނަޒަރުހިންގާލިއެވެ. އެތަންތަން ފެނިފައި އެއްވެސް މީހެއްގެ އީމާންކަމަށް ގޮތްނުވެ ހިފަހައްޓާލެވުމަކީ ވަރަށް ނާދިރުކަމަކަށް ވާނެއޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް ހަމައެއާއިއެކު އޭނާ ހިތަށް ވަގެން ދިޔައީ އޭނާގެ އުޅެން ޖެހިފައިވާ ޙާލުގެ ދަތިކަމެވެ.
(ނުނިމޭ)