(2 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރަޖްނީއަށް ކެތްނުވެގެން އެ އަޑު އަންނަ ދިމާއަށް ދުއްވައިގަތެވެ. ފުލުހުންގެ މީހަކު އޭނާ ހިފަހައްޓަންވެސް އުޅުނެވެ. ނަމަވެސް އަނިޔާއެއް ލިބިފައިވާ ސިންގާއެއްހެން އޭނާ އެމީހާ ފޮޅުވާލާފައި އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.
"ތަޅާ.... އޭނާގެ ބަދަލުގައި އަހަރެންގައިގައި ތަޅާ.... އަހަރެންގެ ފުރާނަ ގެންދޭ... އެކަމަކު އޭނާ ދޫކޮށްލާ" ރަޖްނީ ދިޔަ ގޮތަށް ގޮސް ދީޕަކް ހުރިތަނަށް ވަދެ އޭނާ ގައިގައި ހިފައިގެންފައި ކޮންސްޓެބްލް ދާމޯދަރާ ދިމާއަށް ބުންޏެވެ.
ރަޖްނީ އެހެން ގޮވާލިއަޑު ބޭރުގައި ހުރި އިނިސްޕެކްޓަރަށް އިވުމުން މާނަފުން ގޮތަކަށް އޭނާ ބޯހަލުވާލިއެވެ. ހީވަނީ ގަޑި ލިބިދާނެކަމުގެ ޔަޤީންކަން މިހާރު އޭނާއަށް ލިބުނީހެންނެވެ. އޭނާ އެތާނގައި ހުރި ފުލުސް
މީހަކު އެތެރެއަށް ފޮނުވައިގެން ދީޕަކްއާއި ރަޖްނީ އެތަނުން ގެނެސްފިއެވެ. އެމީހުން އައުމުން ވަރަށް ބޮޑާ ގޮތެއްގައި ރަޖްނީއާ ދިމާއަށް އިނިސްޕެކްޓަރް ބުނަން ފެއްޓިއެވެ.
"ރަނގަޅަށް އަޑުއަހާތި.. އަހަރެން މިހާރު ކަލޭގެ ކޮއްކޮ މިދޫކޮށްލަނީ..... އެއީ ކަލޭގެ އާދޭހަށް ޓަކައި.... އެކަމަކު މާދަމާގެ ހެނދުނަށް ކަލޭ އެ ގަޑި މިތަނަށް ގެނެސް ނުދީފިނަމަ އަހަރެންނަށް ވުރެ ނުބައި އެހެން މީހަކު ނުހުންނާނެކަން ރަނގަޅަށް ވިސްނާތި..."
"އެކަމަކު ބައްލަވާ އިނިސްޕެކްޓަރް ސާހަބް..."
ރަޖްނީ އެއްޗެއް ބުނެވޭތޯ އުޅުނެވެ. ނަމަވެސް އޭނާގެ އެވާހަކަ މެދުކަނޑާލާފައި އިނިސްޕެކްޓަރް އަނެއްކާވެސް ބުންޏެވެ.
"ބަސް .. ބަސް.. ކަލޭގެ ކޮއްކޮގެ ނުވަތަ ކަލޭގެ ސަލާމަތަޓަކައި އިތުރު ވާހަކަތައް އަހާކަށް އަހަރެން ބޭނުމެއްނޫން.... އަހަރެން ބޭނުމީ ގަޑި އެހެން އެއްވެސް އެއްޗެއް ނޫން..."
އެހެން ބުނެފައި ކޮންސްޓެބްލްއަށް އިޝާރާތް ކޮށްލަމުން އޭނާ ދީޕަކް ރަޖްނީއާ ހަވާލުކޮށްފިއެވެ.
ރަޖްނީ އަވަސް އަވަހަށް ދީޕަކް ގޮވައިގެން ގެއަށް އަތުވެއްޖެއެވެ. ނަމަވެސް އޭރު ދީޕަކް ވަނީ ހޭނެތިފައެވެ. އޭނާގެގައިގެ އެތަން މިތާނގައި ވަނީ ނޫފައިގެންފައިވާ ތަންތަނެވެ. ބައެއް ތަންތަން ކެނޑިފައިވެސް ހުއްޓެވެ.
އެވަގުތު ރަޖްނީ ވަނީ ދީޕަކަށް ދިނުމަށް ޓަކައި ބޭހެއް ހޯދުމަށް ޑަކްޓަރު ކައިރިއަށް ގޮހެވެ. މާރިޔާ ދީޕަކްގެ ބޯލާކޮޅުގައި ރޯން ހުއްޓެވެ. ދީޕަކް ހޭނެތިފައި އޮވެގެން ކިޔަމުން ދެއެވެ.
"އަޅުގަނޑު ގައިގައި ނުތަޅުއްވާ ..އަޅުގަނޑު ގަޑިއެއް ވަގަކަށް ނުނަގަން...އަޅުގަނޑަކީ ވަގެއްނޫން..."
"ޔެސް..ޔެސް..ކޮއިފުޅާ ކޮއިފުޅަކީ ވަގެއްނޫން. މާސްޓަރް ކަލޭގެ ދޮގުހަދަނީ" މާރިޔާ ދީޕަކްގެ ނިތްކުރީގައި އަތްޖައްސާލާފައި ބުންޏެވެ. އޭރު ދީޕަކް ވަނީ ވަރަށް ގަދައަށް ހުންއައިސްފައެވެ.
ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި ރަޖްނީވެސް އަތުވެއްޖެއެވެ. ޙައިރާންވެފައިވާ ޙާލުގައި ގެއަށް ވަނުމާއެކު އޭނާއަށް އަހާލެވުނީ ދީޕަކްއަށް ވަނީ ކިހިނެއްތޯއެވެ. އޭނާ އަތުގައި ބޭސް ފުޅިތައް ހުއްޓެވެ.
"ބުނާނީވެސް ކީކޭ... ހުން ގަދަކަމުން އޭނާގެ ހަށިގަނޑު ހީވަނީ އަލިފާންގަނޑެއްހެން.. ފުލުހުން އޭނާ ގައިގައި ވަރަށް ބާރަށް ތަޅާފައި އެބަހުރި.. ހޭނެތިފައި އޮވެގނެވެސް އެސޮރު ކިޔަމުން އެދަނީ އަހަރެންނަކީ ވަގެއް ނޫނޭ..އަހަރެން ގައިގައި ނުތަޅާށޭއޭ...." މާރިޔާ ދެލޮލުން ކަރުނަ ފައިބަމުންދާ ޙާލު ޖަވާބުދިނެވެ.
"އެ މާސްޓަރު ކައިރިއަށް ޓިއުޝަން ނަގަން ދީޕަކް ފޮނުވުނުކަން އެއީ އަހަރެންގެ ނަސީބު ދެރަކަމުން ކުރެވުނު ކަމެއް. އާންޓީ" ރަޖްނީ ވަރަށް ދެރަވެލާފައި ބުންޏެވެ.
"މާސްޓަރުގެ ގަޑި ވަގަށްނެގި މީހަކަށް މާތްކަލާނގެ އަދަބު ދެއްވާނެ. އަހަރެމެންގެ ކޮއިފުޅަށް މިހުރިހާ މުސީބާތެއް މިދިމާވީ އެކަމުގެ ސަބަބުން ވިއްޔަ!" މާރިޔާ ލޮލުން ފައިބާ ކަރުނަތައް ފުހެލަމުން ބުނެލިއެވެ. އަދި ދީޕަކްގެ ގައިމަތީގައި ރަޖާގަނޑެއް އަޅާލަދިނެވެ.
ދީޕަކް އޭރުވެސް ހެއެއް ނާރައެވެ. އެޙާލުގައި އޮވެގެންވެސް އޭނާއަށް ގޮވެނީ "އަހަރެންނަކީ ވަގެއް ނޫން... ވަގެއް ނޫން..." މިހެންނެވެ.
އެދުވަހުގެ މެންދުރެއްހާ އިރެވެ. ސަލާންޖަހަން ހިނގާ ކޮރު މީހާ އޭނާ ގެންގުޅޭ ދަނޑިގަނޑު ވިއްދަމުން ޝަހަރާ ދިމާއަށް ހިނގަމުން ދިޔައެވެ. މާސްޓަރްގެ ގަޑި ގެއްލުނު ވާހަކަ އާއި ދީޕަކްގެ މައްޗަށް ތުހުމަތު ކުރެވިގެން ފުލުސް ސްޓޭޝަނަށް އޭނާ ގެންގޮސް ހެދި ވާހަކަ ވަނީ އެ ހިސާބުގަނޑުގައި ފެތުރިފައެވެ. އެހެން ކަމުން އަވަސް ގޮތަކަށް އެ ގަޑި ދޫކޮށްލެވޭތޯ އޭނާ މަސައްކަތް ކުރަމުން ގެންދަނީއެވެ. ޓެކްސީތަކުގެ ތެރެއިން ދަމުން، އެތަނުން ޓެކްސީއެއްގައި އިން ޑްރައިވަރެއްގެ ކައިރިއަށް ޖެހިލާފައި މަޑުމަޑުން ބުންޏެވެ.
"ގަޑިއެއް ބޭނުންތަ ސާރުދާރުޖީ!"
"ކޮންކަހަލަ ގަޑިއެއް..." ޑްރައިވަރު އޭނާއާ ދިމާއަށް ޝައްކުގެ ނަޒަރަކުން ބަލާލާފައި އަހައިފިއެވެ.
"މުޅިން ބަރާބަރު ފަސްޓްކްލާސް ގަޑިއެއް...." އެހެން ބުނެފައި އޭނާ ކަމަލްގެ ގަޑިނަގާފައި ޑްރައިވަރާ ދިމާއަށް ދިއްކޮށްލިއެވެ.
"އޭ މިހިރަ ކޮރުމީހާ.... މީމުޅިން ބާގަޑިއެއްނު..!" އަނެއްކާ ކޮންތާކުން ވަގަށް ނަގައިގެން އުޅޭ އެއްޗެއްތަ ތީ..؟" ޑްރައިވަރު އެޑި އަތުލަމުން ބުންޏެވެ.
"އަހަރެނަކީ ސަލާން ޖަހާ މީހެއް ވަގެއް ނޫން ސާރުދާރުޖީ!" އެކޮރުމީހާ ނުރުހިފައި ބުންޏެވެ.
އެތަންވަޅު އެތާ ދާދި ކައިރީގައި އޮތް އޮޓީ ރެކްޝާއެއްގައި، ނިދާފައި އޮތް މޯތީގެ ކަންފަތަށް މިއަޑު އިވިއްޖެއެވެ. ގަޑިއެއްގެ ވާހަކަ އަޑު އިވުމާއެކު އޭނާ ވަރަށް ފަރުވާތެރިކަމާއެކު އެވާހަކަ އެހުމަށް ކަންފަތް ދިއްކޮށްލިއެވެ.
"އާނ..އެހެންވިއްޔާ ކަލެއަށް މިގަޑި ލިބުނީ ކޮންތާކުން؟" ޑްރައިވަރު ގަޑި ގޮތްގޮތަށް ބަލަމުން އަހާލިއެވެ.
"އަހަރެންގެ ބޮޑުބޭބެގެ ކުއްޖަކު ދުބާއީގައި މަސައްކަތް ކުރަން ހުރެފައި ފޮނުވީ... އޭނާއަށް އެތާނގައި މަހަކު ހަތަރުހާސް ރުފިޔާ މުސާރައަށް ލިބޭ..." ކޮރުމީޙާ މޭފުއްޕާލާފައި ބުންޏެވެ.
"ފައިގައި ފައިވާނެއް ނެތް ގައިގައި ރީތި ހެދުމެއްވެސް ނެތް. ދެން އަތުގައި ކީއްކުރަން އަޅާ ގަޑިއެއް.. އަހަރެންކަހަލަ ސަލާން ޖަހާ މީހުން ގަޑިއަކުން ހިފާނެ ބޭނުމެއްވެސް ނޯންނާނެ. އަދި އަތުގައި ތިޔަ ކަހަލަ ގަޑިއެއް އަޅައިފިއްޔާ، ސަލާންޖެހީމާ ފައިސާ ފޮއްޗެއް ދޭނެ މީހަކުވެސް ނުވާނެ. ނުއަގުގައިވެސް މިގަޑި ވިއްކާލަން މިއުޅެނީ އެހެންވެގެން...."
"ދުއިސައްތަ ރުފިޔާއަށް ދީފާނަންތަ؟" ޑްރައިވަރު ވަރަށް ފަރުވާކުޑަ ގޮތަކަށް އަހާލިއެވެ.
"ތިޔައީ ވަގަށް ނަގައިގެން އުޅޭ އެއްޗެއް ނޫން... ސާރުދާރުޖީ..." ކޮރުމީހާ އެހެން ބުނެފައި ޑްރައިވަރު އަތުން ގަޑި އަތުލައިފިއެވެ.
"ގެނޭ ތިންސަތޭކަ ރުފިޔާއަށް ގެނޭ...."
"އޭ.. ކަލެއަކަށް މިގަޑިއެއް ނުގަނެވޭނެ... ދާން އުޅޭ " ކޮރުމީހާ ކުޑަކޮށް ރުޅިއަންނަ ގޮތް ދައްކާލާފައި ބުންޏެވެ.
"އޭނާ ނުގަންނަންޏާ އަހަރެން ގަނެފާނަން...." އެތަން ވަޅު މޯތީ އޭނާގެ ރެކްޝާއިން ފުންމާލައިގެން ކޮރުމީހާ ކައިރިއަށް އައިސް އޭނާ ގަޑި ހިފައިގެންހުރި އަތުގައި ހިފަމުން ބުންޏެވެ.
"ކަލޭ...." ކޮރުމީހާ މޯތީގެ އަތް ފޮޅުވާލަން އުޅެމުން ބުންޏެވެ.
"އާނ..އަހަރެން އެއްހާސް ރުފިޔާ ދީފާނަން.. ޤަބޫލިއްޔާ ހިނގާ..." މޯތީ ކޮރުމީހާގެ އަތުގައި ބާރަށް ހިފަހައްޓަމުން ބުންޏެވެ.
ކޮރުމީހާއަށް މޯތީ މިހަދަން އުޅޭ އެއްޗެއް ވިސްނިއްޖެއެވެ. ނަމަވެސް ނޭންގޭކަމަށް ހެދިގެން ހުރެ ބުންޏެވެ.
"އައްދޭ...ހިނގާބިނގާ އުޅެވޭވަރުވާނަމަ ދުބާއީއަށް ނުގޮސް ހުންނާނެތަ"
މޯތީ އަތުން ދުލެއްނުކުރިއެވެ. އަދި ގަދަކަމުން ގެންގޮސް އޮޓޯ ރެކްޝާއަށް އަރުވަން ފަށައިފިއެވެ. ކޮރުމީހާ ވަރަށް ބޮޑަށް ކަންބޮޑުވެއްޖެއެވެ.
(ނުނިމޭ)
Vvv.reethi