އަލަމްގީރް އާއެކު އެއްޖިއްސުން ގުޅުން ހިންގިކަމަށް ފުލުސް މީހާ އެއްބަސްވެއްޖެ

އަލަމްގީރް އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު ކްރިމިނަލް ކޯޓުގައި މިއަދު ދައުވާއަށް އެއްބަސްވެއްޖެ އެވެ.

ރަފީއު އަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގައި މަސައްކަތްކުރި މީހެކެވެ.

އޭނާގެ މައްޗަށް ކުރާ އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފެށުމާ އެކު، އޭނާ ކުށަށް އިއުތިރާފްވެފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އެހެންވެ، އަވަސް ނިޔާގެ އަޑުއެހުމެއްގައި އަންނަ ބުރާސްފަތި ދުވަހު ހުކުމް އިއްވަން މިހާރުވަނީ ހަމަޖައްސާފަ އެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް ކުށަށް އިއުތިރާފްވެއްޖެ ނަމަ، އަދަބު އެއަށް ވުރެ ލުއިވާނެ އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ވާ އަލަމްގީރް އާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގިރިގެ މައްޗަށް ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، އެ މައްސަލާގައި ނާޒިމް ސައްތާރުގެ މައްޗަށް ވެސް ތިން މަހާއި 26 ދުވަހުގެ ގޭ ބަންދުގެ ހުކުމެއް ވަނީ އިއްވާފައެވެ.

އެ ދެ މީހުން ވެސް ކޯޓުގައި ކުށަށް އިއުތިރާފްވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.