ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިހުރި "އިންޑިއާ އައުޓް" ބެނަރ ނެގި މައްސަލައިގެ ހުކުމް ކުރުން މިއަދު ތިނެއް ޖަހާއިރު

ޚުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ގެކޮޅު، ހ. ދޫވެހީގައި ހަރުކޮށްފައިހުރި "އިންޑިއާ އައުޓް" ބެނަރ ނެގި މައްސަލައިގެ ހުކުމް ކުރުން މިއަދު ތިނެއް ޖަހާއިރަށް ތާވަލުކޮށްފިއެވެ.

އެ ގެކޮޅުގައި ހަރުކޮށްފައިހުރި 40 ފޫޓުގެ ބެނަރ ނެގުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން އޮތީ ހައިކޯޓުގައެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެތިބުމާއި ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ ސިޔާސީ ހަރަކާތް ހުއްޓުވުމަށް ކޯޓު އަމުރެއްގެ ދަށުން ހ. ދޫވެހީގައި ހުރި ބެނަރ ނެގި މައްސަލައިގާ ހައިކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ކޯޓުގެ ފަނޑިޔާރުން ވަނީ ދައުލަތުގެ ވަކީލުންނާއި، ފުލުހުންނަށް ވެސް އެކަމާއި ގުޅިގެން ގިނަ ސުވާލުތަކެއް އަމާޒުކޮށްފައެވެ.

އެގޮތުން ދޫވެހި ގެ ނޫން އެހެން ގެއެއް މިމައްސަލަ އާއި ގުޅިގެން ބަލައި ފާސްކޮށްފައިވާނެތޯ ފަނޑިޔާރުން ވަނީ ފުލުހުންނާއި ސުވާލުކޮށްފައެވެ. އަދި ބެނަރ ނަގަން ފުލުހުން އެދުނީ "ޖިނާއީ ކުށެއްގެ ހެކި ނައްތާލަންތޯ" ވެސް ފަނޑިޔާރުން ވަނީ ފުލުހުންނާ ސުވާލު އުފައްދާފައެވެ.

ހައިކޯޓުގައި ފުލުހުން ބުނީ ހަމައެކަނި ޖިނާއީ ކުށުގެ ހެތްކެއްގެ ގޮތުގައި ހުރީ ހަމައެކަނި ބެނަރ ކަމަށާއި އިތުރު ތަނެއް ބަލައި ފާސްކޮށްފައި ނުވާނެ ކަމަށެވެ.

ފަނޑިޔާރުން ވަނީ  ރައީސް ޔާމީނުގެ ގެކޮޅަށް ފުލުހުން ވަނުމުގެ ކުރިން ޖިނާއީ ކުށެއްގެ މައްސަލައަކަށްވާތީ އެކަމުގައި ގާނޫނީ އިންޒާރު މައްސަލަ ރައްދުވާ ފަރާތަށް ދީފައިވޭތޯވެސް ސުވާލުކުރައްވާފަ އެވެ.

މި ސުވާލަށް ފުލުހުން ބުނެފައިވަނީ މި މައްސަލަ ހުށަހަޅާފައިވަނީ ފުލުހުން އަމިއްލަ އިސްނެގުމަކަށް ކަމަށާއި އެހެންނަމަވެސް މިފަދަ އާންމު މަސްލަހަތުތައް ހިމެނޭ މައްސަލަތަކުގައި މައްސަލަ ހުށަހަޅަނީ އާންމު ފަރާތްތަކުން ކަމަށެވެ. އަދި ގާނޫނީ އިންޒާރު ވެސް ދީފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.