އުއްމީދު - 3

(30 މެއި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބައްޕަ ނިޔައުވުމަށް ފަހުވެސް އެ އާއިލާއިން އުއްމީދުގެ އާއިލާޔާ އޮތް ޒަމާންވީ ބަދަހި ގުޅުން އެ ގޮތުގައި ދެމެހެއްޓިއެވެ. އެ ދުވަސްވަރު ޖަހާންޒޭބް އުޅުނީ ދަސްވެނިވުމަށް ފަހު ގައުމުން ބޭރަށް ކިޔަވަން ދާން ތައްޔާރުވުމުގައި އަވަދިނެތިއެވެ. އެކަމަކުވެސް ކޮންމެ ހަފުތާބަންދެއްގައި އުއްމީދާ ބައްދަލުކުރަން އާދެއެވެ. އަދި ކޮންމެ ދުވަހަކު މަދުވެގެން އެއް ފަހަރު ފޯނުކުރެއެވެ. އޭނާގެ ތަސައްލީދެނިވި ވާހަކަތަކުންނާއި އޯގާތެރިކަމުގެ ސަބަބުން އުނދަގޫ މަރުހަލާތައް ކަޑައްތުކުރަން ފަސޭހަ ވެގެން ދިޔައެވެ. ޖަހާންޒޭބްގެ މައްޗަށް އޭނާގެ ހިތުގައި އޮތް ލޯބި ދިޔައީ ބޮޑުވަމުން ފުޅާވަމުންނެވެ.

އެތައް ވައުދެއް ވުމަށް ފަހު ޖަހާންޒޭބް ފުރައިގެން ހިނގައްޖެއެވެ. އޭނާ ވީ ހުރިހައި ވަޢުދެއް ބަރާބަރަށް ފުއްދިއެވެ. ގަވައިދުން ސިޓީ ލިޔެއެވެ. ދޭތެރެދޭތެރެއިން ފޯނުކުރެއެވެ.

އުއްމީދު އެފްއެސްސީ ނިންމީ ޖަހާންޒޭބް ފުރައިގެން ދިޔަ ފަހުންނެވެ. އޭނާ އެއްވަނަ ދަރަޖައިގައި ފާސްވިއެވެ. ބޭނުން ނަމަ މެޑިކަލް ކޮލެޖަށް ވަދެވުނީހެވެ. އެކަމަކު އެހައި ބޮޑު ޚަރަދެއް ކުރުމުގެ ގާބިލުކަމެއް އޭނާގެ ކިބަޔަކު ނެތެވެ. އެމީހުން ތިބޭނޭ ގެއެއް ކުޑަ ކުއްޔަކަށް ރާވަލްޕިންޑީން ހޯދައި ދިނީ ޖަހާންޒޭބްގެ ބައްޕައެވެ. ފަހުން އޭނާ ފައިސާ ޖަމާކޮށްގެން އެ ގެ ގަނެގެން ދާއިމަށް ރާވަލްޕިންޑީއަށް ބަދަލުވެއްޖެއެވެ.

އެއްކުރި ފައިސާއިން ގެ ގަތުމުން އަތަކު މާ ގިނަ ފައިސާއެއް ނެތެވެ. ތައުލީމު ހޯދުމުގެ މަސައްކަތް އެހައިތަނުން ހުއްޓައިލާން މަޖުބޫރު ވެއްޖެއެވެ. އާއިލާ ބެލެހެއްޓުމުގެ ޒިންމާ އަދާކުރެވެން އޮތީ ވަޒީފާއެއް އަދާކޮށްގެން އާމްދަނީ ހޯދައިގެންނެވެ. އުއްމީދު ކަންތައް ކުރި ގޮތަކީވެސް އެއީއެވެ. ވަކި މުއްދަތެއް ވާންދެން ރާވަލްޕިންޑީގައި އެކި ކަހަލަ ވަޒީފާ އަދާކުރިއެވެ. އެޔަށް ފަހު ރަނގަޅު ފުރުސަތެއްގެ އުއްމީދުގައި ލާހޯރަށް އަތުވެއްޖެއެވެ.

އޭނާގެ ތައުލީމީ ފެންވަރަކީ މާ ރަނގަޅު ވަޒީފާއެއް ހޯދަން އެކަށީގެންވާ ފެންވަރެއް ނޫންކަން އޭނާއަށް އެނގެއެވެ. އެހެންވީމާ އަމިއްލަ ގޮތުން ބީއޭއަށް ކިޔަވާން ފަށައިފިއެވެ. އޭނާއަށް އެންމެ ރަނގަޅަށް މަސައްކަތް ކުރެވުނު ދުވަސްވަރަކީ އެއީއެވެ. އޭނާގެ ދުވަސް ފެށެނީ ފަތިހު ފަހެއް ޖަހާއިރުއެވެ. ނިމެނީ ރޭގަނޑު އެގާރައަށެވެ. ފަތިހު ތެދުވެ އަށެއް ޖަހަންދެން އޭނާ ފިލާވަޅު ދަސްކުރަނީއެވެ. އެޔަށް ފަހު ތައްޔާރު ވެގެން ދަނީ އޮފީހަށެވެ. އޮފީހެއްގައި އޭނާ އަދާކުރަނީ ރިސެޕްޝަނިސްޓެއްގެ ވަޒީފާއެވެ. އޮފީސް ނިމެނީ މެންދުރުން އަނބުރައި ތިނެެއް ޖަހާއިރުއެވެ. ތިނެއް ޖެހީމާ ދަނީ ޓިއުޝަން ދޭށެވެ. ރޭގަނޑު އަށެެއް ޖަހަންދެން އެކި ގޭގޭގައި ޓިއުޝަން ދިނުމަށް ފަހު އެނބުރި ދަނާލަށް އަންނަނީއެވެ. ދަނާލަށް އައުމަށް ފަހު ފަށްޓަނީ ކިޔަވާށެވެ. އޭނާއަށް ގެއަށް ފައިސާކޮޅެއް ފޮނުވެނީ މި ހުރިހައި މަސައްކަތެއް ކޮށްގެންނެވެ.

ސައުވީސް ގަޑިއިރު މެސެނެއްހެން މަސައްކަތް ކުރަން ޖެހުނު ކަމުގައި ވިޔަސް އޭނާގެ ހިތަކު ހިތާމައެއް ދެރަވުމެއް ނޯވެއެވެ. އަބަދުވެސް ހުންނަނީ ހިތްހަމަ ޖެހިފައެވެ. ސުކޫނުގެ ހާލަތުގައެވެ. "މިއީ ދެތިން އަހަރު ދުވަހުގެ ކަމެކެވެ. އެހައިތަނުން ޖަހާންޒޭބް އަތުވެދާނެއެވެ. ހުރިހައި ކަމެއް ހަމައަކަށް އެޅިދާނެއެވެ. އެ ދުވަސް އަންނައިރު އަހަރެން ހުންނާނީ ހުރިހައި ޒިންމާއަކުން ބަރީއަވެފައެވެ. އަހަރެމެން ދެމީހުން އެކުގައި އުފާވެރި ހަޔާތެއް ވޭތުކުރާނަމެވެ." ޖަހާންޒޭބް ފޮނުވާ ކޮންމެ ސިޓީއެއް ކިޔައިފައި އޭނާގެ ހިތަށް އަރައެވެ.

އޭނާޔާއެކު އެއް ކޮޓަރީގައި އުޅޭ ޢަޤީލާއަށްވެސް ޖަހާންޒޭބާއި އޭނާޔާ ދެމެދު އޮންނަ ގުޅުން އެނގެއެވެ.

"އުއްމީދު ތިޔައީ ވަރަށް ބޮޑު ނަސީބުވެރިއެއް. އިންނަން ތިޔަ އުޅޭ މީހާއަކީ ވަރަށް ރަނގަޅު މީހެއް. ބޭރުގައި އުޅޭއިރުވެސް އޭނާ އުއްމީދުގެ މަތީން ހަނދާން ބަހައްޓާތީ އަހަރެން މި ހުންނަނީ ހައިރާންވެފައި. ސިޓީއާއި ކާޑު މެދުނުކެނޑި އެބަ ފޮނުވާ."

ޖަހާންޒޭބް ފޮނުވައިފައި ހުރި ސިޓީއާއި ކާޑުތަކަށް ބަލައިލާފައި ޢަޤީލާ ބުންޏެވެ. އެ ވާހަކަ އަޑު އަހައިފައި އުއްމީދު ހިނިތުންވެލިއެވެ. އޭނާގެ ހިތުގައި ބާވަތެއްގެ ފޮނިފޮނި އުފާވެރި ޝުއޫރެއް ހިނގައިގަތެވެ. ޖަހާންޒޭބްގެ ވާހަކަ ދެކެވެނީ އޭނާގެ ކޮޓަރީގައި އެކަންޏެއް ނޫނެވެ. އެހެން ކޮޓަރިތަކުގައި ތިބި ކުދިންގެވެސް ދައްކަނީ ޖަހާންޒޭބްގެ ރަނގަޅު ކަމުގެ ވާހަކައެވެ. އުއްމީދުގެ އެކުވެރިންގެ ހިތުގައި ހިނގަމުން ދަނީ ބާވަތެއްގެ ހަސަދަވެރިކަމެކޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. ދުވާލު ހަތަރުދަމާއި ރޭގަނޑުން ބަޔަކާއެކު ބުރަކޮށް މަސައްކަތް ކުރުމަށް ފަހު އޭނާގެ ހިތްހަމަޖެހުމަކަށް އޮންނަނީ ސިޓީއާއި ކާޑެވެ. އިރުކޮޅެއް ވާންދެން ސިޓީއާއި ކާޑު ބެލުމުގައި ހޭދަ ކުރެވުނީމާ ހިތަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބެއެވެ.

މަހަކު އެއް ފަހަރު ނުވަތަ ދެ ފަހަރު އޭނާ ރާވަލްޕިންޑީއަށް ދެއެވެ. ހަފުތާބަންދު ގޭގައި ހޭދަ ކުރުމަށް ފަހު ހިތް ހަމަޖެހުމާއެކު އެނބުރި އަންނަނީއެވެ. އެއްވެސް މަސައްކަތެއް ކުރާނެ ކަމެއް ނެތޭ، ގޭގެ ހުރިހައި ޚަރަދެއް ތިމަން ހަމަޖައްސައިދޭނަމޭ ޖަހާންޒޭބްގެ ބައްޕަ ކިތަންމެ ފަހަރަކު ބުނެފިއެވެ. އެކަމަކު އެއީ އޭނާ ހިތްހަމަޖެހޭ ގޮތެއް ނޫނެވެ. އާއިލާގެ ހުރިހައި ކަމެއް ހަމަޖައްސައި ބެލެހެއްޓުމަކީ އޭނާގެ ޒާތީ ޒިންމާއެއް ކަމަށް ދެކޭތީއެވެ. މާދަމާ އެ ގެއެއްގެ ޅީދަރިއަކަށް ވެގެން ދާންހަމަޖެހިފައިވާ ގޭގެ މީހުންގެ އިހުސާންތެރިކަމުގެ ދަށުވެ ފިތިގެން ދިރިއުޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ބުރަކޮށް މަސައްކަތް ކުރަން މި ވަނީ މަޖުބޫރު ވެފައެވެ. އެއީ ދަތި އުނދަގޫ ކަމެކެވެ. ބޭނުންވާ ހުރިހައި އެއްޗެއް ނުއެއް ހޯދެއެވެ. އެކަމަކު ނަފުސުގެ ގަދަރާއި އިއްޒަތް އެބަ ދެމެހެއްޓެއެވެ. ޖަހާންޒޭބްގެ އާއިލާގެ ކުރިމަތީގައި ފަޚުރުވެރިކަމާއެކު އިސް އުފުލާލައިގެން އެބަ ހުރެވެއެވެ. ސަލާން ޖަހަން އަތްދިއްކުރާކަށް ނުޖެހެއެވެ." މިހެން ހިތަށް އެރީމާ އޭނާގެ ހިތަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބެއެވެ.

ބީއޭ ނިންމުމަށް ފަހު އޭނާ ކޮމްޕިއުޓަރު ކޯހެއްވެސް ހަދައިފިއެވެ. އެޔަށް ފަހު އޮފީހެއްގައި ވަޒީފާއެއް އަދާކުރަން ފަށައިފިއެވެ. އެ ދުވަސްވަރު އޭނާގެ ފިރިހެން ދެ ކޮއްކު ގެންދިޔައީ މެޓްރިކަށް ކިޔަވަމުންނެވެ. ޖަހާންޒޭބް އޭނާ ގާތު ބުނަމުން ގެންދިޔައީ އެ ދެބެއިން ދަސްވެނިވުމާއެކު ބޭރަށް ގެންދާނޭ ކަމުގައެވެ. އޭނާގެ ހިތަށް އަރައެވެ. މީނާ އަހަންނަށް ކޮށްދީފައި ކޮށްނުދޭނީ ކޮން ކަމެއް ހެއްޔެވެ؟ މީނާގެ އިހުސާންތެރިކަމުގެ ބަދަލު އަހަރެން ދޭނީ ކިހިނެއް ހެއްޔެވެ؟ މި ވާހަކަ ސިޓީގައި ލިޔުނީމާ ޖަހާންޒޭބް ޖަވާބުގައި ލިޔުނެވެ.

"އަހަރެން އިހުސާންތެރި ވަނީއެއް ނޫނެވެ. ލޯބިވަނީއެވެ."

މި ޖަވާބު ކިޔައިފައި އޭނާގެ ހިތަށް އެރިއެވެ. ދިރިއުޅުމަކީ އަނދިރި ވަޅެއް ނޫނެވެ. އެއީ އަލިކަމުން ފުރިފައިވާ ކާނިވަލެއް ކަހަލަ އެއްޗެކެވެ. ތަފާތަކީ އެ އަލިކަން އަދި ތަންކޮޅެއް ދުރުގައި ހުރުމެވެ.

* * *

ޖަހާންޒޭބް ކިޔެވުން ނިންމާފައި އެނބުރި ގައުމަށް އަތުވެއްޖެއެވެ. އައިތާ ތިންވަނައަށް ވީ ދުވަހު އޭނާޔާ ބައްދަލުކުރަން ދަނާލަށް އަތުވެއްޖެއެވެ.

"އުއްމީދު. ރެސްޓޯރަންޓަކަށް ދަމާ ހިނގާ. މި ތާނގައި ތިބެގެން ވާހަކައެއް ނުދެއްކޭނެ." އޭނާ ރާވަލްޕިންޑީން އައީ އަމިއްލަ ކާރުގައެވެ. މިހާރު އޭނާޔާއެކު އުއްމީދު ގެންދާން ބާރުއަޅަނީއެވެ.

"ނޫނޭ ޖަހާންޒޭބް. ވާހަކަދައްކަން ބޭނުމިއްޔާ މި ތާނގައި ތިބެގެންވެސް ދެއްކިދާނެ. ބޭރަށް ދިއުން ރަނގަޅެއް ނުވާނެ. އަހަރެން ދުވަހަކުވެސް މިތަނުން ބޭރަށް އެއްވެސް މީހަކާއެކު ނުދަން. ކުއްލިއަކަށް ޖަހާންޒޭބާއެކު ގޮސް އުޅެނިކޮށް ބަޔަކަށް ފެނުން ރަނގަޅެއް ނުވާނެ." އުއްމީދު ދެކޮޅު ހަދަމުން ބުނެލިއެވެ.

"ބަޔަކަށް ފެނުނިއްޔާ ވާނީ ކީއް؟" ޖަހާންޒޭބް ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.

އުއްމީދު ހައިރާން ވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އެއީ އަހަންނަކަށް ރަނގަޅު ކަމެއް ނޫން. އަހަރެން ހުންނަން ބޭނުން ވަނީ މި ތާނގައި."

"މުޅި އުމުރު ދުވަހު މިތާކު ނުހުރެވޭނެއެއްނު؟ މިހާރު ލައްކަ ދުވަހު ހުރެވިއްޖެ. އަހަރެންވެސް މިހާރު މިހިރީ އެނބުރި އައިސް. އަހަރެން ބޭނުންވަނީ އަވަހަށް އިންނަން. އެހެންވީމާ ޖެހިލުން ވާން ޖެހޭ ސަބަބެއް ނެތް." އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ހިނގައްޖެއެވެ.

"ތިޔައީ ދޮގެކޭ އަހަރެން ނުބުނަން. އެކަމަކު އަހަރެން ބޭނުން ވަނީ މިތާނގައި އުޅޭ ދުވަސްކޮޅު އިހަށްވެސް އުޅުނު ގޮތަށް މިތާގައި އުޅެން." ވާހަކަ އެހެން މަވްޟޫއަކަށް ބަދަލުކޮށް ލެވޭތޯ އުއްމީދު މަސައްކަތް ކުރިއެވެ.

"އުއްމީދު. ތިޔަހައި ބޯދާ ވިސްނުމެއްގައި އުޅޭނޭ ކަމަކަށް އަހަރެން ހިއެއް ނުކުރަން. އަހަރެން ހީކުރީ މިހާރު ހުންނާނީ އެކަށީގެންވާ ވަރަށް ޒަމާނީ ވެފައި ކަމަށް. އެކަމަކު... ދެން އެ ވާހަކަ ބާއްވާ. އަހަންނާއެކު ހިނގާ. އަހަރެން ރާވަލްޕިންޑީން ލާހޯރާ ހަމައަށް ކާރުގައި މި އައީ އުއްމީދަށްޓަކައި."

"ޖަހާންޒޭބް. ތިޔައީ ރަނގަޅު ކަމެއް ނޫން. މިހާރު އިރުވެސް އޮއްސެނީ. ދެ މީހުން އެކީގައި ތަންތަނަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން. އަހަރެންގެ މައްސަލަޔާ މެދު ވިސްނައިލަބަލަ." އުއްމީދު އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

"މި ކަމުގައި އޮތް މައްސަލައަކީ ކޮބާ؟ އަހަރެން މިއީ އުއްމީދުގެ ވާން އުޅޭ ފިރިމީހާ. ދަނާލުގެ އެންމެން ގާތު އެހެން ބުނޭ."

"މި ތާނގައި އުޅޭ އަންހެންކުދިން ފިރިހެން ކުދިންނާއެކު ބޭރަށް ދާއިރު އަބަދުވެސް ބުނެ އުޅެނީ ދެބެއިންގެ ދެދަރި މީހެކޭ... ނޫނީ އިންނަން އުޅޭ މީހާއޭ. އެހެންވީމާ އަހަރެން އެހެން ބުނެގެން ގަބޫލު ކުރާނޭ މީހަކު ނޫޅޭނެ."

"އުއްމީދު. ތިޔަ ދައްކަނީ ބޭކާރު ވާހަކަ. އަހަރެންގެ އެދުމަށް އިހުތިރާމު ކުރުމާއެކު އަހަންނާއެކު ދިއުމަކީ އުއްމީދުގެ މައްޗަށް ލާޒިމު ކަމެއް." ޖަހާންޒޭބްގެ މޫޑު ކުއްލިއަކަށް ނުބައި ފައްތަރަކަށް ވެއްޓިއްޖެއެވެ. އުއްމީދު އިނީ ހައިރާންވެފައެވެ. ޖަހާންޒޭބަކީ މީގެ ކުރިން އެކަހަލަ ގޮތަކަށް ގޮތް ދޫނުކޮށް ހިފަހައްޓާ މީހެއް ނޫނެވެ. ރާވަލްޕިންޑީގައި ދެމީހުންގެ ކާވެނީގެ އެއްބަސްވުން ވެ، އެންގޭޖުވުމަށް ފަހު އޭނާ ވަރަށް ގިނައިން އުއްމީދާ ފޯނުން ވާހަކަދައްކައެވެ. އަދި ގެއަށް އައިސްގޮސްވެ ހަދައެވެ. އެކަމަކު ދުވަހަކުވެސް އޭނާ ގޮވައިގެން ބޭރަށް ދާކަށް މަސައްކަތެއް ނުކުރެއެވެ. އެކަހަލަ ވާހަކައެއްވެސް ނުދައްކައެވެ. އެކަމަކު މިހާރު އެ ރުޅި އަންނަނީ ގޮވައިގެން ބޭރަށް ނުދެވިގެންނެވެ. އޭނާގެ ރަވައްޔާ ހުރި ގޮތް ފެނިފައި އުއްމީދު ހައިރާންވުމާއެކު އޮޅުންބޮޅުން ބޮޑު ވިސްނުމެއްގެ ތެރެއަށް ވަދެއްޖެއެވެ. އޭނާ އެތައް ފަހަރަކު ބުނުމާއެކުވެސް އުއްމީދު އޭނާއާ އެކީ އެކީގައި ބޭރަށް ދާކަށް އެއްބަހެއް ނުވިއެވެ. އެންމެ ފަހުން ރުޅި އައިސްފައި ހުރެގެން އޭނާ ނުކުމެގެން ހިނގައްޖެއެވެ.

އުއްމީދު ކަންބޮޑުވެފައި ހުރެގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

"ކިހިނެއްވީ؟ މާ ކަން ބޮޑުވެފައި ތިޔަ ހުރީ ކީއްވެގެން؟" އޭނާގެ މޫނުމަތީން ފެންނާން ހުރި ކަންބޮޑުވުމުގެ އަސަރުތައް ޢަޤީލާއަށް ފާހަގަ ކުރެވިއްޖެއެވެ.

"ކަމެއް ނުވޭ." އުއްމީދު އެނދުގައި އިށީނދެއްޖެއެވެ.

"އުއްމީދު ދިޔައީ ޖަހާންޒޭބާ ބައްދަލު ކުރާކަށްނު؟ ބައްދަލު ވެއްޖެތަ؟" ޢަޤީލާ އޭނާގެ މޫނަށް ފުން ނަޒަރެއް ހިންގައިލިއެވެ.

"އާނ."

"އަރައިރުންވީތަ؟"

"ނޫނޭ."

"ކިހިނެއްވީ؟"

"ޢަޤީލާ. އޭނާ ބޭނުންވީ އަހަރެން ގޮވައިގެން ބޭރަށް ދާން."

"ދެނޯ؟" ޢަޤީލާ ވަރަށް ހަމަޖެހިލައިގެން އިނދެ އަހައިލިއެވެ.

"ދެން... ދެން އަހަރެން އެކަމާ ދެކޮޅުހެދީ."

"ކީއްވެގެން؟"

"އެހެން ބޭރަށް ދިއުން ރަނގަޅު ކަމަކަށް ނުވާތީ."

"ރަނގަޅު ނުވަނީ ކީއްވެގެން؟ އެއީ އުއްމީދު އިންނާން އުޅޭ މީހާއެއްނު؟ އޭނާ އެނބުރި ރަށަށް އެ އައީ އެތައް އަހަރަކަށް ފަހު."

"އެކަމަކުވެސް އެއީ ރަނގަޅު ކަމެއް ނޫން." އޭނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. "ދަނާލުގައި އުޅޭ ކުދިން އަހަންނާ މެދު ދެކޭނީ ކިހިނެއް؟ އަހަރެންގެ ގޭ މީހުންނަށް އެނގިއްޖެއްޔާ ވާނީ ކިހިނެއް؟ އެމީހުން ބުނާނީ ކީކޭ؟"

"ދަނާލުގައި އުޅޭ ކުދިން ދެކޭނެ ގޮތަކާ މެދު ވިސްނުމަކީ ބޭކާރު ކަމެއް. އެމީހުން ކިޔާނެ އެއްޗެއް ކިޔައިފާނެ. ދެން އޮތީ ގޭ މީހުންގެ ވާހަކަ. ގޭ މީހުންނަށް އެނގޭނީ ކިހިނެއް؟ އެމީހުން އުޅެނީ ރާވަލްޕިންޑީގައި."

"މަކަރެއް ހަދަން އަހަރެން ބޭނުން ނުވަނީ އެހެން ވެގެން. ގޭ މީހުންގެ އިތުބާރަށް ލޮޅުން އަރާ ކަހަލަ ކަމެއް ކުރާކަށް އަހަންނަކަށް ނުކެރޭނެ." އޭނާ ބުނެލިއެވެ.

"ޖަހާންޒޭބް ރުޅި އައީ އަންނަންވެގެން. އުއްމީދު ކަހަލަ ކުއްޖަކާ މެދު ކަންތައް ކުރަން ޖެހޭނީ އޭނާ އެ ކުރި ގޮތަށް. އޭނާ އުއްމީދު ގޮވައިގެން ބޭރަށް ދާން އުޅުމަކީ އެހައި ނުބައި ކަމަކަށް ވީ ކީއްވެގެން؟"

"އެއީ ނުބައި ކަމެއް. ޖަހާންޒޭބާއި އަހަންނާ ދެމީހުން ކާވެނީގެ ކަންތައް ހަމަޖެހުނު ފަހުން ބައްޕަ އަހަރެން ގާތު އެއް ދުވަހަކު ބުނުއްވި އޭނާޔާ ފޯނުން ވާހަކަ ދެއްކުން އެންމެ ރަނގަޅޭ، އެކަމަކު އޭނާޔާއެކު ބޭރަށް ނުދައްޗޭ."

އުއްމީދުގެ ވާހަކަ އިވިފައި ޢަޤީލާ އަޖައިބެއް ކަހަލަ ގޮތަކަށް ހީނގެންފިއެވެ. "އުއްމީދުގެ ބައްޕަ ނިޔާވީތާ އެތައް އަހަރެއް ވެއްޖެ. ދުނިޔޭގައި ނެތް ބައެއްގެ ރަންބަސްތައް ތަކުރާރު ކުރުމަށްވުރެ ދުނިޔޭގައި ތިބި މީހުން އެދޭ އެދުންތަކާމެދު ވިސްނުން މާ ރަނގަޅު ވާނެ."

ޢަޤީލާގެ ވާހަކަ އިވުނީމާ އުއްމީދަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. ބައްޕަޔާ ބެހޭ ގޮތުން އެހައި ރަހުމުކުޑަ ވާހަކައެއް ޢަޤީލާ ދައްކައިފާނޭ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.

"އަހަރެން މި އުޅޭ ގޮތް ނިކަން ދެކިބަލަ. އަހަރެން ޝަފީޤާއެކު ވަރަށް ގިނައިން ބޭރަށް ދަން. އަހަރެމެން ދެމީހުން އަދި އެންގޭޖެއްވެސް ނުވަން. އުއްމީދުގެ ހަމައިން ބަލާނަމަ އަހަރެންވެސް މިއީ ވަރަށް ވިޔާނުދާ މީހެއްނު؟" ޢަޤީލާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

"ތިޔައީ ޢަޤީލާގެ އަމިއްލަ ނިންމުމެއް. އެހެން މީހުން އުޅޭ ގޮތަށް ފާޑު ކިޔުމަކީ އަހަރެން ކުރާ ކަމެއް ނޫން. އަހަރެން މި ބުނަނީ އަހަރެން ކުރަން ކަމުނުދާ ކަމެއްގެ ވާހަކަ. މީހަކު ކަމެއް ކުރެއެކޭވެސް ނުކުރެއެކޭވެސް އަހަރެން ނުބުނަން."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.