ރާއްޖޭގެ ލެޖަންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ސޮބާ ޕީޕީއެމް އާ ގުޅިއްޖެ

ރާއްޖޭގެ ލެޖަންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ސޮބާހު މުހައްމަދު (ސޮބާ) ޕީޕީއެމް އާ ގުޅިއްޖެއެވެ.

ރާއްޖޭގެ ގައުމީ ޓީމަށް ގިނަ މެޗްތަކެއް ކުޅެ، 2008 ވަނަ އަހަރު ރާއްޖެއަށް ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ރަން މެޑެލް ހޯދި ޓީމުގައި ހިމެނުނު މުހިއްމު ކުޅުންތެރިޔާ ވަނީ ޕީޕީއެމް އަށް ސޮއިކުރުމަށް ފަހު އޭނާގެ ފޯމް އެ ޕާޓީގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީނާ ޙަވާލުކޮށްފައެވެ.

އިތުބާރު ޑިފެންޑަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ސޮބާ ވަނީ 12 އަހަރު ވަންދެން ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައެވެ. މީގެ ހައެއްކަ އަހަރު ކުރިން އޭނާ ކުޅުން ހުއްޓާލުމަށްފަހު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައިވާއިރު، ނިއުރޭޑިއަންޓާއި ވެލެންސިއާ އަށް ވެސް ސޮބާ ވަނީ ކޯޗުކޮށްދީފައެވެ.

ސިޔާސީ މަސްރަހުން ފެނިފާނުވާ ސޮބާގެ އިތުރުން އައްޑޫ ސިޓީ މީދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އަލީ ޝަހީމް ވެސް ވަނީ ޕީޕީއެމް އަށް ސޮއިކޮށްފައެވެ.

ސޮބާ އާއި އަލީ ޝަހީމް ޕީޕީއެމް އަށް ސޮއިކޮށްފައިވާތީ ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑަރޝިޕުން ވަނީ މި ދެ މީހުންނަށް މަރުހަބާ ދަންނަވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން ރާއްޖޭގައި ދެވަނައަށް އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަކީ ޕީޕީއެމް އެވެ. ޕީޕީއެމްގައި މިވަގުތު 34،368 މެންބަރުން އެބަތިއްބެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.