(10 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ގެއިން ނުކުންނާންދެން ޑޮކްޓަރ ޚޫރްޝީދު އުއްމީދާއެކު ދިޔައެވެ.
އުއްމީދު އޭނާޔާ ބައްދަލު ކުރަން އައި އައުން އަދިވެސް އީމަނަކަށް ރަނގަޅަކަށް ގަބޫލެއް ނުކުރެވެއެވެ. އެކަމުގެ ސަބަބުން ހިތަށް ވެރިވީ އުފާވެރިކަމުގެ މިންވަރެއް ކަނޑައަޅާކަށް އޭނާއަކަށް ނޭނގެއެވެ. އެކަމަކު ހިތުގައި އޮތް އުދާހާއި ދެރަވުމުގެ އިހުސާސް ނެތިގެން ހިނގައްޖެކަން ގައިމުވެއެވެ.
"ތިޔަ ބުނީ އެންމެ އަހަރެއްގެ ވާހަކައެއް ނޫން ހެއްޔެވެ؟ އަހަރެން މިހިރީ އުއްމީދަށްޓަކައި މުޅި އުމުރު ދުވަހު އިންތިޒާރު ކުރަންވެސް ތައްޔާރަށެވެ." އީމާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
ޑޮކްޓަރ ޚޫރްޝީދު އެނބުރި އައިސް ބޮޑު ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. އޭނާގެ ތުންފަތްމައްޗަށްވެސް ވަނީ މާނައިން ފުރިފައިވާ ހިނިތުންވުމެއް ވެރިވެފައެވެ.
"އީމާން ޢަލީ. އެއް އަހަރު ދުވަހުގެ ދިގު އިންތިޒާރެއް ކުރެވޭނެތަ؟"
"އާދެ. ކުރެވޭނެ. ކުރާނަން." އޭނާގެ އަޑުގައި ހުރީ ވަރުގަދަ އަޒުމެއްގެ އަސަރެވެ.
"އޭނާ ބޭނުންވަނީ އީމާނަކީ ދީންމަތީގައި ރަނގަޅަށް ސާބިތުވެ ހުންނަ މީހަކަށް ވާން." ގޮނޑިއެއްގައި އިށީންނަމުން ޚޫރްޝީދު ބުނެލިއެވެ.
"ނޫން." އީމާން ހިނިތުންވެލިއެވެ. "އޭނާ ބޭނުންވަނީ އަޅުގަނޑު އޭނާގެ މަތީން ހަނދާން ނައްތައިލަން. އެއް އަހަރު ދުވަހު އެއްވެސް ގުޅުމެއް ނުބާއްވައި، ބައްދަލު ނުކޮށް، ނުފެނި އުޅުނީމާ އޭނާގެ މަތީން އަޅުގަނޑު ހަނދާން ނެތިދާނެއޭ ހީވަނީ. އަޅުގަނޑުގެ ލޯބީގެ މިންވަރާއި ފަންވަރު އަދި އޭނާއަށް ނޭނގެނީ."
އީމާން ތެދުވެއްޖެއެވެ. ޚޫރްޝީދު އޭނާޔާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ.
* * *
އެއް އަހަރުދުވަސް ފާއިތު ވެގެން ދިޔައީ ކިހިނެއް ކަމެއް އޭނާއަކަށް ނޭނގެއެވެ.
އެ އެއް އަހަރު ދުވަހުގެ ތެރޭގައި ޑޮކްޓަރ ޚޫރްޝީދު ބުނި ހުރިހައި ކަމެއް އޭނާ ކުރިއެވެ. އޭގެ ކުރިން ޕާޓީތަކަށް ގޮސް ދޭތެރެދޭތެރެއިން ރާފޮދެއް ބޮއިލައެވެ. އެކަމަކު އެކަންވެސް ހުއްޓާލައިފިއެވެ. ސެކްރެޓަރީންނާ މިލިގެން އުޅުންވެސް މުޅީން ހުއްޓާލައިފިއެވެ. ކޮންމެ ރެއަކު ޚޫރްޝީދުގެ ގެއަށް ދެއެވެ. އޭނާޔާ ވާހަކަދައްކައި މައުލޫމާތު ހޯދައި ކިޔަވަމުން ގެންދިޔައެވެ. ދިރިއުޅުމާމެދު މީގެ ކުރިން އޭނާ ހިފެހެއްޓި އުސޫލުތަކާއި ވިސްނުން ބަދަލުވެގެން ހިނގައްޖެއެވެ. މައްސަލަތަކާ މެދު ދެކޭ ގޮތް ބަދަލުވެއްޖެއެވެ. އިހަށްވުރެ މާ ބޮޑަށް އޭނާގެ ކިބައިގައި ކެތްތެރިކަން އަށަގެންފިއެވެ. އަޚްލާގީ ހަމަތަކަށް ބަދަލު އަތުވެއްޖެއެވެ. ނޭނގި ނަމަވެސް މިހުރެވެނީ ދުނިޔޭގެ އެންމެ ބޮޑު ނިއުމަތުގެ ތެރޭގައި ކަމަށް ގަބޫލު ކުރެވޭން ފަށައިފިއެވެ. އިސްލާމަކަށް ވުމާއި އީމާންކަން ހާސިލުކުރުމަކީ ކޮންމެ ކޮންމެ މީހެއްގެ ތަގުދީރުގައި އޮންނަ ކަމެއް ނޫނެވެ. އޭނާ އިސްލާމަކަށް ވާން މަޖުބޫރު ކުރުވި އަންހެންކުއްޖާގެ މައްޗަށް އޭނާގެ ހިތުގައި އޮތް ލޯބި އެތައް ގުނައަކަށް އިތުރު ވެގެން ހިނގައްޖެއެވެ.
ދީން ބަދަލުކުރި ވާހަކަ އޭނާ މައިންބަފައިންނަކަށް ނާންގައެވެ. އެކަމަކު ޕާކިސްތާނުގައި މުސްލިމް އަންހެންކުއްޖަކާ އިންނަން އުޅޭ ވާހަކަ ބުންޏެވެ.
"މުސްލިމް ކުއްޖަކާއޭ؟ ދަރިފުޅުވެސް އިސްލާމަކަށް ވަނީތަ؟" ބައްޕަގެ ކުއްލި ސުވާލުގެ ސަބަބުން އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.
"ނޫނޭ. އަޅުގަނޑު ހުންނާނީ މިހާރުވެސް މިހިރަ ގޮތަށް. އޭނާ އުޅޭނީ އޭނާ މިހާރުވެސް ގަބޫލުކުރާ ދީނަށް. އެއީ އަހަރެމެން ދެ މީހުން އެއްބަސްވެފައިވާ ގޮތް."
މައިންބަފައިންގެ ހިތް ހަމަޖައްސައިދިނުމުގެ ގޮތުން އޭނާ ދޮގެއް ހަދައިލިއެވެ. އުއްމީދާ ގުޅިގެންވެސް މައިންބަފައިންގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. އެކަމަކު އީމާން ވާހަކަދައްކައިގެން އެ ޝައްކުވެސް ފިލުވައިފިއެވެ.
ޑޮކްޓަރ ޚޫރްޝީދުގެ ގޭގައި އޭނާ އުއްމީދާ ބައްދަލުކުރިތާ ބަރާބަރު އެއް އަހަރު ފުރުނު ދުވަހު އޭނާ އުއްމީދުގެ ގެއަށް ކާޑެއް ފޮނުވައިފިއެވެ. ޚޫރްޝީދު ހަމަ އެ ދުވަހު އުއްމީދުގެ ކޮއްކޮޔާ ބައްދަލުކޮށްފިއެވެ.
ދެ ދުވަސް ފަހުން އީމާން ލާހޯރަށް އަތުވެއްޖެއެވެ. ޚޫރްޝީދުގެ ގޭގައި އުއްމީދާ ބައްދަލުކޮށްފިއެވެ. އެއް އަހަރުގެ ދިގު މުއްދަތަކަށް ފަހު އުއްމީދު ފެނުނީމާވެސް އޭނާއަށް ހީކުރެވުނީ އިހަށް ދުވަހު ބައްދަލުވެފައިވާ މީހަކާ ބައްދަލު ކުރެވުނީ ކަމުގައެވެ. އޭނާގެ ސިކުނޑީގައި އުއްމީދުގެ ތަސްވީރު ބިންވަޅު ނެގިފައި ހުރި ގޮތަކާ މިހާރުވެސް އެއްވެސް ތަފާތެއް ނެތެވެ.
"އެއް އަހަރު ދުވަސް ފާއިތުވެގެން ހިނގައްޖެ. މިހާރު އަހަންނަކީ އިސްލާމަކީން. އަހަރެންގެ އީމާންކަމުގައިވެސް އަދި ނިޔަތުގައިވެސް ދިލައެއް މިލައެއް ނެތްކަން ޔަގީންކޮށް ދެވިއްޖެ. ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރަނގަޅު އިސްލާމަކު ކުރާނޭ ހުރިހައި ކަމެއް އަހަރެން ކުރިން. ނަމާދުކުރިން. ރޯދަހިފިން. ހަރާން އެއްޗެއް ނުކަން. ރާއެއް ނުބޮން. ރައްޓެހިވެގެން އުޅުނު ކުއްޖާވެސް ދޫކޮށްލައިފިން. ކީރިތި ޤުރްއާން ކިޔަވައިފިން. ދީނީ ކަންކަމުގައި އެއްޗެއް ނުދަންނަ މީހަކަށް މިހާރަކު އަހަންނެއް ނުވާނެ. އަހަރެންގެ ވަޢުދު ފުއްދައިފިން. ދެން އޮތީ އުއްމީދުގެ ވަޢުދު ފުއްދުން." އޭނާ އުއްމީދު ގާތު ބުންޏެވެ.
އޭގެ ތިން ދުވަސް ފަހުން އޭނާއާއި އުއްމީދުގެ ކާވެނި ސާދާ ރަސްމިއްޔާތެއްގައި ކޮށް ނިމިއްޖެއެވެ. އީމާން ޢަލީގެ ފަރާތުން ކާވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ ސުޢޫދު މުރުތަޟާއާއި ޑޮކްޓަރ ޚޫރްޝީދެވެ. އެއީ ދެ ހެކިވެރިންގެ ގޮތުގައެވެ. އުއްމީދުގެ ފަރާތުން ބައިވެރިވީ ހަމައެކަނި އާއިލާގެ މީހުންނެވެ.
އެ ދުވަހު އޭނާގެ އުފާވެރިކަން ހުރީ ވަކި މިވެނި މިންވަރެއްގައޭ ބުނުމަކީ މިހާރުވެސް އޭނާއަށް އުނދަގޫ ކަމެކެވެ. އެންމެ ފުރަތަމަ ދުށް ދުވަހު ލޯބިވެވިއްޖެއޭ އޭނާ ބުނީ ކާވެނީގެ ފުރަތަމަ ރޭ އުއްމީދާ ދެކެވުނު ވާހަކައިގެ ތެރޭގައެވެ. މަސް ދުވަސް ވާންދެން އޭނާގެ ފަހަތުން މުގޯލިއަޅަމުން ދިޔަ ވާހަކަވެސް ބުންޏެވެ. އެ ދުވަސްވަރު ކުރެހި ހުރިހައި ކުރެހުމެއްވެސް ދެއްކިއެވެ. އުއްމީދު އަނގައިންވެސް ނުބުނެ އޭނާގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ. އެޔަށް ފަހު ފެނުނީ ލޮލުން ކަރުނަ ފައިބާން ފެށިތަނެވެ. ދެން އިސްދަށަށް ޖަހައިލީއެވެ. އޭނާ ތަކުރާރުކޮށް އެހީމާވެސް ލޮލުން ކަރުނަ އައި ސަބަބެއް ނުބުންޏެވެ.
"އަހަންނާ އިނދެވުނީމާ ދެރަވަނީތަ؟"
"ނޭނގޭ. އީމާންގެ ވާހަކަ އަހަންނަށް ހަމަ ގަބޫލު ނުކުރެވެނީ. ހުރިހައި ވާހަކައަކީވެސް ރޯމަރުދޮގޭ ހީވަނީ." އުއްމީދު އިސް އުފުލައިލުމަށް ފަހު ކަރުނަ ބާލަމުން ބުނެލިއެވެ. އީމާން އެތައް އިރެއް ވާންދެން އަނގައިންވެސް ނުބުނެވިފައި އިނެވެ.
* * *
ހަފުތާއެއްހައި ދުވަސް ފަހުން އޭނާ އުއްމީދު ގޮވައިގެން މައިންބަފައިންނާ ބައްދަލުކުރުވަން ޖަރުމަނަށް ދިޔައެވެ. ފުރުމުގެ އެއް ދުވަސް ކުރިން އޭނާ އުއްމީދު ގާތު ބުންޏެވެ.
"އަހަރެން އިސްލާމަކަށް ވީ ކަމެއް އަދި އަހަރެންގެ މައިންބަފައިންނަކަށް ނޭނގޭނެ. ދުވަސްކޮޅެއް ފަހުން އަހަރެން އެމީހުން ގާތު ބުނާނަން. އޭގެ ކުރިން އެ މީހުންނަށް އެކަން ނާންގާތި."
އީމާން ހީކުރި ގޮތާ ޚިލާފަށް އެ ވާހަކަޔާ ގުޅިގެން އުއްމީދުގެ ފަރާތުން އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ނުވަތަ ނުރުހުމެއް ނުފެނުނެވެ. ހަމައެކަނި ބޯ ޖަހައިލީއެވެ. އެހެންވީމާ އީމާންގެ ހިތަށް ވަރަށް ވަރަށް ބޮޑު ހަމަޖެހުމެއް ވެރިވެއްޖެއެވެ. ފުރަތަމަ ހަފުތާ ވޭތުވެގެން ދިޔައީ އޭނާ ހީކުރިހައި ނުބައިކޮށެއް ނޫނެވެ. އުއްމީދު އޭނާޔާ ވާހަކަދައްކައެވެ. އޭނާގެ ވާހަކަތަކާ ގުޅިގެން ހިނިތުންވެއެވެ. އެކަމަކު ބައެއް ފަހަރު ވާހަކަދައްކަދައްކައި ހުރެފައި ކުއްލިއަކަށް ހިމޭނެްވެދެއެވެ. ހިމޭންކަމުގެ ތެރެއަށް ވަނުމަށް ފަހު އެތައް އިރެއް ވާންދެން އެހެން ހުރެދެއެވެ. އީމާން ކުރާ އެއްވެސް ކަމަކުން އެ ހިމޭންކަން ފޫދުއްވައެއް ނުލެވެއެވެ. އެކަމަކުވެސް އީމާންގެ ފިކުރު ބޮޑުވާވަރެއް ނުވެއެވެ.
"ވަގުތު ފާއިތުވާ ވަރަކަށް ދާނީ ރަނގަޅު ވަމުންނެވެ. ހުރިހައި ކަމެއެް ހަމައަކަށް އެޅިދާނެއެވެ. އަހަންނަށް އިތުބާރުކުރަން ފަށައިފާނެއެވެ. ލޯބިވާންވެސް ފަށައިފާނެއެވެ." އެކަހަލަ ކޮންމެ ދަނޑިވަޅަކު އީމާންގެ ހިތަށް މިހެން އަރައެވެ.
ޖަރުމަނުން އެނބުރި އައީ އެ ޔަގީންކަން އިތުރަށް ބޮޑު ވެގެންނެވެ. ޖަރުމަނުގައި ހޭދަކުރި ދުވަސްކޮޅު އޭނާގެ މައިންބަފައިންގެ ހިތްހަމަޖައްސައި ދިނުމުގައި އުއްމީދު ކާމިޔާބު ހޯދިތަން އޭނާއަށް ފެނުނީމާ ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. ދެމީހުންގެ މެދުގައި އޮތް ގާތްކަން އިހަށްވުރެ ބޮޑު ވެއްޖެކަމުގެ އިހުސާސްވެސް އެ ދުވަސްވަރު ކުރެވުނެވެ. އެ ދެ ހަފުތާގެ ތެރޭގައި އޭނާގެ ދިރިއުޅުމުގެ ދާސްތާން އަލިފުން ޔާއަށް އުއްމީދަށް ކިޔައިދީފިއެވެ. ކާވެނި ފާހަގަ ކުރުމުގެ ގޮތުން އޭނާގެ މައިންބަފައިން ހަފުލާއެއް ބޭއްވިއެވެ. އެ ހަފުލާގައި އާއިލާގެ އެންމެން އުއްމީދަށް ތައާރަފުކޮށްދިނެވެ.
އެނބުރި އައުމުގެ ދެ ދުވަހެއް ކުރިން ދިމާވީ ކަމަކުން އަނެއްކާވެސް އުއްމީދަށް "ހިމޭންބަލި" ޖެހިއްޖެއެވެ. އެ ދުވަހު އޭނާ އުއްމީދު ގޮވައިގެން ދިޔައީ ބާޒާރަށެވެ. އުއްމީދު ފިހާރައެއްގެ ތެރޭގައި ގަންޖުފަރާހެއް ގަނެގެން ކާޑުން ފައިސާ ދައްކަން ހުއްޓައި ކުއްލިއަކަށް އެއްލި ކަޅިއަކުން އީމާނަށް ފެނުނީ ފިހާރައިގެ ބޭރުން ދިޔަ އޭނާޔާ ދެބެއިންގެ ދެދަރި މީހެކެވެ. އޭނާ ފިހާރައިން ބޭރަށް ނުކުމެއްޖެއެވެ. އެ މީހާ ތަންކޮޅެއް ދުރަށް ހިނގައްޖެއެވެ. އެހެންވީމާ ޖެހުނީ ފަހަތުން ގޮސް އަރައި ހަމަކުރާށެވެ.
އޭނާޔާ ވާހަކަދައްކަން ދެތިން މިނިޓު ހުރެފައި ޕާކިސްތާނަށް ފުރަން އުޅޭ ވާހަކަވެސް ބުނެފައި އެނބުރި އައިސް ފިހާރައަށް ވަންއިރު އުއްމީދެއް ފެންނާކަށް ނެތެވެ. އޭނާ ކައުންޓަރު ދޮށަށް ހިނގައްޖެއެވެ. ކައުންޓަރު މަތީގައި އޮތް ގަންޖުފަރާސް އޭނާގެ އަތަށް ދީފައި އުއްމީދު އޭނާ ނުފެނިގެން ހޯދަމުން ގޮސް ފިހާރައިން ނުކުމެއްޖެއޭ ބުނީ ކައުންޓަރު ދޮށުގައި އިން ކުއްޖާއެވެ. އޭނާ ކަންބޮޑު ވެއްޖެއެވެ. ފިހާރައިން ނުކުމެ ބަލައިލީމާވެސް އުއްމީދެއް ނުއެއް ފެނުނެވެ. އަނެއްކާވެސް އެނބުރި އައިސް ފިހާރައަށް ވަދެއްޖެއެވެ. ހުރި ތާގައި ހުންނާންވީ ކަމެއް ހޯދަމުން ހިނގަންވީ ކަމެއް އޭނާއަކަށް ކުއްލިއަކަށް ނުވިސްނުނެވެ. އިރުކޮޅަކު ހުރުމަށް ފަހު އުއްމީދު އަތުވެއްޖެއްޔާ އެހެން ތަނަކަށް ނުގޮސް ހުންނާށޭ ބުނާށޭ ބުނެފައި އޭނާ ފިހާރައިން ނުކުމެއްޖެއެވެ.
ވަގުތު ހަލުއިކަމާއެކު ފާއިތުވަމުން ދިޔަވަރަކަށް އޭނާގެ ކަންބޮޑުވުންވެސް ދިޔައީ ބޮޑުވަމުންނެވެ. އުއްމީދަށް ނާންގައި ބޭރަށް ނުކުމެވުނީތީ މިހާރު ދެރަވެސް ވާން ފަށައިފިއެވެ. އުއްމީދަކަށް ޖަރުމަނު ބަހެއް ނޭނގެއެވެ. ތަންތަނަށް ދާނޭ މަގެއްވެސް އެހައި ރަނގަޅަކަށް ނޭނގެއެވެ. އެހެންވީމާ ކުލީކާރެއްގައި ގެއަށް ދާކަށްވެސް ނޭނގޭނެއެވެ. ގޭގެ އެޑްރެސް އޭނާއަށް އެނގޭ ކަމާމެދުވެސް އީމާނަށް ޝައްކެވެ.
އެ ވަގުތު ކުއްލިއަކަށް އިވުނީ ޝޮޕިން ސެންޓަރުގެ އިސްޕީކަރުން އޭނާގެ ނަން ގޮވި އަޑެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް އިންތިޒާމީ އޮފީހަށް ހިނގައްޖެއެވެ. އެތެރެއަށް ވަނުމާއެކު އޭނާއަށް ފެނުނީ ގޮނޑިއެއްގައި އިށީނދެގެން އިން އުއްމީދެވެ. އޭނާ ފެނުމާއެކު އުއްމީދުގެ ފަރާތުން ފެނުނީ ހީކުރި ކަހަލަ ރައްދު އަމަލެއް ނޫނެވެ. ކައިރިއަށް ޖެހިލުމާއެކު އުއްމީދު ވަރަށް ބާރަށް އޭނާ ކޮއްޕައިލިއެވެ.
"އަހަންނާ ކައިރި ނުވާތި. ކަލެޔާ ދިމާއަށް ބަލައިލާކަށްވެސް އަހަރެން ބޭނުމެއް ނޫން. އަހަރެން ގޮވައިގެން މި ރަށަށް އައީ އަހަރެން ދޫކޮށްލާފައި ފިލަންވެގެންތަ؟" އުއްމީދު ކުއްލިއަކަށް ހަޅޭއް ލަވަން ފަށައިފިއެވެ.
"އަހަރެން އެއްލައިލާފައި ފިލާނެކަން އަހަންނަށް މާ ކުރިންވެސް އެނގޭ. އަހަންނަށް ތެދުވެރި ނުވާނެކަން އެނގޭ. މަކަރު ހަދާނެކަންވެސް އެނގޭ. ކަލެއާ އިނުމަކީ އަހަންނަށް ކުރެވުނު ވަރަށް ދެރަކަމެއް." ވާހަކަދައްކަމުން ގޮސް އޭނާ ބާރަށް ރޯން ފަށައިފިއެވެ. އީމާން ކުރާނެ ކަމެއް ނޭނގިފައި ބަހަލައްޓައިގެން ހުރީއެވެ. އިންތިޒާމީ އޮފީހުގައި ތިބި ދެތިން މީހުން އެމީހުން ނުވެސް ދަންނަ ބަހަކުން ގޮވަމުން އެ ގެންދާ ގޮވެލިފަތި އެނގޭތޯ ވިސްނަމުން ގެންދަނީއެވެ. އެމީހުންގެ ކުރިމަތީގައި ސަކަރާތް ޖަހާކަށް އީމާން ބޭނުމެއް ނުވިއެވެ.
"އުއްމީދު. ބޭރަށް ހިނގާ. މި ތަނުން ނުކުމެ ވާހަކަދައްކާނީ."
"އަހަރެން އީމާނާއެކު ނުދާނަން. މިހާރު އަހަރެން ބޭނުމީ ރަށަށް ދާން." އުއްމީދު ރޮމުންރޮމުން ގޮސް އަނެއްކާވެސް ގޮނޑީގައި އިށީނދެއްޖެއެވެ.
އޭނާ އެތައް އިރެއް ވާންދެން އުއްމީދު ރުއްސޭތޯ ވާހަކަދެއްކިއެވެ. އެތައް ފަހަރަކު މައާފަށް އެދިއްޖެއެވެ. އެއިން އެއްވެސް ކަމަކުން ކުރި އަސަރެއް ނެތެވެ. ކުއްލިއަކަށް އީމާންގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ.
"އަހަރެން މިއީ އުއްމީދު ހިތާވެގެން އުޅޭ މީހެއް ނޫން. ދޫކޮށްލާފައި ދާނީ އެހެންނަމަތާ. އަހަރެން މިއީ އުއްމީދުގެ ފިރިމީހާ."
އުއްމީދު އިސް އުފުލައި ބަލައިލިއެވެ. އަދި އަނގައިން ނުބުނެ ތެދުވެގެން ގޮސް ނުކުމެއްޖެއެވެ. ނުކުމެގެން ދަމުން ކަންތައް ވީ ގޮތް އީމާން ކިޔައިދިނެވެ. އެ ވާހަކައަކަށް އުއްމީދު އެއްވެސް ރައްދެއް ނުދެއެވެ.
އެނބުރި ރަށަށް އައިސް ވޭތުވި ފުރަތަމަ ދެ ދުވަސްވެސް ދިޔައީ އެ ގޮތުގައެވެ. ގެއަށް އައިސް މައާފަށް އެދުނީމާވެސް އުއްމީދު ހިމޭނުން އިނީއެވެ. އީމާންގެ ހިތުގައި އޮތް ދެރަވުމުގެ އިހުސާސްވެސް ދިޔައީ ބޮޑުވަމުންނެވެ.
އެނބުރި އައިތާ ހަފުތާއެއްހައި ދުވަސް ފަހުން އުއްމީދު ރާވަލްޕިންޑީއަށް ހިނގައްޖެއެވެ. އީމާން ދިޔައީ ލާހޯރަށެވެ. އެންމެ ފުރަތަމަވެސް ދިޔައީ ޑޮކްޓަރ ޚޫރްޝީދާ ބައްދަލުކުރާށެވެ.
"ތިޔަ ކަހަލަ ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ. އެއީ އެހައި ބޮޑު ކަމެއް ނޫން. މަޑުމައިތިރިކަމާއެކު މުއާމަލާތް ކުރީމާ މަޑުމަޑުން ގޮސް ރަނގަޅު ވެދާނެ. އެހެން ނޫނަސް އަނބިންނާމެދު މަޑުމައިތިރިކަމާއެކު މުއާމަލާތްކުރަން އިސްލާމް ދީނުގައި އޮންނަނީ އަންގަވައިފައި." އޭނާގެ ވާހަކަ ކަނުލައި އެހުމަށް ފަހު ޚޫރްޝީދު ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ. "ލޯބިވާ އަންހެންމީހާ ދެއްވާތޯ ﷲ އަށް ދެންނެވީމެއްނު؟ އެ އަންހެންމީހާ ދެއްވައިފި. މިހާރު އޭނާ ކުޑަކޮށް ނުރުހުންވީމާ ތިޔަ އުޅެނީ ކަންބޮޑުވެގެން."
އީމާން ހިނިތުންވެލިއެވެ. "ކުޑަކޮށް ރުޅި އައީއެއް ނޫނޭ އިނގޭތޯ. ރުޅި އައީ އިންތިހާ ދަރަޖައަށް."
ޚޫރްޝީދު ހީނގެންފިއެވެ. "އޭނާ އީމާން ދެކެ ލޯބިވާން ފެށީމާ ހުރިހައި ރުޅިއެއް ވަޔަށް އަރައިގެން ހިނގައިދާނެ. ދެމީހުން އެކީގައި އުޅޭތާ އަދި މާ ގިނަ ދުވަހެއް ނުވެއެއްނު؟"
ޚޫރްޝީދާ ބައްދަލު ކުރެވުނީމާ އޭނާގެ ހިތް ހަމަޖެހިއްޖެއެވެ.
ހަފުތާއެއްހައި ދުވަސް ފަހުން އޭނާ އުއްމީދު ބަލައި ރާވަލްޕިންޑީއަށް ހިނގައްޖެއެވެ. އުއްމީދު އޭނާޔާ ބައްދަލުކުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް އޮތްހެން ހިއެއްވެސް ނުވެއެވެ. އޭނާ އުއްމީދަށް ޝުކުރު އަދާކުރިއެވެ.
ދިރިއުޅުން އާދައިގެ ގޮތެއް އޮވެގެން ކުރިއަށް ދެއެވެ. އުއްމީދުގެ ކިބައިން އާދަޔާ ޚިލާފު ދެކޮޅުވެރިކަމެއް ނުފެނެއެވެ. ހިތްހަމަ ނުޖެހޭ ކަހަލަ ކަމެއްވެސް ނުފެނެއެވެ. އެކަމަކު އެއްކަލަހެން ހިމޭންކަމުގެ ބަލި ޖެހުނީމާ އީމާން ވަރަށް ދެރަވެއެވެ. އެފަދަ ވަގުތެއްގައި އުއްމީދު އަނގައިން ބުނިއްޔާ ބުނެލަނީ ވަރަށް ހަރުކަށިކަމާއެކީގައެވެ. އެކަހަލަ ދަނޑިވަޅެއްގައިވެސް އުއްމީދާ އިނދެވުނީތީ އޭނާ ދެރައެއް ނުވެއެވެ. ސަބަބަކީ ކާވެނީގެ ސަބަބުން އޭނާއަށް ލިބުނު ހިތްހަމަޖެހުމެވެ. އޭނާގެ ދިރިއުޅުމަށް އައި އުފާވެރި ބަދަލެވެ. އެހެންވީމާ އުއްމީދުގެ މޫޑަށް އަންނަ ބަދަލަށްވެސް ކެތްކޮށްލަނީއެވެ.
މޫޑު ނުބައިކޮށް ހުރި ދުވަހަކު ދެކެވުނު ވާހަކައެއްގެ ތެރޭގައި އުއްމީދު ހިތި ރާގަކަށް ބުނެފިއެވެ. "އަހަރެން އީމާން ދެކެ ލޯބިނުވާކަން ދެނަހުރިންތަ؟ އަހަރެން ހަމައެކަނި އީމާނާ އިނީ. އީމާނާ އެކީ ދިރިއުޅެނީ. އެއީ އަހަރެން ގެއެއް ބޭނުންވާތީ. ގެ މި ލިބުނީ އީމާނާ އިނީމާ."
(ނުނިމޭ)
vvvv.reethi