ތަރައްގީގެ އަސްލަކީ ވެރިކަމުގައި ޕްރިމިއަރ އިކޮނޮމިސްޓް ހުންނެވުން: މުންދު

ރާއްޖެއަށް އަންނަމުން މިދާ ތަރައްގީއާއި ކުރިއެރުމުގެ އަސްލަކީ ރާއްޖެގެ ވެރިކަމަށް ޕްރިމިއަރ އިކޮނޮމިސްޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންނެވުން ކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޕީއެސްއެމްއިން ރޭ ގެނެސްދެއްވި "އެންމެފުރަތަމަ ގައުމު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖެއަށް އަންނަމުންދާ ކުރިއެރުމާއި، ކުރިން ހައްލުނުވެ ހުރި ކަންކަން ހައްލުވަމުންދާތީ އެކަން ފާހަގަ ކުރައްވައި ޕްރެޒެންޓަރު ސުވާލު ދެންނެވުމުން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ "ދެހާސްތޭރަވަނަ އަހަރު ރާއްޖޭގެ ހާލަތަށް ބަލާއިރު އިގްތިސާދީ ގޮތުން ވަރަށްބޮޑު ކަންބޮޑުވުމެއް އޮތް. އެހެންވީމާ އަޅުގަނޑުމެންގެ ރާއްޖޭގެ ޕްރިމިއަރ އިކޮނޮމިސްޓް ދެއްތޯ އަޅުގަނޑުމެން ވެރިކަމަށް މިގެނައީ. އިގްތިސާދީ، މާލީ ކަންކަމުގެ އެންމެ ފުންނާބު އުސް ބޭފުޅަކީ ރައީސް ޔާމީން ކަމަށްވާތީ އެމަނިކުފާނު ވެރިކަމަށް ގެންނެވީ. މިލިބޭ ތަރައްގީގެ އަސްލަކީ ސީދާ ރައީސް ޔާމީން،" މުންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެއްވުމަށް ރައީސް ޔާމީން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ކަމަށެވެ. އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަންކަން ހާސިލް ކުރެއްވުމަށްފަހު އިތުރަށްވެސް އެގެންދަވަނީ ހާސިލް ކުރައްވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ގައުމުގެ މުސްތަގުބަލް އޮންނާނެ ގޮތުގެ ތަފްސީލީ ކުރެހުމެއް އިސްތަށިފުޅުގައި ކުރައްސަވައިގެން ކަމަށް މުންދު ވިދާޅުވިއެވެ. ރައީސް ޔާމީނަކީ މަސައްކަތްތެރި ބޭފުޅެއް ކަމަށާއި ދެއްކުމުގެބައި އެމަނިކުފާނުގެ ކުޑަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ޔާމީން ކުރައްވަން ނިންމެވި ކަންކަން ކުރައްވާފައި ވަގުތު އޮވެގެން އިތުރު ކަންކަން ކުރައްވަމުން އެގެންދަވަނީ. އެއީ ހައިރާންވާވަރުގެ ކަމެއް. މިސާލަކަށް މެނިފެސްޓޯ ލިޔުއްވިއިރު މަލިކު ސަލްމާންގެ މިސްކިތުގެ ވާހަކައެއް ނުދައްކަވާ. އޭރުނެތް އެފޮޓޯ ކުރައްސަވާފައި ރައްޔިތުންނަށް ދައްކަވާފައެއް. އެކަމަކު އެކަން އެއޮތީ ކުރައްވާފައި،" އޭނާ ވިދާޅުވިއެވެ.

އެޑިޔުކޭޝަން މެނިފެސްޓޯ ފުރިހަމަވެގެން އެކަމުގެ މައްޗަށް އިތުރު ކަންތައްތަކެއް އަންނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "މިސާލަކަށް މެނިފެސްޓޯގައި އޮންނާނީ ޓީޗަރުން ވަކި ފެންވަރަކަށް ގެންދާނަމޭ. މިހާރު އަމާޒު ހިއްޕަވާފައި އެހުރީ ޕްރިންސިޕަލުންގެ ފެންވަރު ވަކި ހިސާބަކަށް ގެންދަވަން. އެއީ ޓީޗަރުންގެ އަމާޒަށް ވާސިލްވާތީ ނުވަތަ މުއްދަތުގެ ކުރިން އެކަންވާތީ ދެއްތޯ،" މުންދު ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ކިތަންމެ ބޮޑު އަގެއް ދައްކަވައިގެންވެސް ކުރައްވަން ބޭނުންފުޅުވާ ކަމެއް ހާސިލް ކުރައްވާނެ ބޭފުޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކަންކުރަންވީ ވަގުތާއި، ކުރަންވީ ކަމަކާއި ވަރަށް ސާފުކޮށް އެކަމަކާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް ވިދާޅުވެދެއްވާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ. އެ ކަން ހަވާލުކުރައްވާ ބޭފުޅަކަށް އެކަން ނުކުރެއްވިއްޖެނަމަ އެމަގާމަށް އެހެން ބޭފުޅަކު ވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއްވެސް މީހަކާއި ނުވަތަ ސަބަބަކާހެދި ރާއްޖޭގެ ތަރައްގީ ހުއްޓުމަކަށް އައުމަކީ ރައީސް ބޭނުންފުޅުވާ ކަމެއްނޫން ކަމަށްވެސް މުންދު ވިދާޅުވިއެވެ.

ރައީސް މަސައްކަތް ކުރައްވަނީ ދިހައަހަރުގެ ތަސައްވުރަކަށް ކަމަށާއި އެހެންވެ ފުރަތަމަ ފަސް އަހަރު ނަތީޖާ ދައްކަން ޖެހޭކަމަށް ރައީސް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.