އުއްމީދު - 2

(26 މެއި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ އެނދުން ފައިބައިފިއެވެ. ޖެހިގެން ހުރި އެނދުގައި އޮތް ޢަދީލާއަށް ގޮވައި ނަގައިފިއެވެ. އެޔަށް ފަހު އައިސް ކޮޓަރިން ނުކުމެއްޖެއެވެ.

"ވަރަށް ރަނގަޅު. ނުގޮވަނީސް ދަރިފުޅަށް މިއަދު ހޭލެވިއްޖެ." މޭޖަރ ޢާލިމް ޖާވީދު އޭނާ ދަރިފުޅު އާފުރެމުން ކޮޓަރިން ނުކުތްތަން ފެނިފައި ބުނެލިއެވެ.

"ބައްޕަ އެތެރެއަށް ވެންނެވުމުގެ ކުރިން އަޅުގަނޑު އަވަހަށް ނުކުތީ." އޭނާ އައިސް ބައްޕަ ގާތުގައި އިށީނދެއްޖެއެވެ.

"ދެން އަވަހަށް ގޮސް ވުޟޫކޮށްގެން ނަމާދުވެސް ކޮށްލާ." ބައްޕަ ޚަތިމު ލައްޕައިލުމަށް ފަހު ދަރިފުޅާ ދިމާއަށް ބަލައިލާފައި ހިނިތުންވެލިއެވެ. އޭނާ އަނގައިން ނުބުނެ ތެދުވެއްޖެއެވެ.

އޭނާއަކީ މޭޖަރ ޢާލިމް ޖާވީދުގެ ދޮށީ އަންހެން ދަރިފުޅެވެ. އޭނާގެ ހަގަށް ތިން ދަރިން އެބަތިއްބެވެ. އެއީ ޢަދީލާއާއި އެންމެ ހަގަށް ތިބި އެއްމާބަނޑު ފިރިހެން ދެބެއިންނެވެ. އޭނާ ހަމައެކަނި އެންމެ ދޮށީ ދަރިއަށް ވެފައި ނިމެނީއެއް ނޫނެވެ. ބައްޕަގެ ރަންދަރިއަކީވެސް އޭނާއެވެ. މިހާރު އޭނާ ކިޔަވަނީ މެޓްރިކަށެވެ. އެކަމަކުވެސް އޭނާގެ ޅަކަން އަދިވެސް ނުކެނޑެއެވެ. އެ ޅަކަމުގެ މައިގަނޑު ސަބަބަކީ މޭޖަރ ޢާލިމް ޖާވީދުގެ ކަނުލޯތްބެވެ. އެންމެ ޅައިރަށް ބަލާއިރު އޭނާ އަބަދު ކަހަލަ ގޮތަކަށް އިންނަނީ ބައްޕަގެ އުނގަށް އަރައެވެ. މިހާރުވެސް ބައްޕަ ގޭގައި އުޅޭނަމަ ބައްޕަގެ ހިޔަނިހެން ފަހަތުން ނުނެއްޓި ފިޔަވަޅުމަތީ ފިޔަވަޅު އަޅަމުން ފަހަތުން ހިނގުމަކީ އާދައެކެވެ. އޭނާގެ ހުރިހައި ކަމެއް މަންމަ ލައްވައި ކުރުވުމުގެ ބަދަލުގައި ކުރުވަނީ ބައްޕަ ލައްވައެވެ. ފޮތުގައި ގަނޑުލުން ކަމުގައި ވިޔަސް، އިންޓޯލު ތައްޔާރު ކުރުވުން ކަމުގައި ވިޔަސް، އަދި އަންހެނުންނަށް ޚާއްސަ ކަމެއްގެ ގޮތުގައި ހިމެނޭ ބޯ އޮމާންކުރުވުންފަދަ ކަންތައްތައްވެސް ކުރުވަނީ ބައްޕަ ލައްވައެވެ. މިފަދަ އާދަތައް އުއްމީދުގެ ކިބައިގައި ހަރުލައިފައި ވަނީ މޭޖަރ ޢާލިމް ޖާވީދުގެ ސަބަބުންނެވެ. އެންމެ ކުޑައިރުއްސުރެ އުއްމީދުގެ ހުރިހައި ކަމެއް ކުރުމަކީ އޭނާ އުފަލާއެކު ކުރާ ކަމެކެވެ. މަންމަ ނުރުހުނު ނަމަވެސް އުއްމީދުވެސް އުފާވަނީ އޭނާގެ ކަންތައްތައް ބައްޕަ ލައްވައި ކުރުވުނީމައެވެ. ބައްޕަ ކަސްރަތުކުރަން ގެއިން ބޭރަށް ނުކުމެ އުޅޭ ވަގުތު ދަތިވެގެން އުޅޭ ހަމައެކަނި ދަރިއަކީ އޭނާއެވެ. އެފަދަ ވަގުތު ތަކުގައި ކަންތައްތައް އަމިއްލައަށް ކުރަނީ ރޮއިރޮއި ހުރެގެންނެވެ. ސަބަބަކީ ބައްޕަ ފިޔަވައި އެހެން މީހަކު އޭނާގެ ކަމެއް ކުރީމާ ލިބޭ އުފަލެއް ނެތުމެވެ. އެހެންވީމާ މަންމަވެސް އަންނަ ރުޅީގައި އޭނާގެ ކަމަކާ ގާތް ނުވެއެވެ. އަދި އެހެން މީހަކު ގާތްވިޔަވެސް ނުދެއެވެ.

ބައްޕަ އެނބުރި ގެއަށް އައީމާ އޭނާ ޝަކުވާފުނި އޮއްސައިލައެވެ. ނަތީޖާއަކީ އޭނާ ރުއްސުމުގެ ގޮތުން އެހެންޏާ ނުކުރާ، ކުދިކުދި ކަންތައްތަކަށް ދާންދެން ބައްޕަ ކޮށް ދިނުމެވެ.

އުއްމީދަށް އޭނާގެ ބައްޕަ އަބަދުވެސް ފެނިފައި ވަނީ ދީނަށް ލޯބިކުރާ އަޅުވެރި މީހެއްގެ ގޮތުގައެވެ. ބައްޕަ ފަސް ވަގުތު ނާޅައި ނަމާދު ކުރެއެވެ. އަދި އެންމެ ޅައިރުއްސުރެ އޭނާގެ ކިބައިގައިވެސް ނަމާދު ކުރުމުގެ އާދަ ހަރުލެއްވިއެވެ. ގާތުގައި ބައިންދައިގެން ދީނީ ވާހަކަ ކިޔައިދީ މައްސަލަތައް އޮޅުންފިލުވައިދީ ހަދައެވެ. ބައެއް ވާހަކަ އޭނާއަށް ފަހުމުވެއެވެ. ބައެއް ވާހަކަ ވިސްނައެއް ނުގަނެވެއެވެ. އެކަމަކު ހިމޭނުން އިނދެގެން ހުރިހައި ވާހަކައެއް ފަރުވާތެރިކަމާއެކު އަޑުއަހައެވެ.

* * *

ދިރިއުޅުން ވޭތުވަމުން ދަނީ ނުހަނު ހިތްހަމަޖެހުމާއި އުފާވެރިކަމާ އެކުގައެވެ. އުއްމީދު މެޓްރިކުން ފާސް ވެގެން އެފެއެސްސީއަށް ކިޔަވާން ފަށައިފިއެވެ. އެ ދުވަސްވަރު އޭނާއަށް ގޭގެ މާހައުލަށް ބަދަލުތަކެއް އަންނަކަމުގެ އިހުސާސް ކުރެވޭން ފަށައިފިއެވެ. ބައްޕައާއި މަންމަގެ މޫނުމަތީން ކަންބޮޑުވުމުގެ އަސަރު ފާހަގަ ކުރެވޭން ފަށައިފިއެވެ. މަންމަ ރޯން އިންދައި އެތައް ފަހަރަކު އޭނާ ދެކެފިއެވެ. ބައްޕަވެސް ގިނަ ވަގުތު ހުންނަނީ ހާސްވެ ކަންބޮޑުވެފައެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ އުފާވެރިކަމާއި ސަކަ މިޒާޖަށްވެސް ފަނޑުކަން އަތުވެއްޖެއެވެ. ވެގެން އުޅެނީ ކީއްކަން އޮޅުންފިލުވުމުގެ ގޮތުން އޭނާ މަންމައާއި ބައްޕައާ ސުވާލު ކުރިއެވެ. އެކަމަކު ދެމީހުންވެސް ވަރަށް ހުސިޔާރުކަމާއެކު އޭނާގެ ވާހަކަ އެހެން މިސްރާބަކަށް ބަދަލުކޮށްލައެވެ.

މިފަދަ ގޮތަކަށް ދުވަސްތައް ފާއިތުވަމުން ގޮސް އެއް ދުވަހަކު މޭޖަރ ޢާލިމް ޖާވީދު އޭނާގެ ގެނެސް ކައިރީގައި ބައިންދާފައި އޭނާގެ އަތުގައި ހިފައްޓައިލިއެވެ. "ދަރިފުޅާ އުއްމީދު. ބައްޕަ މިއަދު ދަރިފުޅު ގާތު ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން."

އެ ދުވަހު ބައްޕަގެ އަޑުގައި ހުރި އާދަޔާ ޚިލާފު އަސަރެއްގެ ސަބަބުން އޭނާގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. ބައްޕަ އޭނާޔާ ވާހަކަދެއްކީ ވަރަށް މަޑުމަޑުން ލަސްލަހުންނެވެ. ބައްޕަ ބުނި ގޮތުގައި ބައްޕަގެ ސިކުނޑީގައި ތިން ޓިއުމަރު އެބަހުއްޓެވެ. ޑަކްޓަރުން ބުނާ ގޮތުގައި ވަރަށް އަވަހަށް އެ ތިން ޓިއުމަރު ނަގަން ޖެހެއެވެ. އެ ދުވަހު ބައްޕަގެ މޫނުމަތީން ފެންނާން ހުރި އަސަރު ފެނިފައި ގަތްވަރުގެ ބިރެއް އޭނާ ދުވަހަކުވެސް ނުގަނެއެވެ.

"އޮޕަރޭޝަން ކުރުވުން ނޫން ގޮތެއް ބައްޕައަކަށް ނެތް. އޮޕަރޭޝަން ކުރިޔަސް ސަލާމަތް ވުމުގެ ފުރުސަތު ވަރަށް ކުޑަ. ނުކުރުވައިފިއްޔާ ހައެއްކަ މަސްދުވަހުގެ ތެރޭގައި ބައްޕަ ދުނިޔެއަށް އަލްވަދާއު ކިޔަން ޖެހިދާނެ." ބައްޕަގެ އަޑުގައި ކަރުނައިގެ އަސަރު އެކުލެވިއްޖެއެވެ. އޭނާ އެސްފިޔައެއްވެސް ޖަހައިނުލައި ބައްޕަގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ.

"ގޭގެ އެންމެ ބޮޑު ކުއްޖަކީ ދަރިފުޅު. ބައްޕަގެ ބަދަލުގައި ބައްޕަގެ ދައުރު އަދާކުރަން ޖެހޭނީ ދަރިފުޅަށް. ވަރަށް ހިތްވަރާއެކު ބައްޕަގެ ހުރިހައި ޒިންމާއެއް އުފުލަން ޖެހޭނީ ދަރިފުޅަށް." ބައްޕަ މަޑުމަޑުން ވާހަކަދައްކަމުން ގެންދިޔައެވެ.

"އެކަމަަކު އަޅުގަނޑަކަށް އެއްވެސް ކަމެއް ނުކުރެވޭނެ."

"ކުރެވޭނެ ދަރިފުޅާ. ދަސްވެދާނެ. ދަރިފުޅަށް ޖެހޭނީ ހުރިހައި ކަމެއް ކުރަން. އެހެން ނޫނީ ގޭގެ ކަންތައްތައް ހަމަޔަކަށް ނޭޅޭނެ. ކުރިއަށް އޮތް ދުވަސްތަކަކީ ދަތި އުނދަގޫ ދުވަސްތަކަކަށް ވެދާނެ. ދަރިފުޅު ހިތްވަރާއެކު މަސައްކަތް ނުކޮށްފިއްޔާ ދަރިފުޅުގެ ކޮއްކޮމެންނަށް ދިރިއުޅެން ދަތިވެދާނެ. ދަރިފުޅުގެ މަންމަ ބުނެފައި އޮތީ މި ހުރިހައި ވާހަކައެއް ދަރިފުޅަށް ކިޔައި ނުދޭށޭ. ދަރިފުޅަކަށް ކެތެއް ނުކުރެވޭނެއޭ. އެކަމަކު ދަރިފުޅު ގާތު ބުނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނޭ ކަމެއް ކަމަށް ބައްޕައަށް ފެނުނީ. ގޭގެ އެންމެ ދޮށްޓައް ހުރީ ދަރިފުޅު. ބައްޕަ މަންމަ ގާތު ބުނިން ދަރިފުޅަށް ވިސްނޭނެއޭ، ދަރިފުޅަކީ ވަރަށް ހިތްވަރު ގަދަ ކުއްޖެކޭ."

އޭނާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. ކުރެހިފައިވާ އަޑަކުން އޭނާ ބުނެލިއެވެ. "މަންމަ ބުނީ ރަނގަޅަށް. ބައްޕަގެ ދަރިފުޅަކީ އެހައި ހިތްވަރު ގަދަ ކުއްޖެއް ނޫން."

ބައްޕަ އަނގައިން ނުބުނެ އޭނާޔާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ. އުއްމީދަށް އިހުސާސް ކުރެވުނީ އޭނާގެ މުޅި ވުޖޫދު ވިރިގެން ފައިބާ ކަމުގައެވެ.

"މި ހުރިހައި ކަމެއް އަހަރެންގެ ބައްޕައަށް މެދުވެރިވަނީ ކީއްވެގެން ހެއްޔެވެ؟ ބައްޕަ އަކީ..." އޭނާގެ ހިތުގެ އަޑިން ޝަކުވާއެއް ނުކުތެވެ.

ޝަކުވާގެ ޖަވާބުގައި އޭނާގެ ޒަމީރުގެ އަޑު އިވުނެވެ. "އޭ އުއްމީދެވެ. ދިރިއުޅުމުގައި ލައްކަ ގިނަ ކަންތައްތައް މެދުވެރި ވާނެއެވެ. ރޮއިގެން ތިމާގެ ތަގުދީރު ބަދަލު ކުރެވޭނެ ނަމަ ދުނިޔޭގެ ހުރިހައި އިންސާނުން ތިބޭނީ ކަލޭހެން ރޯށެވެ." އޭނާ އަތްތިލައިގެ ފުށަތުން މޫނުގައި ހުރި ކަރުނަ ފޮހެލިއެވެ.

ބައްޕަ އެންމެ ފަހުން ބުނެލިއެވެ. "ގިނަ ދުވަހު ދިރިހުރުމަކީ ކޮންމެ އިންސާނެއްގެވެސް އެދުމެއް. އެކަމަކު އެއީ އެއްވެސް މީހަކުގެ އިޚުތިޔާރުގައި އޮންނަ ކަމެއް ނޫން. ބައްޕަގެ އިޚުތިޔާރަކުވެސް އޮންނަ ކަމެއް ނޫން."

އޭނާއަށް ބޭއިޚްތިޔާރުގައި ބައްޕަގެ ގައިގައި އޮޅުލައިގަނެވިއްޖެއެވެ. "އަޅުގަނޑަކަށް ގަބޫލެެއް ނުކުރެވޭ. ބައްޕަ ތިޔަ ދައްކަވާ ވާހަކަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ތިޔައީ ކިހިނެއް ވާނެ ކަމެއްތޯ؟ ތިޔަ ކަހަލަ ކަންތައްތައް އަޅުގަނޑުމެންނަށް މެދުވެރި ވަނީ ކީއްވެގެންތޯ؟ ބައްޕަޔާ ނުލައި އަޅުގަނޑުމެން އުޅޭނީ ކިހިނެއްތޯ؟"

އޭނާ ގިސްލަގިސްލައިފައި ރޮނީއެވެ. މޭޖަރ ޢާލިމް ޖާވީދުގެ ލޮލުންވެސް ކަރުނަ އޮހޭން ފަށައިފިއެވެ. ބައްޕަގެ ގައިގައި އޮޅުލައިގަނެގެން އޮވެ ރުއީ ކިހައި އިރެއް ވާންދެން ކަމެއް އޭނާއަކަށް ނޭނގެއެވެ. ހަނދާން ހުރީ ރުއިންގަނޑު މައިތިރިވީމާ އަނެއްކާވެސް ބައްޕަ ވަރަށް ގިނަ އިރު ވާންދެން އޭނާއަށް ނަސޭހަތްދިން ކަމެވެ.

އެ ރެއަކީ އޭނާގެ ހަޔާތުގައި އައި އެންމެ އަނދިރި ރޭތަކުގެ ތެރެއިން ރެއެކެވެ. އެ ރޭ ހަތަރުދަމު އޭނާ އޮތީ ހޭލައެވެ. އެންމެ ލޮލުފިޔައެއްވެސް ނުޖެހެއެވެ. ހުރިހައި ކަމެއް މިހައި ފަސޭހައިން، މިހައި ކުއްލި ގޮތަކަށް އެކޮޅުކޮޅުން ޖެހިދާނެ ހެއްޔެވެ؟ އަހަރެންގެ ގެއާއި އަހަރެންގެ ބައްޕަ... އޭގެ ފަހުން އަހަރެން... އަހަރެން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ބައްޕަޔާ ނުލައި އަހަރެން މިހައި ތަނަކަށް އެއްވެސް ކަމެއް ނުކުރަމެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ވާން އުޅޭ ކަމެއް ވަނީ ކީއްވެގެން ހެއްޔެވެ؟ އަހަންނާމެދު މިފަދަ ގޮތަކަށް ކަންތައް ވަނީ ކީއް ވެގެން ހެއްޔެވެ؟ ފަތިސް ވީ ކިހައި އިރަކު ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ފަތިސް ވެއްޖެ ކަމުގެ އިހުސާސް ކުރެވުނީ ބައްޕަ ޤުރްއާން ކިޔަވާ އަޑު އިވުނީމައެވެ. ބައްޕަ ކިޔަވަމުން ދަނީ އިހެކޭވެސް އެއްފަދައިން ހިތްހަމަޖެހުމާއި މަޑުމައިތިރިކަމާއެކުގައެވެ. އެ އަޑު އިވުމާއެކު އޭނާއަށް އަނެއްކާވެސް ރޮވިއްޖެއެވެ.

ވިދިގެން އައި ދުވަހު އޭނާ ކޮލެޖަކަށް ނުދެއެވެ. އޭގެ ފަހުން ހޭދަވީ ހުރިހައި ދުވަހެއް ކަހަލަ ގޮތަކަށް ހޭދަވީ ރުއިމުގައެވެ. ކޮންމެ ދުވަހަކު އޭނާ ގާތަށް ގެނެސްގެން މޭޖަރ ޢާލިމް ޖާވީދު އޭނާއަށް ނަސޭހަތް ދެއެވެ. މަޑުމަޑުން ގޮސް އޭނާ ހަމައަކަށް އެޅޭން ފަށައިފިއެވެ. ނުވަތަ ހަމައަކަށް އެޅޭ ކަމަށް ބައްޕައަށް ދައްކާން ފަށައިފިއެވެ. މިހާރު އޭނާ ބައްޕަގެ ކުރިމައްޗަކު ނުއެއް ރޮއެވެ. ރޮނީ ފިލައި އޮވެއެވެ. ކޮލެޖަށް ދާންވެސް ފަށައިފިއެވެ. އެކަމަކު އޭނާގެ ހަޔާތުގައި މިހައިތަނަށް އޮތް ޅަކަމާއި ސަކަކަން ފިލައިގެން ހިނގައްޖެއެވެ. ކޮނޑުގައި އެޅޭން އޮތް ޒިންމާގެ އިހުސާސް ކުރެވޭން ފަށައިފިއެވެ. އެމީހުންނަކީ އާއިލީ ގެދޮރު ހުރި ބައެއް ނޫނެވެ. ބޭންކުގައި މާ ގިނަ ފައިސާއެއް ހުރި ބައެއްވެސް ނޫނެވެ. ބައްޕަ ސިފައިންގެ ވަޒީފާއިން މުސްކުޅިވުމަށް ފަހުވެސް މާލީ ހާލަތަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. އަމިއްލަ ފުލެޓެއް ގަންނަ ވަރަކަށް ފައިސާއެއް ޖަމައެއް ނުކުރެވެއެވެ. ސަބަބަކީ ދިރިއުޅުމުގައި ކުރަން ޖެހޭ ކަންތައްތައް ގިނަވުމެވެ. އެކަމަކުވެސް ބޭނުންވާ އެއްޗެހި ހޯދައި ހަމަކުރުން އޮންނަނީ ދަތި ކަމަކަށް ވެފައެވެ. މާއްދީ ތަކެތި ހޯދުނު ކަމުގައި ވިޔަސް ބައްޕައަކު ހޯދާނީ ކޮން ތަނަކުން ހެއްޔެވެ؟

ވިދިގެން އައި ދެތިން މަހަކީ އޭނާއަށް ކުރިމަތިވީ ވަރަށް ދަތި އުނދަގޫ ދުވަސްވަރެކެވެ. ބައްޕަ މަޑުމަޑުން ބަލިކަށިވަމުންދާތަން އޭނާއަށް ފެނެއެވެ. މޭޖަރ ޢާލިމް ޖާވީދު އެއްވެސް ކަހަލަ އޮޕަރޭޝަނެއް ކުރާކަށް ބޭނުމެއް ނުވިއެވެ.

"އަހަރެން ބޭނުން ވަނީ ދިރިއުޅުމުގެ ބާކީ އޮތް ދުވަސްވަރު އަހަރެންގެ އާއިލާ އުފަލުގައި އުޅޭ މަންޒަރު ދެކެން." އޮޕަރޭޝަން ކުރަން ދެކޮޅު ހަދަމުން އޭނާ ބުންޏެވެ. އޭގެ ފަހުން އެއްވެސް މީހަކު އެ ވާހަކައެއް ނުދައްކައެވެ. ބައްޕަގެ ބޮލުގައި ދޭތެރެއަކުން ރިއްސައިލާ ރިއްސައިލުމަކީ އެހައި ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނޭ ކަމެއް ކަމަކަށް އޭނާއަށް ލަފާވެސް ކުރެވިފައެއް ނެތެވެ. ބޮލުގައި ރިއްސައިގަތީމާ ބައްޕަ ބޭސްގުޅައެއް ކައިލައެވެ. އެޔާއެކު ފަސޭހަވެދެއެވެ. އެކަމަކު މިހާރު...

މޭޖަރ ޢާލިމް ޖާވީދު އޮޕަރޭޝަނެއް ކުރުވަން ބިރުން އުޅުނީ ދުނިޔޭގެ ދަތުރު ކުރު ވެދާނެތީއެވެ. އެކަމަކު އޭނާގެ ތަގުދީރުގައި ލިޔެވިފައި އޮތީ ކުރު ދަތުރެކެވެ. އޭނާގެ ވަދާޢީ ވަގުތުކޮޅު ވެގެން ދާނީ ހަމަހިމޭން، ފަސޭހަ ވަގުތުކޮޅަކަށް ކަމެއް ކުރިއަކުން އޭނާއަކަށް ހިއެއް ނުކުރެވެއެވެ. އެއް ރެއަކު ނިދީގައި އޮވެގެން ހަމަހިމޭންކަމާއެކު އޭނާ މި ދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ.

އެ ދުވަސްވަރުގެ މަންޒަރުތައް އަދިވެސް އުއްމީދުގެ ހަނދާނުގައި ތާޒާކޮށް އެބަހުއްޓެވެ. ބައްޕަ ދުނިޔޭގައި ނެތްކަން ހިތަށް ޔަގީންކޮށް ދެވުނީ އެތައް ދުވަހަކުންނެވެ. އަބަދުވެސް ހީވަނީ ހަމަ ދެންމެދެންމެ އައިސް ގެއަށް ވަދެދާނެ ހެންނެވެ. ނުވަތަ ގޭތެރޭގައި އެބައުޅޭ ހެންނެވެ. އެކަމަކު އެތައް ދުވަހަކަށް ފަހު ގޭގެ އެންމެންނަށްވެސް ހަގީގަތް ގަބޫލު ކޮށްގެން ދުނިޔޭގެ ދުވަސްތައް ވޭތުކުރަން ފަރިތަ ވެއްޖެއެވެ.

އުއްމީދު ގޭގެ ކަންތައްތަކާ ހަވާލުވެ މަސައްކަތް ފެށީ ޒިންމާދާރު ކަމާއެކުގައެވެ. ސިފައިންގެއިން ބައްޕަ ދިރިއުޅެން ދީފައިވާ ގޭގައި އަދި ދުވަސްކޮޅަކު ތިބުމުގެ ހުއްދަ ލިބިއްޖެއެވެ. އެއީ ސިފައިންގެ އެކުވެރިއެއްގެ މަސައްކަތުން ލިބުނު ފުރުސަތެކެވެ.

އެ ދުވަސްވަރު އޭނާގެ ކުރިހައި ކަމެއްގައި އެހީތެރިވެދީ އަޅާ ކޮންމެ ފިޔަވަޅެއްގައި ވެއްޓުނަ ނުދީ ކައްތިރި ވިއްދައިގެން ހުރީ އެންމެ މީހެކެވެ. އެއީ ޖަހާންޒޭބެވެ. އޭނާއާއި އޭނާގެ އާއިލާގެ އެހީތެރިކަން ނުލިބުނު ނަމަ އުއްމީދަށް މެދުވެރިވާނޭ ދަތިތަކުގެ ވާހަކަ ދައްކައި ކޮޅަކުން ނުލީހެވެ.

ޖަހާންޒޭބަކީ އޭނާގެ ބައްޕަގެ އެކުވެރިއެއްގެ ދަރިއެކެވެ. އެ ދެ އާއިލާގެ ދެމެދުގައި ވަރަށް ގާތް، ބަދަހި ގުޅުމެއް އޮވެއެވެ. ދެ ގޭގެ މެދުގައި އައިސްގޮސްވުން އެހާމެ ގިނައެވެ. ޖަހާންޒޭބްގެ ބައްޕައަކީ ވިޔަފާރިވެރިއެކެވެ. ދިރިއުޅެނީ ރާވަލްޕިންޑީގައެވެ. އުއްމީދުގެ އާއިލާ އެކި ފަހަރު އުޅެނީ އެކި ރަށުގައެވެ. ޗުއްޓީގައި ބައެއް ފަހަރު ރާވަލްޕިންޑީއަށް އައިސް ދެ އާއިލާ އެކީގައި މުޅި ޗުއްޓީ ހޭދަކުރެއެވެ. ޖަހާންޒޭބް އޭނާއަށްވުރެ ހަތަރު ފަސް އަހަރު ދޮށްޓެވެ. މިޒާޖުގައިވެސް ހުންނަނީ އުއްމީދުގެ ކިބައިގައި ހުންނަފަދަ އުފާވެރި ގޮތެކެވެ. ތައާރަފުވީތާ މާ ގިނަ ދުވަހެއް ނުވެ ޖަހާންޒޭބްގެ ޝައުގުވެރިކަން އުއްމީދުގެ މައްޗަށް ހުއްޓިއްޖެއެވެ. ދެ އާއިލާއަކަށް މިކަން ސިއްރެއް ނުވިއެވެ. ދެ ފަރާތުންކުރެ ފަރާތަކުން ދެކޮޅުވެރިކަމެއް ނުފެނުނެވެ. އިސާހިތަކު ރުހުން ހާމަކޮށްފިއެވެ. އެ ދުވަސްވަރަކީ އުއްމީދު މެޓްރިކަށް ކިޔަވަމުން ދިޔަ ދުވަސްވަރެވެ. ދެ އާއިލާގެ ރުހުން ލިބުމާއެކު ޖަހާންޒޭބް ހަފުތާއަކު ދެތިން ފަހަރު އުއްމީދަށް، ރާވަލްޕިންޑީއަށް ފޯނު ކުރެއެވެ.

މޭޖަރ ޢާލިމް ޖާވީދުގެ ބަލީގެ ކަންތަކުގައިވެސް ދެ އާއިލާ ގުޅިލާމެހިގެން އުޅުނީ އެއް އާއިލާއެއް ފަދައިންނެވެ. ދެ އާއިލާގެ ގުޅުން ބަދަހި ވެފައިވާ ވަރީ، ކޮންމެ ހަފުތާ ބަންދެއްގައި ޖަހާންޒޭބްގެ އާއިލާގެ އެންމެން މޭޖަރުގެ ހާލު ބަލައިލާން ދަތުރު ހަދައިގެން އާދެއެވެ. ބޭސްކުރަން އެމެރިކާއަށް ދާންވީ ނޫންހޭ އެތައް ފަހަރަކު ޖަހާންޒޭބްގެ ބައްޕަ ބުންޏެވެ. އެކަމަކު މޭޖަރު އެއްބަހެއް ނުވެއެވެ. އެމެރިކާގައި ބޭސްކުރުމަކީ ޚަރަދު ބޮޑު ކަމެކެވެ. ބޭސްކުރަން ޖެހޭނީ އަތުގައި ހުރިއްޔާ ހުރިހައި އެއްޗެއް ވިއްކައިލާފައެވެ. ބޭސްކޮށްގެން އެނބުރި ރަށަށް އައިސް މަގުމަތީގައި ސަލާންޖަހަން އުޅުން ނޫން ގޮތެެް ނޯންނާނެއެވެ. މޭޖަރު މިކަހަލަ ވާހަކަ ދެއްކީމާ ބޭހަށް ކުރަން ޖެހޭ ހުރިހައި ޚަރަދެއް ކޮށްދޭނޭ ކަމަށް ޖަހާންޒޭބްގެ ބައްޕަ ބުނެއެވެ. އެކަމަކު ދަރަންޏެއް ބާއްވާކަށް މޭޖަރު ބޭނުމެއް ނުވެއެވެ. އަދި އޭނާގެ ދަރިފުޅުގެ ދިރިއުޅުމަށް ކުޑަވެސް އަސަރެއް ކުރާ ކަހަލަ ގޮތަކަށް އެހެން ބަޔަކުގެ އިހުސާންތެރިކަން ގަބޫލު ކުރާކަށްވެސް ބޭނުމެއް ނުވިއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.