ވ. އާރަށުގެ މައްސަލައިގާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަތުން ދައުލަތަށް ލިބެންޖެހޭ 53 މިލިއަން ރުފިޔާ ދައުލަތަށް ނެގުމަށް ހައިކޯޓުގައި މައްސަލަ އިސްތިއުބާފު ކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ރައީސް ޔާމީން ކުށްކޮށްގެން ހޯދި ކަމަށް ބުނާ އެ ފައިސާ ދައުލަތަށް ނެގުމަށް، ކްރިމިނަލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި ނެތުމުން، ޙުކުމުގެ އެބައި ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ.
އެމަނިކުފާނު ލޯންޑަރކުރިކަމަށް ބުނާ 52 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ އެމަނިކުފާނު ލޯންޑަރކުރިކަމަށް ސާބިތުވެފައިވާ 1 މިލިއަން އެމެރިކާ ޑޮލަރާއި އެ ފައިސާއާ އެއްކޮށްފައިވާ ދެ މިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް އެމެރިކާ ޑޮލަރާއި އަދި އެ ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާއެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި އަދިނުފަށައެވެ.
އާރަށުގެ މައްސަލާގައި މަނީލޯންޑަރިންގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ 11 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވެވީ 25 ޑިސެމްބަރު 2022 ގައެވެ.
އެހެންނަމަވެސް އެ މައްސަލާގައި ރައީސް ޔާމީން ލޯންޑަރކުރިކަމަށް ބުނާ 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހަ މަސްދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރު ނެރުއްވީ އޭގެ ދެމަސް ދުވަސް ފަހުންނެވެ. އެއީ 26 ފެބުރުއަރީ 2022 ގައެވެ.
ޖިނާއީ އިޖުރާޢަތުގެ ޤާނޫނު ބަޔާންކުރާ ގޮތުގައި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ، ޙުކުމްކުރާ ވަގުތު ދަޢުލަތަށް ނަގަން ޙުކުމް ކުރަންޖެހެއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން އެ އަމުރު އިސްތިއުނާފްކުރެއްވުމުން، ހައި ކޯޓުން ވަނީ އެ އަމުރު ބާޠިލު ކުރައްވާފައެވެ.
ހައިކޯޓުން އިއްވި ހުކުމުގައި ވަނީ އާރަށުގެ މައްސަލައިގައި ހުކުމް ކުރި ފަހުން، މާފަހުގެ މަރުހަލާއެއްގައި ފައިސާ ދައްކަން ޢަމުރު ނެރުމަކީ ޤާނޫނާއި ޚިލާފު ކަމެއްކަމަށެވެ.