ވިލިމާލެ ދާއިރާއަށް ޚިދުމަތް ކުރުމުގައި ފިކުރު ތަފާތު ނުކޮށް ރައްޔިތުންގެ މަސްލަހަތު އިސްކުރާނަން: ނަހުލާ

ވިލިމާލެ ދާއިރާއަށް ޚިދުމަތް ކުރުމުގައި ފިކުރު ތަފާތު ނުކޮށް ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ވިލިނގިލި ދާއިރާގެ މެންބަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ނަހުލާ މިހެން ވިދާޅުވީ އޭނާ ޕީޕީއެމްއިން ވަކިކޮށްފައިވާކަމަށްބުނެ އެމްވީކްރައިސިސްގައި ޖަހާފައިވާ ޕޯސްޓެއްގެ ވާހަކަ ދޮގުކޮށް ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އޭނާ ވިދާޅުވީ ކޮންމެ ކަމެއް ކުރިޔަސް ކޮންމެ ގޮތެއް ހެދިޔަސް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަސްލަހަތު އޭނާ އިސްކުރާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތަކުރާރުކޮށް ބިރުދައްކާ އިންޒާރުދެމުން އަންނަކަން ފާހަގަކުރައްވާ ނަހުލާ އިތުރަށް ވިދާޅުވީ ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީ ގެ ބައި-އިލެކްޝަނަށް ދާއިރާގެ ކައުންސިލަރ ގެ ހައިސިއްޔަތުން ކެނޑިޑޭޓެއްގެ ނަން ޕާޓީ (ޕީޕީއެމް) އަށް ހުށަހެޅުމުން ހުށަހެޅި ކެނޑިޑޭޓްގެ ނަން ނަގަން އަންގާފައިވާ ކަމަށެވެ.

" އެ ނަން އަޅުގަނޑު ނުނެގުމުން ކެނޑިޑޭޓް ލައްވާ ނަން ނަންގުވާ ހުޅުމާލެ ދާއިރާގެ ކައުންސިލާ ސުޖާ ބޭނުންފުޅުވާ ކެނޑިޑޭޓަށް ޓިކެޓު ދެއްވާފައިވޭ." ނަހުލާ ބުނެފައިވެއެވެ.

ނަހުލާ ވިދާޅުވީ ވިލިމާލެ ޑަބްލިއުޑީސީ ބައި އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެނޑިޑޭޓްގެ ފޯމް އިލެކްޝަން ކޮމިޝަނަށް ވަނުމާއެކު އެދުވަހުން ފެށިގެން ޕީޕީއެމް ކެނޑިޑޭޓަށް ކާމިޔާބު ނުވެއްޖެނަމަ އޭނާ ޕާޓީން ވަކިކޮށްފަ ނޫނީ ހުއްޓާނުލާނެ ކަމަށް ހުޅުމާލެ ދާއިރާ ކައުންސިލަރ ތަކުރާރުކޮށް އިންޒާރުދީ ބިރުދައްކަމުން އަންނަކަމަށެވެ.

މާލޭ ސިޓީ މޭޔަރގެ ކުރިފުޅުމަތީ ސިޓީ ކައުންސިލްގެ އޮފީހުގަ މުވައްޒަފުންގެ ވެސް ކުރިމަތީ އިންޒާރުދީ ބިރުދައްކާފައިވާ ކަމަށާއި އެކަން ވާނީ މޭޔަރގެވެސް ހާޒިރުގަ ޕީޕީއެމްގެ ލީޑަރޝިޕަށް ހުށަހަޅައި ރައީސް ޔާމީނަށް ވެސް ދަންނަވާފައިވާނެ ކަމަށް ނަހުލާ ވިދާޅުވެފައިވެއެވެ.

ނަހުލާ ވިދާޅުވީ އޭނާ ޤަބޫލުކުރާ ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީން ނޫން އެހެން މީހަކު ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ފަރާތްތަކުގެ ޕްރެޝަރު ޕީޕީއެމް އެތެރޭން ވަރަށް ބޮޑު ކަމަށެވެ.

ޕީޕީއެމް އިން އަދިވަކިނުކުރާކަން ހާމަކުރައްވާ ނަހުލާ އިތުރަށް ވިދާޅުވެފައިވަނީ ބިނާކުރަނިވި ފިކުރަށް ތާއީދު ކުރައްވާ އަދި ވިލިމާލޭގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ބޭފުޅުން މިކަމުގައި އޭނާއާއެކު ސާބިތުވެ ތިއްބެވުމަށް ދަންނަވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.