(17 މެއި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މޯތީ ރުޅިއައިސްފައި އިންތަން ފެނިފައި ރަޖްނީގެ މިލާފައިވާ ތުންފަތަށް ހިނިތުންވުމުގެ އަސަރު ވެރިވެގެން ދިޔުމާއެކު ބުންޏެވެ.
"މޯތީ...ކީއްވީތަ؟"
"ނުވަނީކީއް.. ރަޖްނީ! ރޭގަނޑު ހަތަރުދަމު މަދިރިޔާ ހުރެ ނިދޭވަރެއް ނުވި. ފަތިސްވީ ތަނާ މިއުޅޭ ފުލުހުން އައިސް ހޭލައްވައިފި.... އެންމެ ރަނގަޅު- ދެން ބުނެބަލަ ރޭ ކަލެއަށް ދިމާވީ ކިހިނެއްތަ؟.."
"މާ ގޯހެއް ނޫން.." ރަޖްނީ އެހެންބުނެފައި، އެނާގެ ބަލައުޒްގެ ތެރެއިން ދިހަރުފިޔާގެ ނޫޓެއް ނަގާފައި މޯތީއަށް ދިއްކޮށްލަމުން ބުންޏެވެ.
"އާނ.. މިއޮތީ ކަލޭގެ ކޮމިޝަން!"
"އެންމެ ދިހަރުފިޔާތަ؟" މޯތީ މޫނުހަދާލާފައި ބުންޏެވެ. "ރޭގަނޑު ހަތަރުދަމު ސަޔާއި ފެނަށް ވެސް ދެ ރުފިޔާވަރު ދިޔަ. އަދި އޭގެފަހުން ފުލުހުން ލަޓިގަނޑުން އެޅުނު ބޮނޑިއަށްޓަކައި ވެސް އަދި ކުޑައެތިކޮޅެއް އިތުރަށް ދީބަލަ. ހެޔޮނުވާނެ..!"
"އަން.. މިއޮތީ އިތުރު ފަސްރުފިޔާ" ރަޖްނީ ފަސް ރުފިޔާގެ ނޫޓެއް އޭނާގެ ބްލައުޒްގެ ތެރެއިން ނެރެފައި މޯތީއަށް ދިއްކޮށްލިއެވެ. "ދެން އިތުރަށް ނޭދޭތި- ދުވާލު ހަތަރުދަމުގެ ޚަރަދާއި މާރިޔާއަށް ދޭންޖެހޭ ކުލި ދީފައި އަހަރެން އަތުގައި އިތުރަށް އެއްވެސް އެއްޗެއް ނޯންނާނެކަން ކަލެއަށް ރަނގަޅަށް އެނގޭނެ..." ރަޖްނީ ބުންޏެވެ.
"އޯކޭ..އޯކޭ... އަވަހަށް ރެކްޝާއަށް އަރާ.. ދުވަހެއް ދުވަހަކަށް ތިޔަދަނީ ދަހިވަމުން...އަހަރެން މި ބުނަނީ ތިޔަގޮތަށް ރޭގަނޑު ހަތަރުދަމު އެކަކާއެކު ހޭދަކޮށްނުލާށޭ. ގަޑިއެއް ދެ ގަޑިއެއްހާއިރު އެކަކާއެކު ހޭދަކޮށްގެން ރެއަކު އަށެއްކަ މީހުންނާއެކު ހޭދަކޮށްލާށޭ.. އޭރުން ކަލެއަށްވެސް ގިނައިން ލިބޭނެ. އަހަރެންނަށް ވެސް ގިނައިން ލިބޭނެ." މޯތީ ރެކްޝާ ސްޓާޓްކޮށްލަމުން ބުންޏެވެ.
"އަހަރެންނަކީ ކަލޭގެ ރެކްޝާއެއްނޫން.. މޯތީ. ރޭގަނޑާއި ދުވާލު ދުއްވަން އަހަރެންމީ ރެކްޝާއެއް ނޫން.. ރަޖްނީ ރުޅިއައިސްފައި ބުންޏެވެ.
"ތިޔަ ބުނަނީ ރަނގަޅަށް.. މުޅިން ރަނގަޅަށް.. ރަޖްނީ އަހަރެން ގަބޫލުކުރަން.. ރެކްޝާއަކީ މެޝިނެއް.... ހަށިގަނޑުވާނީ ހަމަ ހަށިގަނޑަކަށް. މެޝިނެއް ހަލާކުވީމާ އެހެން މެޝިނަކަށް ބަދަލުކޮށްލެވިދާނެ. ނަމަވެސް ހަށިގަނޑު ހަލާކުވީމާ އަލުން ބަދަލެއް ނުކުރެވޭނެ. އެކަމަކު ބުނަންތަ. ކަލޭގެ ހަށިގަނޑު އަދި އެތައް އަހަރެންވަންދެން ހިންގިދާނެ.." މޯތީގެ ވާހަކަކޮޅު ނިންމާލީ ރަޖްނީ ރުޅިއައިސްފައި އިނުމުން އޭނާގެ ރުޅި މަޑުކުރެވޭތޯ އޭނާއަށް ހިސާބަކަށް ހުޝާމަދު ކުރަމުންނެވެ. އެހެން ބުނުމާއެކު އޭނާ ރެކްޝާ ދުއްވާލައިފިއެވެ.
ބާޒާރު ފިހާރަތައް އަދިވެސް ވަނީ ބަންދުކޮށްފައެވެ. އަދި އެހިސާބުގަނޑު ހޭނުލަނީއެވެ. ގޯޅިތަކާއި މަގުތައް ވެސް ފެންނަނީ ފަޅުކޮށެވެ. މަގުތަކާއި ގޯޅިތަކަށް ފަހަތަށް ދޫކުރަމުން ރެކްޝާ ދަތުރުކުރަމުން ދިޔައެވެ. ރަޖްނީ ހިމޭންކަމާއެކު ހޭލަމުން އަންނަ ހެނދުނަށް ބަލަން ރެކްޝާގައި އިނެވެ. ރޭގަނޑު ބިންމައްޗަށް އޮހުނު ޝަބްނަމްގެ ތެތްކަމުން ތެމިފައިވާ މަގުތަކުން އަންނަ އަޖައިބުވާ ފަދަ މީރުވަސް އެނާއަށް އިޙްސާސްކުރެވެމުން ދެއެވެ. އެ ހިމޭންކަމުން އޭނާއަށް ހޭލެވުނީ އޭނާ ދަތުރުކުރަމުން އައި ރެކްޝާ ކުއްލިއަކަށް ހުއްޓާލުމުންނެވެ. އެއީ ރޭލެއް ހުރަސްކުރުމަށް ޓަކައި މަގު ބަންދުކޮށްލުމާ ގުޅިގެންނެވެ.
"މަގު ބަންދުކުރަން ވެސް ޖެހުނީ ހަމަ މިވަގުތަށްދޯ." ރުޅީ އައިސްފައި މޯތީ ބުނެލިއެވެ. އެއާއެކު އޭނާގެ ޖީބުން ބިޑިއެއް ނަގާފައި ރޯކޮށްކޮށްލައިފިއެވެ.
ރަޖްނީ އިނީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. މޯތީ ބުނި އެއްޗެއް ވެސް އެނާއަށް އިވުނު ހެނެއް ހިއެއްނުވެއެވެ. އޭނާ އިނީ މަގު ބަންދުކުރެވިފައިވާ ތަން ބަލާށެވެ. ރޭލު ދިޔުމަށް އިންތިޒާރު ކޮށްކޮށެވެ. އެވަގުތު އަތްގާޑިޔާ ދަމާ މީހަކު ގާޑިޔާ ދަމަމުން އައިސް ރަޖްނީ އިން ރެކްޝާ ކައިރިއަށް ހުއްޓާލައިފިއެވެ. އަދި އޭނާގެ ނިތްކުރި މަތީގައިވާ ދާތައް ފުހެން ފަށައިފިއެވެ. އޭނާ ލައިގެންހުރި ހެދުންވެސް ވަނީ ދަލުން ފޯވެފައެވެ. މީހާ ފިނި ހެނދުނެއްގައި ވެސް އޭނާވަނީ ދަލުން ފެންވަރާލައިގެންނެވެ. އޭނާ ހުރިޙާލު ފެނިފައި ރަޖްނީގެ ހިތަށް ވަރަށް ބޮޑަށް ތަދުވިއެވެ. އެވަގުތު ރަޖްނީއަށް ހަނދާންވެގެން ދިޔައީ އޭނާގެ ބައްޕައެވެ. އޭނާގެ ބައްޕައަކީ ވެސް އެގޮތަށް އަތްގާޑިޔާ ދަމައިގެން ލިބޭ އެއްޗަކުން އޭނާގެ ކުޑަކުޑައާއިލާ ބަލަހައްޓައިގެން އުޅުނު މީހެކެވެ. އެ އާއިލާގައި ތިބެނީ ރަޖްނީ އާއި އޭނާގެ ކޮއްކޮއަކާއި މަންމަ އާއި ބައްޕައެވެ. އެ އާއިލާގެ ހަނދާންތައް އައުމާއެކު ރަޖްނީގެ ލޯކަރުނައިން ތެމިގެން ދިޔައެވެ. އެ ވަގުތު އޭނާގެ ހިތަށް ވަންނަމުން ދިޔައީ އޭނާގެ ޢުމުރުން 7އަހަރުގައި އެއްދުވަހަކު ދިމާވި ހާދިސާއެކެވެ. އެދުވަހު އޭނާ އިނީ އޭނާގެ ކޮއްކޮ ނިދާފައި އޮތްތާނގެ ކައިރީގައި ފިލާވަޅު ދަސްކުރާށެވެ. އޭނާ ފިލާވަޅު ކިޔަމުން ދިޔައީ ވަރަށް ބާރަށެވެ.
"...ފަތހު އިރުއަރައެވެ. ރޭގަނޑު ބައްތި ދިއްލައެވެ..."
"ދަރިފުޅާ!"..... މަޑުމަޑުން ކިޔާ! އެހެންނޫނީ ކޮއްކޮ ހޭލާފާނެ"
"މަންމާ އެކަމަކު ޓީޗަރު ބުނުއްވަނީ ފިލާވަޅު ބާރަށް ކިޔަންވާނެއޭ..... އެހެން ނޫނީ ރަނގަޅަށް ހިތުން ދަހެއް ނުވާނެއޭ....." ކުޑަކުޑަ ރަޖްނީ އޭނާ ޅަކަމާއެކު ޖަވާބުދިނެވެ.
އެވަގުތު ރަޖްނީގެ ބައްޕަވެސް އެތަނަށް އަތުވެއްޖެއެވެ. އަދި ރަޖްނީ ފިލާވަޅު ކިޔަން އިންދާ ފެނިފައި އުފަލާއެކު ބުންޏެވެ.
"ސާބަސް ދަރިފުޅާ! ރަނގަޅަށް ފިލާވަޅު ދަސްކުރާތި. އަން މިއޮތީ ފޮތެއް..." އެހެން ބުނެފައި ރަޖްނީއަށް ފޮތެއް ދިއްކޮށްލިއެވެ.
"މިއަދު ދަރިފުޅަށް ބައްޕަ މިގެނެސްދިނީ އެހެން އާ ފޮތެއް"
"ހޫން.... އަނެއްކާވެސް ފޮތެއް.." ރަޖްނީގެ މަންމަ މޫނުހަދާލާފައި ބުންޏެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުރުހުމުގެ އަސަރުތަކެވެ.
"އެއީ ކޮންކަހަލަ ފޮތެއް"
"ޑޮކްޓަރ ކޮޓްންސް ލިއެފައިވާ ކުޑަކުދިންގެ ފޮތެއް.... އެ ފޮތް ކީމާ ކުދީންގެ ހިތުގައި މީހުންނަށް އެހީތެރިވެ ދިނުމަށް ޝައުގުވެރިކަން އުފެދޭނެ..."
"ރަޖްނީގެ ބައްޕާ! ދުވާލު ހަތަރުދަމު އަވީގައި އެއްޗެތި އުފުލައިގެން ހަތަރުފަސް ރުފިޔާ ލިބުނީމާ ތިޔަ އަންނަނީ އެ ރުފިޔާކޮޅަށް ވެސް ކޮންމެވެސް ވާހަކަފޮތެއް ގަނެގެން... މާދަމާ މީ ގޭގެ ކާޑު ގަންނަންޖެހޭ ދުވަސްކަން ހަނދާންއެބަހުރިތަ؟" ރަޖްނީގެ މަންމަ ބުންޏެވެ.
"އާނ...އާނ.. ހަނދާން އެބަހުރި. ކާޑު ގަންނަން ވަކިން ފައިސާ ހުންނާނެ ފިކުރު ނުކުރޭ" އެހެންބުނެފައި ރަޖްނީގެ ބައްޕަ ބޮލުގައި އޮތް ފޮށާ ނަގާފައި އޭގެތެރެއިން ރުފިޔާ ކޮޅެއް ނެރެފައި ރަޖްނީގެ މަންމަގެ އަތަށް ދީފިއެވެ. އެކަމަކު ދެންވެސް މަންމަ ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. އަދި ނުރުހިފައި ބުންޏެވެ.
"އެކަމަކުވެސް ދެން ކޮންމެ ދުވަހަކު މި ކަހަލަ ބޭކާރު ފޮތެއް ގަތުން އެއީ ރަނގަޅުކަމެއް ކަމަކަށް އަހަރެންނަކަށް ނުފެނޭ..."
"އޭ ރަޖްނީގެ މަންމާ... އަހަރެން އަހަރެންގެ ދަރިފުޅާ މެދު ކުރާ އުއްމީދުތައް ކަލެއަށް ނޭނގޭނެދޯ.. އޭނާ ސްކޫލް ނިންމީމާ އަހަރެން އޭނާ ކޮލެޖަށް ވެސް ފޮނުވާނަން.. އޭނާ ހަދާނީ ޑޮކްޓަރަކަށް.. އޭނާ ވާނީ ޑޮކްޓަރަކަށް..."
އާނ... ގޭގައި ކާނެ އެއްޗެއް ނެތް.. މަންމަ އުޅެންޖެހޭނީ އަބަދު ބަދިގޭގައި..." މަންމަ ރުޅިއައިސްފައި ބުންޏެވެ.
ރަޖްނީއަށް ރޮވިއްޖެއެވެ. ނަމަވެސް އޭނާގެ ބައްޕަ އެނާގެ ހިތްހަމަޖައްސާދެމުން ބުންޏެވެ.
"ދަރިފުޅާ ދެރަނުވޭ. ދަރިފުޅުގެ މަންމަ ކޮންމެ އެއްޗެކޭ ބުނިނަމަވެސް ބައްޕަ މިހިރީ ދަރިފުޅަށް ކިޔަވައިދޭން. ދަރިފުޅަށް ކިޔަވައިދޭނަން... އަދި ހަމަޔަގީނުން ވެސް ދަރިފުޅު ޑޮކްޓަރަކަށް ހަދާނަން..."
ރަޖްނީ އުފަލުން ތެދުވެގެން ދުވެފައި ގޮސް ބައްޕަ ގައިގައި އޮޅުލައިގަތެވެ.
ކުއްލިއަކަށް ރަޖްނީއަށް އޭނަގެ ޚިޔާލުތަކުން ވަކިވާން ޖެހުނީ ކުރިމަތިން ހުރަސްކޮށްލި ރޭލުގެ އަޑުގެ ސަބަބުންނެވެ. އޭނާއަށް ހީވީ ދިގު ހުވަފެނަކުން ހޭލެވުނު ހެންނެވެ. އޭނާގެ ލޮލުގެ ތެރެއިން ފޭދެމުން އައި ކަރުނަތައް މިހާރު އޭނާގެ ކޯމަތިން ފައިބަމުންދަނީއެވެ. އެކަރުނަތައް ހިފެހެއްޓޭތޯ އޭނާ މަސައްކަތް ކުރިނަމަވެސް އޭނާއަށް އެކަން ނުކުރެވުނީއެވެ. ރަނގަބީލުގެ އަޑާއެކު މަގު ހުޅުވިއްޖެއެވެ. މޯތީ ބޯން އިން ބިޑިބުރި އެއްލާލާފައި، އޮޓޯ ރެކްޝާ ސްޓާރޓްކޮށްލައިފިއެވެ. އަދި ރޭލު ދަގަނޑު ހުރަސް ކޮށްލާފައި ރެކްޝާވެސް ދަތުރު ފަށައިފިއެވެ.
(ނުނިމޭ)
Vvv. reethi
Varah salhi, thankolheh dhigukoh mathi kolladhevvaa