(19 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަޝޯކް ހިމޭން ކަމާއެކު އޭނަގެ ބައްޕަގެ ނަޞޭޙަތް އަޑުއަހަން ހުއްޓެވެ. އަދި ބައްޕަ ވާހަކަ ދެއްކުން ހުއްޓާލީމާ ވެސް، އިތުރު އެއްޗެއް ނުބުނީމާ ވަސަންތު ރާއޮ އޭނާގެނައި ސޫޓް ކޭސްގެ ތެރެއިން ބައެއްތަކެތި ނަގާފައި އަޝޯކްއަށް ދިއްކޮށްލިއެވެ. އަދި ބުންޏެވެ.
"މީގައި ހިފާ. މީ ކަލޭގެ މަންމަ ފޮނުވި އެއްޗެތި. ގޭގައި ހަދާފައި ހުރި ފޮނިއެއްޗިއްސާއި ކުޅިކާއެއްޗެތި. އަދި މިއޮތީ ސުވިޓަރެއް...."
އަޝޯކް އެއްވެސް އެއްޗެއް ނުބުނެ ބަލަން ހުއްޓެވެ. ވަސަންތު ރާއޮއަށް އޭނަގެ ދަރިފުޅު މޮޅިވެފައި ހުރިކަން އިހްސާސްވުމުން އަދި އެއަށް ވުރެ ބޮޑަށް އޭނާގެ ހިތުގެ ޒަޚަމްތަކަށް ތަދުކޮށްލިއެވެ.
"އަހަރެން އެދެނީ ވަރަށް ޢިއްޒަތްތެރި ގެއެއްގެ އަބުރުވެރި ކުއްޖަކާ ކަލޭގެ ކައިވެނި ކުރުމަށް...........އެކަމަކު ކަލޭ ތިދުވަނީ އެކަހަލަ ހިޔަނި ފަހަތުން...............ކަލޭ ސީމާއާ ގަބޫލު ނޫނީތަ.؟"
"އަޅުގަނޑު ގަބޫލު" އަޝޯކް މަޑުމަޑުން ޖަވާބު ދިނެވެ.
"އެހެން ވެއްޖެއްޔާ މި އަންހެން ކުއްޖާ ދެވަނަ ފަހަރަށް މިގެއަށް އައިސްގެން ނުވާނެ. އެނގިއްޖެތަ؟"
"ލައްބަ"
"ދެންދޭ.. މި އެއްޗެތި ބަހައްޓާލާ.......ވީކަންތައް ދެން ހަނދާން ނައްތާލާ......."
އަޝޯކް އެ އެއްޗެތިތައް ނަގައިގެން އަލަމާރިއާއި ދިމާއަށް ހިނގައިގެންފިއެވެ. އޭރު ވަސަންތު ރާއޮގެ މޫނުމަތިން ފެންނަނީ އޭނާގެ ދަރިފުޅު ލަދުގެންފައި ހުރި މިންވަރު އިޙްސާސްކުރެވިގެން އައިސްފައިވާ ހިނިތުންވުމެވެ. އެއާއެކު އޭނާ މަޑުމަޑުން ކުޑަދޮރޮކައިރިއަށް ހުއްޓި ބޭރު ބަލާލިއެވެ. ނަމަވެސް އޭރު ރަޖްނީ އެތަނުންދިޔަތާ ކިތަންމެ އިރެއް ވެއްޖެއެވެ.
ރަޖްނީ ގެއަށް ވަނުމާއެކު މާރިޔާއާ ދިމާ ވެއްޖެއެވެ. މާރިއާ ރަޖްނީއާ ދިމާއަށް ވަރަށް ވިސްނުންތެރިކަމާއެކު ބަލަން ފެއްޓިއެވެ. ރަޖްނީއަށް މާރިއާގެ މި ބެލުމުގައިވާ ސުވާލު ވިސްނިގެން މާރިއާ އެއްޗެކޭ އެހުމުގެ ކުރިން ވާހަކަ ދައްކަން ފެއްޓިއެވެ.
"ރޭ މުޅިން ދިޔައީ ބޭކާރު ރެއެއްގެ ގޮތުގައި."
"ކީއްވެ.......؟"
"މޫޑު ނެތީ"
"ބަލަ ކޮއިފުޅާ....... މި ވިޔަފާރީގައި މޫޑު އޮންނާކަށް ނުވަތަ ނޯންނާކަށް ތަނެއް ނޯންނާނެ......... އެއްފަހަރު ހިތްމަރުވުމުން ދެން އެ މުޅީން މަރުވީ......"
"ނޫނޭ އާންޓީ........ހަށިގަނޑު މަރުވުމަކުން ހިތެއް މަރެއްނުވާނެ........ދެންހެޔޮ....އާންޓީއަކަށް މި ވާހަކައެއް ނުވިސްނޭނެ..........ދީޕަކް ކޮބާ؟"
"މާސްޓަރްޖީ ކައިރީގައި........"
ރަޖްނީ ކުރިމަތީގައި ހުރި ކްރިޝްނާ ލޮޖާ ދިމާއަށް ބަލާލުމަށް ފަހު ދީޕަކްގެ ހެދުން ތައްޔާރު ކުރަން ފަށައިފިއެވެ.
ދީޕަކް، މާސްޓަރް ކަމަލްގެ ކޮޓަރިތެރޭގައި، ހިނގަމުން ބާރު ބާރަށް ފިލާވަޅު ކިޔަމުން ގެންދަނީއެވެ. އެވަގުތު ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑު ބޭރުން އިވިގެން އޭނާ ހުއްޓުނެވެ. އަދި ބޭރަށް ހުޅުވާލާފައި ހުރި ކުޑަދޮރުން ބަލާލި އިރު އެއްކަލަ ފަގީރު ކޮރުމީހާ ހުއްޓެވެ. ދީޕަކް އޭނާއާ ދިމާއަށް ބަލާލުމާއެކު އޭނާ ބުންޏެވެ.
"މާތްރަސްކަލާނގެއަށް ޓަކައި ކޮންމެވެސް އެއްޗެއްދީ.........."
"މާސްޓަރްޖީ ފެންވަރުއްވަނީ ފަހުން އާދޭ!" ދީޕަކް މިހެން ބުނެފައި އަނެއްކާ ވެސް ފިލާވަޅު ކިޔަން ފަށައިފިއެވެ.
އެ ކޮރުމީހާ ނާއުންމީދުވެގެން ދާން އެނބުރިލިތަނާ އޭނާއަށް ފެނުނީ ކުޑަދޮރު ކައިރީގައި ހުރި މޭޒެއްގެ މަތީގައި އޮތް ކަމަލްގެ އަގުބޮޑު އަތުކުރީ ގަޑިއެވެ. އެވަގުތު އޭނާގެ ލޮލުގައި އާދަޔާ ޚިލާފް ވިދުވަރެއް އުފެދުނެވެ. އެޔާއެކު އޭނާ ދީޕަކާ ދިމާއަށް ބަލަން ފެއްޓިއެވެ. އޭނާ އެތަނުން ނުގޮސް ހުއްޓާ ފެނުމުން އަނެއްކާވެސް ދީޕަކް ބުންޏެވެ.
"ބުނެފީމެއްނު. މާސްޓަރޖީ ފެންވަރުއްވަނީޔޭ. ފަހުން އަންނާށޭ...."
"އެންމެ ރަނގަޅު........ދެން މިދަނީ އަދި އަންނާނަން" އެހެން ބުނެފައި އެ ކޮރުމީހާ ކުޑަދޮރު ކައިރިން ދުރަށް ހިނގައްޖެއެވެ.
ހަމަ އެތަންވަޅު ރަޖްނީ ދީޕަކަށް ގޮވާލި އަޑުއިވިއްޖެއެވެ. އެއީ ދީޕަކް ސްކޫލަށް ދާން ތައްޔާރުވާން އަންނަން ގޮވާލީއެވެ. ދީޕަކް ވެސް އެ އަޑުއަހާފައި މޭޒުމަތީގައި ހުރި ގަޑި ބަލާލިއެވެ.
"އަސްތާ!...ދިހައެއް ޖަހައިފި......" އޭނާ ހާސްވާ ގޮތްވެފައި "އަޅުގަނޑު ދަނީއްޔޭ" ބުނެފައި ކަމަލްގެ ކޮޓަރިން ނުކުމެގެން ދުވަމުން ދުވަމުން ހިނގައްޖެއެވެ.
ދީޕަކް ނުކުތުމާއެކު، ކޮޓަރީގެ ފާރުގައި ލެނގިލައިގެން ހުރި ކޮރުމީހާ އަނެއްކާ ވެސް ކުޑަދޮރޮކައިރިއަށް ޖެހިލިއެވެ. އަދި ސިއްރު ސިއްރުން މޭޒުމަތީގައި އޮތް އަތުކުރީ ގަޑި ނަގާފައި އޭނާގެ އަތުގައި އޮތް ސަލާންޖަހާ ކޮތަޅުގަނޑަށް ވައްޓާލިއެވެ. އަދި އަވަސް އަވަހަށް ކްރިޝްނާ ލޮޖްގެ ފަހަތުގައި ހުރި ސިޑިއާއި ދިމާއަށް ހިނގައްޖެއެވެ.
ކަމަލް ފެންވަރައިގެން ބާތުރޫމުން ބޭރަށް ނުކުމެ ހެދުން ބަދަލުކުރަން އުޅެނިކޮށް ކުއްލިއަކަށް އޭނާގެ ނަޒަރު މޭޒުމައްޗަށް ހުއްޓިއްޖެއެވެ. އޭނާ ފެންވަރަން ވަނީ އެތާނގައި އޭނާގެ އަތުކުރީ ގަޑި ބާއްވާފައެވެ. މިހާރު އެތާނގައި އެގަޑި ނެތްކަން އެނގުމުން އޭނާ ވަރަށް ކަންބޮޑުވިއެވެ. އަދި އެތާނގައި ހުރި އެއްޗެތި އެފުށް މިފުށަށް ޖަހަމުން އެ ގަޑި ފެނޭތޯ ބަލަންފަށިއިފިއެވެ. ނަމަވެސް އޭނާގެ ގަޑިއެއް ނުފެނުނެވެ. އެކަމާ ކަންބޮޑުވެގެން ކަމަލް އުޅެނިކޮސް، އެހެން ދުވަސް ދުވަހެކޭވެސް އެއްގޮތަށް ދޭވީ ދަޔާލް ދޫބޭ ނޫސް ހިފައިގެން އެ ކޮޓަރިއަށް ވަދެއްޖެއެވެ.
"މިއަދުގެ ތާޒާ ޚަބަރު" އޭނާ ބުންޏެވެ.
"ކަލޭގެ ތިޔަ ޚަބަރު ނަރަކަޔަށް ހިނގައްޖެ" ކަމަލް ހަޅޭއްލަވައިގަތެވެ.
"އަނެއްކާ ކީއްވީތޯ....." ދޫބޭ ހައިރާން ވެލާފައި ސުވާލުކުރިއެވެ.
"އަހަރެންގެ ގަޑި ގެއްލުނީ....." ކަމަލަ އެކި ދިމަދިމާއަށް ބަލަމުން އޭނާގެ ގަޑި ހޯދަމުން ބުންޏެވެ.
"އޯވްހ. ތިޔައީ މުޅިން އައު ޚަބަރެއް. މިއަދުގެ އެންމެ ތާޒާ ޚަބަރު........ކަލާގެ ގަޑިއަށް ވީ ކިހިނެއްތޯ....... އަޅުގަނޑުވާ މިތަނަކަށް ނާންނަން.....މިއަދު ހެނދުނުން ފެށިގެން މި ކޮޓަރިއަށް ވަނީ ކޮންކޮން ބައެއްތޯ"
"ދީޕަކް ފިޔަވައި އެހެން އެކަކު ވެސް މި ކޮޓަރިއަށް ނުވަދޭ......"
"ތިޔަހެން ވެއްޖެއްޔާ ތިޔައީ އެއްވެސް ކަމެއްނޫން. ތިޔައީ ހަމަ ދާދި އާދައިގެ ކަމެއް މާސްޓަރްޖީ.......... ފުރަތަމަ ގަޑި އޮތީ ޓީޗަރުގެ އަތުގައި. މިހާރު ގަޑި އޮންނާނީ ދަރިވަރުގެ އަތުގައި"
ކަމަލްއަށް އެތަންވަޅު ލޮޖްގެ ނޯކަރަކަށް އުޅޭ ރާމޫ ފެނިއްޖެއެވެ. އޭނާ އެ ކޮޓަރީގެ ދޮރުމައްޗަށް އަރާފައި އެތެރެ ބަލާލިތަނެވެ. ކަމަލް އޭނާއަށް ގޮވާލާފައި ދީޕަކް ގޮވައިގެން އައުމަށް ބުނެފިއެވެ. ރާމޫ ދިޔުމުން ކަމަލް އެއްޗެތި ގޮވަން ފެށިއެވެ.
"ފެންނަ ފެނުމުގައި ނުލާހިކު ސާދާ ތުއްތު ކުއްޖެއްހެން ހީވޭ.."
"މީހުން މަރާ މީހުން ފެންނަ އިރު ހީވާނީ ސާދާ މީހުންހެން. އެ ކުއްޖާގަނޑު ތިޔަކުރީ ކިހާ ނުބައިކަމެއް. އެންމެ އެތިފަހަރަކުން މިކަން ނިންމާލީ".
ހަމަ އެވަގުތު އެ ލޮޖްގައި ހުންނަ އެހެން ގެސްޓަކު ވެސް އެ ކޮޓަރީގެ ދޮރުމަތިން ހުރަސްކުރަމުން ދޫބޭ ދައްކާ ވާހަކައަޑުއިވިގެން އެތާނގައި ހުއްޓިއްޖެއެވެ.
(ނުނިމޭ)
Vvv.reethi