(5 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރަޖްނީ މަގުމަތީގައި ދޮރޯއްޓާ ހަމަޔަށް ދީޕަކާއެކު އައެވެ. އަދި ދީޕަކް ސްކޫލަށް ދާތަން ބަލަހައްޓައިގެން ހުއްޓެވެ. ދީޕަކް ދިރިއުޅުމުގެ ދުވެލީގައި ކުރިއަރަމުން ދާތަން ބަލަން ހުރިއިރު ރަޖްނީގެ ހިތަށް ވަންނަމުންދިޔައީ އާދަޔާޚިލާފު އުފާވެރިކަމެކެވެ. އެވަގުތު އޭނާ ލޮލުން ކަރުނައައެވެ.
"އޯ..ރަޖްނީ ދަރިފުޅާ ލޮލުގައި ކަރުނަ...؟" މާރިޔާގެ އަޑުން ސިހިގެން ދިޔައެވެ.
"އުފަލުން...ރޮވުނީ...އާންޓީ.. މިހާރު އަހަރެން އިންތިޒާރުކުރަމުން މިދަނީ ދީޕަކް ބޮޑުވާ ދުވަހަކަށް. ކިޔަވައިގެން ޑޮކްޓަރަކަށްވާ ދުވަހަކަށް...އަދި އަހަރެން މިފާފައިގެ ދިރިއުޅުން ދޫކޮށް ކޮންމެވެސް ތަނަކަށް ދެވޭނެ ދުވަހަކަށް..."
"ދީޕަކް ޑަކްޓަރަކަށް ވެދާނެ-ދަރިފުޅާ ނަމަވެސް ކަލޭ...." މާރިޔާ އެއްޗެއް ބުނަން އުޅެފައި ހުއްޓާލިއެވެ.
"އަހަރެން ...ކީކޭ..؟" ރަޖްނީ ސުވާލުކުރިއެވެ.
"އެއްޗެއް … ނުބުނަން..."
"ނޫން ….އާންޓީ ހިތަށް އަރާ އެއްޗެއް ދުލާހަމައަށް އައިމާ ދެން ބުނޭ. ތިޔަހެން ނުހަދާ އާންޓީ!"
"ދަރިފުޅު މިކިސަޑުގަނޑުން ނުކުތުން، ވަރަށް އުނދަގޫވާނެ"
"ކީއްވެ...؟"
"ދަރިފުޅު އަންހެނުންގެ ދިރިއުޅުމަކީ އެކަހަލަ އެއްޗެއް ބިއްލޫރި ކަހަލަ އެއްޗެއް.. ތެޅިއްޖެ ނަމަ އެތެޅުނީ" މާރިޔާ މިހެން ބުނެފައި ދޮވެފައިހުރި ހެދުންތައް ހިފައިގެން ގޭގެ ފުރަގަހުގައި ހުރި ފެން އިސްކުރު ކައިރިއަށް ހިނގައްޖެއެވެ.
ރަޖްނީ އެ ހުރިތާނގައި ހިމޭނުން ހުރީއެވެ. މާރިޔާ ބުނި ލަފްޒުތައް އޭނާ ވިސްނުމުގައި ވަޒަން ކުރެވެމުން ދަނީއެވެ. އޭނާއަށް އެރެވިފައި މިވަނީ އެއިން ފަސޭހައިން ސަލާމަތް ނުވެވޭވަރުގެ ކިސަޑުގަނޑެއްގެ ތެރެއަށްކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. ނަމަވެސް އެ ތެދު ހަޤީޤަތް ޤަބޫލުކުރަން އޭނާ ބިރުގަންނަނީއެވެ. އޭނާގެ ހަށިގަނޑު ކޮންމެ ރެއަކު ވިކެމުން ދަނީއެވެ. އޭނާގެ ފުރާނަ ކޮންމެ ދުވަހަކު ބޭޤަރާރުކަމާއެކު ތެޅެމުންދަނީއެވެ. މި ހިތާމަވެރި ދިރިއުޅުމުގެ ގިސްލުންތައް އޭނާގެ އަމިއްލަ މޭގާ ފޮރުވައިގެން ވޭނާއި ހިތްދަތިކަމުގައި ރަޖްނީ ދިރިއުޅެމުން މިގެންދަނީ ހަމައެންމެ ދުވަހަކަށް ޓަކައެވެ. އެއީ އޭނާގެ ކޮއްކޮ ދީޕަކް އޭނާގެ މަންޒިލާ ހަމައަށް ދާ ދުވަހަކަށެވެ. އެ ދުވަހަކުން ރަޖްނީ އޭނާގެ އަމިއްލަ ދިރިއުޅުމުން އަތްދޮވެލާނެއެވެ. އެއީ އޭނާގެ މި ފާފަވެރި ދިރިއުޅުމުގެ އަނދިރި ހިޔަނި އޭނާގެ ކޮއްކޮގެ ދިރިއުޅުމަށް އެޅުނަ ނުދިނުމަށްޓަކައެވެ. އެވަގުތު އޭނާގެ ހިތުގައި ލޮލަށް ފެންނަންފެށީ އަޝޯކްގެ މޫނެވެ. ވޭތުވެދިޔަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ހިތުގައި އަޝޯކާމެދު ލޯބީގެ ޝުއޫރުތަކެއްވަނީ އުފެދިފައެވެ. އެހެންގޮތަކަށް ބުނާނަމަ އޭނާއަށްވަނީ އަޝޯކް ދެކެ ލޯބިވެވިފައެވެ. ނަމަވެސް ފަހަރެއްގައި ވެސް އޭނާ ފާފައިން ފޯވެފައިވާ ހަށިގަނޑުގެ ޝިކާރައަކަށް އަޝޯކް ހެދުމަކީ އޭނާ އެދޭކަމެއް ނޫނެވެ. އެހެނަސް ކުޑައިރުކޮޅަކު އަޝޯކްގެ ކައިރީގައި ހުރެގެން އޭނާގެ ފުރާނައަށް ހިތްހަމަޖެހުން ހޯދުމަކީ އޭނާ ބޭނުންކަމެކެވެ. ރަޖްނީ އަޝޯކް ކައިރީއަށް ދާއިރަށް ދުނިޔޭގެ އާދަކާދަތަކާއި ސޮސައިޓީގެ އުޞޫލުތަކުގެ ބިރަށް އަޝޯކަށް ވެގެން އެދާ ގޮތްވެސް އެއީ އެކަމަކު ރަޖްނީއަށް ޙައިރާންވާ ކަހަލަ ލައްޛަތެއް އިޙްސާސް ކުރެވޭ ކަމެކެވެ. އަޝޯކަށް ދުވަހަކު ވެސް ރަޖްނީއަކީ އޭނާގެ މީހެއްކަމަށް ނުހެދޭނެކަން ރަޖްނީއަށް ރަނގަޅަށް އެނގެއެވެ. އެހެންކަމާއެކު ވެސް އަޝޯކާއި ދިމާއަށް އޭނާ ދަމަމުން ގެންދާ ބާރެއް އެބަހުރިކަން އޭނާއަށް ޤަބޫލުކުރެވެއެވެ. އެހެނަސް އެއީ ކީއްވެގެން ވާގޮތެއްކަން އޭނާއަކަށް ނޭނގެއެވެ. ރަޖްނީގެ ފާފަތަކުން ފުރިފައިވާ ރޭތަކުގައި އެއްވެސް ޚިޔާލަކުން އޭނާއަށް ހިތްހަމަޖެހުމެއް ލިބޭކަމަކަށްވާނަމަ އެއީ ހަމައެކަނި އަޝޯކްގެ ޚިޔާލެވެ. އެއީ އޭނާގެ އަނދިރި ރޭތަކުގައި ކުޑައިރުކޮޅަކަށް ނަމަވެސް ހަނދުވަރުގެ އަލި ގެނެސްދޭ ޚިޔާލެވެ.
އަޝޯކަކީ މަހާރަޝްޓްރާގެ ބިނާޕޫރުކިޔާ ވިލެޖްގެ ބިންވެރިއެއް ކަމުގައިވާ މަސަންތުރާއޮގެ ދަރިފުޅެވެ. އޭނާ ބޮމްބޭއަށް އައިސް އުޅެނީ ކޮލެޖްގެ ތަޢުލީމް ޙާޞިލްކުރުމަށް ޓަކައެވެ. މަސަންތުރާއޮ އޭނާގެ ދަރިފުޅު ސިޓީއަށް ފޮނުވިއިރު އޭނާއާމެދު ފުރިހަމައަށް އިތުބާރުކުރިއެވެ. އެއީ ސިޓީގައި އުޅޭއިރުވެސް އޭނާގެ ވިލެޖްގެ އާދަކާދަތަކާ ޚިލާފްވެ އެމީހުންގެ ނަން ހުތުރުވެ ބަދުނާމު ވާނޭފަދަ އެއްވެސް ކަމެއް އަޝޯކް ނުކުރާނޭކަމުގައެވެ. އަޝޯކްވެސް ސިޓީގެ ދިރިއުޅުން ވޭތުކުރަމުންދާއިރު، ހުރިހާ ވަގުތެއްގައި މިކަން ހިތުގައި ބާއްވަމުން ގެންދެއެވެ. މަސަންތުރާއޮ ވަނީ އޭނާގެ ދަރިފުޅު އަޝޯކްގެ ކައިވެނި އެމީހުންގެ އަވަށްޓެރި ރަޙްމަތްތެރިއެއްގެ އަންހެން ކުއްޖަކާއެކު ކުރަމުން ގަސްދުކޮށް އެމީހުންނާވެސް އެވާހަކަ ދައްކާފައެވެ. އެ ރަޙްމަތްތެރިއަކީ މިހާރު ރިޓައަރް ކޮށްފައިވާ ސްޓޭޝަން މާސްޓަރް ކުލްކަރްނީއެވެ. އޭނާގެ ދަރިފުޅުގެ ނަމަކީ ސީމާއެވެ. މިކައިވެނި ކުރުން ލަސްކޮށްލެވިފައިވަނީ އަޝޯކްގެ ތަޢުލީމްގެ ކަންތައް ފުރިހަމަވަންދެންނެވެ. އެއްދުވަހަކު މެންދުރެއްހާއިރު މަސްނަތުރާއޮ އޭނާގެ ގޭގެ ދޮރުމަތީގައި ހިތްހަމަޖެހިލައިގެން ގުޑުގުޑާ ބޯންއިނެވެ. އޭނާގެއާ ގުޅިފައިވާ އަނެއް ގެއަކީ ސީމާމެންގެ ގެއެވެ. އެވަގުތު ސީމާ ހުރީ އޭނާގެ ގޭގެ ގޯތިތެރޭގައި ހައްދާފައިވާ މާގަސްތަކަށް ފެންދޭށެވެ. އެތަންވަޅު ޕޯސްޓް ބަހާ މީހާ އައިސް މަސަންތުރާއޮ ގެއަށް ވަދެއްޖެއެވެ. އަދި ސިޓީއެއް ދިއްކޮށްލަމުން ބުންޏެވެ.
" ސިޓީއެއް.. ޗަމްދަރީ...."
"އަހަރެންގެ ސިޓީއެއްތަ؟..ގެނޭ...ގެނޭ ...ތިޔަވާނީ އަޝޯކްގެ ސިޓީއަކަށް" އެހެންބުނެފައި މަސްނަތުރާއޮ ޕޯސްޓްބަހާ މީހާއަތުން ސިޓީއަތުލިއެވެ. އަޝޯކްގެ ނަން އިވުމާއެކު ތަންކޮޅެއް ދުރުގައިހުރި ސީމާ ސިއްސައިގެން ދިޔައެވެ. އަދި އޭނާ އަތުގައި އޮތް ފެންދޭ އެތިގަނޑު ވެއްޓުނެވެ. އޭނާ ފެންދޭ އެތިގަނޑު ނަގާކަށް ނޫޅެއެވެ. ލަދުން އަވަހަށްގޮސް ގޭތެރެއަށް ވަދެއްޖެއެވެ. މަސަންތުރާއޮ ހިނިތުންވެފައިވާ ގޮތެއްގައި ސީމާ އުޅެމުންދިޔަ ގޮތް ބަލަން އިނދެފައި، ޕޯސްޓްމީހާ ދިއުމުން އޭނާގެ އަންހެނުންނަށް ގޮވާލިއެވެ.
"އޭ... އަޝޯކްގެ މަންމާ...އިވޭތަ؟"
އަޝޯކްގެ މަންމަ ޝާންތީ އެވަގުތު އުޅެނީ ބަދިގޭގައި ރޮށިފިހެން ފުށްމޮޑޭށެވެ. އޭނާއަށް ގޮވާލިއަޑު އަހާފައި ވަރަށް ބާރަށް ޖަވާބު ދިނެވެ.
"ކީއްވެތަ... ކުއްލިއަކަށް ކަރުފަޅައިގެންދާވަރަށް ހަޅޭއްލަވަން ތިޔަފެށީ އަނެއްކާ ކީއްވީ!"
"އަޝޯކްގެ ސިޓީއެއް އައީ... އަހަރެންގެ އައިނު ކޮބައިތަ؟"
"އަހަންނަށް އެނގޭނެ ދޯ ؟" ކަލޭގެ އައިނު ވީތަނެއް-؟" އެތަން މިތާނގައި ބާއްވާފައި އަމިއްލައަށް ހަނދާން ނައްތާލަނީ!"
އޭރު ޝާންތީ ބަދިގެއިން ނުކުމެގެން މަސަންތުރާއޮ ކައިރިއަށް އަންނަނީއެވެ. ތަންކޮޅެއް ކައިރިއަށް އައިސްފައި ސުވާލުކޮށްލިއެވެ.
"މަގޭ ދަރިފުޅު ލިޔެފައި އޮތީ ކީކޭތަ؟"
"ސިޓީ ނުވެސް ކިޔާ ބުނެދޭނީ ކިހިނެއް؟ އަވަހަށް އައިނު ގެނެސްދީބަލަ..."
އެވަގުތު ސީމާ ވަށިގަނޑުގައި ހުރި މޭވާކޮޅު ހިފައިން އައިސް ގެއަށް ވަދެއްޖެއެވެ. އަދި ގޭތެރެއާ ދިމާއަށް ދަމުން، އެގޭގެ ދެމަފިރިން ބޭރުގައި ވާހަކަދައްކަން ތިބިތަން ފެނިފައި ފެންޑާމަތީގައި ހުއްޓިއްޖެއެވެ. އަދި ތުންފަތަށް އައިސްފައިވާ ހިނިތުންވުން ފޮރުވަން މަސައްކަތް ކުރަމުން އަހާލިއެވެ.
"ކީއްވީތޯ...އަންކަލް.."
"އައިސްބަލަ ދަރިފުޅާ..." އަޝޯކްގެ ސިޓީއެއް އައީ އަދި މިއުޅެނީ އަހަރެންގެ އައިނު ނުފެނިގެން. ނިކަން މިސިޓީ ކިޔާލަދީބަލަ...."
(ނުނިމޭ)
ވ ރީތި...ގެނެސްދޭލެއް ކުރީ 😊