ކޯލް ގާރލް - 35

(10 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެއީ ރަޖްނީގެ އަޑެވެ. އެ އަޑު އެނގުމާއެކު ކަމަލް އިންތަނުން އަވަސް އަވަހަށް ތެދުވެއްޖެއެވެ. އެވަގުތު އޭނާގެ އަތުކުރީގައި އޮތް ގަޑި ކޮންމެވެސް ހިލަގަނޑެއްގައި ޖެހިގެން އަތުން ނެއްޓިގެން އެ ހިލަތަކުގެ ތެރެއަށް ވެއްޓިއްޖެއެވެ. އަނދިރިކަމުން އެ ވެއްޓުނުތަނެއް އެއްގޮތަކަށް ވެސް އެނގޭވަރެއް ނޫނެވެ. އެހެންނޫނަސް އެވަގުތު ކަމަލްގެ ހިތުގައި ވަނީ ރަޖްނީއެވެ. ރަޖްނީ ޙިމާޔަތްކޮށްދިނުމުގެ އަޒްމެވެ. އެހެންކަމުން އަނދިރީގެތެރެއިން، ރަޖްނީއަޑު އިވުނު ދިމާއަށް ދުއްވައި ގެންފިއެވެ.

ތަންކޮޅަކަށް ދިޔަތަނާ އޭނާއަށް ފެނުނީ ގުންޑާއިންގެ ބަޔަކު ރަޖްނީގެ އަތުގައި ހިފައިގެން ދަމާފައި ގެންދަން މަސައްކަތް ކުރާތަނެވެ. އެމީހުންގެ  ކިބައިން ސަލާމަތްވުމަށް ޓަކައި އެހީއެއް ލިބޭތޯ ރަޖްނީ ހަޅޭއްލަވަމުން ދާތަނެވެ. ކަމަލްއަށް އެތަން ފެނުމާއެކު ފުންމައިގެން ގޮސް އެމީހުންނަށް ހަމަލާދީފިއެވެ. އެތާނގައި ނުލަފާ މީހުންގެ ހަތަރު މީހުން ތިއްބެވެ. އޭގެތެރެއިން ތިންމީހުން ކަމަލް ދިމާކޮށްލައިފިއެވެ. އަދި ހަތަރުވަނަ މީހާ  ރަޖްނީ ހިފަހައްޓަން ހުރީއެވެ.  ނަމަވެސް  އެވަގުތު ރަޖްނީ އެމީހާގެ ކިބައިން ސަލާމަތްވުމަށް މަސައްކަތްފަށައިފިއެވެ.  އަދި ކަމަލްވެސް އަނެއް ތިންމީހުންނާ ހަނގުރާމަ ކުރަން ފަށައިފިއެވެ. ރަޖްނީގެ އަތުގައި ހިފަހައްޓައިގެންހުރި މީހާ އަތުގައި ރަޖްނީ ވަރަށް ބާރަށް ދަތްއަޅައި ކަނޑާލައިފިއެވެ. އެވަގުތު އެމީހާއަށް އަނގައިން ބިރުވެރި އަޑެއް ނެރެވުމާއެކު ރަޖްނީގެ އަތް ދޫކޮށްލެވިއްޖެއެވެ. ރަޖްނީ އަވަސް އަވަހަށް ސަލާމަތްވުމަށް ދުއްވައިގަތެވެ. ނަމަވެސް އެމީހާ ފަހަތުން ދުއްވައިގަތެވެ. ނަމަވެސް އެމީހުން ފަހަތުން ދުވެފައިގޮސް ރަޖްނީ ގައިގައި ބައްދާލާފައި ވަރަށް ބާރަށް ދަމައިގެންފިއެވެ. އެވަގުތު ރަޖްނީ ބިންމައްޗަށް ވެއްޓިއްޖެއެވެ. ވެއްޓުނުއިރު  ރަޖްނީގެ ބޯ ހިލަގަނޑެއްގައި ޖެހި ފަޅައިގެން ދިޔައެވެ. އަދި ހޯސްލާފައި އެތަނުން ލޭ އަންނަން ފަށައިފިއެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި ރަޖްނީ ހޭނެތިއްޖެއެވެ. ރަޖްނީ ކައިރީގައިހުރި މީހާއަށް އެތަން ފެނިފައި ވަރަށް ބޮޑަށް ބިރުގެންފިއެވެ.

ހަމައެފަދައިން ކަމަލްއާ ހަނގުރާމަ ކުރަމުންދިޔަ މީހުންނަށް ވެސް ރަޖްނީ ވެއްޓިފައި އޮތްތަނާއި އޭނާގެ ބޮލުން ލޭތައް އައިސްފައިވާތަން ފެނުމުން އެމީހުންގެ ހިތްވަރު ބަލިވާގޮތް ވެއްޖެއެވެ. އަނެއްކޮޅުން އެ މަންޒަރު ކަމަލްއަށް ފެނުމުން އޭނާ ރުޅި އިހަށްވުރެވެސް މައްޗަށް ދިޔައީއެވެ.  އަދި ހިތަވްރު ކުރިޔަށްވުރެ ވެސް ގަދަވީއެވެ. އެހެންކަމުން އެ މީހުންނަށް، ދެމުން ދިޔަ ހަމަލާތައް މާ ވަރުގަދަކޮށްލައިފިއެވެ. އެ ނުލަފާ މީހުންނަށް ކަމަލް ބަލިކޮށް ނުލެވޭނެކަން އެނގުމުން އަވަސް އަވަހަށް ފިލަން ދުއްވައިގެންފިއެވެ.

ކަމަލް އެމީހުންގެ ފަހަތަކުން ނުދެއެވެ. އަނދިރީގައި އެކިމީހުން އެކިދިމާއަށް ދިޔުމުން އެންމެ މީހަކު އެމީހުންގެ ފަހަތުން ދިޔުން ބުއްދިވެރި ނޫންވީމައެވެ.  އަނެއްކޮޅުން ރަޖްނީއަށް އަވަސް ފަރުވާ ދިނުމުގެ މުހިއްމުކަން އޭނާއަށް އިޙްސާސްކުރެވޭތީއެވެ. އެހެންކަމުން ކަމަލް އަވަސް އަވަހަށް ދިޔައީ ހޭނެތިފައި އޮތް ރަޖްނީކައިރިއަށެވެ. އަދި ރަޖްނީ ނަގައިގަނެގެން މަގާހަމައަށް އަތުވެއްޖެއެވެ.

މަގުމަތިން ޓެކްސީއަކަށް ގޮވައިގެން، ރަޖްނީ ޓެކްސީގެ ފަހަތު ސީޓްގައި ބާއްވައިގެން ކަމަލް ދިޔައީ ޓައުންނަށެވެ.

ޓެކްސީގައި ކަމަލް ރަޖްނީ ގޮވައިގެން ދިޔައީ މަޝްހޫރު ނާރސިންގް ހޯމްއަށެވެ. އެތަނަށް ރަޖްނީ ގެންދެވުނުއިރު އޭނާގެ ހަށިގަނޑުވަނީ ވަރަށް ގިނަ ލޭ އޮހޮރިފައެވެ.  އޭނާގެ ޙާލުވަނީ، ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.  ޑޮކްޓަރު ވަރަށް އަވަސް ގޮތެއްގައި ރަޖްނީގެ ހަށިގަނޑަށް ލޭ އަޅައިފިއެވެ.  އަދި ގުލްކޯޒް ދޭން ފަށައިފިއެވެ.  ކަމަލް ހަދާނެގޮތެއް ނޭނގިފައި ކޮޓަރީގެ ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ޑަކްޓަރު ރަޖްނީއަށް ލިބިފައިވާ ޒަޚަމް ސާފުކޮށް އެތެރޭގައި ބޭސްއަޅާ ހަދައިގެން، އޮޕަރޭޝަން  ތިއޭޓަރުން ނުކުތުމާއެކު ކަމަލް އެމީހުން ކައިރިއަށްގޮސް ރަޖްނީގެ ޙާލާބެހޭގޮތުން ސުވާލުކުރިއެވެ. އަދި ބުންޏެވެ.

"ތިޔަބޭފުޅުން އޭނާއަށް ބޭސްކޮށް ދެއްވުމުގައި އެއްވެސް ކަމެއް އުނި ނުކުރައްވާތި...ކިތަންމެ ބޮޑު ޚަރަދެއް ކުރަންޖެހުނަށް އަޅުގަނޑު މިހުރީ އެކަމުގެ ޒިންމާ އުފުލަން...."

"ބައްލަވާ..މިސްޓަރ ކަމަލް... ދިރިއުޅުމާއި މަރުވުމަކީ ހަމައެކަނި މާތްރަސްކަލާނގެ މިންވަރުފުޅުގައިވާ ކަންތައްތަކެވެ. އަޅުގަނޑުމެންނަށް އޮތީ ބަލިމީހާއަށް ފަރުވާކުރުން. ރަޖްނީގެ ސިކުނޑިއަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށް ފޯރާފައި..ވުމާއެކު އޭނާ ހޭނާރަނީސް އެއްވެސް އެއްޗެއް އަޅުގަނޑަކަށް ނުބުނޭވޭނެ"  ޑަކްޓަރުވަރަށް ސީރިއަސްގޮތެއްގައި ބުންޏެވެ. އަދި ކަމަލްއާ ދިމާއަށް ބަލާލާފައި ސުވާލުކޮށްލިއެވެ.

"ކަލާއާއި އޭނާއާ ދެމެދުގައި ވަނީ ކޮންކަހަލަ ގާތްކަމެއްތޯ" ކަމަލް  ކުޑައިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ކުޑަވެސް ޖެހިލުމެއްނެތް ގޮތެއްގައި ޖަވާބު ދިނެވެ.

"ގާތްކަމެކޭތޯ! އެއް އިންސާނަކާ އަނެއް އިންސާނަކާ ދެމެދުގައި އޮންނާނީ ކޮންކަހަލަ ގާތްކަމެއްތޯ؟"

ޑަކްޓަރު ކަމަލް އެބުނި އެއްޗަކާމެދު ވިސްނަމުން ކަމަލްއާ ދިމާއަށް ބަލާލާފައި ބުންޏެވެ.

"އޯ.. އަޅުގަނޑަށްވީ އެންމެ ރަނގަޅަކަށް  އަޅުގަނޑު މަސައްކަތް ކުރާނަން. މާބޮޑަށް ކަންބޮޑުވެނުލައްވާ...." އެހެން ބުނެފައި ޑަކްޓަރު ހިނގައްޖެއެވެ.

ކަމަލް ކޮޓަރީގެ ދޮރުފަތް މަޑުމަޑުން ހުޅުވާލާފައި އެތެރެ ބަލާލިއެވެ. ރަޖްނީ އޭރުވެސް އޮތީ ހޭނާރައެވެ.  އޭނާގެ ބޯވަނީ ވަރަށް ބޮޑަށް ބެންޑޭޖްކޮށްފައެވެ. އަދި ކައިރީގައިހުރި ސްޓޭންޑެއްގައި އަޅުވާފައިވާ ގުލްކޯޒް ފުޅިން ތިއްކަކު ފުލު ތިއްކެއް ވެއްޓެމުން ހޮޅީގެތެރެއިން ރަޖްނީގެ ނާރުގެ ތެރެއަށް ދެއެވެ. ކަމަލްގެ ލޮލުން ފެންއަންނަގޮތް ވެއްޖެއެވެ. ކުޑަ ރުމާލުން މޫނު ފުހެލާފައި އަނެއްކާވެސް ކޮޓަރީގެ ދޮރުމަތީގައި އޮތް ތާނގައި ހިނގަން ފަށައިފިއެވެ.

ރޭގަނޑުގެ ހަތަރުދަން ކަމަލް ހޭދަކުރީ ނުނިދައެވެ. މުޅިންވެސް އޭނާ ވޭތުކޮށްލީ ރަޖްނީއަށް ޚިދުމަތް ކުރުމުގައެވެ. އެއްވެސް ބޭހަކަށް ބޭނުންވާއިރަށް އޭނާ އަވަސް އަވަހަށް ގޮސް އެ ބޭހެއް ހޯދައިގެން ގެނެސްދެއެވެ.  ހުރިހާ ވަގުތެއްގައިވެސް އޭނާއަށް ކުރެވެމުންދިޔަ ފިކުރަކީ ރަޖްނީގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ބާވައޭ ހިތަށް އަރަމުންދާތީ އެކަން އެހެން ނުވުމަށް އެދި ކުރެވޭ ފިކުރެވެ. ރަޖްނީ ގަދަވެއްޖެނަމަ ނޭނގުމެއްގެ ތެރެގައި ކުރެވިފައިވާ ކުށުގެ ތަޥްބާއެއް ކަމުގައި އެކަން ވާނޭކަމަށް ކުރެވޭ ފިކުރެވެ.

އަނެއްދުވަހު ހެނދުނު ރަޖްނީ ހޭއަރައިފިއެވެ. ނަމަވެސް އޭނާއަށް ވަނީ ވަރަށް ބޮޑަށް ނިދާބޭސް ދީފައިކަމަށްވުމާއެކު އޭނާއަށް ލޯ ހުޅުވާލެވުނީ ވަރަށް އުނދަގުލުންނެވެ. އޭނާއަށް ދާދި ކުޑަކުޑަކޮށް ލޯ ހުޅުވާލެވުމާއެކު ފެނުނީ ޑަކްޓަރާ މާދުރުނޫން ހިސާބެއްގައި ކަމަލް ހުއްޓައެވެ.  ރަޖްނީ ލޯހުޅުވާލި ތަން ފެނިފައި ވަރަށް ބިރުން ހުރެފައިވެސް ކަމަލް އޭނާގެ ކައިރިއަށް ޖެހިލިއެވެ. އެވަގުތު ކަމަލްގެ މަރުވެފައިވާ މޫނަށް ރަޖްނީވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަދި ކޮންމެވެސް އެއްޗެއް ބުނެވޭތޯ އޭނާގެ ތުންފަތް ހަރަކާތްކޮށްލަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަކަށް އަޑެއް ބޭރެއް ނުކުރެވުނެވެ. އެހެންކަމުން ތުރުތުރު އަޅާގޮތްވެފައި ތުންފަތުގެ ޙަރަކާތްވެސް ހުއްޓުނީއެވެ.

"މިހާރު ދެން ނުރައްކަލުން ބޭރުވީ ދޮގެއްތޯ ޑަކްޓަރު ސާހަބް!" ކަމަލް ބޭޤަރާރުވެފައިވާ ގޮތެއްގައި ސުވާލުކޮށްލިއެވެ.

"އާނ..އަދި އެކަމުގެ ސިއްރަކީ ކަލާގެ ދުޢާ އާއި ހިންމަތް. މިސްޓަރ ކަމަލް..." ޑަކްޓަރު ހީނލާފައި ބުންޏެވެ. އަދި ކައިރީގައި ހުރި ނަރުސް އަތުގައި އޮތް ރަޖްނީގެ ޗާޓު އަތުލާފައި، ރަޖްނީއަށް ބޭސްތަކަށް ބަދަލު ގެނައުމަށް ލިޔެފިއެވެ.

ޑޮކްޓަރު ކޮޓަރިން ނުކުތުމުން ކަމަލް ރަޖްނީ އޮތް އެނދުގެ ކައިރިއަށް ޖެހިލިއެވެ. އޭރު ރަޖްނީގެ ލޯވަނީ ކަރުނުން ފުރިފައެވެ. ކަމަލްއަށް އެތަން ފެނިފައި އިހްސާސް ކުރެވުނީ ރަޖްނީގެ އެ ކަރުނަތައް އޭނާ ވެދިން އެހީއަށްޓަކައި ޝުކުރު އަދާކުރަމުންދަނީ ކަމުގައިއެވެ.

"އާނ....ރަޖްނީ.... ދެން ވަރަށް އަވަހަށް ކަލޭ މުޅީން ރަނގަޅުވެދާނެ" ކަމަލް ރަޖްނީއަށް ހިތްވަރުދެމުން ބުނެލިއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.