(11 އޮކްޓޯބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"މަންމާ ...އަޅެ މަންމަވެސް މަންމަގެ ދަރިފުޅަށް އިތުބާރު ނުކުރަނީތަ މަންމަގެ އަމިއްލަ ލެއަށް އަދި މަންމަގެ ގާތުން ދިން ކިރަށް އިތުބާރު ނުކުރެވެނީތަ؟ އަޅުގަނޑު އެއްވެސް ފާފައެއް، އެއްވެސް ނުބައިކަމެއް ނުކުރަން މަންމާ.... މަންމަ މެދުވެރިކޮށް މާތްރަސްކަލާނގެ ކިބައަށް ހުވާކޮށްފައި މިބުނަނީ، އަޅުގަނޑު ރަޖްނީ ގައިގައި އަތްވެސް ލާފައެއް ނޯންނާނެ...!"
"އެކަމަކު ދަރިފުޅާ.... އަހަރެމެންނަށް އުޅެން ޖެހިފައި ވަނީ ސޮސައިޓީގެ ތެރޭގައި.... މީހުންގެ ތެރޭގައި...."
"މަންމާ... ތެދު ގަބޫލު ނުކުރާ އަދި ދޮގުގެ ހިލަތަކުން ތެދު ހަލާކުކުރަމުންދާ ސޮސައިޓީއަކާ މެދު އަޅުގަނޑު އެއްވެސް ފަރުވާލެއް ނުބަހައްޓަން.... ބަދުނާމް ކުރުމުގެ ފުންވަޅުގަނޑަށް ވައްޓާލެވޭ، ނަމަވެސް އެ ވަޅުގަނޑުން މީހުން ސަލާމަތް ކޮށް ދިނުމަށް އެއްވެސް އަތެއް ދިއްކޮށްލަން ނުކެރޭ. ސޮސައިޓީއަކާމެދު އަޅުގަނޑު އެއްވެސް ފިކުރެއް ނުކުރަން.... މަކަރާއި ހީލަތުގެ ކަނޑިން މީހުންގެ ކަރު ކަނޑަމުން ގެންދެވޭ އެކަމަކު ލޯތްބާއި އިހްސާންތެރިކަމުގެ ފަރުވާއަކުން އެއްވެސް މީހެއްގެ ޒަޚަމް ފަސޭހަކޮށްދޭން ނުކެރޭ ސޮސައިޓީއާ މެދު އަޅުގަނޑުގެ ހިތުގައި ވަނީ ނަފްރަތު.... މަންމާ!"
"އެކަމަކު.. ދަރިފުޅާ...!"
"މަންމާ- ރަނގަޅަށް ވިސްނާލާ މިއަދު މަންމައަށް ޖެހިލައްވަނީ މަންމަގެ ދަރިފުޅާ ސޮސައިޓީއާ ދެ ފަރާތުން ކޮންމެވެސް އެއްފަރާތެއް އިޚްތިޔާރުކުރައްވާ.. އަބަދަށްޓަކައި އިޚްތިޔާރުކުރަން...." "އަޝޯކް..." އޭނާގެ މަންމަ ވަރަށް އަސަރުކޮށްފައިވާ ގޮތަކަށް ބުނެލިއެވެ.
"އާނ... މަންމާ.... މިއަދު މަންމައަށް މިކަމާމެދު ގޮތެއް ނިންމަވަން ޖެހިލައްވާނެ..."
އަޝޯކްގެ މަންމަ ޝާންތީ ވަސަންތީ ރާއޮއާ ދިމާއަށް ބަލާލިއެވެ. އޭރުވެސް އޭނާގެ ލޮލުން ފެންނަންހުރީ ރުޅިވެރިކަމުގެ ހުޅުގަނޑެވެ. އެތަންވަޅު ސީމާ ބުނެލިއެވެ.
"އާންޓީ...އަޅުގަނޑުމެންގެ ވަގުތުތައް ނަންގަވާލައްވަނީ ކީއްކުރައްވަންތޯ! އަޅުގަނޑުމެން މިހާރު މިތިބީ ހަދަންވީގޮތް ނިންމައިގެން.... އާންޓީ ހުންނަވަންޏާ ހުންނަވާ... އަޅުގަނޑުމެން މިދަނީ...." އެހެން ބުނެފައި ސީމާ އޭނާގެ ބައްޕަ ލަކްޝަމީ ނާރާއިން އާއެކު ބޭރަށް ނުކުމެއްޖެއެވެ.
ޝާންތީ އަދިވެސް އެއްފަހަރު ވަސަންތުރާއޮ އާ ދިމާއަށް ބަލާލިއެވެ. ނަމަވެސް ވަސަންތުރާއޮ އަނެއްފަރާތަށް މޫނު އަނބުރާލާފައި ލަކްޝަމީ ނާރާއިން އާއި ސީމާގެ ފަހަތުން ބޭރަށް ނުކުމެއްޖެ އެތަންވަޅު "މަންމާ" އޭ ގޮވާލާފައި އަޝޯކް ޝާންތީ ގައިގައި ހިފައިގެންފިއެވެ. އަދި ޝާންތީގެ ލޮލުގެ ތެރެއިން މަންމަވަންތަ ލޯތްބާއި އިތުބާރުކުރުމުގެ ކަރުނަތައް ފޭދިގެން ހިނގައްޖެއެވެ.
ތޭރަ
ރޭލު ދުއްވާލަން ދެންއޮތީ ދާދި ކުޑަ އިރުކޮޅެކެވެ. ޕްލެޓްފޯމް މަތީގައި ދަތުރުވެރިން ހަލަބޮލިކަމާއެކު ކޮޅުކޮޅަށް ޙަރަކާތްތެރިވަމުންދެއެވެ. ރޭލު ފުރުމުގެ ކުރިން ކޮންމެ މީހަކުވެސް އެމީހެއްގެ ސާމާނު ރޭލަށް އަރުވައި. ހަމަޖައްސާލެވޭތޯ ބަލަނީއެވެ.
ކަމަލް އޭނާގެ ސާމާނުތައް ރޭލަށް އަރުވައިފިއެވެ. އަދި އޭނާ އިންނަން ހަމަޖެހިފައިވާ ކޮމްޕާރޓްމަންޓްގައި އެއްޗެތި ބަހައްޓާލާފައި ޕްލެޓްފޯމް މައްޗަށް އައިސްހުރީ ރަޖްނީގެ އިންތިޒާރުގައެވެ. ރޭލު ފުރާގަޑި ކައިރިވަމުން އައިވަރަކަށް އޭނާގެ ހާސްވުން ދިޔައީ އިތުރުވަމުންނެވެ. އެއްބައިފަހަރަށް ސްޓޭޝަންގެ މައިގޭޓަށް، އަނެއްބައިފަހަރު ޕްލެޓްފޯމްގައިވާ ގަޑީގެ ކައްޓަށް ބަލަމުންދެއެވެ. އެކަށި ކޮންމެ ސިކުންތަކަށް ކުރިޔަށް ފިޔަވަޅެއް އަޅަމުންދެއެވެ. އެކައްޓާއެކު، އޭނާ ހިތުގެ ނުތަނަވަސްކަންވެސް ބޮޑުވަމުންދެއެވެ. އެހެން ނަމަވެސް އޭނާއަށް ޔަޤީންކުރެވިފައި ވަނީ އޭނާ ދަތުރު އެރެހެއްޓުމަށް ޓަކައި ރަޖްނީ އަންނާނޭކަމެވެ.
ރޭލު ފުރާގަޑި ޖެހިގެން ކަށިގަނޑު ފުންމާލައިފިއެވެ. ކަމަލް ކަންބޮޑުވެފައިވާ ގޮތެއްގައި ގޭޓާދިމާ ބަލާލިއެވެ. އޭރުވެސް ރަޖްނީއެއް ނާދެއެވެ. އޭނާގެ ހިތުގެ ހަމަނުޖެހުން ކުއްލިއަކަށް މާޔޫސްވުމަށް ބަދަލުވެއްޖެއެވެ. އޭނާގެ ހިތުގައި އޮތް ޔަޤީންކަން ނުފުދުމަށް ބަދަލުވެއްޖެއެވެ. އަދި ކުރާނެ ކަމެއްނެތިފައިވާ ނަޒަރަކުން އެތަން މިތަން ހޯދަން ފަށައިފިއެވެ. އެވަގުތު ރޭލުގެ ކަށިގަނޑުގެ އަޑާއެކު ރޭލުމަޑުމަޑުން ޙަރަކާތްތެރިވާން ފަށައިފިއެވެ. ކަމަލް މާޔޫސްވެގެން، އަދި ކުރާނެކަމެއް ނެތިގެން އެންމެ ފަހުފަހަރަށް ގޭޓާ ދިމާއަށް ބަލާލާފައި ރޭލަށް އަރައިފިއެވެ. ދޮރުކައިރީގައިވާ ދަނގަނޑުގައި ހިފަހައްޓާލައިގެން ފުޓްބޯޑް މަތީގައި ހުރިއިރު އޭނާގެ ނަޒަރުވަނީ ޕްލެޓްފޯމްއާ ދިމާއަށެވެ. އޭރު ޕްލެޓްފޯމް މަޑުމަޑުން އޭނާގެ ނަޒަރުގެތެރެއިން ކެހެމުން ފަހަތަށް ދާން ފަށައިފިއެވެ.
އެވަގުތު ދުވަމުން ދުވަމުން ކަހަލަ ގޮތަކަށް އައިސް ރަޖްނީ ޕްލެޓްފޯމްގެ މައްޗަށް އަތުވެއްޖެއެވެ. ކަމަލްއަށް އޭނާ ފެނުމާއެކު އޭނާއަށް ހީވީ އޭނާގެ ނާރުތަކުގައިވާ ލޭހިނގުން އަވަސްވެގެން ދިޔަހެންނެވެ. ރަޖްނީ އެވަގުތު ލައިގެން ހުރީ އޭނާ ދިން ސާޅީއެވެ. އަދި މަޑުމަޑުން ދުވެދުވެއޮތް ރޭލާއެކު ރަޖްނީވެސް ދުވަމުން އަންނަނީއެވެ.
"ރަޖްނީ....! ކަމަލް ބާރަށް ގޮވާލިއެވެ. މަތީގައިހުރި ކަމަލް އޭނާ ފެނިއްޖެއެވެ. އޭރު ކަމަލް ހުރީ އަތް ހޫރާށެވެ. ރަޖްނީގެ އަތްވެސް އުފުލާލާފައި ވޭވް ކޮށްލައިފިއެވެ. ކަމަލްއަށް އަލްވަދާޢު ކިޔުމަށްޓަކައެވެ. ދެމީހުންގެ ލޮލުން ވެސް ފެންނަނީ ކުރާނެކަމެއް ނެތްކަމުގެ ހިތިއަސަރެވެ. އެއާއެކު ދެމީހުންގެ ލޯވެސް ތެމެމުންދަނީ ކަރުނައިންނެވެ. ރޭލު ދުރަށް ދަމުން ދިޔައެވެ. ނަމަވެސް ކަމަލްއާއި ރަޖްނީއަށް ތިބެވުނީ އެކަކު އަނެކަކާ ދިމާއަށް ބަލާށެވެ. އެމީހުން އެކަކު އަނެކަކަށް ނުފެންނަ ހިސާބަށް ރޭލު ދަންދެން ދެމީހުންވެސް އަތް ހޫރަވަމުން ގެންދިޔައެވެ.
ކަލަމް ދިޔަ ރޭލު ދުރަށްގޮސް އުދަރެހާ ނިވާވެއްޖެއެވެ. ނަމަވެސް ރަޖްނީ އެރޭލު ގެއްލުނު ދިމާއަށް ބަލަހައްޓައިގެން ހުރީ ކިހާއިރަކުކަމެއް ނޭނގެއެވެ. ހީވަނީ އެ ރޭލާއެކު އޭނާގެ ހެއާއި ހެޔޮވިސްނުން ވެސް ދިޔައީހެންނެވެ.
ޕްލެޓްފޯމްއަށް އެއްވެފައިއޮތް މީހުންތައް މަޑުމަޑުން ދާން ފަށައިފިއެވެ. އަދި މާގިނައިރެއް ނުވެ ޕްލެޓްފޯމް މުޅިން ނިދާފައިވާ ތަނެއް ފަދައިން ހިމޭންވެއްޖެއެވެ. ނަމަވެސް ރަޖްނީ ހަމަ އެ ހުރިތާނގައި ބުދެއްހެން ހުރީއެވެ. އޭނާގެ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ. އޭނާގެ ނަޒަރު އޭރުވެސް ހުއްޓިފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން އުދަރެހުގެ އެދިމާއިން ރޭލުގޮސް އޮބާލި ދިމާއަށެވެ. މިހާރު އުދަރެހުގެ އެހިސާބަށް އަނދިރިކަންވެސް ވެރިވަމުން އެބަދެއެވެ. ފަޒާގެ ތެރެއަށް ފިނިކަން އަންނަން ފަށައިފިއެވެ. ކުއްލިއަކަށް ރަޖްނީގެ ހުއްޓިފައިވާ ވިސްނުމުގެ ތެރެއަށް އެތައްއެތައް އަޑެއް އެއްފަހަރާ އިވޭން ފެށިކަހަލައެވެ.
"ކަލާ ބޭނުންނަމަ އަޅުގަނޑާއެކު ކަލާ ގެންގޮސްފާނަން އަބަދަށްޓަކައި...."
"އެ ގެއަކަށް ކަލޭ ކަހަލަ ނާސި އަންހެނުން ވަންނަ ގެއެއް އެއީ ދުވަހަކުވެސް އަހަރެން ގެއަކަށް ނުވާނެ...." "ދައްތާ … އަހަރެން ސަލާމަތްކޮށްދީ... ދައްތާ... އަހަރެން ސަލާމަތްކޮށްދީ...ދައްތާ އަހަރެން ސަލާމަތް ކޮށްދީ... އަހަރެންނަކީ ވަގެއް ނޫން......'
ނަމަވެސް މިހުރިހާ އަޑުތަކެއް އެއްފަހަރާ އޭނާގެ ވިސްނުމުގެ ތެރެއަށް އައި ނަމަވެސް އޭނާގެ ނިދާފައިވާ ވިސްނުމަށް ހޭލެވޭގޮތެއް ނުވިއެވެ. އެއަޑިތަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާގެ ލޮލުގެ ކަރުނަވަޅު މިހާރުވަނީ ހިކިފައެވެ.
އޭނާގެ ހިތް މިހާރުވަނީ ހިލައަށްވެފައެވެ. އެހެންކަމުން އޭނާ އެއްވެސް ފިކުރަކާ ނުލާ ރޭލު ދިޔަމަގުން ކުރިއަށްދާން ހިނގައިގެންފިއެވެ. ޕްލެޓްފޯމުން ފައިބައިގެ ރޭލު ދަނގަނޑު މަތިން އޭނާ ހިނގަން ފަށައިފިއެވެ. އޭނާވަނީ ހުރިހާ އިޙްސާސްތަކުން މަހްރޫމްވެފައެވެ. އޭނާގެ ދެފައިވަނީ ބަރުވެފައެވެ. ނަމަވެސް އޭނާއަށްވެސް ނޭނގޭ މަގަކުންނެވެ. އޭނާއަށްވެސް ނޭނގޭ މަންޒިލަކާ ދިމާއަށެވެ.
ހަމައެވަގުތު ފަހަތުން ވަރަށް ބާރަށް އައި ރޭލަކުން ވަރުގަދައަށް ކަށިގަނޑު އަޅައިފިއެވެ. ނަމަވެސް ރަޖްނީ ވަނީ މަންމަންވެފައެވެ. ބީރުވެފައެވެ. އޭނާއަށް އެ ކަށިގަނޑުގެ އަޑު އިވުނުހެނެއް ހީއެއްނުވެއެވެ. ރޭލު ދަގަނޑު މަތީން އޭނާ ކުރިއަށް އެދާގޮތަށް ހުއްޓުމެއްނެތި ދަނީއެވެ. ރޭލުގެ އިންޖީންރޫމްގެ ޑްރައިވަރު ބްރެކް ޖެއްސޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ރޭލާއި ރަޖްނީއާ ދެމެދުގައިވަނީ މާދުރު ފާސިލާއެއްނޫނެވެ. އެހެނަސް ރޭލުގެ ފުރޮޅުތަކުގެ ދަށަށް ރަޖްނީ ނުވަންނަނީސް ކޮންމެވެސް މީހެއްގެ އަތުން ރަޖްނީގެ އަތުގައި ހިފާފައި އެމީހަކާ ދިމާއަށް ރަޖްނީ ދަމައިގަތެވެ. ރޭލު ދިޔަގޮތަށް ހިނގައްޖެއެވެ. އިންޖީނުގެ އަޑާއި ދަގަނޑާ ފުރޮޅުތައް ރޭލް ދަގަނޑުގައި ކޭއްތޭ އަޑާ އެކުވެގެން އިވޭ ގަދަފަދަ އަޑުފަށްގަނޑާ އެކުގައެވެ.
އެއާއެކު ރޭލުދަގަނޑު ކައިރީން ދެހަށިގަނޑެއްވެސް އަރިއަޅަމުން ކަހަލަގޮތަކަށް ވަރަށް ބާރަށް ދިޔަތަން ފެނުނެވެ.
ރަޖްނީއަށް ހީވީ ކޮންމެވެސް ހުވަފެނަކުން ހޭލެވުނުހެންނެވެ. ރޭލު ދަގަނޑު ކައިރީން ކޮންމެވެސް ތަނެއްގައި އޭނާ ހުއްޓެވުނު އިރު އޭނާއަށް ބަލާލެވުނީ އޭނާ ގައިގާ ހިފަހައްޓައިގެން ހުރި އަދި އޭނާ ސަލާމަތްކޮށް ދިން މީހާއަށެވެ. އެމީހާ ފެނުމާއެކު އޭނާ ސިއްސައިގެންދިޔައެވެ.
"އަޝޯކް....." ތުރުތުރު އަޅައަޅާއޮތް ތުންފަތަކުން އޭނާއަށް ބުނެވުނެވެ.
"ކޮންތާކަށް ގެއްލިގެން ދިޔައީ....؟ ހިތުގެ ދަތިތައްވެސް ނިމުނީސް...އަދި ދިރިއުޅުންވެސް...." ރަޖްނީ ވޭނުން ފުރިފައިވާ އަޑަކުން ބުނެލިއެވެ.
"މަންމައިން ދަރިން އުފަން ކުރަނީ އެދަރީން ދިރިއުޅުމަކީ ބުރައެއް ކަމުގައި ދެކެންތަ؟"
ރަޖްނީ ސިއްސައިގެންގޮސްފައި އެއަޑުއައި ދިމާއަށް ބަލާލިއެވެ. އެހެން އެބުނީ އަޝޯކްގެ މަންމަ ޝާންތީއެވެ. އޭނާ އޭރު ހުރީ ރަޖްނީއާ ދާދި ކައިރީގައެވެ. ރަޖްނީ އަވަސް އަވަހަށް އަޝޯކް އަތުން ވިއްލިގެން އޭނާއާ ދުރަށް ޖެހިލިއެވެ. އަދި ލަދުން އޭނާއާ ދިމާއަށް ބަލަން ފަށައިފިއެވެ. އެވަގުތު އަޝޯކްގެ މަންމަ ރަޖްނީއާ ދިމާއަށް އަތް ދިއްކޮށްލާފައި ބުންޏެވެ.
"ހިނގާ"
ރަޖްނީ އޭނާގެ އަތް އޝޯކްގެ މަންމައާ ދިމާއަށް ދިއްކޮށެއް ނުލައެވެ. އަދި ޙައިރާންކަމާއެކު އަހާލިއެވެ.
" ކަލާ.... އަޅުގަނޑު ކަހަލަ ވެއްޓިފައިވާ އަންހެނެއްގެ ބުރަ ކަލާއަށް އުފުއްލެވޭނެތޯ؟"
"ޖުވެލަރުން ވެއްޓިފައި އޮންނަ އަލިމަހާއި ރަންމުތްނަގާ ހަމައެފަދައިން މަންމައިން ވެއްޓިފައި ތިބޭ ދަރިން ނަގާ..." އެހެން ބުނެފައި އަޝޯކްގެ މަންމަ ރަޖްނީގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ.
އެއާއެކު ރަޖްނީގެ އަނގައިން ބޭއިޚްތިޔާރުގައި "މަންމާ" އޭ ގޮވާލެވިއްޖެއެވެ. އަދި މަންމަ ގައިގައި އޮޅުލައިގަތެވެ. އާއި ރަޖްނީގޮވައިގެން ކުރިއަށް ހިނގައިގެންފިއެވެ. ރޭގަނޑުގެ އަނދިރިކަން އިރުކޮޅެއްވިއްޔާ އިރުކޮޅަކަށް އިތުރުވަމުން ދަނީއެވެ. ނަމަވެސް ރަޖްނީއަށް ޓަކައި ހީވަނީ އެތައް ސަތޭކަ އިރެއް އެއްފަހަރާ އަރައިގެން އަންނަހެންނެވެ. އެނާގެ ދިރިއުޅުމުގެ އަނދިރިމަގުތައް އަލިވަމުން ދަނީއެވެ.
(ނިމުނީ)
vvv.reethi nimunves shukuriyya