ކޯލް ގާރލް - 5

(28 މެއި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އޯ! އަޅުގަނޑުގެ މައްޗަށް ތިޔަ ޚަރަދުކުރައްވާ ރުފިޔާތައް ލިބެމުންދަނީ އަޅުގަނޑުގެ މަންމަ ފަރާތު ކާފަ ދޫކުރައްވާފައިވާ މުދާ ތަކަކުން ނޫންތޯ..... އެއީ ބައްޕަގެ އެއްޗެއްކަމެއް އަޅުގަނޑެއް  ނުދެނެހުރިން" މިހެން ބުނެފައި ޖަޔަންތު މަލާމަތްގޮތަކަށް ހީނލިއެވެ. އަދި ކަޅިޖަހާނުލާ އޭނާގެ ބައްޕައާ ދިމާއަށް ބަލަން ހުއްޓެވެ. އެ ވަގުތު އޭނާގެ ބައްޕަވެސް އަވަސްއަވަހަށް  ޖަވާބުދިނެވެ.

"އެ މުދާތައް  ކަލޭ މުޅީން ގޯސްކޮށްފި..... ކަލޭގެ މަންމަގެ މޮޔަކަމުން އެ މުދާތައް ކަލޭގެ ނަމުގައި ލިޔެފައި ނެތްނަމަ މިއަދު ކަލޭ ތިޔަދާ ބަރުބާރުވުމުގެ މަގަކުން ކަލެއަކަށް ނުދެވުނީސް"

މިހެން ބުނުމާއެކު  ކުއްލިއަކަށް ވާހަކައިގެ ރާގު ބަދަލުކޮށްލާފައި މާ އޯގާވެރި ގޮތަކަށް ބުނެލިއެވެ.

"އެކަމަކު ކަލެއަކީ އަހަރެންގެ ހުރި ހަމަ އެންމެ ދަރިފުޅު .އަހަރެންނަށް ކަލޭ ބަރުބާދުވެގެން ދާތަން ބަލާކަށް ނުހުރެވޭނެ..... އަން..... މި ކަރުދާސްތަކުގައި ސޮއިކޮށްލާ...!"

ޖަޔަންތު އަވަސް ނަޒަރަކުން އެވަގުތު އޭނާގެ ބައްޕަ ދިއްކުރާ ލިޔުންތަކަށް ބަލާލިއެވެ. އެއީ އޭނާގެ ބައްޕަ ވަކީލު ލައްވާ ތައްޔާރުކޮށްގެން ގެނެސްފައިވާ ލިޔުމެކެވެ. އެ ލިޔުން ކިޔާލުމަށް ފަހު ބައްޕަގެ މޫނާ ދިމާޔަށް ބަލަހައްޓައިގެން ހުރެ ސުވާލުކޮށްލިއެވެ.

"މީ ކީއްކުރައްވަންތޯ؟"

"ކަލޭ ބަރުބާދުވުމުގެ ސަބަބެއް ކަމުގައި މެދުވެރިވަމުންދާ މުދާތައް ކަލޭގެ ހެވަށްޓަކައި ރައްކައުތެރި ކުރެވޭނެގޮތެއް ހަދަން ބޭނުންވަނީ"

ޖަޔަންތު އަނެއްކާވެސް އެ ލިޔުމަށް ބަލަން އިރުކޮޅަކު ހިމޭނުން ހުރެފައި ބައްޕާއާ ދިމާއަށް ބުންޏެވެ.

އަޅުގަޑު ބަރުބާދުވެގެން ދިޔުމުން ސަލާމަތްކުރުމުގެ މިއައު ސްކީމް ބައްޕައަށް ވިސްނައިދިނީ އަޅުގަނޑުގެ ދޮންމަންމަ ދެއްތޯ؟"

"އާނ... އޭނާވެސް އެދެނީ ކަލޭގެ ހެވަށް!" ވަރަށް   އުފާވެރިމޫނެއް ދައްކާލާފައި ބައްޕަ އަވަސްއަވަހަށް ބުންޏެވެ.

"އަދި ބައްޕަގެ  ހިތުގައި އަޅުގަނޑަށް ޓަކައި ލޯބި އިތުރުކޮށްދިނީ ވެސް ދޮންމަންމަ ދޮގެއްތޯ؟"

"ދަރިފުޅު ހަމަ ކަމަކާނުލާ ދޮންމަންމައާ މެދު ޝައްކު ކުރަނީ.. ޔަޤީންކުރޭ- އޭނާ ކަލޭދެކެ ހަމަ ދަރިއަކު ދެކެ ލޯބިވާވަރަށް ލޯބިވޭ!"

"ބައްޕާ!...... އަޅުގަނޑަށް ދޮންމަންމަގެ ލޯބި ލިބިފައިވާނަމަ އަޅުގަނޑު މިހެން ދިރިއުޅުމުގައި ދޮގު އުފާތައް ހޯދައިގެން އަޅުގަނޑުގެ  ދިރިއުޅުން ބަރުބާދު ކުރަން ޖެހުނީ ކީއްވެތޯ؟"

"އަދިވެސް ލަހެއްނުވޭ- ދަރިފުޅާ- ވިސްނާލާ އަވަހަށް ލިޔުމުގައި ސޮއިކޮށްލާ!"

ޖަޔަންތު ވަރަށް ބޮޑަށް ނުރުހިފައިވާ ނަޒަރަކުން އޭނާގެ ބައްޕައާ ދިމާއަށް ބަލާލާފައި ވަރަށް ހަރުކަށި ގޮތަކަށް ބުންޏެވެ. "އަޅުގަނޑު، އަޅުގަނޑުގެ މަރުވެފައިވާ މަންމަހާ މޮޔައެއް ނޫން.... ބައްޕާ!.. މަންމައަށް އޮޅުވާލައްވައިގެން  ހުރިހާކަމެއް ކުރެއްވީ. އަދި މަންމަގެ ބައްޕަގެ ފަރާތުން ލިބިފައިވާ މުދާތައްވެސް މިހާރު ތިޔައުޅުއްވަނީ ބައްޕަ މުސްކުޅިވީ ދުވަހު ޒުވާން އަންބެއްގެ ބޭނުންތަކަށް ޚަރަދުކޮށްލައްވަން ނޫންތޯ؟... އަޅުގަނޑު ދިރިހުރެ މި މުދާތައްވެސް ބައްޕައަކަށް...ދުލެއްނުކޮށްދެވޭނެ.... ނަމަވެސް ކަންބޮޑުވެ ނު ލައްވާ... އަޅުގަނޑު މަރުވަމުން ބައްޕަގެ ތިޔަ އެދިލެއްވުން ހަމަގައިމުވެސް އަޅުގަނޑު ފުރިހަމަކޮށްދޭނަން. އެއީ އަޅުގަނޑުގެ  ދޮންމަންމަ އުފާކޮށްދެއްވުމުގެ ފުރުޞަތު ބައްޕައަށް ހޯދައިދިނުމަށްޓަކައި!"

މިހެން ބުނަމުން ޖަޔަންތު އެ ލިޔުން ބައްޕަ އަތުން އަތުލާފައި، ފަތްޖަހާލާފައި އޭނާގެ ޖީބަށް ލައިފިއެވެ. އޭނާގެ ބައްޕަ ކުޑަކޮށް ސިހޭގޮތްވެފައި  އެއްޗެއް ބުނަން އެ ވަގުތު އުޅުނެވެ. ނަމަވެސް ހަމަ އެ ވަގުތު ކޮލެޖްގެ ރަނގަބީލު ޖެހުމުން އޭނާގެ ބައްޕަ އެއްޗެއް ބުނާނެ ތަންވަޅެއް ނުދީ އަވަސް އަވަހަށް ބުނެލިއެވެ.

"ސޮރީ.. ބައްޕާ.... ހިސްޓްރީ ޕީރިއަޑް ފެށުނީ... އަޅުގަނޑު ދާން ޖެހޭނެ...؟" އެހެން ބުނެފައި އަވަސް އަވަހަށް ކޮމޮން ރޫމުން ނިކުމެގެން ހިނގައްޖެއެވެ. ޖަޔަންތުގެ ބައްޕަ ކުރާނެކަމެއް ނެތިގެން އެ ތާނގައި އިނެވެ.

މާރިޔާ ރާ ފުޅިއެއް ހިފައިގެން އޭނާގެ ޖިފުޓިން ބޭރަށް ނުކުމެއްޖެއެވެ.  އެ ފުޅިވަނީ އޭނާ ސާޅީގެތެރޭގައި ފޮރުވާފައެވެ.  އޭރު ދޮރުމަތީގައި  ހުރި ކޮރުމީހެއް ކައިރިންލާފައި ދަމުން އެ ޖިފުޓީގެ  ފުރަގަހުން އޮތް ގޯޅީގެ ތެރެއަށް  އަންނަން އެ މީހާއަށް މާރިޔާ އިޝާރާތްކޮށްލިއެވެ. މާރިޔާގޮސް  އެ ގޯޅިތެރެއަށް ވަންތާ މާ ގިނައިރެއް ނުވެ އެ ކޮރުމީހާ ވެސް އޭނާގެ ކްރަޗް ވިއްދަމުން ހިނގާފައި އައިސް އެ ގޯޅި ތެރެއިން މާރިޔާއާ އަރާ ހަމަކޮށްފިއެވެ. އަދި އެ ފުޅި ލިބިގަތުމަށް ޓަކައި އަތް ދިއްކޮށްލައިފިއެވެ.

"ފައިސާ މާރުކޮށްފައި ދޭތި" މާރިޔާ ފުޅިދެމުން ބުންޏެވެ.

"ކޮރުމީހާ އަތުގައި އޮތް ސަލާންޖަހަން ގެންގުޅޭ ކަހަލަ ކޮތަޅު ގަނޑުން އެއް ރުފިޔާގެ ނޫޓްގެ ހަތަރު ނޫޓް ނަގާފައި މާރިޔާގެ  އަތަށްލައި ދިނެވެ. އަދި މާރިޔާއާ ދިމާއަށް ބާލާލިއެވެ.  މާރިޔާ މޫނުހަދާލާފައި ބުންޏެވެ.

"ބަލަން ތިޔަހުރީ ކީއްވެފައި... އަދި އެއް ރުފިޔާދީ!"

"މާދަން ދޭނަން" ސަލާން ޖަހާމީހާ ބުނެލިއެވެ.

"އެހެންވިއްޔާ ރާފުޅި ވެސް މާދަން ގެންދަނީ!"

މިހެން ބުނެފައި މާރިޔާ އެ ފުޅި އެ މީހާ އަތުން އަތުލިއެވެ.

"އޭތް.....އޭތް.... ތިޔަކުރަނީ ކީއް އާންޓީ! ރާފޮދެއް ނުލިބިއްޖެނަމަ  މަރުވެސް ވެދާނެ" ސަލާންޖަހާ މީހާ ކަންބޮޑުވެފައި ބުންޏެވެ.

"ކަލޭ … ކަލޭ.. މަރުވެދާނެއޭ.. ލަދުކުޑަ...ކޮންމެ ދުވަހަކުވެސް ތިޔަހެން ބުނަމު... މަރުވެދާނެއޭ.. އަޅެ މަރުވެބަލަ ދުވަހަކުވެސް މަރުވާކަށް ނުކެރޭނެ..."

އެންމެފަހުން އެމީހާއަށް ޖެހުނީ  އޭނާ ގެންގުޅޭ ކޮތަޅު ގަނޑުން އެއްރުފިޔާ ނަގާފައި މާރިޔާއަށް ދޭށެވެ.

"ކޮންފަދަ ވިޔަފާރިވެރި ލޭޑީއެއް... ބުނާއަގު ދުވަހަކުވެސް ބަދަލެއް ނުކުރޭ... އަން މިއޮތީ އެއްރުފިޔާ ދެން ފުޅިދީ...."

"ގެންދޭ... މަރުނުވާތި!"  މާރިޔާ އެ ރުފިޔާގައި ހިފަމުން އޭނާއަށް އެ ފުޅި ދިއްކޮށްލިއެވެ.

ސަލާންޖަހާ މީހާ އެ ހުރިތާނގައި ހުރެފައި ފުޅީގެ އުނގުރި ނަގާފައި ރާބޯން ފަށައިފިއެވެ.  މާރިޔާ ދެކޮޅު ހޯދާ ބަލާލާފައި އޭނާ އަތުން ލިބުނު ފައިސާކޮޅު ބަލައުޒްތެރެއަށްލައި ފޮރުވާލައިގެން އެނބުރި އައިސް  އޭނާގެ ޖިފުޓިއަށް ވަދެއްޖެއެވެ.  ކުޑައިރުކޮޅެއް ފަހުން  އެ ސަލާންޖަހާމީހާ ގޯޅިތެރެއިން މަގުމައްޗަށް  ނިކުތްއިރު  އޭނާގެ ދެ ލޯވަނީ ރަތްވެފައެވެ. އަދި މޫނުމަތިން ފެންނަނީ  މަސްތުވެފައިވާ ކަމުގެ އަސަރުތަކެވެ.  ހަމަ އެވަގުތު ރަޖްނީ ފެންބަލިދީއެއް ހިފައިގެން، ބޭރުން އައިސް ގޭގެ ގޯތިތެރެއަށް  ވަންނަނީއެވެ.  ރަޖްނީގެ ޒުވާން ހަށިގަނޑު ފެނިފައި މަސްތުވެފައިވާ ކޮރުމީހާއަށް  ވަރަށް ބޮޑަށް  އަސަރުކުރިއެވެ.  ބަނޑުހައިވެފައިވާ ނަޒަރަކުން ރަޖްނީއާ ދިމާއަށް ބަލަމުން އޭނާއާ ދިމާއަށް ހިނގައިގަތެވެ. އަދި ބުނަމުން ދިޔައެވެ.

"ހާނ.. ކޮންފަދަ އަނިޔާވެރި ޒުވާންކަމެއް... ހީވަނީ ފުރިފައިވާ ރާފުޅިއެއްހެން...ހިތަށްއަރަނީ  ހަމައެންމެ ނޭވާއަކުން …"

"ކޮން ވިޔާނުދާ ވާހަކައެއް.... " ރަޖްނީ ރުޅިއައިސްފައި ގޮވާލިއެވެ.

"އެއްވެސް ވާހަކައެއް ނޫން... އެއްވެސް … މި ލާނެތް ރާފޮދު  އެތެރެއަށް ދިޔައިމާ ވާހަކަ ދައްކަން ފައްޓަނީ. ...އެ ރާފޮދު ކޮންމެ ވެސް ދުވަހަކުން ކަލެއަށް ވެސް ކަލޭ އެދޭ ކަންތައް ވެސް ފުރިހަމަ ވާނެއޭ....

"އެ ރާފޮދު ކަލޭގެ ކޮރުފައި ނުދެކެނީތަ؟"

"އައްދޭ ފައި ކޮރު ނަމަވެސް ހިތެއް ކޮރެއް ނޫން.... މި ހިތް ކިތަންމެ އަންހެން ކުދީންނެއް...."

"ދާން އުޅޭ....އަވަހަށް ދާން އުޅޭ. އެހެން ނޫނީ އަނެއް ފައިވެސް ކޮރުކޮށްލަފާ ނަން....."

"އެންމެ ރަނގަޅު. އެކަމަކު އަހަރެން މިޖަހަނީ ހަމަ ސަލާން. އެންމެ ދޮނެއްދީ....."

"އާޚް...ޗޫ...." ރަޖްނީ ދޮނެއް ދިނުމުގެ ބަދަލުގައި އޭނާގެ މޫނަށް ކުޅެއް ޖެއްސެވެ.

ކޮރު މީހާއަށް ވެރިވެފައިވާ މަސްތުވުން ހީވީ އެއްފަހަރާ ފިލައިގެން ދިޔަހެންނެވެ. އަވަސް އަވަހަށް އޭނާގެ އަތުން މޫނު ފޮހެން ފަށައިފިއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.