އުއްމީދު - 11

(27 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އުއްމީދުގެ ކޮއްކޮ އަހަންނަށް ތާރީފު އެ ކުރީ ތަންކޮޅެއް ބޮޑުކޮށް. އަހަންނަކީ ޔުނިވަރުސިޓީގައި ކިޔަވައިދޭ މީހަކީން. އެ ނޫން އެއްވެސް ގާބިލިއްޔަތެއް އަހަންނަކަށް ލިބިފައެއް ނެތް." ކޮއްކޮ ވާހަކަދައްކައި ނިމުނީމާ ޑޮކްޓަރ ޚޫރްޝީދު ބުންޏެވެ.

އުއްމީދު އަނގަޔަކުން ނުބުނެއެވެ.

"މިހާރު އަހަންނަށް އެހެން ޝަރަފެއްވެސް ލިބިއްޖެ ކަމަށް ބަލާ. އަހަންނަށް މި ފެންނަނީ އެ ކުއްޖަކަށްޓަކައި މީހަކު އީމާންވާ ކަހަލަ އާދަޔާ ޚިލާފު ކުއްޖެއް."

އޭނާގެ ދެވަނަ ޖުމުލަ އިވުމާއެކު އުއްމީދު ކުޑަކޮށް ސަމާލުވެލިއެވެ.

"މިއީވެސް ޑެނިއަލް އެޑްގަރަށް ތާއީދުކުރާ މީހެއްތާއެވެ." އޭނާގެ ހިތުގައި ހިތި ޚިޔާލެއް ދައުރުވިއެވެ. ރުޅިއާއި ނުރުހުމުގެ އަސަރު ވެރިވެގެން ދިޔައެވެ. "މިހާރު މި އޮތީ ބޭރު މީހުންވެސް ގެއަށް އައިސް އަހަރެން ދިރިއުޅެންވާ ގޮތް ކިޔައިދޭ ހިސާބަށް އައިސްފައެވެ. އެންމެ ހެއްވާ ކަމަކީ އަހަރެންގެ ގޭގެ މީހުންވެސް މިހެން އަންނަ މީހުންނަށް ތާއިދުކުރާ ކަމެވެ."

އޭނާގެ ފިނި ނަޒަރު އަމާޒުވެފައި ހުރީ ޚޫރްޝީދްގެ ސީދާ މޫނަށެވެ.

"އުއްމީދު ޢާލަމް. ވަރަށް ރީތި ނަމެއް. ނަމަށްވުރެ ކަނބުލޮ މާ ރީތި. ނަމާއި ބުރުސޫރައަށްވުރެ ކަނބުލޮގެ ނަސީބު މާ ރޯޝަން." ޚޫރްޝީދް މިހާރު ވާހަކަދައްކަނީ މަޑުމައިތިރިކަމާ އެކުގައެވެ.

"އަހަރެންގެ ނަސީބު ރޯޝަން ވެފައި ވަނީ ކިހައި ވަރަކަށް ކަން އަހަރެން ނޫން މީހަކަށް އެނގޭނެ ހެއްޔެވެ؟" އޭނާގެ ހިތަށް އެރިއެވެ.

ކޮއްކު ސައި ހަދާށޭ ކިޔައިފައި ތެދުވެގެން ހިނގައްޖެއެވެ.

"އަޅުގަނޑުގެ ސުވާލަކަށް ޖަވާބު ދެއްވަބައްލަވާ. ތިޔައީ ނުލާހިކު ބޮޑު ޢިލްމުވެރިއެއް. ދީނާއި ދުނިޔެ ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް. މީހަކާ އިންނަންވެގެން ދީން ބަދަލުކުރާ މީހަކަށް އިތުބާރު ކުރެވޭނީ ކިހައި ވަރަކަށްކަން ވިދާޅުވެ ދެއްވަބައްލަވާ. ފަހުން ދީން ބަދަލުކޮށް ކުފުރު ވެދާނޭ ކަމުގެ ބިރު އޮތް މީހަކާ މުސްލިމް އަންހެނަކު އިނުމަކީ ރަނގަޅު ކަމެއްތޯ؟ ތިޔަ ވަރުގެ ބޮޑެތި ދަންނަބޭކަލުން ވަޑައިގެން އެކަހަލަ މީހުންނާ އިންނަން މުސްލިމް އަންހެން ކުދިންނަށް މަޖުބޫރު ކުރައްވާ ކަމަށް ވަންޏާ އެ ކުދިން ހިދާޔަތެއް ހޯދަން ދާނޭ ތަނެއް އޮންނާނެތޯ؟"

އުއްމީދުގެ އަޑުގައި ނުރުހުމާއި ހިތިކަން އާދަޔާ ޚިލާފަށް އެކުލެވިފައި ވުމާއެކުވެސް ޚޫރްޝީދް ގެ ތުންފަތްމައްޗަށް ވެރިވެފައި ހުރި ހިނިތުންވުން ފޮހެވިގެންނެއް ނުދިޔައެވެ. މަޑުމައިތިރިކަމާއެކު އަޑުއަހަން އިނީއެވެ.

"އަހަރެން މި ގެއަށް މި އައީ ޢިލްމުވެރިއެއްގެ ހައިސިއްޔަތަކުންނެއް ނޫން. އިސްލާމެއްގެ ހައިސިއްޔަތުން."

"އެކަމަކު ތިޔަ ވަޑައިގަތީ ނަމުގައި އިސްލާމަކާ އިންނަން މުސްލިމް އަންހެން ކުއްޖަކަށް މަޖުބޫރު ކުރުވަން ނޫންތޯ؟"

"އުއްމީދު. ނަމުގައި އިސްލާމެކޭ ތިޔަ ބުނާ ބަހުގެ މާނައަކީ ކޮބާ؟ އީމާން ޢަލީ އަކީ ނަމުގައި އިސްލާމަކަށް ވާނަމަ އަހަރެމެން އެންމެންނަކީވެސް ނަމުގައި އިސްލާމުންނަކަށް ނުވޭތަ؟ އަހަރެމެންގެ ބަހާއި ޢަމަލު ހުންނަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށްތަ؟ އަހަރެމެންގެ އީމާންކަމުގައި އެއްވެސް އުރަތްޕެއް ނެތް. އެކަމަކު ތާއަބަދު މި ތިބެނީ އިސްލާމުންގެ ގެއަކަށް އުފަންވީތީ އެކަމުގެ ފައިދާ ނަގަނަގައި. ދީނަށްޓަކައި ގުރުބާންވާން ޖެހޭ ވަގުތު އަންނައިރު ސަފުގައި ދޮޅަހަކަށް މީހުންވެސް ހަމައެއް ނުވޭ. އިސްލާމަކަށް ވީތީ ލިބޭން އޮތް ފައިދާއެއް ލިބިގަންނާން ޖެހުނީމާ ތިމާ ނޫން އެހެން އެއްވެސް މީހަކީ އިސްލާމެއް ކަމަކަށް ނުބަލާ."

"އަޅުގަނޑު މިއީ ތިޔަ ވިދާޅުވާ ކަހަލަ އިސްލާމަކީމެއް ނޫން. އީމާންކަމަށްޓަކައި އަޅުގަނޑު ދޫކޮށްލީ ކޮން އެއްޗެއް ކަމާއި ކޮންފަދަ ކަންކަމެއްކަން ތިޔަ ބޭފުޅާއަކަށް އެނގިވަޑައެއް ނުގަންނަވާނެ. އަޅުގަނޑު މިހިރީ އަޅުގަނޑުގެ ހުރިހައި އެދުމަކާއި ހުވަފެނެއް މަރައިލާފައި. އެހެންވީމާ އަޅުގަނޑުގެ ބަހާއި ޢަމަލުގެ ވާހަކަ ނުދައްކަވާ. އަޅުގަނޑުގެ އީމާންކަން ބަލިކަށި ނަމަ އަޅުގަނޑުގެ އަތުގައި މި ވަގުތު ދުނިޔެއިން މީހަކު ބޭނުންވާނޭ ހުރިހައި އެއްޗެއް ހުރީސް. އަޅުގަނޑު މިހިރީ އަޅުގަނޑުގެ ބޯމައްޗަށް ހިޔާ އަޅަން ނަގާފައި ހުރި ކުޑަ، ދީނަށްޓަކައި އެއްލައިލާފައި ރަތްދަކަ އަވީގައި ހުސް ފަޔާ ހިނގާފައި އެތައް މަގެއް ހުރަސްކޮށްފައި. އެހެން އިސްލާމުންނާއި އަޅުގަނޑާ ހުރި ތަފާތު ބަލައި މިނެ ކިރައި ހެދުމުގެ ހައްގު އަޅުގަނޑަށް އޮންނާނެ. ހިޔަލުގައި އަރާމުކޮށް ތިބޭންވެގެން އަވި ގަދަ މާޙައުލު ދޫކޮށްލައި މީހަކު ޖަހާހައި ބެރަކަށް ނަށާ މީހުންނާ އަޅުގަނޑާ އަޅައި ބެލުމަކީ އަޅުގަނޑަށް ލިބިގެންވާ ހައްގެއް."

ޚޫރްޝީދުގެ ވާހަކަ އިވިފައި މިކަހަލަ ރުޅިވެރި ވާހަކަތަކެއް ދައްކާނޭ ކަމަކަށް ޚޫރްޝީދު ހިއެއް ނުކުރެއެވެ. ޚުދު އުއްމީދުވެސް ހިއެއް ނުކުރެއެވެ.

"އުއްމީދު ޢާލަމް. އެއްވެސް މީހަކަށް ﷲ އަށް ހެޔޮކަމެއް ކޮށެއް ނުދެވޭނެ. އިންސާނުންގެ ހެޔޮ އަމަލުގެ ފައިދާ ހުރީ އެ ޢަމަލެއް ކުރާ ބަޔަކަށް. ﷲ އަކަށް ނޫން. އުއްމީދުގެ ހެޔޮ ކަމުގެ ބަދަލުގައި ﷲ އެކަމުގެ ބަދަލު ހެޔޮ ގޮތުގައި ދެއްވާނެ."

"ނޫން. ބައެއް އެއްޗެހި އަތުން ބީވެގެން ދިޔައީމާ ބަދަލުގައި އެޔަށްވުރެ ރަނގަޅު އެއްޗެއް ނުލިބޭ. އެހެން އެއްވެސް އެއްޗެއް ބީވީ އެއްޗަކަށްވުރެ ރަނގަޅެއްވެސް ނުވޭ."

އޭނާގެ ލޮލުގައި ހުރި ތެތްކަން ޚޫރްޝީދަށް ފާހަގަ ކުރެވިއްޖެއެވެ.

"ދީނަށްޓަކައި މީހަކު ކުރާ އެއްވެސް ކަމަކީ ބޭކާރު ކަމަކަށް ނުވާނެ. ގެއްލުން ހުރި ކަމަކަށްވެސް ނުވާނެ. ކޮންމެ އެއްޗެއްގެ ބަދަލު ހެޔޮ ގޮތުގައި މި ދުނިޔޭގައި ވަނީ ލައްވައިފައި. އެކަން ކަނބުލޮއަށް އެނގޭނީ އެފަދަ ބަދަލެއް ލިބުނީމާ."

"އިންސާނާގެ ހިތުގައި ތިޔަ ވިދާޅުވާ ކަހަލަ ބަދަލެއްގެ އެދުމެއް ނެތިއްޔާޔޯ؟"

"އިންސާނާގެ އެދުމަކީ ﷲ ގެ ޝައުގުވެރިކަމެއް އޮންނަ ކަމެއް ނޫން. އެކަލާނގެ ތަގުދީރު ބިނާ ކުރައްވަނީ ޚުދު އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތަކަށް. މީހަކަށް ލިބެން ޖެހެނީ ކޮން އެއްޗެއް ކަމާއި ލިބިގެން ނުވާނީ ކޮން އެއްޗެއްކަން ނިންމަވަނީ އެ ކަލާނގެ. މީހަކަށް ދެއްވަން ކަނޑައަޅުއްވައިފައިވާ އެއްޗަކަށް އެމީހަކު އެދުނަސް ނޭދުނަސް އެ މީހަކާ ހަމައަށް އަންނާނެ. އެ އެއްޗެއް އެހެން މީހަކާ ދިމާއަކަށް ނުދާނެ. އެ މީހަކަށް ލިބެން ކަނޑައަޅުއްވައިފައި ނުވާ އެއްޗެއް ނަމަ އެހެން މީހަކާ ދިމާއަށްވެސް ހިނގައިދާނެ. އިންސާނާގެ އެންމެ ބޮޑު މައްސަލައަކީ ބީވެގެންދާ އެއްޗަކާ ހެދި ހިތާމަކޮށްކޮށް ތުންގަނޑު ބިމަށް ހަރައިގެން ހުންނަ ހުރުން. އޭނާޔާ ދިމާއަށް އަންނަ އެއްޗެއްގެ އެދުން ހިތުގައި ނުހިނގާކަން."

"ކަނބުލޮ ދީނަށްޓަކައި ދޫކޮށްލީ ކޮން އެއްޗެއް ހެއްޔެކޭ އަހަރެން ނާހާނަން. އެކަމަކު ދޫކޮށްލީ ކީއްވެގެންހޭ އަހައިލާނަން. ސަބަބަކީ ﷲ އަށްޓަކައި ދޫކޮށްލާ އެއްޗަކަށްޓަކައި ފަޚުރުވެރި ވުމުގެ ބަދަލުގައި ތިޔަ ކުރަނީ ހިތާމަ. ތިޔަހެން ކުރާ ހިތާމައަކީ ފާފައަކަށްވުރެވެސް ބޮޑު ކަމެއް. ތިޔަ ކަހަލަ ކަމެއްގެ ސަބަބުން އިންސާނާގެ ހެޔޮ ކަންތައްތައްވެސް ހަލާކު ވެގެން ހިނގައިދޭ. ﷲ އަށްޓަކައި ކުރާ ކޮންމެ ޢަމަލަކަށްޓަކައި ޝުކުރުވެރިވެ ފަޚުރުވެރި ވާންވާނެ. އެއީ ﷲ މެދުވެރި ކުރެއްވި އިމްތިހާނުގައި އެކަލާނގެ ރުއްސަވާ މަގުގައި ގާއިމުވެ ހުރުމުގެ ތައުފީގު ދެއްވިޔަތީ. އެކަމަކު އެ ޢަމަލު ކުރެވުނީތީ ދެރަވާ ކަމުގައި ވާނަމަ ޤުރްބާނީގެ ބޭނުމެއް ނެތް. ހިޔާދޭ ތަނެއް ޚިޔާރު ކުރީމާ އޮންނާނީ ނިމިފައި. ކަނބުލޮގެ ކުރިމަތީގައިވެސް ދެ މަގެއް އޮތް. އެއްވެސް މީހަކު ކަނބުލޮއަށް މަޖުބޫރު ނުކުރެއެއްނު؟ ހަމަގައިމުވެސް ﷲ މަޖުބޫރެއް ނުކުރައްވާ. އެކަލާނގެ ވަނީ ދެމަގުން ކުރެ ބޭނުން މަގެއް ޚިޔާރު ކުރުމުގެ ހައްގާއި އިޚްތިޔާރު ކަނބުލޮއަށް ދެއްވާފައި. އެހެންވީމާ މިހާރު ތިޔަ ކުރަނީ ކޮން ހިތާމައެއް؟"

"އަހަރެން މި އައީ އިސްލާމްކަމުގެ ހެކިވެރިއެއްގެ ގޮތުގައެއް ނޫން. ކަނބުލޮގެ އީމާންކަމުގެ ވަރުގަދަކަން ބަލާކަށެއްވެސް ނޫން. މި އައީ އީމާން ޢަލީއަށްޓަކައި މި ދެ ކަންތައް ކުރަން. އަހަރެން މިއީ އޭނާގެ އިސްލާމްކަމުގެ ހެއްކަކީން. އަދި އޭނާ މުޅި އުމުރުދުވަހު އިސްލާމެއްގެ ގޮތުގައި ދެމި ހުންނާނެކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް. އީމާން ކަނބުލޮއަށްޓަކައި އެދޭވަރަށް މީހަކު އެދޭ އަންހެނުންނަކީ މި ދުނިޔޭގައި މަދު ބައެއް. އުއްމީދު. ކަނބުލޮ އުފާން ކުރަން ޖެހޭ. ކަނބުލޮއަށްޓަކައި ފަސްބައި ފަތުރައިލައިގެން ހުރީ ކިސަޑުގައި ފޮޅޭ ލޮޓަސް މަލެއް. ކިސަޑުގައި ފޮޅޭތީ ލޮޓަސް މަލަށް މަލެކޭ ކިޔުން މީހުން ހުއްޓައެއް ނުލާ. އެ މަލުގެ މީރު ވަހަކަށްވެސް ބަދަލެއް ނާދޭ. މީހުން ގެންދަނީ މަލުގެ ވަސް ބަލަމުން މީރު ވަހަށް އިއުތިރާފުވަމުން."

އޭނާ ހިމޭނުން ޚޫރްޝީދުގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ.

"އަހަރެން ބުނަން ބޭނުންވަނީ އެންމެ ވާހަކައެއް. އަތުން ބީވެގެންދާ ކޮންމެ އެއްޗެއްގެ ބަދަލުގައި އެހެން އެއްޗެއް ﷲ ދެއްވާ. މިއަދު އީމާން ޢަލީ އެހެރީ ކަނބުލޮއަށް އެދިއެދި. އޭނާއަށް ކަނބުލޮ ނުލިބުނިއްޔާ ވާނީ ކިހިނެއް؟ ﷲ އޭނާއަށްޓަކައި ކަނބުލޮއަށްވުރެ މާ ރަނގަޅު މާ ހެޔޮ މީހަކު އިރާދަކުރައްވާނެ. ނުވަތަ މާ ހެޔޮ ބަދަލެއް މެދުވެރި ކުރައްވާނެ. ﷲ އަކީ ރުހިވޮޑިގަތުން ބޮޑު ކަލެއް. މީހަކުގެ ލޯބި ތިޔަހެން އަނބުރައި ޖެހުމަކީ ރަނގަޅު ކަމެއް ނޫން. ކަނބުލޮ ތިޔަ ދެކޮޅު ހަދަނީ އެ މީހެއްގެ ހަޔާތުގައި އެންމެ އަންހެނަކު ހުރި މީހެއް. އެ އަންހެނަކީ ކަނބުލޮ. އޭނާ ކަނބުލޮގެ ނަން ދޫމައްޗަށް ގެންނަ އިއްޒަތާއި ގަދަރާއި ލޯބީގެ ސަބަބުން އަހަރެންގެ ހިތުގައި ހަސަދަވެރިކަންވެސް އުފެދޭ. އަންހެނުން ދެކެ ލޯބިވުމަކީ ކޮންމެ ފިރިހެނަކުވެސް ކުރާ ކަމެއް. އެކަމަކު އަންހެނުންނަށް އިއްޒަތާއި ގަދަރު ދެނީ މަދު ފިރިހެނެއް."

އުއްމީދުގެ ހަށިގަނޑުގައި ބާވަތެއްގެ ތުރުތުރެއް އެކުލެވިއްޖެއެވެ. އޭނާގެ ހަނދާނަށް އެހެން ކަމެއް އައީއެވެ. އޭނާ ބިންފަޅައި އަޑިއަށް ދާކަމުގައި އިހުސާސް ކުރެވޭން ފަށައިފިއެވެ.

"އަހަންނަށް ހީވާ ގޮތުގައި ކަނބުލޮގެ ޢަމަލު ވެގެން ގޮސްފައި ވަނީ ﷲ ވަރަށް ބޮޑަށް ރުހިވޮޑިގަތް ޢަމަލަކަށް. ކަނބުލޮއަށްޓަކައި ތިމާގެ ދީން ދޫކޮށްލާ ވަރުގެ މީހަކު ކުރިމައްޗަށް ގެންނެވީ އެހެން ވެގެން ކަމުގައި ވެދާނެ. ނިކަން ވިސްނައިލަބަލަ. އެ މީހާ ކަނބުލޮއާއެކު ކިހައި ސާބިތު ކަމަކާއެކު ދެމި ހުންނާނެ؟"

އުއްމީދުގެ ލޮލަށް ފުސްބުރަން ފަށައިފިއެވެ.

"އަހަރެމެންގެ ދީނުގެ އެންމެ ރީތި ކަމަކީ އެ ދީނުގައި މީހެއްގެ ނަސަބާއި ހަސަބަށް ބެލުން ނޯންނަކަން. އައު މުސްލިމަކާއި ބައު މުސްލިމަކާ ތަފާތު ނުކުރާކަން. އަހަރެމެން ވާން ޖެހޭނީ އަންޞާރިއްޔަ ބޭކަލުން ފަދަ ބަޔަކަށް. އަހަރެމެންގެ ގާތަށް އަންނަ މެހުމާނުންނަށް މަރުހަބާ ކިޔައި ކޮނޑާއި ކޮނޑު ޖައްސައި ސަލާން ކުރާ ބަޔަކަށް. މެހުމާނުގެ ހަސަބާއި ނަސަބާއި ޢަޤީދާ ކޮނެ ނެރެގެން ފާޑުކިޔާ ބަޔަކަށް ނޫން. އަމިއްލަ ދުލުން ތިމަން މިއީ އިސްލާމަކީމޭ ބުނާ ކޮންމެ މީހަކީ އިސްލާމެއް. އަހަރެމެން ގަބޫލު ކުރުމަކުން ނުކުރުމަކުން އެ މީހާގެ އީމާންކަމަކަށް ބަދަލެއް ނާންނާނެ. ބަދަލެއް އައިއްޔާ އަންނާނީ އަހަރެމެންގެ އީމާންކަމަށް."

އޭނާ ހެދުމުގެ އަތުކުރިން މޫނު ފޮހެލިއެވެ.

"ކަނބުލޮއަކީ ތަގުދީރަށް އީމާންވާ ކުއްޖަކު ކަމުގައި ވަނީވިއްޔާ އީމާން ޢަލީ ކަނބުލޮގެ ތަގުދީރުގައި ލިޔުއްވީ ކަމަށް ގަބޫލުކުރޭ. މީގެ ކުރިން ކަނބުލޮއަށް އެހެން މީހަކު ދެއްވަން ﷲ އިރާދަކުރައްވާފައި ނެތީ. އަދި ފަހުން ދެއްވަން އިރާދަކުރައްވާފައި ނެތީ ކަމުގައިވެސް ވެދާނެ. ކަނބުލު ފެނިފައި އަހަންނަށް ކުރެވުނު އިހުސާސެއްގެ ވާހަކަވެސް ބުނެލާނަން. އަހަރެންގެ ވާހަކައިގެ ސަބަބުން ކަނބުލޮގެ ހިތް ވިރިގެން ނުދިޔަނަމަވެސް އީމާން ޢަލީގެ ދުޢާގެ ސަބަބުން އޭނާއަށް ކަނބުލޮ ލިބޭނެއޭ ހިތަށް އެބައަރާ. އޭނާގެ ދުލުގައި ލައްވައިފައިވާ ބާރެއްގެ ސަބަބުން އަހާ މީހަކު ސިހޭނެ. އަޑުއަހާ މީހަކު އޭނާގެ ކޮޅަށް ލެނބޭގޮތްވޭ. އެކަމަކު އޭނާ މިހާރުވެސް އެހެރީއަކީ ބަލިވެފައެއް ނޫން. ކުރާނޭ ކަމެއް ނޭނގޭފަދަ މަރުހަލާއެއްގައި."

* * *

އެ ރޭ އޭނާގެ ހާލަތު ބަދަލު ވެގެން ދިޔައީ އާދަޔާ ޚިލާފު ގޮތަކަށެވެ. މުޅި ދިރިއުޅުން ފިލްމެއް ރީލެއްހެން ކުރިމަތީގައި ނިއުޅުވެމުން ދިޔައެވެ. ކޮންމެ ހަނދާނަކާއި ކޮންމެ ތަސްވީރެއް އެންމެ ފަހުން ގޮސް ހުއްޓެނީ ޖަހާންޒޭބާ ހަމައިގައެވެ.

"އަހަންނަށް އެހެން މީހަކާ އިނދެވިދާނެ ހެއްޔެވެ؟ އަހަރެން މިހިރީ އަހަރެންގެ ހުރިހައި ހުވަފެނެއް އެހެން ފިރިހެނަކަށް ހިބަކޮށްދީގެންނެވެ. އަހަރެން ދިރިއުޅުމުގެ ކޮންމެ ކަމެއް ދެކެނީ އެހެން މީހަކަށްޓަކައެވެ. އަހަރެން އީމާން ޢަލީއަށް ދޭނީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެންގެ ކޮންމެ ލަފުޒެއް، ކޮންމެ އަކުރެއް، ކޮންމެ ޖަޒުބާތެއް، ކޮންމެ އިހުސާސެއް ގޮސް ގުޅެނީ ޖަހާންޒޭބާއެވެ. އެހެން މީހަކަށް ދޭނޭ އެއްވެސް އެއްޗެއް އަހަރެންގެ އަތަކު ނެތެވެ."

އޭނާއަށް ނޭވާލާން އުނދަގޫވާން ފަށައިފިއެވެ. "ޑޮކްޓަރ ޚޫރްޝީދު ބުނާ ގޮތުގައި އީމާން ޢަލީ ވަނީ އަހަރެން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އަހަންނަށް އެދި އެތައް ދުޢާއެއް ކޮށްފައެވެ. އެހެންވީމާ ﷲ ވަނީ އޭނާގެ ތަގުދީރުގައި އަހަރެން ލިޔުއްވައިފައެވެ. އަހަރެންވެސް ޖަހާންޒޭބް ދެކެ ލޯބިވީމެވެ. އޭނާއަށް އެދި އެތައް ދުޢާއެއް ކުރީމެވެ. އަހަރެންގެ ތަގުދީރުގައި އޭނާގެ ނަން ނުލިޔުއްވީ ކީއްވެގެން ބާވައެވެ؟ އީމާން ޢަލީ އެ ގެންދަނީ ދިމާވާ ކޮންމެ މީހަކު ގާތު އަހަންނަށް އެދެމުންނެވެ. އަހަރެން ޖަހާންޒޭބަށް އެދުނީ ހަމައެކަނި ﷲ ގެ ޙަޟުރަތުންނެވެ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.